Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

ދާންދޫ ކައުންސިލާ ރައީސް ބައްދަލުކުރައްވައިފި

ދާންދޫ ކައުންސިލާ ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ މި ސަރުކާރުން ދާންދޫގެ ތަރައްޤީއަށް ވަރަށް ގިނަ މަޝްރޫޢުތަކެއް އަލަށް ފަށާފައިވާކަން ފާހަގަކުރައްވައި، މިއީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމަނައިގެން މި ވީހާ ތަނަށް ނުހިންގޭހައި ގިނަ މަޝްރޫޢުތަކެއް ކަމުގައި ވިދާޅުވެ އެކަމަށް ޓަކައި ޝުކުރު އަދާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް ރާއްވަވައިފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭ ގޮތުން ރައީސްއާ މަޝްވަރާ ކުރައްވައިފައެވެ. މިގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ދިގު މުއްދަތުން ދައްކާ ހަލާސްކުރާ ގޮތަށް ދާންދޫގައި ގެދޮރު ޢިމާރާތް ކުރުމަށް ސަރުކާރުން އެހީތެރިކަން ބޭނުންވާ ކަމަށާއި، މީހުން ދިރިއުޅޭ ހިސާބެއްގައި އިންޖީނުގެ ޢިމާރާތް ބިނާކޮށްފައިވުމުން ދިމާވާ ދަތިތަކާއި، ރަށުގައި ޤާއިމުކޮށްފައިވާ އައިސްޕްލާންޓްގެ ޚިދުމަތް އަވަސް އަވަހަށް މެދުކެނޑެމުންދާތީ ދިމާވާ ދަތިތަކާއި، ރަށުގައި އަލަށް ތަރައްޤީކުރަމުންދާ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ބޭނުންވުން ހިމެނެއެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން ދާންދޫ ސްކޫލްގައި އޭ ލެވެލްއަށް ކިޔަވައިދިނުމަށް ފެށުމާ އެކު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވުމަށާއި، ބޭންކިންގ ޚިދުމަތް ބޭނުންވާކަމަށާއި، ހުވަދު އަތޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް އޮތުމަށް ރައްޔިތުން އެދޭ ކަމުގައި ކައުންސިލަރުން ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ ޖުމްލަކޮށް ރަށުގެ ތަރައްޤީގެ ކަންކަން ރަނގަޅު ނަމަވެސް ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ކަމުގައި ފާހަގަ ކުރައްވައިފައެވެ. އަދި ކައުންސިލުން ވަނީ އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ބަލައިގަންނަ ކަމުގައި ވިދާޅުވެ އެކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރަށުގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވައިފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި ބޯހިޔާވަހިކަމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޫކުރާ ލޯން ސްކީމެއް މިހާރު ވެސް އޮތްކަން. ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ރައީސް ވަނީ ކައުންސިލަރުން ފާހަގަ ކުރެއްވި ކަންކަމުގައި ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށް ފަހު އެދެވޭ ޙައްލެއް ހޯއްދަވައި ދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދާންދޫ ދާއިރާގެ މަޖްލިސް މެންބަރު ޔައުޤޫބް ޢަބްދުﷲ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް