ސަރުކާރުން ކޮރަޕްޝަން ހިންގާ ނަމަ އިސްތިއުފާ ދޭނަން: ރާޝިދު

ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވިޔަސް ސަރުކާރުން ކޮރަޕްޝަން ހިންގާ ނަމަ ގޮނޑިން އިސްތިއުފާ ދެއްވާނެކަމަށް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީން ވާދަކުރައްވާ މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.
ރާޝިދު މިފަދައިން ވިދާޅުވީ ރޭ ޕީއެސްއެމުން ކުރިޔަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި ވާދަކުރާ 3 ކެނޑިޑޭޓުންގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
ރާޝިދު ވިދާޅުވީ އެމްޑީޕީއަކީ ނަޒާހާތްތެރި ރައްޔިތުންގެ މަޖިލީހެއް އުފައްދަން އައި ޕާޓީއެއް ކަމަށެވެ. އަދި މިދިޔަ ސަރުކާރަކީ ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގައި އޮތް ސަރުކާރެއް ކަމަށާއި އެ ސަރުކާރުގެ ބައެއް ބޭފުޅުން މިއަދު ކޮރަޕްޝަންގެ ވާހަކަ ދައްކާތީ ހިތާމަކުރާ ކަމަށެވެ. އަދި ސަރުކާރުތަކުން ކޮމަންޑޫ ދާއިރާ އޮތީ އެކަހެރިކޮށްލައިފައި ކަމަށް ވެސް ރާޝިދު ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ މަޖިލީހުގެ ގޮނޑީގައި އިންނަ އިރު މި ސަރުކާރުން ކޮރަޕްޝަން ހިންގާ ނަމަ އެ ގޮނޑިއަކު ނީންނާނެ ކަމަށާއި އެކަން އިސްލާހު ނުކުރެވިއްޖެ ނަމަ އިސްތިއުފާދޭނެ ކަމަށް ވެސް ރާޝިދު ވިދާޅުވިއެވެ.
"އަޅުގަނޑު މަޖިލީހުގެ ގޮނޑީގައި އިންނަ އިރު އަޅުގަނޑުމެންގެ ސަރުކާރުން އިންތިހާއަށް ކޮރަޕްޝަން ހިންގާ ނަމަ އަޅުގަނޑު އެ ގޮނޑިއަކު ނީންނާނަން. އެކަން އިސްލާހު ނުކުރެވިއްޖެ ނަމަ އަޅުގަނޑު އިސްތިއުފާދޭނަން،" ރާޝިދު ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު އަވަހާރަވުމުންނެވެ. މިއިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ އަލްއުސްތާޛު މޫސާ ފަތުހީ އާދަމްއެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލްހަންނާން އިދުރީހެވެ.






ކޮމެންޓް