ޔޫކްރޭންގައި ގިނަ އަދަދެއްގެ ދިވެހިން ތާށިވެފައި
ރަޝިއާއިން ޔޫކްރެއިން ހިފަން އުޅޭކަމުގެ ތުހުމަތުތައް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ޔޫކްރޭންގައި ދިރިއުޅެމުންދާ ދިވެހިން އަނބުރާ ރާއްޖެ ނާދެވި އެ ގައުމުގައި ތާށިވެއްޖެއެވެ.
ޔޫކްރެއިން އަދި ރަޝިޔާގެ މައްސަލަ ހޫނުވެ ރަޝިޔާއިން ޔޫކްރެއިންއަށް ކޮންމެ ފަދަ ވަގުތަކު ވެސް އަރައިގަނެފާނެ ކަމަށް ދަނީ ބުނަމުންނެވެ. އަދި ވަރަށް އަވަހަށް ހީވެސް ނުކުރާ ފަދަ ކަންކަން ކުރިމަތިވެދާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ވިދާޅުވެފައެވެ.
މިވަގުތު ޔޫކްރެއިންގައި 50އަށް ވުރެ ގިނަ ދިވެހި ދަރިވަރުން ކިޔަވަމުން ގެންދާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެ ދަރިވަރުން ބުނާ ގޮތުގައި މި ދަނޑިވަޅުގައި އެންމެން ވެސް ތިބީ ކަންކުރާނެ ގޮތެއް ނޭނގިފައެވެ.
މިކަމާ ގުޅިގެން “ދެން”އިން ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު މިއުވާން މުހައްމަދުއާ ސުވާލުކޮށްލުމުން ވިދާޅުވީ ވަރަށް ގާތުން ޔޫކްރެއިންގެ ހާލަތު ބަލަމުންދާ ކަމަށެވެ. އަދި މިހައިތަނަށް މިނިސްޓްރީން ކަންކުރަންވީ ވަކި ގޮތެއް ނިންމައިފައި ނުވާ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.
“ވަރަށް ގާތުން ސިިޗުއޭޝަން މޮނިޓަރ ކުރަމުން މި ދަނީ. މިނިސްޓްރީން އަދި އޮފިޝަލް ޑެސިޝަންއެއް ނުނިންމާ” މިއުވާން ވިދާޅުވިއެވެ.
ޔޫކްރައިންއާއި ރަޝިއާ ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި ރަޝިއާގެ އަސްކަރީ ހަރަކާތްތައް ދަނީ ވަރުގަދަ ކުރަމުންނެވެ. ރަޝިއާއާއި ޔޫކްރެއިން ގުޅޭ ބޯޑަރު ކައިރީގައި 100،000 ރަޝިއާ ސިފައިން ހަރަކާތްތެރި ވަމުންދާ ކަމަށް ބޭރުގެ ހަބަރުތަކުން ރިޕޯޓުކުރެއެވެ.
މިކަމާ ގުޅިގެން ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ބުނެފައި ވަނީ، ހުޅަނގުގެ ގައުމުތަކުން، މީޑިއާގެ އެހީގައި މޮސްކޯއިން ޔޫކްރެއިންއަށް އަރައިގަތުމަށް ރާވަމުންދާ ކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށެވެ.
މި ވާހަކަތަކާ ހިލާފަށް ރަޝިޔާއިން ޔޫކްރެއިންއަށް ކޮންމެ ވަގުތެއްގައި ވެސް އަރައިގަނެވިދާނެ ކަމަށް އިނގިރޭސިވިލާތުގެ ދިފާއީ ވަޒީރު ބެން ވޮލަސް ވަނީ ވިދާޅުވެފައެވެ. ރަޝިޔާގެ ވެރިރަށް މޮސްކޯގައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ޝޮއިގޫއާ ބައްދަލުކުރެއްވުމަށް ފަހު އިނގިރޭސިވިލާތުގެ އެމްބަސީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވާހަކަދައްކަމުން އޭނާ ވިދާޅުވީ، ޔޫކްރެއިންގެ ބޯޑަރުގައި ރަޝިޔާއިން ހިންގާ އަސްކަރީ އަމަލުތަކަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ.
އެމެރިކާއާއި ޔޫރަޕްގެ އެހެން ބައެއް ގައުމުތައް ދައްކަމުން ގެންދާ ވާހަކަތައް ތަކުރާރުކޮށް ރަޝިޔާއިން އަންނަނީ ދޮގު ކުރަމުންނެވެ.
ޔޫކްރެއިން އަދި ރަޝިޔާގެ މައްސަލަ ހޫނުވެ ރަޝިޔާއިން ޔޫކްރެއިންއަށް ކޮންމެ ފަދަ ވަގުތަކު ވެސް އަރައިގެންފާނެ ކަމަށް ބުނަމުން ގެންދާ މި ދަނޑިވަޅުގައި ޔޫކްރެއިންގައި މިވަގުތު ތިބި އެހެން ގައުމުތަކުގެ ރައްޔިތުން ޔޫކްރެއިން ދޫކޮށް ދިއުމަށް އެގައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އަންގައިފައެވެ.