ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

ރީތިކޮށް ފަށްޖަހާލާފައި އޮތް ކަރުދާސްކޮޅު ފެނުމާއެކު ލިއަމްގެ އަތްފައި ފިނިވިއެވެ. ހިތުގެ ތެޅުން ހިނދުކޮޅަކަށް މަޑުޖެހުނު އިހްސާސް ކުރެވުނު ވަގުތު އޭނާ އެ ގަނޑުކޮޅު ނިއުޅުވާލިއެވެ. ސާޔާގެ އަތު ލިޔުމުން ލިޔެވިފައިވާ އެ ކުރު ސިޓީ ކިޔައި ނިމުނު އިރު ލިއަމްއަށް އޭނާގެ ނޭވާ ހިފަހައްޓާ ލެވުނެވެ. ގަނޑުވެފައި ހުރުމަށްފަހު ދެތިންފަހަރު އެސްފިޔަ ޖަހާލެވުނެވެ. އަވަސްވެފައިވާ ހިތުގެ ތެޅުމާއެކު ލިއަމްއަށް އަނެއްކާވެސް އެ ގަނޑު ކިޔާލެވުނެވެ. އެވަގުތު ބޭއިޚްތިޔާރުގައި އެ ލޮލުން ވެއްޓުނު ކަރުނަތިކިން އެ ގަނޑުގައި ލިޔެފައިވާ ދެލި ފޭދިގެން ދިޔަ މަންޒަރު އޭނާގެ ލޮލުގައި އަޅައިގަތެވެ. ފުސްވެގެން ދިޔަ ލޮލުން އޮހިގަތް ކަރުނައާއެކު ލިއަމްގެ ދުލުން ކިޔާލެވުނީ ސާޔާގެ ނަމެވެ.

Ads by STELCO

********************

ކުރު ސިޓީއަކުން ހުރިހާ ކަމެއް ނިންމައިލުމަށްފަހު ސާޔާ ދިޔައީއެވެ. ހުރިތާ ގުޑިލަން ވެސް ނޭނގިފައި ލިއަމްއަށް އިރުކޮޅަކު ހުރެވުނެވެ. ރައުލް އައިސް ލިއަމްގެ އަތުގައި އޮތް ގަނޑުކޮޅު ނެގުމާއެކު މަޑުމަޑުން ލިއަމް އަށް އެނދުގައި އިށީނދެވުނެވެ. ފޮށި ތެރޭގައި އޮތް ހެދުން މެޔާލައި ބޮނޑި ކޮށްލިގޮތަށް ލިއަމްގެ މަޑު ގިސްލުމުގެ އަޑު ކޮޓަރިތެރޭގައި ހިފާލިއެވެ. ފިރިހެނެއް ނަމަވެސް އެ ވަގުތު ލިއަމްއަށް އޭނާގެ އިހްސާސްތައް ހިފެހެއްޓުންވީ އުނދަގޫ ކަމަކަށެވެ.

އޭރު ކަންބޮޑުވެފައި ހުރެ ރައުލް ދިޔައީ ސާޔާއަށް ގުޅޭތޯ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ފޯނު އޮތީ ނިއްވައިލައިފައި ކަމުގައި ބުނުމުން އޭނާގެ މޫނުން އިތުރަށް ހާސްކަން ފާޅުވާން ފެށިއެވެ.

" ރައުލް؟.. ލިއަމް؟..".. ކޮޓަރީގެ ދޮރުމައްޗަށް އެރުމާއެކު ނަވާރްއަށް ގޮވާލެވުނެވެ. އޭނާގެ ފަހަތުން ވަން ނޯޔާއާއި ސެހްރާން، އަދި ޔަލާއާއި ރާސިލްގެ މޫނުން ވެސް ހައިރާންކަން ފާޅުވާންފެށިއެވެ. ނަވާރްގެ މޫނަށް ރައުލްގެ ނަޒަރު ހުއްޓުނު އިރު އެ މޫނުން ފެންނަނީ ގޮތް ހުސްވެފައިވާ ކަމުގެ ކުލަވަރެވެ. ހުދު ރައުލްގެ ދެލޯ ވެސް ފެންކަޅިވިއެވެ. ހަމަގައިމުވެސް ސާޔާ ދާނީ ހަޤީޤަތް އެނގުމުންކަން ރައުލްއަށް ޔަޤީން ކުރެވުނެވެ. ސާޔާއަށް ހަޤީޤަތް ނާންގާ މާބޮޑަށް ވެސް ލަސްކުރެވުނީއެވެ. ހިތުގައި އުފެދުނު ތޫނު ރިހުމާއެކު ރައުލްއަށް ކުރިއަށް ވުރެ ބޮޑަށް ނަފްސު ކުށްވެރި ކުރެވުނެވެ.

ލިއަމްގެ ވޭނީ ގިސްލުމުގެ އަޑު އިވުމާއެކު ނަވާރްގެ ހަތަރެސްފައި ފިނިވިއެވެ. ހައިރާންކަން އެކުލެވިފައިވީ އަޑަކުން އޭނާ ސުވާލު ކޮށްލިއެވެ. ބަލަން ނުހުރެ ދުވެފައި ގޮސް ނަވާރް ލިއަމް ކައިރީ އިށީނެވެ. ލިއަމްގެ މޫނުގައި ދެފަރާތުން ހިފެހެއްޓުމަށްފަހު އޭނާއާ ސީދާވާނެހެން ތެދުކުރިއެވެ. ނަމަވެސް ރަތްވެފައިވާ ލިއަމްގެ ދެލޯ ފެނުމާއެކު ނަވާރް ސިހުނެވެ. އެ މޫނުން ހާސްކަން ފާޅުވާން ފެށިއިރު އަނެއްކާވެސް ސުވާލު ކުރިއެވެ. އޭރު ރާސިލްގެ ފަހަތުން ދެންތިބި މީހުންވެސް އައިއްސިއެވެ.

ހަމަގައިމު ވެސް ލިއަމް އެ ގޮތަށް ރޯނީ ބޮޑުކަމެއް ވީމައެވެ. ރައުލްގެ މޫނުން ނަޒަރު ވަކި ކޮށްލުމާއެކު ނަވާރް ވަށައިގެން ހޯދާލިއެވެ.

" ކޮބާ ސާޔާ؟..". ނަވާރް އަހާލިއެވެ.

ނަވާރްގެ އެ ސުވާލު އެންމެންގެ ސަމާލުކަމަށް ގެނުވިއެވެ. ކޮންމެ މީހަކުވެސް އަނެކަކާ ދިމާއަށް ބަލާލީ ސުވާލުން ފުރިގެންވީ ބެލުމަކުންނެވެ. ހަމަ އެއާއެކު ލިއަމް ހިފަހައްޓައިގެން އިން ހެދުންވެސް ލޮލުގައި އަޅައިގަތެވެ.

" ރައުލް؟.. ކޮބާ ސާޔާ؟... ކަމެއް ވީތަ؟. ".. ރައުލްގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން ރާސިލް އަހައިލިއެވެ. ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން އޭނާއަށް ޔަޤީންވީއެވެ.

އެއްޗެކޭ ނުބުނެ ރައުލް ދިއްކޮށްލީ އަތުގައި އޮތް ގަނޑުކޮޅެވެ. އޭގައި ހިފައި ރާސިލް ބަލާލިއެވެ. އޭރު އެންމެންގެ ނަޒަރު ވަނީ ރާސިލްއަށް ހުއްޓިފައެވެ. ޔަލާވެސް އޭނާއާ ކައިރިއަށް ޖެހިލިއެވެ.

" ލިއަމް.. ސާޔާ މިދަނީ ލިއަމް ދެކެ ލޯބި ނުވާތީ ނޫން.. އެކަމަކު ލިއަމް ލޯބިވާ ކަމާއި މެދު ޝައްކު .. އެއް ފަރާތުން ވެވޭ ލޯތްބަކުން މި ގުޅުން ދެމި ނޯންނާނެ... މި ހުރިހާ ދުވަސް ވީއިރު ވެސް ލިއަމްގެ ފަރާތުން ނޫނީ، ރައުލްގެ ފަރާތުން ނަމަވެސް ހަޤީޤަތް ނޭނގުނީތީ ވަރަށް ދެރަވެއްޖެ.. އަމިއްލަ އާއިލާއާ އެކީ އެއް ގެއެއްގައި އުޅެވުނު އިރު އެއީ ކޮންބައެއް ކަން ނޭނގުނު.. ސާޔާ އެދެނީ ތި އާއިލާއަށް އަބަދުވެސް އުފާވެރިކަން.. އެދެނީ އެއްވެސް މީހަކު ސާޔާ ހޯދަން މަސައްކަތް ނުކުރުން.. ".. އެ ކުރު މެސެޖް ކިޔައި ނިމުނު އިރު ރާސިލްގެ ލޯ ވެސް ފެންކަޅިވެއްޖެއެވެ.

" ވަޓް؟..".. ސިޓީގައި އޮތް އެއްޗެއް ޤަބޫލު ނުކުރެވިފައި ހުރެ ނޯޔާއާއި ޔަލާއަށް ބުނެލެވުނީ އެކުއެކީގައެވެ. ސާޔާ އާއިލާގެ ނަމުން މުހާތަބު ކޮށްފައި އޮތް ސަބަބު ނޭނގިފައި ހުރެ ޔަލާ ބަލާލީ ރާސިލްއަށެވެ. އެ ބެލުމުގައި ވީ ކީކޭކަން އެނގުނު ހިނދު ރާސިލް މަޑުމަޑުން ބޯ ޖަހާލީއެވެ. އެއާއެކު ޔަލާއަށް ދެލޯ ބޮޑު ކޮށްލެވުނީ ޤަބޫލު ކުރަން ދަތިވެފައި ހުރެއެވެ.

" ނޯ.. ނޯވޭ.. ސާޔޫ އިޒް އަވަރ ފެމިލީ؟...".. ނޯޔާއަށް ވެސް ވީ އެފަދަ ގޮތެކެވެ. އެހެންނަމަވެސް އެކަން ޤަބޫލުކުރަން އޭނާއަށް ފަސޭހަވިއެވެ. ސާޔާއާއި އަލާރާ އެހާ ވައްތަރުވީ ކީއްވެކަން މީހަކު އިތުރަށް އޮޅުންފިލުވައިދޭކަށް ނުޖެހުނެވެ. އެހެންނަމަވެސް ހިތުގައި އުފެދުނީ ޝަކުވާއެވެ. މި ހުރިހާ ދުވަހު އެކަން ނޭނގި އޮތުމުން ސުވާލު ކުރެވުނެވެ.

" ޔަލް.. ފަހުން ކިޔައިދޭނަން.. މިގަޑީގަ ސާޔޫ ހޯދަން ވީ...". ހާސްވެފައި ހުރެ ރާސިލް ބުނެލިއެވެ. އޭރު ލިއަމް އިނީ ކުޑަކޮށް ހަމަޖެހިފައިހެން ހީވެއެވެ. އަދިވެސް އެނދުގައި އިށީނދެ އިން އިރު އޭނާ އިނީ ފުން ވިސްނުމެއްގެ ތެރޭގައިކަން އެނގެނީ އެއް ދިމާލަކަށް ނަޒަރު ހުއްޓާލައިގެން އިން ގޮތުންނެވެ.

" އޭރުވެސް ބުނިން ރައުލް ކައިރީގަ ސާޔާއަށް ހަޤީޤަތް ކިޔައިދޭން.. ހުރިހާ ކަމެއް ސިއްރު ކުރުމުގެ ބޭނުމަކީ ކޮބާ؟.. އޭނާއަށް ވެސް އާއިލާ އެނގުމުގެ ހައްޤު އޮތް... މެލެކް އާންޓީއަށް ދަރިފުޅު ދުނިޔޭގަ ހުރިކަން ބުނެދޭން މިހާރު މާ ބޮޑަށް ވެސް ލަސްވެއްޖެ.. އެ މަންމަގެ ހިތުގައި އުފެދޭނެ އިހްސާސްތަކާއި މެދު އެއްފަހަރު ނަމަވެސް ވިސްނާލި ނަމަ... ".. ނަވާރް ބުނެލީ މަޑުންނަމަވެސް ހިތްހަމަނުޖެހިފައި ހުރެއެވެ.

" ހުރިހާ ވެސް މައްސަލައަކީ ލިއަމްއާއި ރައުލް މާ ސިއްރުން އުޅޭތީ.. އަހަރުމެންނަކީ އެއް ބައެއް.. އެކަތިގަނޑެއް.. އެކަކު އަނެކަކާ ގުޅި ލާމެހިފަ މި ތިބީ.. ".. އެ ހުރިހާ އިރު އެއްޗެކޭ ނުބުނެ ހުރުމަށްފަހު އެންމެ ފަހުން ސެހްރާން ވެސް ބުނެލީ ހިތްހަމަނުޖެހިފައި ހުރެއެވެ.

އެހެންނަމަވެސް އެއިން އެއްވެސް ޝަކުވާއަކަށް ދޭނެ ޖަވާބެއް ރައުލްއާއި ލިއަމްގެ ނެތެވެ. އެއްޗެކޭ ނުބުނެ ލިއަމް އިން އިރު ރައުލް ދިޔައީ ފޯނުން މީހަކަށް މެސެޖް ކުރަމުންނެވެ.

