ދުނިޔެ

އޮސްޓްރޭލިއާގެ ބޯޑަރުތައް ހުޅުވައިލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑްގެ ހާލަތާ ގުޅިގެން ބޭރު ޤައުމުތަކަށް ބޯޑަރުތައް ބަންދުކުރުމަށް ފަހު، އޮސްޓްރޭލިއާއިން މިއަދު ބޯޑަރުތައް ހުޅުވައިލައިފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނާ ގޮތުގައި އޮސްޓްރޭލިއާއިން ބޯޑަރުތައް މިއަދު ހުޅުވައިލައިފައި މިވަނީ، ބޯޑަރުތައް ބަންދުކުރިތާ ގާތްގަނޑަކަށް ދެ އަހަރު ފަހުންނެވެ.

އެގޮތުން 2020ވަނަ އަހަރުގެ މާރޗް މަހުން ފެށިގެން ބޭރު ޤައުމުތަކަށް ބޯޑަރުތައް ބަންދު ކުރުމަށް ފަހު، އޮސްޓްރޭލިއާއިން ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.

އެ ޤައުމަށް ނިސްބަތްވާ ފަރާތްތަކަށް މިދިޔަ އަހަރުގެ ފަހުކޮޅު އޮސްޓްރޭލިއާއަށް ވަނުމުގެ ހުއްދަ ދިން ކަމުގައިވިޔަސް، އެ ޤައުމުން ބޭރު އެހެން މީހުންނަށް ބޯޑަރުތައް އެއިރު ވެސް އޮތީ ބަންދުކޮށްފައެވެ.

ނަމަވެސް މިއަދު ހުރިހާ ޤައުމެއްގެ މީހުންނަށް ވެސް އޮސްޓްރޭލިއާއަށް އެތެރެވެވޭ ގޮތަށް ބޯޑަރު ހުޅުވައިލުމުން، ގިނަ ބަޔަކު މިއަދު ވެސް ވަނީ އެ ޤައުމަށް ދަތުރުކޮށްފައެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި، ސިޑްނީ އެއާޕޯޓު މިއަދު ވަނީ އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ފުރިފައެވެ. އަދި ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް މިއަދު އެ ޤައުމަށް ޒިޔާރަތް ކުރިކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ބޯޑަރުތައް ހުޅުވައިލި ނަމަވެސް، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުން، އެއާޕޯޓާ އެންމެ ގާތް ހޮޓަލެއްގައި، 14 ދުވަހަށް ކަރަންޓީނު ވުމަށް އެ ޤައުމުގެ ހެލްތު މިނިސްޓްރީން ވަނީ އަންގައިފައެވެ.

ބޯޑަރުތައް ހުޅުވައިލުމާ އެކީ މިއަދު އެ ޤައުމަށް 50 ޤައުމެއްގެ ފްލައިޓު ޖައްސައިފައިވެއެވެ. ދެކުނު އޮސްޓްރޭލިއާ ނޫން ހުރިހާ ސްޓޭޓަކަށް ދިޔުމުގެ ހުއްދަ މިހާރު ދީފައިވާ އިރު، ދެކުނު އޮސްޓްރޭލިއާ ހުޅުވައިލަނީ އަންނަ މާރޗް މަހުގެ 3ވަނަ ދުވަހުގައެވެ. އަދި އެ ސްޓޭޓަށް ވަދެވޭނޭ ވެކްސިންގެ ތިން ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!