ތިން ޖަލަކުން ކޮވިޑްގެ ވޭދަނަތަކެއް ފެނިއްޖެ

ތިން ޖަލަކުން ކޮވިޑް-19ގެ ވޭދަނަތަކެއް ފެނިފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއްޖެއެވެ.
ކަރެކްޝަނުން ވިދާޅުވީ ކޮވިޑްގެ އަލާމާތް ހުރެގެން ނެގި ސުންކުތަކުގެ ތެރެއިން ހުޅުމާލެ ޖަލުން އެއް އޮފިސަރަކާއި މާލެ ޖަލުން 8 ޤައިދީއެއްގެ އިތުރުން މާފުށި ޖަލުން އެއް ޤައިދީއަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.
ކަރެކްޝަނުން އިތުރަށް ވިދާޅުވީ މި ވޭދަނަތައް ފައްސިވުމާ ގުޅިގެން މިހާރު އިތުރު އޮފިސަރުންނާއި ޤައިދީންގެ ސުންކު ނަގަމުންދާ ކަމަށެވެ.
މި ވޭދަނަތަކާ ގުޅޭ އިތުރު މަޢުލޫމާތެއް ކަރެކްޝަނުން ހާމަކޮށްފައެއް ނުވެއެވެ.
މީގެ ކުރިން ވެސް ވަނީ 3 ޖަލަކުން ކޮވިޑްގެ ވޭދަނަތަކެއް ފެނިފައެވެ. އެއީ މާލެ ޖަލާއި ހުޅުމާލެ ޖަލު، އަދި މާފުށީ ޖަލެވެ. އެ ޖަލުތަކުން ކޮވިޑަށް ބަޔަކު ފައްސިވުމާ ގުޅިގެން އެ ތިން ޖަލު ވެސް ފުރަބަންދުކުރިއެވެ.