މުނިފޫހިފިލުވުން

"މިސް ޔުނިވާސް"ގެ ތާޖު 21 އަހަރަށް ފަހު އިންޑިއާއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"މިސް ޔުނިވާސް"ގެ ޝަރަފުވެރި ތާޖު އެކާވީސް އަހަރަށް ފަހު އިންޑިއާގެ ބައިވެރިއަކަށް ލިބިއްޖެއެވެ.

Ads by STELCO

އިޒްރޭލުގައި ބޭއްވި މިއަހަރުގެ މުބާރާތުން މިސް ޔުނިވާސްގެ މަގާމު ހޯދައިފައި ވަނީ އިންޑިއާގެ ހަރްނާޒް ސަންދޫ (21އ.)އެވެ. އޭނާގެ ބޮލުގައި އެ ތާޖު އެޅުވީ މިދިޔަ އަހަރު އެ މަގާމު ހޯދި މެކްސިކޯގެ އެންޑްރިއާ މެޒާއެވެ.

ހަރްނާޒްގެ ކުރިން އިންޑިއާއިން މިސް ޔުނިވާސްގެ މަގާމު ހޯދައިފައި ވަނީ އެންމެ ދެ މީހެކެވެ. އެއީ ބޮލީވުޑްގެ ދެ އެކްޓަރުން ކަމަށްވާ ސުޝްމީތާ ސެންއާއި ލާރާ ދައްތާއެވެ. ސުޝްމީތާ އެ މަގާމު ހޯދައިފައި ވަނީ 1994 އަހަރުގައެވެ. އަދި ލާރާ އެ މަގާމު ހޯދައިފައި ވަނީ 2000ވަނަ އަހަރުގައެވެ. ލާރާއަށް ފަހު އެ މަގާމު އިންޑިއާއަށް ހޯދައިދީފައި މިވަނީ ޕަންޖާބަށް އުފަން ހަރްނާޒްއެވެ.

މިސް ޔުނިވާސްގެ ތާޖު މިރޭ އަޅުވައިފައި ވަނީ، މި މުބާރާތުގައި ވާދަ ކުރި ބައިވެރިން ޓެސްޓު ކުރުމަށް އެންމެ ފަހު ބުރުގައި އިޖުތިމާއީ ގޮތުން ވެސް ސުވާލު ކުރުމަށް ފަހުގައެވެ.

އެގޮތުން ހަރްނާޒްއާ ސުވާލު ކުރީ ޒުވާން ޖީލަށް އޭނާ ދޭނެ ނަސޭހަތަކާ ގުޅޭ ގޮތުންނެވެ. އޭގެ ޖަވާބުގައި ހަރްނާޒް ބުނީ، ޒުވާން ޖީލަށް އޭނާ ދޭނެ އެންމެ ބޮޑު ނަސޭހަތަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރަން ކަމަށެވެ. އެގޮތުން މިޒަމާނުގައި އަމިއްލަ ނަފްސަށް އިތުބާރު ކުރާ މީހުން ވަރަށް މަދު ކަމާއި އެއީ ވަރަށް މުހިންމު ކަމެއް ކަމުގައި ހަރްނާޒް ބުންޏެވެ. އަދި އެހެން މީހުންނާ ވާދަ ނުކުރުމަށާއި ދުނިޔޭގައި ހިނގާ މުހިންމު ކަންތައްތަކާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ވެސް ހަރްނާޒް ބުންޏެވެ.

ހަތްދިހަވަނަ މިސް ޔުނިވާސްގެ މަގާމު ހާސިލުކުރި ހަރްނާޒަކީ މޮޑެލްކުރާ ޒުވާނެކެވެ. އޭނާ މޮޑެލް ކުރަން ފެށީ އުމުރުން 17 އަހަރުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!