ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައިވާ 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރުން މިއަދު ނިންމައިލައިފިއެވެ.

Ads by Sosun Fihaara

މިމަހުގެ 8 ވަނަ ދުވަހު ފެށި ބަޖެޓު ބަހުސް 4 ޖަލްސާއެއްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއަދު އޮތް މަޖިލިސް ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނަވައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މިއަދަކީ ބަޖެޓު ބަހުސް ކުރިއަށް ގެންދާނެ ފަހު ދުވަސްކަމަށާއި ބަޖެޓަށް ބަހުސްކުރަން ބޭނުންވެވަޑައިގަންނަވާ ހުރިހާ މެމްބަރުން ޗެމްބަރަށް ވަޑައިގެންނެވުމަށް އެދިވަޑައިގެންފައެވެ.

ބަހުސް މަރުހަލާގައި ބަޖެޓުގައި ހިމަނާފައި ހުރި ކަންކަމާ މެދު ޖުމްލަ 70 މެމްބަރަކު ވާހަކަ ދެއްކެވިއެވެ. 16 ގަޑިއިރާއި 12 މިނެޓު ބަހުސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މަޖިލިސް ތަޅުމުގައި ބަހުސް މަރުހަލާ ނިންމައިލި ނަމަވެސް ބަޖެޓު ކޮމިޓީން ދަނީ ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.

އީވާ ވިދާޅުވީ ބަޖެޓު ކޮމިޓީން ބަޖެޓު ދިރާސާ ކުރުމަށް ފަހު އަންނަ ހަފްތާގެ ތެރޭގައި ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ކޮމިޓީން ރިޕޯޓު ފޮނުވާއިރު ބަޖެޓުގައި އިސްލާހުކުރަން ފެންނަ ކަންކަމުގެ ލަފާ މަޖިލީހަށް އަރުވާނެއެވެ. އެއާ އެކު އަނެއްކާ ވެސް މަޖިލީހުގައި އެ ރިޕޯޓަށް ބަހުސްކުރަން ފަށާނެއެވެ. ރިޕޯޓަށް ބަހުސްކުރުމުގެ މަރުހަލާގައި ކޮންމެ މެމްބަރަކަށް ލިބިވަޑައިގަންނަވާނީ 7 މިނެޓުގެ ވަގުތެކެވެ.

ޖުމްލަގޮތެއްގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ރަނގަޅު ބަޖެޓެއްކަމަށް ގިނަ މެމްބަރުން ދެކެވަޑައިގަންނަވައެވެ. އެހެން ނަމަވެސް ބައެއް ދާއިރާތަކަށް ހާއްސަކޮށްފައިވާ ފައިސާގެ އަދަދުތައް އުނިކޮށް އަނެއްބައި ދާއިރާތަކަށް ބޮޑު ހަރަދު ކުރުމަށް މެމްބަރުން ހިޔާލުފާޅު ކުރެއްވިއެވެ. އެގޮތުން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކައުންސިލްތަކަށް ބަޖެޓުގެ 5 އިންސައްތަ ކަނޑައަޅައިފައި އޮތުމުން ގިނަ މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވިއިރު އެ އަދަދު 8 އިންސައްތައަށް ބޮޑުކުރުމަށް މެމްބަރުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ބައެއް ދާއިރާތަކަށް ބަޖެޓުގައި އިހުމާލުވެފައިވާތީ އެކަން އިސްލާހުކޮށްދެއްވުމަށް ވެސް މެމްބަރުން އެދިވަޑައިގެންނެވިއެވެ.

މިއަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅައިފައި ވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިހައިތަނަށް ރާއްޖޭގެ ތާރީހުގައި ހުށަހެޅޭ އެންމެ ބޮޑު ބަޖެޓެކެވެ. ބަޖެޓުން އަންނަ އަހަރު 34 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމައިފައިވާއިރު އޭގެ ތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 24.8 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމައިފައިވެއެވެ. އަންނަ އަހަރުގެ އާމްދަނީއަށް ބަލާއިރު ޓެކުހުގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އެހެން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ހަ ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!