ކުރުވާހަކަ: ހުވަފެން
ކިރިޔާ ކިރިޔާ ހަނދާން ހުންނަހައި ކުޑަ އިރު އަހަރެން ވަރަށް ފައްކާ ކާޓޫނެއް ބެލީމެވެ. އޭރު ޓީވީއެމްއިން ހަވީރު ދައްކާ ކާޓޫން ބެލުމަކީ ކޮންމެ ދުވަހެއްގެ ވެސް އެންމެ ގަޔާވާ ވަގުތެވެ. އެ ކާޓޫނުގެ ނަމެއް ވެސް ހަނދާނެއް ނެތެވެ. އަދި އެއީ އެހައި ގިނައިން ޓީވީއިން ދެއްކި ކާޓޫނެއް ވެސް ނޫނެވެ. ގިނައިން ދެއްކި ނަމަ އަހަރެން ހަނދާން ހުރީހެވެ. ނުވަތަ އެހެން މީހަކަށް ފެނިގެން އެ މީހަކަށް އެއީ ކޮން ކާޓޫނެއް ކަމެއް ބުނެދެން އެނގުނީހެވެ.
ކޮންމެއަކަސް އެ ކާޓޫނުގައި ވަނީ މިހެންނެވެ. އޭގައި އުޅޭ ފިރިހެނެއް ނުވަތަ ޖާދުވީ ކޮންމެ ވެސް އެއްޗެކެވެ. އޭނާގެ އަތުގެ ބޮޑުވާ އިނގިލިން ޖާދޫ ހެދޭނެއެވެ. ކޮންމެކޮންމެ ޖާދުލެއް ނޫނެވެ. އެ އިނގިލިން ކުދި ގަހާއި މާ ފަޅުވަދީ ރީތި ވެޔޮ ފަދަ އެއްޗެހި އުފެއްދެއެވެ. އަހަރެން ހަނދާން ހުންނަނީ މި ވަރަށެވެ. އެއަށް ވުރެ ބޮޑަށް އަހަރެން ހަނދާން ހުންނަނީ އަހަރެންނަށް އެއް ރޭ އެ ކާޓޫނާ ގުޅޭ ހުވަފެނެއް ފެނުނު ހަނދާނެވެ. އެ ހުވަފެނުގައި އަހަރެންގެ އިނގިލި ވެސް ހުންނަނީ ޖާދުވީ އިނގިއްޔަކަށް ބަދަލުވެފައެވެ. އެ އިނގިލި ކުލަކުލައިން ދިއްލިފައި އޮތް ތަން ފެނިފައި ހުވަފެނުގައި އަހަރެން ވަރަށް އުފާވިއެވެ. ހިތް އުފަލުން ފޮޅި އުތުރި އެރި ފަދައެވެ. އަދި އަހަރެންނަށް އެއީ ހަގީގަތްކަމުގައި ވަރަށް ބޮޑަށް އިހުސާސް ކުރެވުނެވެ. ނަމަވެސް ނިދިން ހޭލެވުމުން އުފަލުން ފޮޅުފައިވާ ހިތް މަރުވި ފަދައެވެ. ހޭލެވުނު އިރު އަހަރެންގެ އިނގިލި ހަމަ ކުރިއެކޭ އެއްފަދައިން ނޯމަލްކޮށް ހުރުމުން އަހަރެން ވީ ފޫއްސެއް ބުނާކަށް ނޭނގުނެވެ.
ދެތިން އަހަރު ފަހެވެ. މި ދުވަސްވަރުގެ ހަނދާން އަހަރެން ހަމަ ރަނގަޅަށް އެބަ ހުއްޓެވެ. އެއް އަހަރުގެ އުފަން ދުވަހަށް އަހަރެން ފިހާރައެއްގައި ހުރި އެއްޗެއް ވަރަށް ބޭނުންވިއެވެ. ފިހާރައިގެ ޑިސްޕްލޭއަށް ލައިފައި އޮތީ ފިޔާތޮށި ކުލައިގެ ވިދާ ފުނަލަކާއި އެހެން ބައެއް ރީތިވާ ސާމާނެވެ. އެ ކުޅޭ ސެޓް އަހަރެން ބޭނުންވެގެން މަންމަ ކައިރި ބުނީމެވެ. އުފަންދުވަހުގެ ކުރީގައި އެއްރެއަކު އަހަރެންގެ ހުވަފެނުން ފެނުނީ އެއްކަލަ ކުޅޭ އެތި ލިބިގެން އުޅެނިކޮށެވެ. އަދި ހުވަފެނުގައި ފެނުނު އިރު އޭތި މާ ރީތިހެން ހީވިއެވެ. މިފަހަރު ނިދިން ހޭލެވުނު އިރު ވީ ދެރައެއް ނޫނެވެ. އަހަރެން މަންމަ ގާތުގައި ހުވަފެނުގެ ވާހަކަ ބުނެ އުފަން ދުވަހުގައި އެ އެއްޗެހި ލިބޭނޭ ކަމުގައި ޔަގީން ކޮށްގެން ހުރީމެވެ. ނަމަވެސް އުފަން ދުވަހުގައި އަހަރެންނަށް ލިބުނު އެއްޗެހީގެ ތެރޭގައި އެއެއް ނެތެވެ. ލިބުނު އެހެން އެއްޗެހި އަހަރެން ހަނދާން ނެތަސް، ގައިމު ވެސް އެއްކަލަ ކުޅޭ ސެޓު ނުލިބޭކަން ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އަދި ވީ ފޫއްސާއި ވީ ދެރަ އަދިވެސް ހަނދާން އެބަހުއްޓެވެ.
އަހަރުތައް ފާއިތުވަމުން ދިޔަ ވަރަކަށް ހުވަފެންތަކުގެ ކުލަ ބަދަލު ވެއްޖެއެވެ. ޖާދުވީ ގަސްތަކެއް ނުވަތަ މަޖާ ކުޅޭ ސެޓުތަކެއް ހުވަފެނަކުން ނުފެނުނެވެ. ފެންނަން ފެށީ ހަގީގީ ދިރިއުޅުމުގެ ތަންތަންކޮޅެވެ. ސްކޫލް ނިމެންދެން މުޅިން ވެސް ފެނުނީ ސްކޫލްތެރޭގައި އުޅޭނިކޮށެވެ. އޭގެ ފަހުން އޮފީހަކަށް ގޮސް މަސައްކަތް ކުރަން ފެށުމުން ދެން ފެނުނީ އޮފީސް ތެރޭގެ ހުވަފެނެވެ. މީހަކާއި އިނދެ ދަރިން ލިިބި، އޮފީހުން ވަކިވުމުން ދެން ފެންނަނީ ދަރިންނާއި ގޭތެރޭގެ މަސައްކަތެވެ. ސިކުނޑިއަށް ވެސް ގަބޫލު ކުރެވުނީ ކަންނޭނގެއެވެ. ދެން މި ދިރިއުޅުން މިއަށް ވުރެ އުޖާލާއެއް ނުވާނެއެވެ.
އަހަރެންނަށް އޭގެ ފަހުން ޖާދުވީ ކާޓޫނު ނުފެންނަނީކީ ނޫނެވެ. އަދި ކުޅޭ އެއްޗެހި ނުލިބެނީކީ ވެސް ނޫނެވެ. ކާޓޫނު ބެލުމަކީ މިއަދު ވެސް ކުރާހިތްވާ ކަމެކެވެ. އަދި މިހައި ވަރަށް ބޮޑުވެފައި މިހުރީ އެތައް ބާރބީ ޑޯލްސްއަކާއި ކުޅޭ އެއްޗެހި ފެންވަރުވާ އެކިއެކި ހެދުން ވެސް ލައްވައި ހަދައިފައެވެ. އެކަމަކު ވަކިން ހާއްސަކޮށް އެ ދެ ހުވަފެނުގެ ހަނދާން ހުންނަނީ ސަބަބެއް ނެތިއެއް ނޫނެވެ.
މިއަދު އަހަރެންނަކީ ބޮޑުވެފައިވާ މީހެކެވެ. 40 އަހަރު ވާކަށް ދެން މާ ގިނަ އަހަރެއް ނެތެވެ. ނަމަވެސް އަދިވެސް ހިތުގައި އެއްކަލަ ދެ ހުވަފެނާއި ވިދިގެން ކުރެވުނު އިހުސާސް ، ކަރުގައި ނުބައި ރަހައެއް ލާހެން ހުރެއެވެ. ކަމަކަށް އުއްމީދު ކޮށްފައި އެ ކަމެއް ނުވުމަކީ ހާދަހާ ހިތި ތަޖުރިބާއެކެވެ. ކުޑައިރު އަހަރެން ހިތަށް އެރީ ބޮޑުވީމާ ކަންކަން ބަދަލު ވާނެ ކަމަށެވެ. ދިރިއުޅުން މަތިން ހިތުގައި މި އޮތް ފޫހިކަން ފިލައިދާނެ ކަމަށެވެ. އަހަރެން މިނިވަން ވާނެކަ މަށެވެ. ބޭނުން އިރަކު ނިދައިގެން، ބޭނުން އެއްޗެއް ކައިގެން، ބޭނުން ކަމެއް، ބޭނުން އިރަކު ކޮށްގެން އުޅެވޭނެ ކަމަށެވެ. ނަމަވެސް ބޮޑުވުމަކީ ޒިންމާތައް ބޯމައްޗަށް ގާބުރިއެއްހެން އިރުއިރު ކޮޅާ ވެއްޓޭ ކަމެއް ކަމަކަށް އަހަރެންގެ ޅަ ސިކުނޑިއަކަށް އޭރު ނުވިސްނެއެވެ.
ކުޑައިރު ، ވަށައިގެން އުޅޭ ބޮޑެތި މީހުންނަށް ބަލައިލައިފައި އަހަރެން ހާދަ ފޫއްސެއް ވިއެވެ. އެއްވެސް މީހަކު އަހަންނާ އެކު ކުޅޭކަށް ނޫޅޭނެއެވެ. ބައެއް ފަހަރު މީހުން ރޯން ތިއްބާ ވެސް ފެނިދާނެއެވެ. އަހަރެންގެ ހިތް ސުވާލު ބޮނޑިއެއް ބަނދެލާނެއެވެ. އެކަމަކު އެ ސުވާލުތައް ބޭރުކުރި ހަނދާނެއް ނުވެއެވެ. ކުޑައިރު ހިތަށް އަރަނީ ބޮޑެތި މީހުން އެހައި ވަރުބަލިވެފައި އެ ތިބެނީ ކީއްވެބާއެވެ. އެހައި ބަލީ ކީއްވެބާވައެވެ. އަބަދުވެސް އުޅޭނީ ކޮންމެ ވެސް ތަނެއްގައި ރިއްސާތީއެވެ. ތަނެއްގައި ޖެހިލާއިރަށް އޮންނާނީ ނިދިފައެވެ. ޕާކަށް ނުވަތަ މޫދަށް ނުވަތަ ދަތުރު ދިޔުމަކީ އެމީހުން ކުރާ ހިތްވާ ކަމެއް ހެނެއް ހިއެއް ނުވެއެވެ. ނަމަވެސް އަހަރެން ނިންމީ ބޮޑުވެގެން އެމީހުން ކަހަލަ 'ފޫހި' ބޮޑެތި މީހުންނަށް ނުވާށެވެ. ބޭނުންވީ އަބަދުވެސް އުފާވެފައި، ދަރިންނާ އެކު ކުޅެން އުޅޭ، ތަންތަނަށް ގޮސްއުޅޭ 'ކޫލް' ބޮޑު މީހަކަށް ވާށެވެ. އޭރުގެ ހުވަފެންތައް ވަރަށް ތަފާތެވެ. ނިދީގައި ފެންނާނީ ބޮޑެތި މެހެލާއި ޖާދުވީ ކުލަ ބަދަލުވާ ހެދުންތަކާއި ނަން ނޭނގޭ ކާއެއްޗެއްސެވެ.
ނަމަވެސް މިއަދު އަހަރެންނަށް ހުރިހާ އެއްޗެއް ވިސްނެއެވެ. އަހަރެންގެ މަންމަމެންނާއި ވަށައިގެން ތިބި އެންމެންގެ ހާލަތާއި އެމީހުންގެ ވަރުބަލިކަމުގެ ފަހަތުގައިވާ ސަބަބުތައް އަހަރެންގެ ބޮޑުވެފައިވާ ސިކުނޑިއަށް ވިސްނެއެވެ. ޚުދު ދަރިންތަކެއްގެ މަންމައަކަށް ވުމާ އެކު، އަހަރެންގެ މަންމަ އޭރު ވެފައި ހުންނަ ވަރުބަލިކަން ދެނެގަނެވެއެވެ. އަހަރެން ވިހެއީ ވެސް ހާސްކަމެއްގެ ތެރެއަށެވެ. އަދި ފަނާވެދިޔުން ވެސް އޮތީ ހާސްކަމެއްގެ ތެރޭގައިކަން އަހަރެންނަށް މިހާރު އެނގެއެވެ. އަހަރެންގެ ރޭތައް ވަނީ ހުވަފެންތަކުން ފުރައިލައިފައެވެ. އެއީ ކުރީގައި ފެނުނު ފަދަ ހުވަފެންތަކެއް ނޫނެވެ. ހުވަފެންތައް މިހާރު ދައްކުވައިދެނީ އަހަރެންގެ ބަރުވެފައިވާ ސިކުނޑިއެވެ. ހާސްކަމާއި ބިރުވެރިކަމެވެ.
****
ދަރިން ތިބީ ނިދައިފައެވެ. އަދި ހުވަފެން ބަލާ ގަޑިއެއް ނުޖެހެއެވެ. ނިދަން ދާނީ އަދި ފިކުރު ކޮށްލައިފައެވެ. ހުސްވަގުތު އަހަރެންކުރާ ކަމަކީ އެއީއެވެ. މިރޭ ވިސްނައިލާނީ ކޮން ކަމަކާ ބާވައެވެ. ދައްކަން ޖެހިފައިވާ ބިލްތަކާ ދޭތެރޭގައި ބާވައެވެ. ސާފުކުރަން ޖެހިފައިވާ ފާޚާނާއާއި ބަދިގެއާ ދޭތެރޭބާވައެވެ. ފިރިމީހާ ގެއަށް އަންނަ އިރު އެ ދުވާ އަންހެން ސެންޓު ވަހާއި ދޭތެރޭގައި ބާވައެވެ. އޭނާ އަހަންނާ ދިމާލަށް ބަލާއިރު އެ ބެލުމުގައި ހުންނަ ހުސްކަމާ ދޭތެރޭބާވައެވެ. ދަރިން ކިޔެވުމާއި ދުރުވެފައި ބުނާ ބަސް ނާހާވަރު ވެސް އެބައޮތެވެ. އެކުދިންނަށް ހޯދައިދޭންޖެހިފައިވާ އެއްޗެހި ވެސް އެބަހުއްޓެވެ. މި ދިރިއުޅުމުގެ ތެރޭގައި ފިތި ތާށިވެގެން އުޅޭއިރު މުސްކުޅި މައިންބަފައިންނަށް އެއްޗެއް ދިއްނުކޮށްލެވުމަކީ ވެސް ހަމަ ވިސްނައިލާން ރަނގަޅު ސުރުހީއެކެވެ. އެކަމަކު މިރޭ ވިސްނާނީ ބީވެފައިވާ ހުވަފެންތަކާ ދޭތެރޭގައެވެ.
ހިތުގެ އެންމެ އަޑީގައިވާ ހުވަފެން ކަމަށްވާ އަހަރެންގެ އަމިއްލަ ވިޔަފާރިއެއް ހިންގުމުގެ ހުވަފެނެވެ. އަހަރެންގެ ނުވިސްނޭ ހިތަށް މި ހުވަފެނަކީ ނުވާނެ ކަމެއްކަން އެނގޭ އިރު ވެސް އުއްމީދުކުރަނީއެވެ. އެ ވާހަކަ ހަނދާން ކޮށްދެނީއެވެ. އެ ވާހަކަ ދައްކަނީއެވެ. އުއްމީދު ރޯވެ އާލާވާ ކޮންމެ ފަހަރަކު އަހަރެންގެ އަތުން އެ އުއްމީދު މަރައިލައި ވަޅުލާން ޖެހެއެވެ. މީގެ އެތައް އަހަރެއް ކުރިން އަހަރެންގެ ބޮޑުވާ އިނގިއްޔަކީ ޖާދުވީ ބާރެއް ލިބިފައިވާ އިނގިއްޔެއް ނޫން ކަމުގައި އަމިއްލަ ނަފްސަށް ވިސްނައިދިން އުސޫލުން މިއަދު ވެސް އަހަރެން އަމިއްލަ ނަފްސަށް ވިސްނައިދޭން ޖެހެއެވެ. އަހަރެންނަކީ ޖާދުވީ ބާރެއް ލިބިފައި ހުރި މީހެއް ނޫނެވެ. އަހަރެންގެ ދިރިއުޅުމުގައި އެއްވެސް ޖާދުލެއް ނެތެވެ. ދުވަހަކު ނުވެސް ހުންނާނެއެވެ.