ވާހަކަ

ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

" އާނ ހަމަ ފްރެންޑެއް.. ޝަހާގެ މަގާމް ނުލިބޭނެ އެއްވެސް އަންހެނަކަށް.." ހުސެން އެބުނި އެއްޗެއްގެ މާނަ ދޭހަވެ އަދީމް ބުނެލިއެވެ. ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރި ކުރުވައިގެން އިނަސް ހުސެންގެ ހިތް އެތެރެއިން އަނދަމުން ދިޔައެވެ. ޝަހާގެ ލޯބި ކާމިޔާބު ކުރަން ރަނގަޅު ގޮތެއް އޭނާގެ ހިޔާލަށް އައެެވެ. ވަރަށް ހެޔޮއެދޭކަމަށް ހެދިގެން އަދީމްއަށް އެކަން ކޮށްދޭނެކަމަށް ވަޢުދުވިއެވެ.

Ads by Hajj Corporation

***********

މުޅިން އާ ދުވަހެކެވެ. އިރުގެ ގަދަ ހޫނު ކެނޑެމުން އައި ވަގުތެވެ. ކޮޓަރީގައި ހުރެފައި އަސްމާ ބޭރަށް ނިކުތީ އާޒިފަށް ހަވީރުގެ ސައި ތައްޔާރު ކުރުމަށެވެ. ހުމެއް އަންނަން ފެށި ފަހުން އާޒިފަށް އެއްގޮތަކަށްވެސް ތެދުވެ ނޫޅެވެއެވެ. ހިތްހަމަނުޖެހިފައި ހުއްޓަސް އާޒިފަށް ހިދުމަތްކޮށްދޭން އަސްމާއަށް މަޖުބޫރުވެފައިވާ ކަހަލައެވެ. އެނޫން ގޮތެއްވެސް ނެތީއެވެ.

ކޮޓަރިން ނިކުމެފައި ބަދިގެ އާ ދިމާލަށް ހިނގައިނުގަނެވިގެން އުޅެނިކޮށް ފެނުނު މަންޒަރަކުން އަސްމާގެ މޫނު މައްޗަށް ފޫހިކަން ވެރިވިއެވެ. އެދިމާލަށް ބަލަހައްޓައިގެން އަސްމާއަށް ހުރެވުނީ ދެބުމަ ގޮށްޖަހައިގެންނެވެ. ހަށިގަނޑުގައި އަނދަމުން ދުނިޔައީ ހަސަދައިގެ އަލިފާނެވެ. އައިސްފައި ހުރި ރުޅިއެއްގެ ސަބަބުން ކޮޓަރީގެ ދޮރު އަސްމާއަށް ލެއްޕުނީވެސް ތަންކޮޅެއް ބާރަށެވެ. އެހިނދު ސޯފާގައި މަޖާ ވާހަކައެއް ދައްކަމުން ހެމުން ދިޔަ އަދީމާއި ޝެރީނަށް އެކުއެކީގައި އަޑު އައި ދިމާލަށް ބަލައިލިއެވެ. އެމީހުންނަށް ބަލަހައްޓައިގެން ހުރި އަސްމާ ފެނުމާއެކު އަދީމާއި ޝެރީނުގެ ތުންފަތް މަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ދެމީހުން ތިބީ ދުރުގައި ނަމަވެސް އަދީމަށް އިންތަނުން ކުޑަކޮށް ދުރަށް ޖެހިލިއެވެ. އަސްމާގެ ބެލުން ހުރިގޮތުންނެވެ.

އަސްމާ ވަދެގެން ދިޔައީ ބަދިގެއަށެވެ. ޒިންކު ކައިރީގައި ޖޯޑު ދޮންނަން ހުރެފައިވެސް އިރުކޮޅަކާ ބަދިގޭ ދޮރާ ދިމާލަށް އަސްމާ ބަލައިލައެވެ. ޝެރީނާ މެދު އަސްމާގެ ހިތުގައިވި ފޫހިކަން އިތުރުވެފައިވިއެވެ އަދީމާ ޝެރީނާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން އިތުރަށް އަސްމާ ފޫހިކޮށްފިއެވެ. ޖޯޑަށް ހަކުރު ސަމްސަލަކާ ސައިފަތް ޕެކެޓެއް ލައިގެން މޭޒު ކައިރީގައި ހުއްޓިފައި އަސްމާ ވިސްނާލިއެވެ. ތުންފަތަށް ދެފަރާތަށް ދެމިލީ ކޯޗެއް ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ.

 

ރޭގަނޑުގެ ކެއުމުގެ ފަހުން ގޭތެރެ ހަމަހިމޭންވެފައި ވީ ވަގުތެވެ. ކޮޓަރީގައި އޮވެފައި އަސްމާ ބޭރަށް ނިކުތެވެ. ގޭތެރޭގައި ފެތުރިފައިވާ ހިމޭންކަން އަސްމާއަށް ކަމަކުނުދިޔައެވެ. ސޯފާގައި އިށީނދެފައި ކުރިމަތީގައި ހުރި ޓީވީ ހުޅުވިއެވެ. ރާއްޖޭގެ މަސްރަހު ކިޔައިދެމުން ދިޔަ ދިވެހި ޗެނަލަކަށް ބަދަލުކޮށްގެން އަސްމާ އިނެވެ. އެހެން އިނދެފައި ފަހަތް ބަލައިލީ ކޮޓަރިއެއްގެ ދޮރު ހުޅުވިގެން ދިޔަ އަޑަށެވެ.

ކޮޓަރީ ދޮރުމަތީގައި ހުރި ޝަހާއާއި އަދީމަށް އަސްމާ ބަލައިލިއެވެ. ދެން އަލުން ޓީވީއަށް ނަޒަރު ހުއްޓާލިއެވެ. ގޭ މައި ދޮރާ ހަމައަށް އަދީމާއެކު ޝަހާ ނިކުތެވެ. ގުޅުވާލާފައިވާ ދެކުދިންގެ އަތާއެކު ޝަހާގެ ތުންފަތުގައިވި ހިނިތުންވުން ފެނި އަސްމާއަށް ނުބައި ގޮތެއް ވިއެވެ. ޝަހާގެ ކޯތާފަތުގައި ފިރުމާލާފައި އަދީމް ނިކުމެގެން ދިޔުމުން ދޮރު ލައްޕާލާފައި އެނބުރުނު ޝަހާއަށް ސޯފާގައި އިން އަސްމާ ފެނުނެވެ. އަސްމާ ޝަހާއަށް ހަދިޔާކޮށްލީ ހިނިތުންވުމެކެވެ.

އަސްމާ ފަސްދީ ކޮޓަރިއަށް ދާން ނުކެރުމުން ޝަހާ އައިސް ވަކިން ހުރި ސޯފާގައި އިށީނެވެ. ޓީވީގެ އަޑު މަޑުކޮށްލާފައި އަސްމާ ޝަހާ އާ ވީ ދިމާލަށް އެނބުރުނެވެ. އަސްމާ ވާހަކައެއް ބުނަން އުޅޭހެން ހީވުމުން ޝަހާގެ ސަމާލުކަން އަސްމާއަށް ދިނެވެ.

"ކޮބާ މަލާކް؟" އަސްމާ އެހިއެވެ.

"ކައިގެން ކޮޓަރިއަށް ވަދެއްޖެ. މިދުވަސްކޮޅު ޓެސްޓަށް ފިލާވަޅުތައް މުޠާލިއާ ކުރުމުގަ އެ އުޅެނީ. ހީވަނީ މިހާރު އޮންނާނީ ނިދާފަހެން" ޝަހާ ބުންޏެވެ.

"ހާދަ ހީވެޔޭ ބޮޑުއްތަ ވާހަކައެއް ބުނަން އުޅޭހެން" ހީލާފައިވެސް އަސްމާ އެއްޗެއް ނުބުނެ އިނުމުން ޝަހާ ބުންޏެވެ. އަސްމާ އިންގޮތުން ވާހަކައެއް ފަށާނެ ގޮތެއް ނޭނގިފައި އިންހެން ޝަހާއަށް ހީވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ.

"ބޮޑުއްތަ ވާހަކައެއް ދައްކަން ބޭނުންވެގެން އުޅޭތާ ދުވަސްކޮޅެއްވެއްޖެ" އަސްމާ ބުންޏެވެ.

"އަވަހަށް ބުނޭ" ޝަހާ ބުންޏެވެ. އެހިނދު އަސްމާ ޝަހާ އާ ގާތަށް ޖެހިލިއެވެ. ގޭތެރޭގެ ހުރިހާ ދިމާލަށް ބަލާލާފައި ޝެރީނު ގޭގައި ނެތްކަން ޝަހާގެ ފަރާތުން ޔަގީންކުރިއެވެ.

"ބޮޑުއްތަ ބުނަން މިއުޅޭ ވާހަކައަކީ އެއްގޮތަކަށްވެސް ޝަހާއާއި އަދީމްގެ ދިރިއުޅުމަށް ބުރޫ އަރާ ކަހަލަ ވާހަކައެއްނޫން. ބޮޑުއްތަ އާ މެދު އެއްގޮތަކަށްވެސް ގޯސްކޮށް ނުވިސްނާތި. ބޮޑުއްތަގެ މަގްސަދަކީ ޝަހާއަށް ކަމެއް އޮޅުންފިލުވައިދިނުން. ޝަހާއަކީ ތައުލީމީ ގޮތުން ކިތަންމެ ސަނަދުތަކެއް ހާސިލްކޮށްފައި ހުރި މަޝްހޫރު ވިޔަފާރިވެރިއަކަސް ދިރިއުޅުމަކީ ކޮބައި ކަމެއް އަދި ނޭނގޭނެ. ބޮޑުއްތައަށް ކުރެވިފައި ހުރި ތަޖުރިބާތައް އަދި އެކޮއިއަށް ނުކުރެވޭނެ. އެހެންވީމަ ބޮޑުއްތަ މިދައްކާ ވާހަކަ ވަރަށް ކަނުލާ އަޑުއަހާތި. އަދި މިކަމާމެދު ފިނި ހިތަކުން ވިސްނާ ރަނގަޅު ނިންމުމެއް ނިންމާތި" އަސްމާ ވާހަކަދެއްކިއެވެ.

ވިސްނަންވީ އެއްޗެއް ނޭނގިފައި އިން ޝަހާއަށް އަސްމާގެ ވާހަކަތަކުން ހިތް ނުތަނަވަސްކަމެއް ލިބުނެވެ. އެހެންކަމުން އޭނާ އެވާހަކަތައް އަހަން އިތުރަށް ޝައުގުވެރިވިއެވެ. އެންމެބޮޑު ހައިރާންކަމެއް އެވަގުތު ޝަހާއަށް ލިބުނީ އަސްމާ ޝަހާގެ އަތްތިލައިގައި ހިފައި އަތުތެރެއަށް ލުމުންނެވެ.

"އަނެއްކާ ކިހިނެއްވީ ބޮޑުއްތާ އަހަރެން މިހާރު ބިރުގަނެއްޖެ" ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރުކުރުވަމުން ޝަހާ ބުންޏެވެ.

"ފަހަކަށް އައިސް ބޮޑުއްތައަށް ފެންނަ އެއް މަންޒަރަކީ އަދީމާ ޝެރީނު މާ ގާތްކޮށް އުޅޭ މަންޒަރު. ގާތްކޮށޭ މިބުނީ އެދެމީހުން ނުބައި ގޮތަކަށް އުޅޭ ވާހަކައެއް ނޫން. އެހެނަސް ނުބައި މަގަކަށް މަގުފަހިވެދާނޭ ފަދަ ކަންތައްތަކެއް ފެނޭ. ދެމީހުން އެކަނިން ތިބެ ހީ ސަމާސާ ކުރުމާއި އެކުގައި ކޮފީ ބުއިމާ ޓީބީ ބަލަން ތިބޭ މަންޒަރު ފެނޭ. ބޮޑުއްތައަށް ނޭނގޭ މިކަންކަމަކީ ޝަހާއަށް އިނގޭ ކަންތައްތަކެއް ކަމެއް ނޫނީ ނޭނގޭ ކަމެއް. އިނގެނީ އެއީ ބޮޑުއްތައަށް އެހާ ކަމުދާ ގޮތެއް ނޫންކަން" އަސްމާ ވާހަކަދެއްކިއެވެ.

އެވާހަކަތަކާޟެދު ޝަހާއަށް އިސްޖަހާލެވުނެވެ. އަދީމް އެފަދަ ކަމެއް ނުކުރާނޭ ބުނެ ފިރިމީހާ ދިފާއު ޝަހާއަށް ނުކުރެވުނެވެ. އެއްގޮތަކަށްވެސް ފިރިމީހާ އިތުބާރު ނުކުރެވޭތީއެއް ނޫނެވެ. އަދީމުގެ ނަމާ ޝެރީނު ގެ ނަން ގުޅުވާލުމުންނެވެ. ޝެރީނަކީ ހުދު ޝަހާއަށްވެސް ކަމުދާ މީހަކަށް ނުވެއެވެ.

"ބޮޑުއްތަގެ ދަރިއެއް ކަމުގައި ވިޔަސް ބޮޑުއްތަ ވާހަކަދައްކާނީ ހަގީގަތާ އެއްގޮތަށް. ޝެރީނަކީ އެއްގޮތަކަށް ވެސް ރަނގަޅު އުޅުމެއް ދަސްވެފައިވާ ކުއްޖެއްނޫން. ޒުވާން އުމުރުގައި ކުރެވުނު ފުރަތަމަ ކައިވެނިވެސް ރޫޅިގެން ދިޔައީ. ފިރިހެނުންގެ ފަހަތުން ދުވަނީ. ރިސޯޓުތަކުގައި ކިތަންމެ ދުވަހަކުވެސް ގެއަށް ނައިސް އުޅެދާނެ. މިއީ ބޮޑުއްތަށް ފެނިފައި ހުރި މަންޒަރު. މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާކަށް ބޭނުމެއްނޫން. އެހެންމަވެސް މިބުނި އުޅުން އުޅޭ ކުއްޖަކީ އިއްފަތްތެރި ކުދިންނެކޭ ނުބުނާނަން" އަސްމާ ވާހަކަދެއްކިއެވެ. އެވާހަކަތައް އަހާފައި ޝަހާއަށް ހައިރާންކަމެއް ލިބުނެވެ. ޝެރީނާ ގުޅިގެން ޝަހާއަށް އިނގިގެން ދިޔައީ މުޅިން އާ ކަންތައްތަކެކެވެ. އަސްމާގެ ދުލުން ބޭރުވެގެން ދިޔައީ ހަދައިގެން ދެއްކި ވާހަކަތަކެއް ނޫންކަން އެވަގުތުވެސް ޝަހާއަށް ގަބޫލުކުރެވުނެވެ.

"ވަޒީފާއިން ގެއަށް އައިސް މަލާކާއި ފިރިމީހާގެ ކަންތައްތައް ބެލެއްހެއްޓުމަކުން އަދި ނުފުދޭ. މިބުނަނީ ފިރިމީޙާއަށް ފާރަލާށޭ ނޫނީ ޝައްކު ކުރާށެކޭ ނޫން. އެކަމަކު ހިލޭ އަންހެނެއް ތިމާގެ ފިރިމީހާ އާ އެއް ފުރާޅެއްގެ ދަށުގައި އުޅޭއިރު ވިސްނާލަންޖެހޭނެ. ފިރިމީހާ އަތުން ބީވެގެން ހިގައިދާނެކަމަށް އަބަދުވެސް ވިސްނަންޖެހޭނެ. ޝެރީނު ފަދަ ނުބައި އަންހެނުންގެ ވިސްނުމަކީ ލޯބިން އުޅޭ ދެމަފުރިންގެ ދެމެދަށް ކަތުރު ފަންޏެއްހެން ވެރިވެގަތުން. އެކަހަލަ އަންހެނުންގެ މަޅީގައި ގިނަ ފަހަރަށް ފިރިހެނުން ޖެހޭނެ. ވިސްނޭއިރު އޮންނާނީ ވަގުތު ފާއިތުވެފަ. އެހެންވީމަ މިކަންކަމާ ދަރިފުޅު ވަރަށް ވިސްނަން އެބަޖެހޭ. ފިރިމީހާ މުށުތެރެއަށް ލާ ބާރުކުރަންޖެހޭ. ތިމާގެ ދިރިއުޅުމުގެ ތެރެއަށް ތިންވަނަ މީހަކަށް ވަންނާނެ ކުޑަ ޖާގައެއްވެސް ދެވިގެން ނުވާނެ. ހާއްސަކޮށް ޝެރީނު ކަހަލަ އުޅުމެއް ނެތް އަންހެނުންނަށް" އަސްމާ ވާހަކަދެއްކިއެވެ.

އަސްމާ ހިފާފައި ހުރި އަތްމަތީގައި ޝަހާ އަތް ބޭއްވިއެވެ. އަސްމާ ބަލައިލުމާއެކު ޝަހާ ބޯޖަހާލިއެވެ. އަސްމާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.

 

ފެންވަރައިގެން ނިކުތް ޝަހާއަށް އަދިވެސް އަސްމާގެ ވާހަކަތަކުން ހިތަށް ނުތަނަވަސްކަމެއް ލިބެމުން ދިޔައެވެ. އިސްތަށިގަނޑު ހިއްކަމުން އައިސް ތުވާލި ހަރުގައި އަޅުވާލާފައި ޝަހާ ބަލައިލީ ޗާޖަރަށް ޖަހާފައި އޮތް ފޯނަށެވެ. އެނދު ކައިރީގައި ހުއްޓިފައި ފޯނަށް ބަލައިލިރު މެސެޖެއް އައިސްފައި އޮތްތަން ފެނުނެވެ. އެނދުގައި އިށީނދެފައި ޝަހާ މެސެޖު ހުޅުވާލިއެވެ. އަދީމްގެ މެސެޖެއްކަން އިނގުނު ހިނދު ޝަހާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ހަނދާންވާ ވާހަކައާއި ވަރަށް އަވަހަށް ގެއަށް ދާނެ ކަމަށް އިނގިރޭސި ބަހުން އަދީމް ލިޔެލާފައިވާ އެ މެސެޖް އެތައް ފަހަރަކު ޝަހާ ކިޔާލިއެވެ. ވަރަށް ލޯބިވާކަމަށް ބުނެފައި އަދީމް ދަންދެން ނުނިދުމަށް އެދިފައި ފަހުން ފޮނުވާލި މެސެޖް ކިޔާފައި ޝަހާގެ ހިތުގައިވި ނުތަނަވަސްކަން ފިލައިގެން ދިޔައެވެ. އެހެންނަމަވެސް ހިތަށް ލިބެންވީ ހިތްހަމަޖެހުމެއް ނުލިބުނެވެ. ހިތުގައި ނޭނގޭ ބިރުވެރިކަމެއް ވަކި ހިއްޕާލާފައިވާ ކަހަލައެވެ.

****************

 

 

ރޭގެ ނިސްބަތުން ރީތި ރެއެކެވެ. މެދު އުޑުގައި ރަނިކަން ކުރަމުންދިޔަ ހަނދުން މުޅި ސަރަހައްދަށް ވެރިވެފައިވަނީ އަޖައިބެއް ކަހަލަ ހިތްގައިމު ކަމެކެވެ. އެ ހަނދުގެ ހިދުމަތުގައި ވަށައިގެން ފިޔަޖަހަމުން ދިޔަ ތަރިތަކުގެ ވިދުން ބަލާ ފޫހިނުވެއެވެ. ޔަގީނުންވެސް އެތައް ލޯބިވެރިންނަށް އެފަދަ ރޭތަކުން އުފާވެރިކަން ގެނުވައެވެ. އެފަދަ ރޭތަކަށް އިންތިޒާރު ކުރާ ލޯބިވެރިންވެސް މަދެއް ނޫނެވެ.

އަލީފްއާއި ކަމީލާއަކީ އެޣެތެރެއިން އެއް ޖޯޑެވެ. ގޯޅި ކަންމަތީގައި އަލީފް އަތުގެ ތެރޭގައި ކަމީލާ ހުއްޓެވެ. ކަމީލާގެ ބަނޑުގައި ދެއަތް އަޅުވާލައިގެން އަލީފް ހުރީ ފަހަތުން ކަމީލާގެ ގައިގައި ބައްދާލައިގެންނެވެ. އެންމެ ހިނދުކޮޅަކަށްވެސް ކަމީލާ ދުރުކޮށްލަން ބޭނުންނުވާ ކަހަލައެވެ. ބައެއްފަހަރު އަލީފް އިނގިލިން އިޝާރާތްކޮށްފައި އުޑުގައި ރަނިކަން ކުރަމުންދާ ހަނދު ކަމީލާއަށް ދައްކާލާނެއެވެ. ކަމީލާގެ ކަންފަތް ކައިރިއަށް އަލީފު ފުމެލާނެއެވެ. އެވަގުތުތަކުގައި ރަކި ގޮތަކަށް ކަމީލާ ހިލައެވެ. ގޭތެރެއިން އެއްވެސް މީޙެއްގެ ހިލަމެއް ނުވާތީ ދެލޯބިވެރިންނަށް މުޅި ގެ ހިތަކަށް ލިބިފައިވި ކަހަލައެވެ.

"މި ގުޅުމަށް ކިހާދުވަހެއްމިވަނީ. އަލީފްގެ ވައިފްގެ މަގާމް ކައްމިއަށް ލިބެން އަދި ކިހާ ދުވަހެއް ނަގާނެބާ" ކަމީލާ ބުންޏެވެ.

"ހަމަ ނިންމަންވީ މިހާރު. އަހަރެންގެ ފަރާތުން ނިންމަންޖެހޭ ހުރިހާ ކަމެއް ހުރީ ނިމިފަ. ކައްމިގެ ސައިޑުން ކުރަންޖެހޭ ކަންކަން ދެން ހުރީ" އަލީފް ބުންޏެވެ.

"އަސްލުވެސް. ބުނަންވީ ދޯ މަންމަމެން ކައިރީގަ" ކެތްތެރިކަން ކުޑަވެފައި ކަމީލާ ބުންޏެވެ. އަލީފް އާއެނކޭ ބުނި ކޮށްލި ހަރަކާތަކާއެކު ކަމީލާ އޭނާ އާ ދިމާލަށް އަނބުރާލިއެވެ. އެވަގުތު ދެލޯބިވެރިންގެ ނަޒަރު އެކަކު އަނެކަކާ ބައްދަލުވިއެވެ. ހިތްގައިމު ވަރަކަށް ޖެހެމުންދިޔަ ވައިރޯޅިއާއެކު ހިނދަކަށް ފަހު ހިނދެއް ދެމީހުންގެ މޫނު ގާތްކުރަމުން ދިޔައެވެ. ކަޅިޖަހާވެސް ނުލާ ކަމީލާ އަލީފަށް ބަލަމުން ދިޔައެވެ.

ކުއްލިއަކަށް ދެކުދިން ސިހުނީ ކަމީލާގެ ނަމުން މީހަކު ގޮވާލި އަޑު އިވުމުންނެވެ. ޖެހިލުންވެފައި ލަސްލަހުން ކަމީލާ ފަހަތް ބަލައިލިއެވެ. ނަފްރަތުގެ ބެލުމަކުން އަލީފަށް ބަލަހައްޓައިގެން ހުރި އަދީމް ފެނި ކަމީލާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ. ކުއްލިއަކަށް ފެނުނީ ކަމީލާ ނުވިސްނާ ހުއްޓާ އަދީމް އެ އައި ގޮތަށް އަލީފް މޫނު މަތީގައި ބާރު އެތިފަހަރަކުން ވިހެލުމުންނެވެ. އަނގަމަތީގައި ދެއަތް އެޅި ގޮތަށް ކަމީލާގެ ދެލޮލުން ސިހުން ފާޅުވެގެން ދިޔައެވެ. ދެލޮލުން ކަރުނަ އޮއްސާލީވެސް ހަމަ އެވަގުތުގައެވެ.

"ކަލޭ ކޮންފާޑަކަށް ތިއުޅެނީ؟" އަދީމްގެ ހަށިގަނޑުގައި ރޫރު އަޅަމުން ދިޔައެވެ. ދެއަތް މުށްކެވިފައި ވީއިރު ދުރުގައި ހުރި ކަމީލާއަށް އަދީމް ބަލާލީ ދަތްކުނޑި ވިކާލަމުންނެވެ.

"މިއީ ދޯ އެމެންނަށް ސިއްރުން ތިކުޅޭ ކުޅިވަރަކީ. ތިކުޅިގަނޑު މިރޭ ޖެހޭނެ މިގޭ އެންމެންނަށް އިނގެން" އަދީމް ބުންޏެވެ. ދެން ހިފީ ބަހެއްނުކިޔާ ހުރި އަލީފް ލައިގެން ހުރި ޓީޝާޓްގެ ކަރުވަޅުގައެވެ. އެއަށްފަހު ދަމަމުން ކަހަލަ ގޮތަކަށް  ގޮސް ގެއަށް ވަދެ ސިޓިންގރޫމު މެދަށް ދޫކޮށްލިއެވެ. ބިރުން ހުރި ކަމީލާ އަތުގައި ހިފައިގެން އައިސް ގޭތެރެއަށް ދޫކޮށްލާފައި ފަހަރަކު މީހަކަށް އަދީމް ގޮވަމުން ދިޔައެވެ. އެންމެ ކުރިން ކޮޓަރިން ނިކުތީ ރާފިގެވެ. މައިރާއާއި ޝަހާ އަދި ކައުސަރަށް ނިކުމެވުނީ ތަންކޮޅެއް ފަހުންނެވެ. މީގެ އިރުކޮޅެއް ކުރިން އެގެއަށް އައުމަށް ޝަހާ ނިކުތީ ޑިއުޓީ ނިންމައިލުމަށްފަހު އެގެއަށް އަންނަން އަދީމް ކައިރީގައި ބުނެފައެވެ.

"ކިހިނެއްވީ؟" ސިޓިންގްރޫމު މެދުގައި ނަފްރަތުގެ ބެލުމަކުން އަލީފަށް ބަލަހައްޓައިގެން ހުރި އަދީމް  ފެނުމުން ރާފިގު ބުންޏެވެ.

" އަދީމް... ކިހިނެއްވީތަ؟ " ޝަހާ ކުރިއަށް ޖެހިލަމުން އަހައިލިއެވެ. ތުންފަތް ފަޅައިގެން ގޮސް އަނގަ ކައިރިން ކޮންމެވެސް ވަރަކަށް ލޭފޭދިފައި ހުރި އަލީފަށް ރާފިގުގެ ނަޒަރު ހުއްޓުނެވެ.

"އަލީފް.. ކާކު މިހެން ހެދީ.. " އަލީފް ހުރި ހާލަތު ފެނި ޝަހާއަށް އަލީފް ކައިރިއަށް ޖެހިލެވުނެވެ. އަދީމްގެ ނިވަލުގައި ރޯން ހުރި ކަމީލާ އަޅައިގަތީ ކޮޓަރިން ނިކުމެގެން އައި ކައުސަރުގެ ލޮލުގައެވެ. ދުމެއްހެން ގޮސް ކައުސަރު ހުއްޓުނީ ކަމީލާގެ ކައިރީގައެވެ. ކައުސަރު ކަމީލާގެ އަތުގައި ހިފާލަން އުޅުނު ވަގުތު އެކަން އަދީމް މަނާކުރިއެވެ.

