ރިޕޯޓް

ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދާ ތުއްތު ހޫދު: އެންމެންގެ ހެޔޮ ދުއާ އިންތިހާއަށް ބޭނުންވެފައި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ލޭގެ ކެންސަރާ މިވަގުތު ހަނގުރާ ކުރަމުންދާ އުމުރުން 3 އަހަރުގެ ހޫދް/ ފޮޓޯ: އިންސްޓަގްރާމް

ކޮންމެ މަޔަކު ވެސް އަދި ބަފަޔަކު ވެސް އެންމެ ބޭނުންވާނީ އެމީހުންގެ ދަރިންނަށް ދުޅަހެޔޮ ސިއްހަތެއް ލިބި، އުފާވެރި ދިރިއުޅުމެއް ލިބުމަށެވެ.

Ads by STELCO

ލ. ގަމަށް އުފަން އުމުރުން އެންމެ ތިން އަހަރުގެ އިސްމާއިލް ހޫދު ލައްސާނަކީ ވެސް އެފަދަ ފޮނި އުންމީދުތަކެއް ކުރަމުން އަންނަ މަންމައަކާއި ބައްޕައެއްގެ ދަރިއެކެވެ. ނަމަވެސް އެ ތުއްތު ކުއްޖާގެ ދިރިއުޅުން މިވަގުތު ވަނީ، ލޭގެ ކެންސަރު ޖެހުމުގެ ސަބަބުން ބިރުވެރި އަދި އެހާމެ ހިތްދަތިކަމެއްގެ ތެރޭގައެވެ.

ހޫދުގެ ހާލަތާ ގުޅޭގޮތުން "ދެން"އަށް މައުލޫމާތު ދެމުން، އޭނާގެ މަންމަ، އަދި ލ. ގަން ހަމަދު ސްކޫލްގެ ޓީޗަރެއް ކަމުގައިވާ އާމިނަތު ފަޒްލާ އަބްދުއްރައްޒާގް ބުނީ، ހޫދު އެންމެ ފުރަތަމަ ހުން އައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 4ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ގަވާއިދުން ބޭސް ދިނީމައި ދެ ދުވަސް ފަހުން ހުން ރަނގަޅުވި ކަމަށް ފަޒްލާ ބުންޏެވެ.

ނަމަވެސް އޭގެ ފަސް ދުވަސް ފަހުން އަނެއްކާ ވެސް ހޫދު ހުން އައެވެ. ފަޒްލާ ބުނީ އެއިރު އެއް ދުވަހު ހުން އައިސްފައި އަނެއް ދުވަހު ހުން ރަނގަޅުވެފައި ހުރި ކަމަށެވެ.

"އޭގެ އިތުރުން ބުރަކަށީގައި ވެސް ރިއްސާތީ އުޅުނު. އަދި އަނެއް ދުވަހު ހޭލި އިރު ހުރީ ކަކުލުގައި ރިއްސާތީ ހިނގަން ވެސް އުނދަގޫވެފައި. އެއިރު ހުރި އަަތް ފައި ހުދު ވެފައި، މޫނުމަތި ރީނދޫ ވާން ފަށައިފައި" ފަޒްލާ ކިޔައިދިނެވެ.

އާދައިގެ "ހުމަކަށް" ފެށުނު ބޭސްފަރުވާ

ހޫދަށް އެހެން ވާން ފެށުމުން، އޭނާ ގޮވައިގެން އެންމެ ފުރަތަމަ ދިޔައީ ގަމު ރީޖަނަލް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުން ވަރަށް ގިނަ ޓެސްޓުތަކެއް ހެދުމަށް ފަހު ބުނީ އެއްްވެސް އިންފެކްޝަނެއް ނެތް ކަމަށާއި އެހެން ނަމަވެސް އެޑްމިޓު ކޮށްގެން އިތުރަށް ބަލަން ޖެހޭ ކަމަށެވެ.

"ރިޕޯޓުތަކަށް ނަގަން ދިޔައިމަ ލެބްގައި އިން ކުއްޖަކު ބުނީ ލޭގައި ބައިވަރު މައްސަލަ އެބަހުއްޓޭ، ރިޕޯޓުތައް މާލޭގެ ޑޮކްޓަރަކަށް ދައްކައިގެން ލަފާ ހޯދާށޭ. މާލޭގެ ޑޮކްޓަރަކަށް ފޮނުވީމަ ބުނީ ވަގުތުން މާލެ އައުމަށް" ފަޒްލާ ބުންޏެވެ.

ގަން ހޮސްޕިޓަލުގައި އޭގެ އަނެއް ދުވަހު އެޑްމިޓު ވާނެ ކަމަށް ބުނެފައި އެރޭ ފަޒްލާ ހޫދް ގޮވައިގެން ދިޔައީ ގެއަށެވެ. އަދި އެންމެ އަވަހަށް މާލެ ފުރަން އޮތް ފްލައިޓަށް އަރައިގެން ހޫދު ގޮވައިގެން ފަޒްލާ މާލެ އައީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގައެވެ. ހަތަރު ކުދިންގެ މައެއް ކަމުގައިވާ ފަޒްލާ މާލެއަށް އައީ ގާތުން ކިރުދޭ، އުމުރުން ދޮޅު އަހަރުގެ ތުއްތު ކުއްޖަކު ރަށުގައި ބަހައްޓައިފައެވެ. މާލެ އައީ، ދެތިން ދުވަސް ތެރޭގައި އެނބުރި ރަށަށް ދެވޭނެ ކަމުގެ އުންމީދުގައެވެ.

"މާލެ ގޮަސްފައި އައިޖީއެމްއެޗްގެ އީއާރަށް ދިޔައިމަ ޑރ. ފައިސަލް ބައްލަވައިފައި ބުނި، އެއް ގޮތަކީ ވަރަށް ބޮޑަށް އިންފެކްޝަނެއް އުފެދިފައި ހުރުމޭ، އަނެއް ކަމަކީ ބްލަޑް ކެންސަރޭ. ތިން ދުވަސް ވަރު ބަލާނީއޭ އިންފެކްޝަނެއްތޯ އެންޓިބަޔޮޓިކްސް ދީގެން. އެކަމަކު ދެވަނައަށްވީ ދުވަހު ބުނެފި ބޭރަށް ދާށޭ" ފަޒްލާ ބުންޏެވެ.

ހޫދް އޭނާގެ މައިންބަފައިންނާ އެކު/ ފޮޓޯ: ހޫދް އިންސްޓަގްރާމް

ކުއްލިއަކަށް ޖެހުނު ހުމާ އެކު ސިއްސުވާލި ލޭގެ ކެންސަރުގެ ޚަބަރު

ފަޒްލާ ބުނި ގޮތުގައި މިއީ ހޫދު އެޑްމިޓު ވެސް ކުރި ފުރަތަމަ ފަހަރެވެ. ހޫދު ފިޔަވައި އާާއިލާގެ އެހެން އެއްވެސް މީހަކު މިވަގުތު ކެންސަރަށް ފަރުވާ ހޯދަމުން ނުދާ ކަމަށާއި އެހެން ނަމަވެސް ފަޒްލާގެ މަންމަގެ ކޮއްކޮއަކަށް ވަރަށް ކުރިން ކެންސަރު ޖެހި، މިހާރު ނިޔާވެފައިވާ ކަމަށް ވެސް ފަޒްލާ ބުންޏެވެ.

ހޫދަށް ޖެހިފައި ވަނީ ލޭގެ ކެންސަރުކަން ޑޮކްޓަރުން ޔަގީންކޮށްދިނީ ޑިސެމްބަރު މަހުގެ 25ވަނަ ދުވަހުގައެވެ.

