ޚަބަރު ރައްޔިތުންގެ މަޖިލިސް

ގާނޫނާ ޚިލާފަށް ބިމުން ފެން ނަގާ ނަމަ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރާ ބިލު ބަލައިގަނެއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް

ބިމުން ފެންނަގައި ފެން ބޭރުކުރާ ފަރާތްތަކުން، ފެން ބޭރުކުރުމުގެ ގަވައިދާ ހިލާފުވެއްޖެ ނަމަ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ފެނާއި ނަރުދަމާގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހް ބަލައިގަނެ، ދިރާސާކުރުމަށް ކޮމެޓީއަށް ފޮނުވައިފިއެވެ.

Ads by STELCO

ފެނާއި ނަރުދަމާގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހް ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފެވެ. ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި އެބިލު ބަލައިގަތުމަށް 58 މެމްބަރުން ވޯޓު ދެއްވިއެވެ. ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ.

މަޖިލިހުން ބިލު ފާސްކުރުމާ އެކު އެބިލު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމެޓީއަށް ވަނީ ފޮނުވައިފައެވެ. އެ ބިލަށް ގެންނަން ހުށަހެޅި އިސްލާހްތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބައެއް މާއްދާތަކުގެ ބަހުގެ އިބާރަތްތަކަށް ގެންނަ އިސްލާހުތަކެކެވެ. ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅުއްވި ބޭނުމެއްކަމަށް މެމްބަރު ވިދާޅުވީ ޤާނޫނު ތަންފީޒްކުރުމުގައި ޔޫޓިލިޓީ އޮތޯރިޓީއަށް ދިމާވާ ބައެއް އިދާރީ ދަތިތައް ހައްލުކުރުން ކަމަށެވެ. މީގެ އިތުރުން މި ބިލު ފާސްކުރެވިއްޖެ ނަމަ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ ނިޒާމް އިތުރަށް ހަރުދަނާވެގެން ދާނެކަމަށް ވެސް މެމްބަރު ޔާސިރު ވިދާޅުވިއެވެ.

ޤާނޫނަށް ގެންނަން ހުށަހެޅި އިސްލާހްތަކުގެ ތެރޭގައި ހިމެނެނީ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ ގަވައިދުތައް އެކުލަވައިލުމާއި، އެ ނިޒާމް ޤާއިމްކުރުމަށް ބޭނުންކުރާނެ ސާމާނު ސެޓިފައިކުރުމެވެ. އޭގެ އިތުރުން ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ލައިސަންސް ދީފައިވާ ކޮންމެ ފަރާތަކުން ވެސް، ފެނާއި ނަރުދަމާގެ ޤައުމީ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން، ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ކަނޑައަޅާ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަކަށް ޕްލޭނެއް އެކުލަވައިލައި، މިނިސްޓްރީއަށާއި އޮތޯރިޓީއަށް ހުށަހަޅަންވާނެކަމަށް އިސްލާހްގައިވެއެވެ. އަދި ކޮންމެ 5 (ފަހެއް) އަހަރަކުން އެއްފަހަރު މި ޕްލޭން މުރާޖާކުރަމުން ގެންދަންވާނެ ކަމަށާއި، އެ ފަސް އަހަރު ދުވަހުގެ ތެރޭގައި ޕްލޭން ތަންފީޛުކުރެވުނު ގޮތުގެ ރިޕޯޓް، އެ ފަސް އަހަރު ދުވަހުގެ މުއްދަތު ނިމުމާ އެކު، ކުރިއަށް އޮތް އަހަރުގެ ފުރަތަމަ 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީއަށާއި އޮތޯރިޓީއަށް ހުށަހަޅަން ވާނެކަމަށް އިސްލާހްގައިވެއެވެ.

މީގެ އިތުރުން ޤާނޫނަށް ގެންނަ ފަހު އިސްލާހެއްގެ ގޮތުގައި ބުނެފައި ވަނީ ބިމުން ފެންނަގައި، ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތަކުން ޤާނޫނުގެ ދަށުން ހަދާ އެއްވެސް ގަވައިދަކާއި ހިލާފުވެއްޖެ ނަމަ އެ ފަރާތެއް އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށެވެ.

ބިލަށް ބަހުސް ކުރެއްވި ބައެއް މެމްބަރުން ވަނީ އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރައްވައިފައެވެ. އެގޮތުން ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭގޮތަށް އޮތުމުން، އެ މަސައްކަތް ކުރާ އަމިއްލަ ވިޔަފާރިތަކަށް އެއީ ބޮޑު ބިރަކަށް ވާނެކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ.

ބިލަށް ބަހުސްކުރެއްވި ގިނަ މެމްބަރުން ސަރުކާރުގެ ފަރާތުން ބިލަށް ހުށަހަޅައިފައިވާ އިސްލާހްތަކަށް ތާއީދުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ބިލާ އެކު ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރެވި، އެއީ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް އޮތް ވާނެ ފަސޭހައެއްކަމަށް މެމްބަރުން ވިދާޅުވިއެވެ.

Ads by HDC
  1. އެމްޑީޕީ މެމްބަރުން ކުރާހާވެސް ކަމަކީ ބޮޑު މުސާރަ ނަގައިގެން ރައްޔިތުން ޖުރިމައިނާ ބޮޑުކޮށް ކުރާނޭ ޤާނޫނު ހެދުން !