ޚަބަރު ސިޔާސީ

އެމްޑީޕީގެ ރައީސް ހޮވީ އާންމު މެމްބަރުން، ވަކި މީހަކަށް ނަޝީދު މަގާމުން ދުރެއް ނުކުރެވޭނެ: ރޮޒައިނާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރޮޒަެއިނާގެ ދެކަނބަލުން ރައީސް ޞާލިޙުއާއެކު/ ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ރައީސްގެ މަގާމަށް ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުކުރީ ޕާޓީ މެމްބަރުންގެ ވޯޓުން ކަމަށާއި ވަކި މީހަކަށް އެ މަނިކުފާނު މަގާމުން ދުރު ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އަންނަ މެއި މަހުގެ 16ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އަންހެނުންގެ ރޫހުގެ ރައީސްގެ މަގާމަށް ވާދަކުރައްވާ ރޮޒައިނާ މިފަދައިން ވިދާޅުވީ އެޕާޓީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ކެމްޕެއިންގެ ތެރެއިން ދެއްކެވި ވާހަކަފުޅަކާ ގުޅުވައިގެންނެވެ.

ހުވަދުއަތޮޅުގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި އިންތި ވިދާޅުވީ ޕާޓީ ހަލާކުކޮށްލަން ބަޔަކު މަސައްކަތް ކުރާކަމަށާއި އެކަން އެގޮތަށް ވާން ދޫކޮށްނުލާނެ ކަމަށެވެ. އަދި ރައީސް ނަޝީދު އެ ޕާޓީގެ ރައީސްކަމުން ވަކިކޮށް އެއްފަރާތް ކުރަން ކުރާ މަސައްކަތް ވެސް ހުއްޓުވާނެކަމަށް އިންތި ވިދާޅުވެއެވެ.

މި ވާހަކަތަކާ ގުޅުވައި ރޮޒައިނާ ވިދާޅުވީ އިންތިގެ ކެމްޕެއިން ސިފަ ވަނީ އިދިކޮޅު ޕާޓީގެ ބަޔަކާ ދެކޮޅަށް ކުރާ މުޒާހަރާއެއްގެ ގޮތުގައި ކަމަށެވެ. މިއީ އެތެރޭގެ އިންތިހާބެއް ކަމަށް ވިދާޅުވެ ރޮޒައިނާ ވަނީ ދޮގު ހަދައި ފިތުނަ އުފައްދަން މަސައްކަތް ކުރުމަކީ ޕާޓީއަށް ހަމަ އެންމެ ފައިދާ ހުރި ގޮތްތޯ ސުވާލު ކުރައްވައިފައެވެ.

"ތިގޮތަށް ޕާޓީ ތެރޭ ނަފްރަތު އުފައްދަވަން ނޫޅުއްވާ ރީތިކޮށް ކެމްޕެއިން ކުރައްވަން އިންތިއަށް އިލްތިމާސް ކުރަން"

- މެމްބަރު ރޮޒައިނާ އާދަމް

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ ރައީސް، ނަޝީދު ދުރުކުރަން އެއްވެސް މީހަކު ނޫޅޭކަމަށެވެ. ޕާޓީގެ ރައީސަކީ އާންމު މެމްބަރުން ވޯޓު ލައިގެން ހޮވައިފައި ހުންނެވި ބޭފުޅެއްކަން ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވީ ވަކި މީހަކަށް ރައީސް ނަޝީދު ދުރު ނުކުރެވޭނެކަމަށެވެ.

އިންތިގެ ކެމްޕެއިން ސްލޯގަންއެއްގެ ގޮތުގައި ބޭނުންކުރަނީ "ތިލަފަތުގެ ރަމްޒު" މިހެންނެވެ. މިއަށް އިޝާރާތް ކުރައްވައި ރޮޒައިނާ އެއްސެވީ ތިލަފަތުގެ ރަމްޒަކީ ފިތުނަޔާއި އޮޅުވައިލުންތޯއެވެ. އަދި އެއީ މީހުންގެ ބޮލުގައި ދޮގު އިލްޒާމު އެޅުވުންތޯ ވެސް އޭނާ ސުވާލު ކުރެއްވެވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރޮޒައިނާ ވާދަކުރައްވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ތާއީދު ހޯއްދަވައިގެންނެވެ. ރައީސް ނަޝީދުގެ ތާއީދު ހޯއްދަވައިގެން އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރައްވަނީ ސަފާތެވެ.

އަނެއްކޮޅުން ޕާޓީގެ ޗެއާޕާސަންކަމަށް ރައީސް ޞާލިހުގެ ފަޅިން ނިކުންނަވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. އިންތިއަކީ ރައީސް ނަޝީދުގެ ތާއީދު ހޯއްދަވައިގެން އެމަގާމަށް ނިކުންނަވާ ކެނޑިޑޭޓެވެ.

Ads by Ooredoo
  1. ޖާބިރު

    ޑީއާރުޕީންނާއި ޕީޕީއެމުން އެމްޑީޕީއައްވަތްމީހުންވަކިކުރަނިކޮއް މައްސަލަ ހައްލުވާނެ އަސްލުއެމްޑީޕީ މީހުނަކީ އަމިއްލަޔައްވިސްނިގެން މަންފާހޯދަންނޭދި ފުރަތަމަވެސް އެމްޑީޕީއައް ވަތް މީހުން