ހީވީ މުޅި ދުނިޔެ ހުއްޓުނުހެން، ހިތަކަށް ނާރާ މިހައި ކުޑަ ކުއްޖަކަށް މިވަރުގެ ބައްޔެއް ޖެހިދާނެއެކޭ. ހޫދު މި ވޭން ތަހައްމަލު ކުރާނީ ކިހިނެއްބާއޭ ހިތަށް އަރައިފައި ވަރަށް ބޮޑަށް ހާސްވި. އަދި މި ބަލީގެ ފަރުވާ ތަހައްމަލު ކުރާނީ ކިހިނެއްބާއޭ ވެސް ހިތަށް އަރައިފައި ހާސްވި

ފަޒްލާ ބުނީ ހޫދަށް ކެންސަރު ޖެހިފައިވާކަމުގެ ޚަބަރުން މުޅި އާއިލާއަށް ވެސް ލިބުނީ މާޔޫސްކަން ކަމަށެވެ. އަދި އާއިލާގެ ފަރާތުން ވަރަށް ބޮޑަށް ހިތްވަރު ލިބުނު ކަމަށް ވެސް ފަޒްލާ ބުންޏެވެ. ރަށުގައި ތިބި ދެ ދަރިންގެ ކަންކަން ފަޒްލާގެ އާއިލާއިން ބަލަހައްޓަމުން ގެންދިޔައެވެ. އަދި ފަޒްލާގެ ފިރިމީހާގެ އާއިލާ ވެސް ވަރަށް އެހީތެރިވެދޭ ކަމަށާއި ހޫދު ގޮވައިގެން ފުރަން ވެސް ތައްޔާރު ކޮށްދިން ކަމަށް ފަޒްލާ ބުންޏެވެ.

ބާރުގަދަ ބޭސްފަރުވާއަށް ހޫދުގެ ހިތްވަރު

ކެންސަރަކީ އާދައިގެ ބައްޔެއް ނޫންކަން އެންމެންނަށް ވެސް ޤަބޫލު ކުރެވެއެވެ. މި ބައްޔަށް ކުރަން ޖެހެނީ އާދައިގެ ފަރުވާއެއް ނޫން ކަމާއި، ފަރުވާ ދިނުމުގެ މަރުހަލާއަކީ ވެސް ފުދޭވަރަކަށް ބޮޑު ކަމެއްކަން ގިނަ މީހުންނަށް އެނގިފައިވެއެވެ.

އެހެންކަމުން ހޫދު ފަދަ ތުއްތު ކުއްޖަކަށް މިފަދަ ބޮޑު ބަޔެއް ތަހައްމަލު ކުރަން ޖެހުމުން، ގިނަ މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށްވީ، ލޭގެ ކެންސަރާ ހަނގުރާމަ ކުރުމަށް ދޭން ޖެހޭ ކީމޯތެރަޕީ ފަދަ ކަންކަމުގެ ސަބަބުން ހޫދަށް ވެދާނެ ގޮތަކާ މެދުއެވެ.

މިކަމާ ގުޅިގެން ހޫދުގެ މަންމަ ފަޒްލާ ބުނީ، މާތް ﷲގެ އިރާދަފުޅާ އެކު ހޫދު ވަރަށް ހިތްވަރު ގަދަ ކަމަށެވެ.

"ހޫދު ވަރަށް ހިތްވަރުގަދަ މާ ޝާ ﷲ. ނުވެސް ރޯނެ. ކުރިން ބައެއް ފަހަރު ބުނި ލޫތު ނޫނީ ޔަމާން (ހޫދުގެ ދެ ބޭބެއިން) ކައިރިއަށް ދާން ބޭނުމޭ. ދެން ވަރަށް ގަދަޔަށް ރިއްސަންޏާ ބުނާނެ އުރާލާށޭ. ވަރަށް މަޑުން ހުރީ، ގިނަ ފަހަރަށް މީހަކާ އަނގައިން ވެސް ނުބުނާނެ. ދެން ޑޮކްޓަރު ބުނި ހޫދުގެ އެއްބަނޑު ކުދިން ނުފެންނާތީ އެކަނިވެރިވެގެންނޭ އެ އުޅެނީ، ގެނެވެންޏާ ރަނގަޅު ވާނީ އެ ކުދިން ވެސް ގެނައިއްޔާއޭ." ފަޒްލާ ބުންޏެވެ.

ހޫދްގެ އުފަލަށް ޓަކައި، މިދިޔަ ޖެނުއަރީ މަހުގެ 20ވަނަ ދުވަހު ފަޒްލާގެ މައިންބަފައިންނާއި ބޭބެ، ހޫދުގެ ބޭބެމެން ގޮވައިގެން އިންޑިއާއަށް ދިޔަ ކަމަށް ފަޒްލާ ބުންޏެވެ. އޭގެ ފަހުން ހޫދު ހުންނަނީ ވަރަށް އުފާވެފައި ކަމަށް ވެސް ފަޒްލާ ބުންޏެވެ.

