ބިދޭސީންނަށް މި ވަގުތު ކުޑަ އުޖޫރަ ދޭން އުޅެފި ނަމަ އިޤްތިސޯދު ފުނޑޭނެ: މިނިސްޓަރ ފައްޔާޒް
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް މިވަގުތު މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައިފި ނަމަ އިގްތިސޯދު ފުނޑޭނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ފަހު މިއަދު ހޮޓެލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބިދޭސީ މަސައްކަތްތެރިން ހަރަކާތްތެރިވާ އަދަދަށް ބަލާ އިރު މިވަގުތު އެމީހުންނަށް މިނިމަމް ވޭޖު ކަނޑައެޅުމުން އިގްތިސޯދަށާއި ވިޔަފާރިތަކަށް ކުރާނެ އަސަރު ބަލަން ޖެހޭ ކަމަށެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދަށް ބަލާ އިރު، ނުރަސްމީ ހިސާބުތަކުން ފެންނަ ގޮތުގައި މިވަގުތު 200،000 އެއްހައި ބިދޭސީން އުޅޭކަމަށް ބެލެވެއެވެ.
އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖް މިއަދު ކަނޑައަޅައި އަންނަ އަހަރު ތަންފީޒު ކުރަން ފަށާއިރު، މިނިމަމް ވޭޖް ދޭން ޖެހެނީ ދިވެހިންނަށް އެކަންޏެވެ.
މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅައިފައި ވަނީ:
▪︎ އަމިއްލަ ކުދި ވިޔަފާރިތައް: ގަޑިއިރަކަށް 21.63ރ.؛ މަހަކަށް 4،500ރ.
▪︎ މެދު ފަންތީގެ އަމިއްލަ ވިޔަފާރިތައް: ގަޑިއިރަކަށް 33.65ރ.؛ މަހަކަށް 7،000ރ.
▪︎ ބޮޑެތި އަމިއްލަ ވިޔަފާރިތައް: ގަޑިއިރަކަށް 38.46ރ.؛ މަހަކަށް 8،000ރ.
▪︎ ޕަބްލިކް ސެކްޓާ (ސިވިލްސާވެންޓުންނާއި ސަރުކާރުގެ ކުންފުނިތައް)
- ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކު 7،000ރ.
- ހަ ގަޑިއިރަށް ވުރެ މަދުން މަސައްކަތްކުރާ މީހުންނަށް ގަޑިއިރަކަށް 33.65ރ.ގެ ރޭޓުން
"މިހާރު ކަނޑައަޅައިފައިވާ އަދަދުތަކުން ބިދޭސިންނަށް މިނިމަމް ވޭޖު ދޭން އުޅެފި ނަމަ އިގްތިސޯދު ހަލާކުވެދާނެ. މިވަގުތު މަސައްކަތް ކުރަނީ ދިވެހިންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް، އެއަށް ފަހު އެހެން ގައުމުތަކުގެ ރައްޔިތުންނަށް ވެސް ރަނގަޅު ގޮތްތަކެއް ވުމަށް އެދެން" މިނިސްޓަރ ފަައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ، ތަފާތު ނުކުރުމުގެ ނަޒަރުން ބަލާއިރު ދިވެހިންނާއި ބިދޭސީންނަށް އެއް އަދަދަކުން މިނިމަމް ވޭޖު ދިނުން ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް، އެހެން ފެކްޓްތަކަށް ބަލައި އެކަން އެގޮތަށް މިވަގުތު ކުރެވެން ނެތް ކަމަށެވެ.