"މަންމަމެންނަށް އިނގޭތަ އެންމެންނަށް ސިއްރުން މިދެމީހުން ކުޅޭ ކުޅިގަނޑު.. ސައިކަލު ހަލާކުވެފައި ހުރިކަން ނަސީބު.. އަހަރެން ގެއަށް އައިއިރު ފެނުނު މަންޒަރުން ހިތަށް އެރީ ބިންފަޅާފަ އަޑިއަށް ދާނެ ނަމައޭ.." އަދީމް ބުންޏެވެ.

"އަދީމް ކީކޭ ތިކިޔަނީ؟" ރާފިގު ކުރިއަށް ޖެހެމުން އަހައިލިއެވެ. ކޮންމެ މީހަކު ހައިރާންވެފައި އަލީފްގެ މޫނަށް ބަލަމުން ދިޔައެވެ.

"ދެން އެއީ އެހާ ކަމެއް ނޫނެއްނު" މިހުރިހާއިރު އެއްޗެއް ނުބުނެ ހުރި މައިރާ ބުންޏެވެ.

"އެވަރުކަމެއް ނޫނޭ" އަދީމް ބުންޏެވެ. "މީހަކު ގުޅުމެއް ބާއްވަން ދެން މިއީ ކާކުތަ؟

"އަދީމް، ތިގޮތަށް އެއްވެސް އިންސާނެއް ނިކަމެތިކޮށްލުމުގެ ހައްގެއް އެއްވެސް އިންސާނަކަށް ލިބިގެނެއްނުވޭ. ކައްމި އާ އަލީފް ގުޅޫމެއް އޮތުމަކީ ތިހާ ކަންތައް ބޮޑުކުރަންޖެހޭ ވަރުގެ ކަމެއް ނޫން. ކަމީލާއަކީ ކުޑަ ކުއްޖެއްނޫނޭ" ޝަހާ ހިތްހަމަނުޖެހިފައި ބުންޏެވެ.

"އެހެންވިޔަސް އެ ގުޅުމަކީ އަހަރެން ހިތްހަމަޖެހޭ ގުޅުމެއްނޫން" އަދީމް ބުންޏެވެ.

"ދެން ހެޔޮ. މިގޭތެރޭގަ ދެން މި މައުލޫއަށް ވާހަކަދެކެވިގެން ނުވާނެ. ކަމީލާ ދޭ ކޮޓަރިއަށް" ރާފިގު އަމުރުކުރިއެވެ. އެހިނދު ކަމީލާ ކޮޓަރި އާ ދިމާލަށް ދުއްވައިގަތެވެ. ހިތްހަމަނުޖެހިފައި ހުރެ އަދީމާ ދިމާލަށް ބަލަންހުރި މައިރާ ކަމީލާ ފަހަތުން ދިޔައެވެ. ޝަހާވެސް ކަމީލާގެ ފަހަތުން ދާން ބޭނުންވިނަމަވެސް އަލީފް ބަހައްޓާފައި ދާން ހިތް ނުރުހުނެވެ. ޝަހާ އަދީމަށް ބަލައިލީ ހިތްހަމަނުޖެހިފައެވެ. ޝަހާއާ ހަތަރުކަޅި ހަމަކުރަން ނުކެރި އަދީމް އިސްޖަހައިލިއެވެ.

"ތިއިން އެއްވެސް މީހަކު މީހުންނާ ރައްޓެހިވީ އަހަރެމެން ކައިރީގައި އަހާފައެއްނޫން. އެއްވެސް މީހަކަށް މިވެނި މީހަކާ ގުޅުމެއް ބާއްވައިގެންނުވާނޭ ބުނެ މަޖުބޫރުކޮށްފައެއްވެސް ނޯންނާނެ. ކަމީލާގެ ދިރިއުޅުމަށް ގެންނާނެ ބަދަލެއް އިނގޭނީ އެކުއްޖާއަށް. އަހަރެމެން އޭގެތެރެއަށް އަތް ބާނަންޖެހޭނީ އެއީ ގޯސް ވިޔާނުދާ ކަމަކަށް ވާނަމަ އެކުއްޖާއަށް ރަނގަޅު ގޮތް ދައްކައިދޭން" ރާފިގު ވާހަކަދެއްކިއެވެ. ހަގީގަތުގައިވެސް އަދީމް އަލީފްގެ ގަޔަށް އަތް އިސްކޮށް ލޭ ގެނައުމުން ރާފިގު ހުރީ ހިތްހަމަނުޖެހިފައެވެ.

"އަލީފް ދޭ ގެއަށް... ޝަހާ ދޭ އަލީފް ގޮވައިގެން ގެއަށް.." ރާފިގު ބުންޏެވެ. އަލީފް ދޮރާ ދިމާލަށް ހިނގައިގަތް ވަގުތު އެއީ އަސްމާ އައިސް އެގެއަށް ވަން ވަގުތެވެ. އަސްމާއަށް ގުޅާފައި އެހަބަރު ދިނީ އަދީމެވެ.

ކުރިމަތީގައި ހުރި އަލީފް ފެނުމާއެކު އަސްމާގެ އެތެރެހަށީގެ ލޭ ހޫނުވިއެވެ. ހުރިހާ މީހުންގެ ތެރޭގައި ބޮޑުވެފައި ހުރި ފިރިހެން ދަރިފުޅުގެ ގައިގައި އަސްމާ ތަޅައިގަތެވެ.

