ޚަބަރު ރައްޔިތުންގެ މަޖިލިސް

ތަހުގީގީ އިދާރާތަކުގައި ތިއްބަވާ ފަރާތްތަކުން ގާނޫނު ތަންފީޒެއް ނުކުރޭ: ޒަރީރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު

ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް އިސްލާހު ކުރެވޭނީ ތަހުގީގީ އިދާރާތަކުގައި ތިއްބަވާ ބޭފުޅުން ގާނޫނު ތަންފީޒުކޮށްގެން ކަމަށާއި އެބޭފުޅުން ގާނޫނު ތަންފީޒު ނުކުރުމުގެ ސަބަބުން ދައުލަތުގެ ފައިސާއާއި އެތައް ބައެއްގެ ވަގުތު ބޭކާރުވެގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ބުދަ ދުވަހު އޮތް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ޖިނާއީ އަދުލުގެ ނިޒާމުގައި ލަސްތަކެއް އުޅޭތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް މެމްބަރުން ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން މެމްބަރު ޒަރީރު ވިދާޅުވީ އެއްބާވަތުގެ ބޮޑެތި މައްސަލަތަކުގައި ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ތަހުގީގު މަރުހަލައިގައި ފުރިހަމަ ނުކުރުމުގެ ސަބަބުން މައްސަލަތައް ސާބިތުނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ގާނޫނުތަކަށް އިސްލާހު ގެނެސްފައިވާކަން ފާހަގަކުރައްވައި ޒަރީރު ވިދާޅުވީ އެ ގާނޫނުތައް ތަންފީޒު ނުކުރާ ނަމަ މައްސަލައަށް ހައްލު ނުލިބޭނެ ކަމަށެވެ. އެހެންކަމުން މިހާރު ބަލަންޖެހިފައި ވަނީ މައްސަލަ ދިމާވެގެން އުޅެނީ ތަހުގީގީ ކޮން މަރުހަލާއެއްގައިތޯކަމަށް ޒަރީރު ވިދާޅުވިއެވެ.

މައިގަނޑު އެއްކަމެއްގެ ގޮތުގައި ފާހަގަކޮށްލަންޖެހޭ ތަހުގީގީ މަރުހަލާ އެބަޖެހޭ އިސްލާހުކުރަން. ކިތަންމެ ބޮޑު ގާނޫނެއް އަދި ގަވާއިދެއް ހެދިޔަސް އެކަން ކުރަން ތިބޭ މީހުން އެ ގާނޫނަށް ގަވާއިދު އިމްޕްލިމެންޓް ނުކުރާ ނަމަ އެ ވޯކްއައުޓް ނުކުރާނެ

- މެމްބަރު ހަސަން ޒަރީރު

މީގެ އިތުރުން ޒަރީރު ވަނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ނިމިގެން ދިޔަ ގޮތަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޒަރީރު ވަނީ ދިމާ ނުވި ޗެކުގެ ނަމްބަރުގެ ސަބަބުން އެންމެ ފަހު ވަގުތުގައި ރައީސް ޔާމީން ސަލާމަތްވެގެން ދިޔުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް ވިދާޅުވެފައެވެ. ފުލުހުންނާއި ޕީޖީން އަދި ކްރިމިނަލް ކޯޓުގެ އިތުރުން ހައި ކޯޓުން ވެސް މައްސަލަ ކަޑައްތު ކުރިއިރު ޗެކުގެ ނަމްބަރު ދިމާނުވެ އޮތީ ނޭނގިގެންކަމަށް ގަބޫލު ނުކުރެވޭކަމަށް ޒަރީރު ވިދާޅުވިއެވެ.

ޝަރުއީ ދާއިރާއިން ބޭރަށް ވާހަކަފުޅު ގެންދަވަމުން ޒަރީރު ވަނީ ރައީސް ޔާމީން އިސްވެ ހުންނަވާ ހިންގަވާ އިންޑިއާ އައުޓު ކެމްޕެއިނަކީ ވެސް ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއްކަމަށް ވިދާޅުވެފައެވެ. ދުނިޔޭގެ އެންމެ ބޮޑު އަސްކަރިއްޔާ އޮތް ގައުމާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި މިފަދަ ކެމްޕެއިނެއް ހިންގެވުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ.

ކޮމިޓީގައި ވަނީ ތަހުގީގީ އިދާރާތަކާއި ކޯޓުތަކުގައި ލަސްތަކެއް އުޅެނީ ކީއްވެގެންތޯ ބަލަން ހުށަހަޅައިފައެވެ. އަދި ޖޭއެސްސީންވެސް މިކަންކަން ބަލަން ކޮމިޓީގައި މެމްބަރުން ހުށަހެޅިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!