ކުންފުނިތައް ނުވިއްކާ ގައުމު ނުހިންގޭ ނަމަ ސަރުކާރުން އެއްފަރާތަށް ޖެހުމަށް ކުރީގެ ރައީސް ، ރައީސް އަބްދުﷲ ޔާމީން ގޮވައިލައްވައިފިއެވެ.
ކޮމަންޑޫ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ކެނޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިން ޖަލްސާއެއްގައި މިއަދު ކޮމަންޑޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެހެން މީހުންގެ މަސައްކަތުން ބިނާކޮށްފައި ހުންނަ ތަންތަން މި ސަރުކާރުން ފައިސާ ހޯދަން ވިއްކަމުންދާ ކަމަށެވެ.
“މި ސަރުކާރުގައި އޮތީ މަންމަގެ އުނގުގައި އޮތް ފައްޓަރުބައި ވިއްކާލުމުގެ ފަލްސަފާގައި. މިއަށް ވުރެ މަގާމުން އެއްފަރާތަށް ޖެހުނަސް މާ ރަނގަޅުވާނެ ނޫންތޯ. ކީއްކުރަންތޯ އެހެން މީހުންގެ މަސައްކަތުން ބިނާކޮށްފައި ހުންނަ ތަންތަން މި މީހުންގެ ނުކުޅެދުންތެރިކަމާ ހެދި ފައިސާ ހޯދަން ވިއްކަން ޖެހިގެން މި އުޅެނީ” ރައީސް ޔާމީން ވިދާޅުވިއެވެ.
ވިއްކައިގެން ނޫން ގޮތަކަށް ގައުމު ނުހިންގޭ ނަމަ މުޅި ރައްޔިތުންގެ ހައްގުގައި އެއްފަރާތަށް ޖެހެން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ސިޔާސީ މައިދާނުގައި މިހެދެނީ ގޯހެއްކަން ނޭނގޭ މީހުންނަކީ ސިޔާސީ ބޮޑެތި ނިންމުން ނިންމާ ރައްޔިތުން ބަރުދާސްތު ކުރަން ޖެހޭ ކަހަލަ އުނދަގޫ ކަންކަން ކުރިމަތިވާ ގޮތަށް ކަންތައްތައް ކުރާ މީހުންނަށް ވެގެން ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
“މާ ރަނގަޅު ނޫންތޯ ވިއްކައިގެން ނޫން ގޮތަކަށް ގައުމު ނުހިންގޭ ކަމަށް ވާނަމަ މުޅި ރައްޔިތުންގެ ހައްގުގައި އެއްފަރާތަށް ޖެހިލަން. އެއީ ނޫންތޯ ރައްޔިތުން ބޭނުންވާނެ ގޮތަކީ" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން މިހާރު ވެސް 13 ކުންފުނި ވިއްކައިލާން ނިންމައިފައިވާ ކަމަށެވެ. އަދި ރައްޔިތުންނާއި ޤައުމަށް ވެސް އިހުލާސްތެރި މަސައްކަތެއް މި ސަރުކާރުން ނުކުރާ ކަމަށާއި މިނިވަންކަން ގެއްލިގެންދާ ފަދަ ކަންކަމާ ދެކޮޅަށް ތެދު ނުވާ ލީޑަރުންނަށް ދިވެހި ރައްޔިތުންނަށް މަޢާފް ނުކުރާނެކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން މިއަދު އެ ރަށަށް ވަޑައިގެންނެވުމުން ގިނަ އަދަދެއްގެ ބަޔަކު އެ މަނިކުފާނަށް މަރުޙަބާ ކިޔުމަށް ބަނދަރު ސަރަހައްދަށް މިއަދު ވަނީ ޖަމާވެފައެވެ.
ރަގަޅު ވާހަކަ އެއް… ގައުމް ވިއްކާލައިފި . ޥެރިކަމުގައި ހުރީ ތަންދޮރު ނުދަންނަ ގަމާރެއް!!
ބަޔަކު ވައްކަންކޮށް ހަޒާނާދިރުވާލީމަ ކީއްތޯ ކުރާނީ