"ސްޓްރެޓީޖިކް ޕޮލިސިން ރިކުއަޔަރމަންޓް" ކަނޑައަޅުއްވައި ކޮމިޝަނަރަށް އަންގައިފި
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބަޔާންކުރާ "ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް" ކަނޑައަޅުއްވައި، ކޮމިޝަނަރ އޮފް ޕޮލިސްއަށް އަންގަވައިފިއެވެ.
ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ އެންމެހައި ޒިންމާތަކާއި މަސްޢޫލިއްޔަތުތައް އަދާކުރުމުގެ މަސައްކަތް، ކަނޑައެޅޭ ވަކި ތަރުތީބަކުން ރާވައިގެން ކުރިއަށް ގެންދިޔުމަށް ޓަކައި، މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަނޑައެޅުއްވުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބަޔާންކުރާ ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް' ކަނޑައަޅުއްވައި ކޮމިޝަނަރ އޮފް ޕޮލިސްއަށް މިއަދު އަންގަވައިފައިވާ ކަމަށެވެ.
"ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް' ކަނޑައެޅުއްވުމުގައި މިނިސްޓަރ ރިއާޔަތްކުރައްވައިފައި ވަނީ ޤާނޫނު ނަންބަރު: 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު)ގެ ރޫޙަށާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ މިހާރުގެ ޙާލަތަށާއި، ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމަށް މެދުވެރި ވަމުން އަންނަ ގޮންޖެހުންތަކަށާއި، ދިވެހިރާއްޖޭގެ ކުށުގެ މާޙައުލު ބަދަލުވަމުން އަންނަ ގޮތަށެވެ." ހޯމް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މިބަޔާނުގައި އިތުރަށް ވިދާޅުވީ ކުރިއަށް އޮތްތަނުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހާ ކަންކަން ތަރުތީބުކޮށް އިންތިޒާމުކުރުމާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަންކަން ޕްލޭންކޮށް ރޭވުމުގައި، ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ކޮމިޝަނަރ އޮފް ޕޮލިސް މަސައްކަތް ކުރައްވާނީ މިއަދު ކަނޑައެޅިގެންދިޔަ ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް'ގައިވާ ކަންކަން ޙާސިލުކުރުމަށް ކަމަށާއި ސްޓްރެޓީޖިކް ޕޮލިސިންގ
ރިކުއަޔަރމަންޓް'ގައި ބަޔާންކުރާ އަމާޒަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތް ބައްޓަން ކުރެވުމުން ފުލުހުންގެ ޚިދުމަތް އިތުރަށް ތަރައްޤީވެ، ރާވައިގެން ހިންގާ ބޮޑެތި ކުށްތައް މަދުވެ، މުޖުތަމަޢުގެ އަމާންކަމާއި، ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން އިތުރުވވެގެންދާނެ ކަމަށެވެ.
އަދި ހަމައެހެންމެ ޤާނޫނުއަސާސީގެ 242 ވަނަ މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތަށް ޒިންމާ މަތިކުރެވިފައިވާ ވަޒީރަކު 'ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް' މުރަޖަޢާ ކުރައްވަންދެން ނުވަތަ މުޅިން އައު ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް'ތަކެއް ކަނޑައަޅުއްވަންދެން ފުލުހުންގެ މަސައްކަތާ ގުޅޭ ގޮތުން ސަރުކާރުންދޭ އަސާސީ އިރުޝާދުކަމުގައި ބަލަންވާނީ މިއަދު ކަނޑައެޅުއްވި ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް'ގައި ބަޔާންކުރާ ކަންކަން ކަމަށްވެސް މިބަޔާނުގައި ވަނީ ވިދާޅުވެފައެވެ.