ލުއި ޚަބަރު

ހަނގުރާމައިގައި ވެސް އިންޑިއާގެ މަދަދުގާރަކަށްވީ ސޯނޫ ސޫދު!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް19ގެ ބަލިމަޑުކަމުގައި އެކި ތަކްލީފްތައް ޖެހުނު ނިކަމެތީންނަށް އެހީވެ އާންމުންގެ ހިތްތަކުން ޖާގަ ހޯދި ބޮލީވުޑްގެ ތަރި ސޯނޫ ސޫދު އަނެއްކާ ވެސް އިންޑިއާ ރައްޔިތުންގެ ހިތްތައް ފަތަހަކޮށްފިއެވެ.

Ads by MWSC

ސޯނޫ ސޫދަށް ގިނަ ބަޔަކު އަނެއްކާ ވެސް ތައުރީފްކޮށް ، ޝުކުރު އަދާކޮށްފައި މި ވަނީ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އެ ގައުމުން ބޭރު ނުވެވިފައި ތިބި އިންޑިއާގެ ދަރިވަރުންނަށް އެހީތެރިވުމުގެ ސަބަބުންނެވެ. އެކަން ފާހަގަކޮށް އިންޑިއާގެ ގިނަ ދަރިވަރުން ވަނީ މީސްމީޑިއާގައި ތައުރީފާއި ޝުކުރު ބަސްތައް ހިއްސާކޮށްފައެވެ.

"އަހަރެމެން ތިބީ ކިޔޭވްގައި، މިހާރު މި ދަނީ ރައްކާތެރި ސިޓީއެއް ކަމަށްވާ ލުވިޔަށް ، އެތަނުން އަހަރެމެންނަށް އިންޑިއާއަށް ދެވޭނެ ، މިކަން ކޮށްދިނީ ސޯނޫއާއި އޭނާގެ ޓީމުން" އިންޑިއާގެ ދަރިވަރަކު މީސްމީޑިއާގައި ބުނެފައި ވެއެވެ.

ޔޫކްރޭންގައި އިންޑިއާގެ 80،000އަށް ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުން ދެއެވެ. އަދި މިހާރު ހިނގަމުންދާ ހަނގުރާމަ ހިނގައިފާނެކަމުގެ އިޝާރާތް ލިބެން ފެށި ހިސާބުން އެ ގައުމުން އެތައް ހާސް ދަރިވަރުންނެއް ވަނީ ޔޫކްރޭނުން ބޭރުވެފައެވެ. ނަމަވެސް އަދިވެސް 12،000އަށް ވުރެ ގިނަ ދަރިވަރުން ތިބީ ހަނގުރާމައިގެ ސަބަބުން އެ ގައުމުން ބޭރު ނުވެވި ތާށިވެފައެވެ. މިކަމާ ގުޅިގެން އިންޑިއާ ދަރިވަރުންގެ ވަރަށް ބޮޑު ހިތްހަމަ ނުޖެހުމެއް އެ ގައުމުގެ ސަރުކާރަށް އަމާޒުވެފައި ވެއެވެ. މި ގޮތުން އިއްޔެ އާންމުވި ވީޑިއޯއެއްގައި ޔޫކްރޭންގައި ހުރި އިންޑިއާގެ ދަރިވަރަކު ބުނެފައި ވަނީ އެ މީހުން އަނބުރާ ގައުމަށް ގެންދިޔުމަށް އިންޑިއާގެ ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ބުނެ މީޑިއާތަކުން ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެ ވާހަކަތައް ގަބޫލު ނުކުރުމަށެވެ. އަދި އިންޑިއާގެ ފޮރިން މިނިސްޓްރީން އެ މީހުންގެ މެސެޖުތަކަށް ޖަވާބު ނުދޭ ކަމާއި އަޅައިލުން ކުޑަކަން ފާހަގަކޮށް އޭނާ ވަނީ އޭނާގެ ފޯންގެ ޗެޓް ލޮގްތައް ވެސް މީޑިއާއަށް ދައްކައިފައެވެ.

ރަޝިއާއިން ޔޫކްރޭނަށް މިހާރު ދެމުންދާ ހަމަލާތަކުގައި އިންޑިއާގެ ދަރިވަރަކު ވެސް ވަނީ މަރުވެފައެވެ.

ދަރިވަރުންނަށް އެހީވި ސޯނޫ ސޫދު ވަނީ ސޫދު ޗެރިޓީ ފައުންޑޭޝަންގެ ނަމުގައި އޯގަނައިޒޭޝަނެއް ވެސް ގާއިމްކޮށްފައެވެ. އޭނާ އެންމެ ބޮޑަށް ފާހަގަވީ ކޮވިޑާ ގުޅިގެން އިންޑިއާ ފުރަބަންދުކުރި ހާލަތުގައި އެކި މީހުންނަށް ވެދިން އެހީތެރިކަމުގެ ސަބަބުންނެވެ. އެގޮތުން މަސައްކަތް ހުއްޓުނު ދަނޑުވެރީންނަށް ޓްރަކް ފަދަ ވެހިކަލްއާއި މެޝިނަރީޒް ހޯދައިދިނުމާއި އާއިލާގެ ގާތަށް ނުދެވި ދުރު ހިސާބުތަކުގައި ތާށިވި މީހުން އާއިލާ ގާތަށް ފޮނުވައިދިނުމަށް ކުރި މަސައްކަތް ފާހަގަކޮށްލެވެއެވެ. މި ގޮތުން އޭނާ އެހީވި މާބަނޑު އަންހެނަކު، ވިހެއި ފިރިހެން ދަރިފުޅަށް ނަން ދިނީ ވެސް އޭނާގެ ނަމުންނެވެ.

އިންޑިއާގެ އެކިކަންކޮޅުތަކުގައި މިހާރު ހިނގާ ސްޓޭޓް ލެޖިސްލޭޓިވް އެސެމްބްލީގެ އިންތިޚާބުގައި ޕަންޖާބުގެ ގޮނޑިއަކަށް ކުރިމަތިލި ސޯނޫ ސޫދުގެ ކޮއްކޮ މަލްވިކާ ސޫދަށް ކެމްޕޭންކޮށްދޭ ކަމަށް ސޯނޫ ވަނީ ވޯޓްލީ ދުވަހު ގޭބަންދު ވެސް ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!