ރަޝިއާގެ ރައީސްގެ މަގާމަށް މީހަކު ހޮވާނީ ރަޝިއާގެ ރައްޔިތުން ކަމަށާއި އެއީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބެހޭކަމެއް ނޫންކަމަށް ރަޝިއާގެ ރިޔާސީ ގަނޑުވަރު ގްރޭންޑް ކްރެމްލިންއިން ބުނެފިއެވެ.
ކްރެމްލިންގެ ތަރުޖަމާނު މި މޭރުމުން ވާހަކަދައްކައިފައި މިވަނީ ރަޝިއާއިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރައީސް ވްލަޑިމިއަރ ޕުޓިންއަށް އަމާޒުކޮށް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެގޮތުން މިދިޔަ ހަފްތާގައި ބައިޑަން ވަނީ ޕުޓިންއަކީ ހުދުމުޚުތާރު ގާތިލެއްކަމަށާއި އެއީ ހަނގުރާމައިގެ ކުށްވެރިއެއްކަމަށް ބުނެފައެވެ. އަދި ޕުޓިންއަށް ބާރުވެރިކަމުގައި ދެމިނުހުރެވޭނެކަމަށް ބައިޑަން ބުނެފައި ވެއެވެ. މީގެ އިތުރުން ރަޝިއާގެ އަވަށްޓެރިންނާއި އެ ސަރަހައްދުގައި ރަޝިއާގެ ބާރު ދެއްކުމުގެ ފުރުސަތު ނުދެވޭނެކަމަށް ވެސް ބައިޑަން ބުނެފައި ވެއެވެ.
މި ބަސްތަކަށް ރައްދުދީ ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ބުނެފައި ވަނީ ރަޝިއާގެ ރައީސަކަށް މީހަކު އިންތިޚާބު ކުރަނީ ރަޝިއާގެ ރައްޔިތުން ކަމަށާއި އެއީ ބައިޑަންއާ ބެހޭ ކަމެއް ނޫންކަމަށެވެ. އަދި ބައިޑަންގެ ވާހަކަތަކަކީ ޕުޓިންއަށް ކުރި ޒާތީ މަލާމާތެއްކަމަށާއި ރަޝިއާ ބަލިކޮށް "ކުޑަކޮށްލުމަށް"މަސައްކަތް ނުކުރުމަށް ޕެސްކޯވް ވަނީ ބައިޑަންއަށް އިންޒާރުކޮށްފައެވެ.
ރަޝިއާއިން ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެމެރިކާއިން ވަނީ ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ރަޝިއާއިން ތެލާއި އެހެނިހެން މުދާ އެތެރެކުރުން ވެސް އެގައުމުން ވަނީ ހުއްޓައިލައިފައެވެ. ނަމަވެސް ދުނިޔޭގެ އެންމެ ގިނަ އަދަދަކަށް ތެޔޮ އުފައްދާ ދެވަނަ ގައުމު ރަޝިއާއިން ތެޔޮ އެތެރެކުރުން ހުއްޓައިލުމުން އެމެރިކާގައި ތެލުގެ ސަޕްލައި ދަށްވެ އަގު ވަނީ އުފުލިފައެވެ. މިކަމާ ގުޅިގެން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބައިޑަންގެ ސަރުކާރަށް ފާޑު ކިޔައިފައެވެ.