ހުކުމް ތަންފީޒު ކުރުމަށް އަސްހަދު ރާއްޖެ ގެނެސްދިނުމަށް ކަރެކްޝަނުން އެދެފި

ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައިގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީގެ މައްޗަށް އިއްވި ހުކުމް ތަންފީޒު ކުރުމަށް އޭނާ ރާއްޖެ ގެނެސްދެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ފުލުސް އޮފީހުގައި އެދެފިއެވެ.
ކަރެކްޝަނުން ވިދާޅުވީ އަސްހަދުގެ މައްޗަށް މިއަދު ހުކުމް ކުރީ އޭނާގެ ޣައިރު ހާޒިރުގައި ކަމަށެވެ. އަދި ހުކުމް ތަންފީޒު ކުރުމަށް އޭނާ ރާއްޖެ ގެނެސްދިނުމަށް މިހާރު ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް ކަރެކްޝަނުން ވިދާޅުވިއެވެ.
އަސްހަދުގެ މައްޗަށް ހުކުމްކޮށްފައި ވަނީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލައިގައި އޭނާގެ ބަދަލުގައި ޖާމިނުވާން އެއްބަސްވެ، އަލީ ވަހީދު ރާއްޖެ ނުގެނުވުމާ ގުޅިގެންނެވެ. މި ހުކުމް ކުރުމާ ގުޅިގެން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން އޭނާ ވަނީ ވަކިކޮށްފައެވެ.
ކޯޓުގައި ދައުލަތުން އެދިފައި ވަނީ އަޑުބަރޭއަށް އެއް އަހަރު ދުވަހުގެ ޙުކުމެއް ކޮށްދިނުމަށެވެ. މީހަކު ޖާމިނު ކޮށްފައި ދޫކުރާއިރު ކޯޓުން ކުރާ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ، ޖާމިނުވި މީހާއާ ދެކޮޅަށް އެޅޭ ފިޔަވަޅުތަކަކީ އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގިނަވެގެން ދެ އަހަރަށް ގޭގައި ބަންދު ކުރުން ނުވަތަ 15،000ރ.އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.