ހޫދް، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ފަރުވާ ހޯދަނީ/ ފޮޓޯ: ހޫދް އިންސްޓަގްރާމް

އިންޑިއާގައި ހޭދަ ކުރަންޖެހޭ މުއްދަތު ގިނަ، އެހީތެރިކަން ބޭނުންވޭ

ތުއްތުތުއްތު ހޫދަށް ފަރުވާ ދިނުމުގެ ގޮތުން އޭނާގެ ބޭސްފަރުވާ މިހާރު ވަނީ އިންޑިއާގައި ފެށިފައެވެ. އާސަންދައިގެ ދަށުން ބޭސްފަރުވާގެ ކަންކަން ހަމަޖެހުނު ކަމުގައިވީ ނަމަވެސް، ދިގު މުއްދަތަކަށް އެކޮޅުގައި މަޑުކުރަން އެ އާއިލާއަށް މިއަދު ވަނީ ޖެހިފައެވެ. އެހެންކަމުން ހުރުމާއި ކެއުމުގެ ޚަރަދަށް ވެސް ގިނަ އަދަދަކަށް ފައިސާ ވަނީ ބޭނުން ވެފައެވެ.

ހޫދާއި އެ އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ހަމަދު ސްކޫލްގެ "ކޮމިއުނިޓީ އެހީގެ" ދަށުން ވަނީ ފަންޑު ފޮށްޓެއް ބަހައްޓައިފައެވެ.

އެ ސްކޫލްގެ ފަރާތުން "ދެން" އަށް މައުލޫމާތު ދެމުން ބުނީ، މިއީ އެ ސްކޫލްގެ ބިޒްނަސް ޓީޗަރެއް ކަމަށްވާ ފަޒްލާ އަބްދުއްރައްޒާޤްގެ ދަރިފުޅު އިސްމާއީލް ހޫދްގެ ލޭގެ ކެންސަރު ބައްޔަށް އިންޑިއާގައި ފަރުވާ ހޯދުމަށް ޓަކައި މިހާރު ކުރަމުންދާ ބުރަ އަދި ބޮޑު މަސައްކަތުގައި މާލީ ގޮތުން އެހީތެރިވެ ދިނުމަށް ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލާއި އެ ސްކޫލުގެ ކޮމިއުނިޓީގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ފަންޑް ރެއިސިންގ އިވެންޓެއް ކަމަށެވެ.

އެ ސްކޫލްގެ ފަރާތުން މި ހަރަކާތް ފަށައިފައިވަނީ މި ފެބްރުއަރީ މަހުގެ 1ވަނަ ދުވަހުއެވެ. އަދި މި މަހުގެ 10 ވަނަ ދުވަހާއި ހަމައަށް މި ހަރަކާތް ކުރިއަށް ދާނެ ކަމަށް ވެސް ހަމަދް ސްކޫލުން ބުނެފައިވެއެވެ.

މިފަދަ ގިނަ ޚަރަދުތަކެއް ދާނެ ކަމެއްގައި، އާންމުންގެ ފަރާތުން ވެސް ހޫދަށް އެހީތެރިކަމުގެ ދީލަތި އަތެއް ދިއްކޮށްލުމަށް އެ އާއިލާއާއި ސްކޫލްގެ ފަރާތުން ވެސް ވަނީ އެދިފައެވެ.

ހޫދަށް އެހީތެރިވުމުގެ ގޮތުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން 7701142127101 (އަހްމަދު ލައްސާން)ގެ އެކައުންޓަށް ފައިސާ ޖަމާކޮށްދިނުމަށް އާއިލާގެ ފަރާތުން އެދެއެވެ. މީގެ އިތުރުން ހޫދްގެ އާއިލާއިން އެދެނީ، އެ ތުއްތު ކުއްޖާއަށް އަވަސް ފަރުވާއެއް ލިބުން އެދި، ހުރިހާ ފަރާތްތަކުން ވެސް ހެޔޮ ދުއާ ކޮށްދިނުމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!