ރައްޔިތުންގެ މަޖިލިސް

ދަރަނި ނެގީ ކޮވިޑްގެ ސަބަބުން، 2023 ވަނަ އަހަރު އަންނަން ވާއިރަށް ދަރަނި ކުޑަ ކުރެވޭނެ: އަމީރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދައުލަތުގެ ދަރަނި ބޮޑުވެގެން ދިޔައީ ކޮވިޑް-19ގެ ސަބަބުން ކަމަށާއި ދަރަަނި ތިރިކުރުމަށް ގިނަ ޕްލޭންތަކެއް އެބަހުރި ކަމަށް މިނިސްޓަރ އޮފް ޕިނޭންސް އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅައިފައި ވަނީ، 9.7 ބިލިޔަން ރުފިޔާގެ ދަރަނީގެ ބަޖެޓެކެވެ. އެމްޑީޕީން ވެރިކަމަށް އަންނަން ކުރި ކެންޕެއިންގައި ރާއްޖޭގެ ބޮލަކަށް ޖެހޭ ދަރަނި ކުޑަ ކުރާނެ ކަމަށް ވަނީ ވައުދުވެފައެވެ. އެހެން ނަމަވެސް، ދަރަނި ބޮޑު ބަޖެޓެއް ހުށަހެޅުމުން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ، މި ސަރުކާރުން ދަރަނި ނަގައިފައި ވަނީ ކޮވިޑް-19 މެނޭޖް ކުރަން ކަމަށެވެ.

"2020 ވަނަ އަހަރުގެ ކޮވިޑް-19އާ އެކު އަޅުގަނޑުމެން ވަރަށް ބޮޑަށް ޚަރަދުތައް ކުޑަކޮށް، އަޅުގަނޑުމެންގެ ޕީއެސްއައިޕީ ޕްރޮގްރާމްތައް ވެސް ހުއްޓައިލާ، އަޅުގަނޑުމެން މަސައްކަތްތަކެއް ކުރިން އަޅުގަނޑުމެންގެ ޚަރަދުތައް ކުޑަ ކުރަން. އަޅުގަނޑުމެން ދައުލަތަށް 29.9 ބިލިޔަން ރުފިޔާގެ އާއްމުދަނީއެއް ލިބޭނެ ކަމަށް، އެކަމަކު އަހަރު ނިމުނުއިރު ލިބުނީ 14 ބިލިއަން." އަމީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދަރަނި ނެގީ ކްރައިސިސްއެއްގެ ތެރޭގައި. ރަނގަޅަށް އިޤްތިޞާދު ކުރިއަރަމުންދާ ދަނޑިވަޅެއްގައެއް ނޫން. ކޮވިޑާއެކު 2020، 2021، 2022 ވަނަ އަހަރަށް އަންޒާދާ ކުރި އާއްމުދަނީގެ 36 ބިލިޔަން، 40 ބިލިއަން ރުފިޔާގެ އާއްމުދަނީ ގެއްލިފައި މިއޮތީ. އެއާ އެކު އަޅުގަނޑުމެން ދަރަނި ނަގައިގެން މިހާތަނަށް މެނޭޖްކޮށްފައި މިއޮތީ."

މިނިސްޓަރު ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި ފިސްކަލް ކޮންސަލްޑޭޝަން މެޝާސްތަކެއް ނަގައިގެން ދަރަނި ސަސްޓެއިނަބަލް ޕާތަކަށް ގެންނަން ޖެހޭ ކަމަށެވެ. އަދި 2023 ވަނަ އަހަރު ދަރަނި ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 105 އިންސައްތައަށް ތިރި ކުރުމަށާއި، ޕްރައިމަރީ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 ޕަސެންޓަށް ދަށް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ދަރަނި ނެގުން ޑައުންވާޑް ޕާތަކަށް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!