"ހުންނަ ލަދުހަޔާތްކުޑަކަން. ކަލޭ ހުރިހާ ދިމާލަކުން އަހަރެން ލަދުގަންނަވާތި. ތިއީ ކާކު ކަލެއަށް އުޅެން ދަސްކޮށްދިން އުޅުމެއްތަ؟ ލަދެއް ހަޔާތެއްވެސް ނެތްތަ ތިވައްތަރަށް ތެޅެން އެނ؟" އަސްމާ ހަޅޭއްލަވައިގަތެވެ. ނަފްރަތުގެ ބެލުމަކުން އަސްމާއަށް ބަލާލުމަށްފަހު ހުރެފައި އެއް އަތުން އަސްމާ ދުރުކޮށްލި ގޮތަށް އަލީފް އެގެއިން ނިކުމެގެން ދިޔައެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލަން ހުރެފައި އަސްމާވެސް އެގެއިން ނިކުތެވެ.

"ދަރިފުޅު ތިކުރީ އެއްގޮތަކަށްވެސް މަންމަ ހިތްހަމަޖެހޭކަމެއް ނޫން" ކައުސަރު އައިސް ހިފީ އަދީމްގެ އަތުގައެވެ. ހިތްހަމަނުޖެހިފައި ހުރި އަދީމް ކައުސަރުގެ އަތް ދުރުކޮށްލިއެވެ.

"ކައްމި އެއީ އަހަރެންގެވެސް ކޮއްކޮއެއް. އަހަރެންވެސް ބޭނުންވަނީ ކައްމިއަށް ރަނގަޅު ގޮތް ވާން. އެ އަލީފަކީ އެއްވެސް ގޮތެއް ހުރި މީޙެއް ނޫން. މީހަކާ އިނދެގެން އުޅެވޭނީ އަންބަކު ގޮވައިގެން އުޅެވޭވަރުގެ ފެންވަރުވެސް ހުރެގެނެއްނު. އެއީ ވަޒީފާއަށް ދާ ފިރިހެނެއްވެސް ނޫން" އަދީމް ވާހަކަދެއްކިއެވެ.

"އެކަމަކު އެގޮތަށް އަލީފްގެ ގަޔަށް އަތް އިސްކުރާކަށް އަދީމަކަށްވެސް ނުޖެހޭ. ގައިގައި އަތްނުލާވެސް މިކަންތައް ހަމަޔަކަށް އެޅުވުނީސް" ރާފިގު ބުންޏެވެ.

އަދީމް ހިތްހަމަނުޖެހިފައި އެގެއިން ނިކުތެވެ. މިވަގުތު އަދީމް ބޭނުންވަނީ އެހެންމީހުންނާ ވަކިން ވަގުތުކޮޅެކެވެ. އެހާ ރުޅިއެއް އަދީމް އައި ސަބަބެއް ހުދު އޭނާއަށްވެސް ނުވިސްނެއެވެ.

" މަންމަމެން ކަންބޮޑުނުވޭ.. މިވަގުތު އަދީމް އެހުރީ ހަމަޔަކު ނޫން.. ރަނގަޅު ވަގުތެއް ބަލާފައި އަހަރެން އަދީމްއާ ވާހަކަ ދައްކާނަން.." ކައުސަރުގެ އަތުގައި ހިފައިލަމުން ޝަހާ ބުންޏެވެ.

*******************

އޮފީސް ދޮރުމައްޗަށް ޝަހާ ނިކުތް މަންޒަރު ކެފޭގައި އިން ހުސެންއަށް ފެނުނެވެ. އެވަގުތު ހުސެން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ޝަހާ އޮފީސް ނިންމާފައި ގެއަށް ދާ ވަގުތު ޖެހުނީކަން ހުސެންއަށް އިނގުނެވެ. އެކުވެރިން ކައިރީގައި ބުނެފައި ހުސެން ކެފޭއިން ނިކުތެވެ. ސައިކަލާ ދިމާލަށް ދިޔަ ޝަހާ އާ ހަމައަށް ދާން ހުސެންއަށް ޖެހުނީ ވަރަށް ބާރަށް ހިނގާށެވެ. ޝަހާ އާއެކު އަދީމް ފެންނަން ނެތުމުން އިތުރަށް ޝަހާ އާ ވާހަކަދައްކަން ހުސެން ހިތްއެދުނެވެ.

"ޝަހާ" ހުސެން ޝަހާއަށް ގޮވާލީ ޝަހާ އާ ވަރަށް ގާތަށް ދެވުމުންނެވެ.

ފަހަތަށް އެނބުރިފައި ޝަހާ ހުސެންއަށް ބަލާލިއެވެ. އޭނާއާ ދިމާލަށް އަންނަ ހުސެން ފެނުމުން ޝަހާއަށް ލިބުނީ ފޫހިކަމެކެވެ. އަޅާނުލާ އެނބުރި ދާން އުޅުމުން ދެވަނަ ފަހަރަށް ހުސެން ގޮވައިލިއެވެ.

"މިއަދު ހާދަ އެކަންޏޭ..." ޝަހާ އާ އަރައި ހަމަވެފައި ހުސެން ބުންޏެވެ. ޝަހާ ވަކި ޖަވާބެއް ނުދެއެވެ.

"ކިހިނެއްވީ. އަހަރެން އެކަނި ކަމެއް ބުނަން ކިހިނެއް ހުސެންއަށް އިނގުނީ" ޝަހާ ބުންޏެވެ. "ނޭނގޭތަ އަހަރެންގެ ފިރިއެއް ހުންނަ ކަމެއް"

"ހެހެހެ... އިނގޭ. އެކަމަކު ހީވަނީ ތިބުނާ ފިރިމީހާ ޝަހާ އާއެކު ހުންނާނީ ކުޑަ ދުވަސްކޮޅަކުހެން" ހުސެން ބުންޏެވެ. އެހިނދު ޝަހާ ހުސެންއަށް ބަލާލީ ފާޑަކަށެވެ. އަދީމްގެ ރަހްމަތްތެރިއެއްގެ މަގާމުގައި ހުރެފައި ހުސެން އެފަދަ އެއްޗެއް ބުނުމުން ޝަހާއަށް ކަމަކުނުދިޔައެވެ.

