ޝާހްރުކް ޚާން މިހާރު ބޭނުންވަނީ އާރްޔަން ފިލްމު ހަދަން ދަސްކުރަން

މި އަހަރަކީ ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ ދޮށީ ދަރި އާރްޔަން ޚާންގެ ދިރިއުޅުމަށް އެތައް ބަދަލުތަކެއް އައި އަހަރަކަށް ވެގެން ދާނެއެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި މި އަހަރުގެ އޮކްޓޯބަރު މަހު އާރްޔަން ހައްޔަރު ކުރުމަށް ފަހު ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލީ ހައްޔަރު ކުރިތާ ގާތްގަނޑަކަށް މަހެއް ފަހުންނެވެ.
ޖަލުން އާރްޔަން ދޫކޮށްލީ، ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އަށް ކޮންމެ ދުވަހަކު ސޮއި ކުރަން ދިޔުމަށާއި އަންގާ ނުލައި ރަށުން ބޭރަށް ނުދިޔުމަށް ޝަރުތުކޮށްފައެވެ.
އާރްޔަންގެ ދިރިއުޅުން ރަނގަޅު ކުރެވޭތޯ ޝާހްރުކްއާއި އޭނަގެ އަންހެނުން ގޯރީ މަސައްކަތް ކުރަމުންދާއިރު، އެދެމަފިރިން ނިންމީ އާރްޔަންއަށް ފިލްމު ހަދަން ދަސްކޮށްދޭށެވެ. އެގޮތުން އެންމެ ފުރަތަމަ އެމީހުން ނިންމީ ބޭރު ގައުމަކަށް އާރްޔަން ފޮނުވައިގެން ފިލްމު ހަދަން ދަސްކޮށްދޭށެވެ. ނަމަވެސް އާރްޔަންގެ ޕާސްޕޯޓު ހިފަހައްޓައިފައި އޮތުމުން، މިހާރު އެމީހުން ނިންމީ މުމްބާއީގައި އެ މަސައްކަތް ކުރުމަށެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި އަހަރެއްހައި ދުވަހަށް ފަހު އާރްޔަން ވެސް ބޮލީވުޑްއަށް ނިކުންނާނެއެވެ.