ދުނިޔެ

ވެކްސިން ޕާސްޕޯޓް ފޯޖްކުރާ ނަމަ ޖަލަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ފުރިހަމަ ކުރުމުން ދޭ ވެކްސިން ޕާސްޕޯޓު ފޯޖްކުރާ ނަމަ ޖަލު އަދަބެއް ދެވޭ ގޮތަށް ޖަރުމަނުގައި ގާނޫނެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by WAMCO

މީިޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޖަރުމަންގައި ވެކްސިން ޕާސްޕޯޓު ފޯޖްކުރާ ނަމަ ބޮޑު އަދަދުތަކުން ޖޫރިމަނާކޮށް، މަދުވެގެން ދެ އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ގާނޫނެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ގައުމުގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުންދިޔުމާ ގުޅިގެން އިތުރަށް ފިޔަވަޅުތައް ވަރުގަދަކޮށް ވެކްސިނަށް ވަރަށް ބޮޑު އިސްކަމެއްދޭނެކަމަށް ޖަރުމަން ސަރުކާރުން ބުނެފައިވެއެެވެ.

ޖަރުމަންގެ އެންމެ ފަހުގެ އަދާހަަމައަށް ބަލާއިރު އެ ގައުމުގައި ޖުމްލަ 4,830,135 މީހުންނަށް ބަލި ޖެހިފައިވެއެވެ. އަދި ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 97،355އަށް އަރައިފައެވެ. ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި މިހާރު ވެސް 316،880 މީހުން އެބަތިއްބެވެ.

އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުފަތުރުކުރުމުގައި މިހާރު އެންމެ ބޮޑަށް ބަލާ އެއްކަމަކީ ކޮވިޑުން ދިފާޢުވުމަށް ވެކްސިން ފުރިހަމަކޮށްފައިވޭތޯއެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ޤައުމުތަކުގައި ބޮޑެތި ލުއިތަކެއް ވެސް ދޭން ވަނީ ފަށައިފައެވެ.

މީގެ ތެރެއިން ވެކްސިން ޕާސްޕޯޓަކީ ދަތުރުފަތުރު ކުރުމުގައި ކޮވިޑުން ރައްކާތެރިވުމަށް އެންމެ ބޮޑަށް ބަލާ އެއް ވަސީލަތެވެ. ރާއްޖޭގައި ވެސް ވެކްސިން ޖަހައިދޭ ސެންޓަރުތަކުން ދޫކުރާ ވެކްސިނޭޝަން ކާޑުގެ އިތުރުން "ކޯވިޑް ސޭފް"ގެ ނަމުގައި ޑިޖިޓަލް ވެކްސިން ޕާސްޕޯޓެއް ވަނީ ތަޢާރަފުކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!