ކުޅިވަރު ފުޓްބޯޅަ

އަސްހަދު 6 މެޗަށް ސަސްޕެންޑުކޮށް 12،000 ރުފިޔާއިން ޖޫރިމަނާކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ސާފް ޗެމްޕިއަންޝިޕް މެޗެއްގައި އަސްހަދު އަލީ ކުޅެނީ/ ފޮޓޯ: އެފްއޭއެމް

މިދިޔަ ނޮވެމްބަރު މަހު އަވަށްޓެރި ޝްރީ ލަންކާގައި ބޭއްވި "ރާޖަޕަކްސަ ފުޓްބޯޅަ" މުބާރާތުގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި އެ ޓީމުގެ ކުޅުންތެރިޔަކަށް ގަސްތުގައި އަނިޔާ ދިން މައްސަލައިގައި ގައުމީ ޓީމުގެ އަސްހަދު އަލީ (އަޑުބަރޭ) ހަ މެޗަށް ސަސްޕެންޑްކޮށް 12،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

Ads by MWSC

މިކަމާ ގުޅޭގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޑިސިޕްލިނަރީ ކޮމިޓީގެ ޗެއާމަން ވިދާޅުވީ މިގޮތަށް ނިންމައި އެކަން ތަންފީޒުކުރަން އެފްއޭއެމަށް މިހާރު އަންގައިފައިވާ ކަމަށެވެ.

އެ ކޮމިޓީން ބުނި ގޮތުގައި، ސީޝެލްސްގެ ޤައުމީ ޓީމުގެ ކެޕްޓަން ސްޓީވް ބެނޯއީގެ ކަރުމަތީގައި އަސްހަދު ޖަހައިފައި ވަނީ "ފްރަސްޓޭޓް" ވެގެން ކަމަށް ދިފާއުގައި އަސްހަދު ބުނެފައިވެއެވެ. ނަމަވެސް އެއީ ދިފާއުއެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ޑިސިޕްލިނަރީ ކޮމިޓީން ބުނެފައިވެއެވެ.

އަސްހަދު އެ ކޮމިޓީގައި އިތުރަށް ބުނެފައި ވަނީ، އޭނާ "ފްރަސްޓްރޭޓް" ވީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރަން ތައްޔާރު ވެގެން ބެންޗު ކައިރީގައި 15 މިނެޓް ހުންނަން ޖެހުމުން ކަމަށާއި އެގޮތަށް ހުންނަން ޖެހުމުން އެކަމުގެ ޝަކުވާ ކޯޗުން ކައިރީގައި ވެސް ކުރި ކަމަށެވެ.

އޭނާގެ އެ ފްރަސްޓްރޭޝަނަށް ކޯޗުންގެ މާ ބޮޑު އަޅައިލުމެއް ނެތް ކަމަށް ވެސް އަސްހަދު ވަނީ ބުނެފައެވެ. ކޮންމެހެން މޮޅުވާން ޖެހޭ މެޗެއްގައި އެހައި ގިނައިރު ކޮޅަށް ހުންނަން ޖެހުމުން ފްރަސްޓްރޭޝަން އިތުރުވީ ކަމަށް ވެސް އަސްހަދު ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 37ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާއިރު، މަދުވެގެން 2،000 ރުފިޔާއިން ޖޫރިމަނާކުރަން ޖެހެއެވެ. ޤައުމީ ޓީމުގެ މިޑްފީލްޑަރ އަސްހަދު 12،000 ރުފިޔާއިން ޖޫރިމަނާކުރީ އޭނާ ހިންގި އަމަލަށް ބަލައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!