ބޮލީވުޑް މުނިފޫހިފިލުވުން

"ޓިޕް ޓިޕް ބަރްސާ"އަށް ގަޑިއިރެއްގެ ތެރޭގައި އެއް މިލިއަނަށް ވުރެ ގިނަ ވިއުޒް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޓިޕް ޓިޕް ބަރްސާ ލަވައިގެ ސްކްރީން ޝޮޓެއް

1994 ވަނަ އަހަރުގެ ކާމިޔާބު ލަވަ "ޓިޕް ޓިޕް ބަރްސާ ޕާނީ"ގެ އާ ރެންޑިޝަން ރިލީޒްކުރިތާ ގަޑިއެއްހާއިރުގެ ތެރޭގައި އެއް މިލިއަނަށް ވުރެ ގިނަ ވިއުޒް ޔޫޓިއުބުގައި ލިބިއްޖެއެވެ.

Ads by MWSC

މިއަދު ގާތްގަނޑަކަށް 10:30ގައި ޔޫޓިއުބުގައި އާންމުކުރި މި ލަވައަށް މިހާތަނަށް އައިއިރު ގާތްގަނޑަލަށް 1.5 މިލިއަން ވިއުޒް ވަނީ ލިބިފައެވެ. އަކްޝޭ ކުމާރު އަދި ކެޓްރީނާ ކެއިފް ފެނިގެންދާ މި ލަވަ ހިމަނައިފައި ވަނީ މިހާރު ސިނަމާގައި ދައްކަމުންދާ "ސޫރްޔަވަންޝީ"ގައެވެ. މި ފިލްމަކީ ރޯހިތު ޝެއްޓީ ޑައިރެކްޓުކޮށް ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން ޕްރޮޑިއުސް ކުރި ފިލްމެކެވެ.

އޮރިޖިނަލް ލަވައިގައި އަލްކާ ޔަގްނިކް އަދި އުދިތު ނާރަޔަން ކިޔާފައިވާ އަޑު އާ ރެންޑިޝަންގައި ވެސް ބޭނުންކޮށްފައިވާއިރު މިޔުޒިކަށް ވަނީ ކޮންމެ ވެސް ވަރެއްގެ ބަދަލުތަކެއް ގެނަސްފައެވެ. "ޓިޕް ޓިޕް ބަރްސާ"އަކީ 1994 ވަނަ އަހަރު ރިލީޒްވި "މޮހްރާ"ގައި ހިމެނުނު ލަވައެކެވެ. އަކްޝޭ ކުމާރާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ރަވީނާ ޓަންޑަން ކުޅެފައިވާ މި ލަވައަކީ ނުވަދިހައިގެ އަހަރުތަކުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި އެއް ލަވައެވެ.

އޮރިޖިނަލް ލަވައިގެ މިޔުޒިކް ހަދައިފައި ވަނީ ވިޖޫ ޝާހްއެވެ. އަދި ލިރިކްސް ލިޔެފައި ވަނީ އާނަންދު ބަކްޝީއެވެ. އާ ރެންޑިޝަންއަށް އިތުރުކޮށްފައިވާ ލިރިކްސް ލިޔުނީ ތަނިޝް ބާގްޗީއެވެ. މިޔުޒިކްގެ އައު ރެންޑިޝަން ހެދީ ވެސް އޭނާއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!