Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

އަދުރޭ ނަޝީދަށް: ޕީޕީއެމްއާ ނުބެހި އެމްޑީޕީ ހަމަޔަކަށް އަޅުވާ

އަދުރޭ ނަޝީދަށް: ޕީޕީއެމްއާ ނުބެހި އެމްޑީޕީ ހަމަޔަކަށް އަޅުވާ
ޕީޕީއެމް ނުބެހި އެމްޑީޕީ ހަމަޔަކަށް އެޅުވުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ގޮވައިލައްވައިފިއެވެ. އަދުރޭ މިފަދައިން ވިދާޅުވީ އިދިކޮޅު ޕީޕީއެމްއިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިޔަށްދާ "އިންޑިއާ އައުޓް" ކެންޕެއިންގެ ތެރެއިން މިއަދު އދ. މަހިބަދޫއަށް ވަޑައިގެން ދެއްކެވި ވާހަކައިގައެވެ. އަދުރޭ ވިދާޅުވީ ޕާޓީ ތެރޭގައި ރައީސް ނަޝީދު ބޮޑުތަނުން ބަލިވުމުން ޕީޕީއެމްގެ ކަންތައްތަކާ ބެހޭނެ ކަމެއް ނެތް ކަމަށެވެ. އަދި އޭގެ ބަދަލުގައި މިވަގުތު އަމިއްލަފުޅު ޕާޓީގެ ކަންކަން ހަމަޔަކަށް އެޅުވުން މާ ރަނގަޅުވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
“އަޅުގަނޑު އެންމެ ފުރަތަމަ ވެސް ބޭނުން ވަނީ މަޖިލީހުގެ ރައީސް، ކެނެރީގޭ ނަޝީދަށް އެއްޗެއް ދަންނަވާލަން. ނަޝީދަށް އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ޕީޕީއެމްގެ ކަންތައްތަކާ ނުބެހި އިހަށް އަމިއްލަފުޅު ޕާޓީގެ ކަންތައްތަކާ ހަމަޖައްސަވާށޭ. ޕާޓީ ތެރޭގަައި ބޮޑުތަނުން ބަލިވެވަޑައިގަތީމާ ދެން ކޮންމެހެން އަޅުގަނޑުމެންގެ ޕާޓީގެ ކަންތައްތަކާ ބެހޭނެ ކަމެއް ނެތޭ. އެއަށް ވުރެ ރަނގަޅު ވާނީ މަނިކުފާނުގެ އަމިއްލަ ޕާޓީ އަލުން އަނބުރާ ލިބޭތޯ މަސައްކަތް ކުރުން” އަދުރޭ ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމުން ފަށައިފައިވާ އިންޑިއާ އައުޓް ހަރަކާތަށް ތާއީދެއް ނެތް ކަމަށާއި އެކަމުގެ ސަބަބުން ލިބޭނީ ގެއްލުން ކަމަށް މިއަދު ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން އަދުރޭ ވަނީ ނަޝީދުގެ ހިތްޕުޅުގައި ގައުމީ ރޫހެއް އޮތް ނަމަ އިންޑިއާ އައުޓް ޓީޝާޓެއް ތުރުކުރައްވައިގެން ދެން އޮންނަ އިވެންޓެއްގައި ބައިވެރިވުމަށް ވެސް އެމަނިކުފާނަށް ދައުވަތު އަރުވައިފައެވެ.
“މަނިކުފާނުގެ ހިތްޕުޅުގައި ތި ވިދާޅުވާ ކަހަލަ ގައުމީ ރޫހެއް، ގައުމީ ލޯތްބެއް އޮތީ ކަމުގައި ވިއްޔާ މި ސަރުކާރުން ދިވެހި ރައްޔިތުންނަށް މި ކުރާ ދުއްތުރާތައް އަދި ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު ގެއްލުވައިލާ ރާއްޖެ އިންޑިއާގެ އަޅުވެތިކަމަށް ގެންދަވަން ފާޅުގައި ތި ކުރައްވާ މަސައްކަތްތައް ހުއްޓައިލާ އިންޑިއާ އައުޓް ގަމީސް ތުރުކުރައްވައިގެން ނިކަން ދެން އޮންނަ ހަރަކާތެއްގައި ބައިވެރިވާށޭ” އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ ދިވެހި ރައްޔިތުން ދިރިއުޅެން ބޭނުން ވަނީ މިނިވަން ރާއްޖެއެއްގައި ކަމަށާއި ފައިސާގެ އަޅުވެތިކަމުގައި ދިވެހިން އުޅެން ބޭނުން ނުވާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް