ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވުޝޯލޯ ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފިއެވެ.
އޭނާ ރާއްޖެ ވަޑައިގަންނަވާނީ ހުކުރު ދުވަހުއެވެ. މިދަތުރުފުޅަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ތުރުކީގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން މެވްލުތު ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ފޮރިން މިނިސްޓްރީން ބުނީ ހުކުރު ދުވަހުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވުޝޯލޯ ރާއްޖެއަށް ކުރައްވާ މި ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.
މި ދަތުރުގައި ދިވެހި ސަރުކާރާ އެކު ރަސްމީ ބައްދަލުވުންތައް ބާއްވައި، ދެ ގައުމުގެ ދެމެދުގައި ހާއްސަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިއީ ތުރުކީގެ ފޮރިން މިނިސްޓަރަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ރާއްޖެއާއި ތުރުކީއާ ދެމެދު ހާރިޖީ ގުޅުން ގައިމްކުރީ 1979 ވަނަ އަހަރެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ރާއްޖެއަށް ވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި 2005ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ނުވަވަނަ ދުވަހެވެ. މިއީ ތުރުކީގެ ވެރިއަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް މެއެވެ.
އޭގެ ފަހުން ރައީސް މައުމޫނުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނަވައި މިހާރުގެ ވެސް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ 2008ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ތުރުކީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑރ. މުހައްމަދު އާސިމް ފޮރިން މިނިސްޓަރު ކަމަށް ހުންނެވި އިރު 2018ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ވެސް ތުރުކީއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. އެއަހަރު ތުރުކީއަށް ވަޑައިގެންނެވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ ހަވާސާގެ ތެރެއިންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި މިދިޔަ 2019ވަނަ އަހަރުގެ ތެރޭގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ތުރުކީ ގްރީން ކްރެސެންޓް އެސޯސިއޭޝަންގެ ޕްރޮގުރާމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ތުރުކީއަށް ވަޑައިގެންފައެވެ.