ޚަބަރު ސަރުކާރު

ރާއްޖެއާއި ތުރުކީއާ ދެމެދު ފަސް އެއްބަސްވުމެއް ގާއިމްކުރަނީ

  • ވިޔަފާރީގެ ދާއިރާ ހިމެނޭހެން ހަތަރު ދާއިރާއަކުން އެއްބަސްވުން ގާއިމްކުރާނެ
  • ރަސްމީ މަޝްވަރާތަަކަށް ތުރުކީގެ ފޮރިން މިނިސްޓަރު ރައީސް ޞާލިހާއި ބައްދަލުކުރައްވާނެ
  • މަޖިލިސް ރައީސް ނަޝީދާވެސް ފޮރިން މިނިސްޓަރު ބައްދަލުކުރައްވާނެ
އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންނެވުން

ފަސް ދާއިރާއަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުންތަކުގައި ރާއްޖެއާއި ތުރުކީއާ ދެމެދު ސޮއިކުރަން ނިންމައިފިއެވެ.

Ads by STELCO

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވްޝޯލް އިއްޔެ ވަނީ ރާއްޖެ ވަޑައިގެންފައެވެ. ރާއްޖެއާއި ތުރުކީއާ ދެމެދު އެއްބަސްވުންތަކެއް ގާއިމްކުރަން ނިންމީ މެވްލުތުގެ މިދަތުރުފުޅުގެ ތެރެއިންނެވެ.

ފޮރިން މިނިސްޓްރީން ބުނީ މާދަމާ ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ތުރުކީގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި ފަސް ދާއިރާއަކުން އެހީތެރިކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެއްބަސްވުން ގާއިމްކުރާނީ ވިޔަފާރީގެ ދާއިރާ އާއި ސަގާފަތާއި ތަރިކައިގެ ދާއިރާއާއި ތިމާވެށީގެ ދާއިރާގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާ އަދި ފޮރިން ސާވިސް ކުރިއެރުވުމުގެ ދާއިރާއިންނެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެން އުޅުއްވާއިރު މިއީ އެގައުމުގެ ފޮރިން މިނިސްޓަރަކު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ރާއްޖެއާއި ތުރުކީއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ 1979ވަނަ އަހަރެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ރާއްޖެއަށް ވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި 2005ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ނުވަވަނަ ދުވަހެވެ. މިއީ ތުރުކީގެ ވެރިއަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް މެއެވެ.

އޭގެ ފަހުން ރައީސް މައުމޫނުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނަވައި މިހާރުގެ ވެސް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ 2008ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ތުރުކީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑރ. މުހައްމަދު އާސިމް ފޮރިން މިނިސްޓަރު ކަމަށް ހުންނެވި އިރު 2018ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ވެސް ތުރުކީއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. އެއަހަރު ތުރުކީއަށް ވަޑައިގެންނެވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ ހަވާސާގެ ތެރެއިންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި މިދިޔަ 2019ވަނަ އަހަރުގެ ތެރޭގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ތުރުކީ ގްރީން ކްރެސެންޓް އެސޯސިއޭޝަންގެ ޕްރޮގުރާމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ތުރުކީއަށް ވަޑައިގެންފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!