"އެއްޗެއް ހީނުކުރައްޗޭ. އެހެން މިބުނީ މިހާރު ފެންނަ މަންޒަރުތަކުން" ޝަހާ ބަލާލިގޮތުން ހުސެން ބުންޏެވެ.

"ދުނޔެއަކީ ފާޑެއްގެ ތަނެއް. ކިތަންމެ މަންޒަރެއް ފެންނާނެ. އެކަމަކު ފެންނަ ކޮންމެ މަންޒަރަކީ ހަގީގަތެއްނޫން" ޝަހާ ބުންޏެވެ.

"އެހެންވީމަ ޝަހާއަށްވެސް އިނގޭ ދޯ ޝެރީން އާ އަދީމްގެ" ހުސެންއަށް ޖުމްލަ ފުރިހަމަ ނުކުރެވުނީ ޝަހާ ދިން ނުރައްކާތެރި ނަޒަރެއްގެ ސަބަބުންނެވެ.

"ސޮރީ... އެއީ މަޖާ... އަހަރެންނަށް އެނގޭ ޝެރީން އާ އަދީމް އެއީ ގާތް ދެއެކުވެރިންކަން.. އެހެންވެގެންނު އަދީމް އެހާވަރަކުން ޝެރީންއަށް ހޮސްޕިޓަލުން ވަޒީފާ ހޯދައިދޭން އުޅެނީ... " ހުސެން ބުންޏެވެ. ޝަހާގެ ނިތަށް ރޫއަރައިގެން ދިޔައީ އެއީ އޭނާއަށް ނޭނގޭ ވާހަކައަކަށް ވީމައެވެ. ޝަހާގެ މޫނުމަތީގެ ކުލަވަރު ފެނި އެއީ ޝަހާއަށް ނޭނގޭ ވާހަކައެއްކަން ހުސެންއަށް އެނގުނެވެ.

" އުޕްސް.. އަދީމް ޝަހާ ކައިރީގައި ނުބުނޭތަ؟ ސޮރީ... އަނެއްކާ އަހަރެންގެ ޖޯކު ހަޤީގަތަކަށް ވަނީބާ؟" ހުސެން ބުނެލިއެވެ.

"ބުނަންތަ ހުސެން ވާހަކައެއް. ދުވަހަކުވެސް އަންބަކު ފިރިއަކަށް ނުކުރާ މިންވަރަށް އަހަރެންގެ ފިރިމީހާއަށް އަހަރެން އިތުބާރުކުރަން. ތިގޮތަށް މީހަކު އައިސް ބުނެލާ ވާހަކައަކުން އަހަރެންގެ ފިރިމީހާގެ ވަފާތެރިކަމާމެދު ކުޑަކޮށްވެސް ކިނލަބުކަމެއް އަހަރެންގެ ހިތަށް ވެރިނުވޭ. އެއީ އަދީމަކީ ހުސެން ތި ހީކުރާކަހަލަ މީހެއްނޫން. ޝެރީން އާ އަދީމްގެ ތިބުނާ ފަދަ ގުޅުމެއް ނެތްކަންވެސް އަހަރެންނަށް އިނގޭ. ތިވަޒީފާގެ ވާހަކަވެސް އަހަރެން ކައިރީގައި އަދީމް ބުނެފައި އޮތީ.. އެހެންވީމަ ރަނގަޅުވާނީ އަހަރެމެން ދެމަފިރިން ދޭތެރެ ޖައްސަން ހުސެން ތިދައްކާ އެއްވެސް އޮށްޓަރެއް ނެތް ވާހަކަތައް ގޮސް އެހެން މީހަކަށް ކިޔައިދިނިއްޔާ. އަދީމާ ގުޅުވައިގެން ތި ޒާތުގެ ވާހަކަދައްކަން ހުސެން ބޭނުންނަމަ އަހަރެންނަށް ރަނގަޅީ ދުވަހަކުވެސް އަހަރެންނާ ވާހަކަނުދެއްކިއްޔާ" ޝަހާ ހުރިހާ ވާހަކައެއް ދައްކައި ނިންމާފައި ހުސެން ބުނާނެ އެއްޗަކަށް ބެލުމެއްނެތި ހުސެން އާ ދުރަށް ހިނގައިގަތެވެ.

-ނުނިމޭ-

Ads by Allied Insurance
  1. ޥަރައް ލަސް ފޮނުވަަލެއް

  2. ޥަރަށް ރީތި

  3. މާމާ

    މާ ލަސް އަޕް ވާ ލެއް.. ވަރަށް ފޫހި

  4. ވާހަކަ ކިޔާ ކުއްޖާ

    ކިޔާ ހިތުން އިންދާ އެ ނިމުނީ މި ޕާރޓް. ދެން އަނެއްކާ އާ ޕާރޓެއް ކިޔާލަން އަވަހައް ލިބޭނެ ކަމަށް އުއްމީދު ކުރަން. މި ޕާރޓް ކިޔަން ވެސް މި ލިބުނީ ވަރަށް ދިގު އިންތިޒާރަކަށްފަހު. މިފަހަރު އެހާ އިންތިޒާރު ކުރަން ނުޖެހޭނެ ކަމަށް އުއްމީދު ކުރަން…