" ސާޔާ ވީ އެއަރޕޯރޓުގަ...".. ރައުލް ބުނެލިއެވެ. އެ ތުންފަތަށް ވެރިވި ހިނިތުންވުމާއެކު ހިތުގައި އުންމީދުގެ ހުޅުކޮޅެއް ދިއްލުނެވެ. އޭނާ ލިއަމްއަށް ބަލާލީ އުންމީދުން ފުރިފައިވާ ބެލުމަކުންނެވެ.

" ނޫން.. ލީވް ހަރ..".. ލިއަމް ބުނެލީ މަޑުންނެވެ. އެހެނަސް އެ އަޑުވީ ކުރެހިފައެވެ. ރާސިލް އާއި ސެހްރާން ދާން އުޅުމުން ލިއަމް އެ ދެ ޒުވާނުން ހުއްޓުވިއެވެ.

" އެކަކުވެސް އޭނަ ހޯދަން ދާނެ ކަމެއް ނެތް.. އެ އޮތީ އެންނު ބުނެފަ.. ހޯދަން ނޫޅޭށޭ...".. ލިއަމްގެ އަޑުގައި ވީ ނުރުހުމަށްވުރެ މޮޅިވެރިކަމާއި މާޔޫސީކަމެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ތެދުވިގޮތަށް ހަލުވި ފިޔަވަޅު ތަކެއްގައި ގޮސް އޭނާ ކޮޓަރިން ނުކުތެވެ.

ލިއަމްގެ އެ ހަރަކާތުން ރައުލްއާއި ދެން ތިބި މީހުން ހައިރާންވެފައި ތިބި ނަމަވެސް އެކަކު ވެސް ލިއަމް ބުނި ގޮތަށް ކަންތައް ކުރުމަށް އެއްބަހެއް ނުވިއެވެ. ރައުލް ލިއަމްގެ ފަހަތުން ނުކުތް އިރު ސެހްރާންއާއި ރާސިލް ނުކުތީ ސާޔާ ހޯދަން ދިޔުމަށެވެ. ނަމަވެސް މިހާރު ސާޔާ ހުރި ކަމުގެ އެއްވެސް ޔަޤީންކަމެއް އެ ޒުވާނުންނަށް ވެސް ނެތެވެ.

މެލެކް ފެންކަޅިވެފައި އިނދެ އުނގުމަތީގައި އޮތް އަލްބަމް ބަލަމުންދިޔައެވެ. އެ މޫނަށް ލުއި ހިނިތުންވުމެއް މަދު ފަހަރެއްގައި ވެރިވި ނަމަވެސް އެ ހިނިތުންވުން ކުޑަ ހިނދުކޮޅެއް ތެރޭގައި ފަނޑުވެއެވެ. އަލްބަމް ލައްޕާލަން އުޅެފައިވެސް މެލެކްގެ ހަރަކާތްތައް މަޑުޖެހުނީ ލިއަމްއާއެކު އަލާރާ ކައިވެނި ކުރި ދުވަހު ނަގާފައިވާ ފޮޓޯއެއް ފެނުމުންނެވެ. އެ މޫނުން ފެންނަން ހުރި މައުސޫމުކަމުން މެލެކްގެ ހިތް ފުރާލި ކަހަލައެވެ. ފޮޓޯއިން ފެންނަން ހުރި އަލާރާގެ މޫނުގައި ޝަހާދަތް އިނގިލިން އޭނާ ފިރުމާލިއެވެ. އެހިނދު ލޮލުން ވެއްޓެން އުޅުނު ކަރުނަތިކި އަތުގެ ނުފުށުން ފޮހެލަމުން މެލެކް އަލްބަމް ލައްޕައިލިއެވެ.

ނަމަވެސް ހިތުގައި އުފެދިފައިވީ ނުފިލާނޭ ތޫނު ރިހުމެކެވެ. ފޮޓޯގައި އަލާރާ ހިނިތުންވެލައިގެން ހުރި މަންޒަރު ސިފަވުމާއެކު މެލެކް ލޯ މަލާރީ ހިތްދަތިކަމާއެކުގައެވެ. އެ ދަރިފުޅު އަދިވެސް ކައިރީގައި ހުރި ނަމައެވެ. ލޯބިން މަންމާއޭ ކިޔާ ގޮވާލާނޭ ނަމައެވެ. ދަރިފުޅަށް ޓަކައި ހިތް އެދި ރޯން ފެށުމާއެކު މެލެކްގެ މަޑު ގިސްލުމުގެ އަޑު އިވެންފެށިއެވެ. ނުހަނު އުފާވެރި ދިރިއުޅުމެއް އުޅެމުން އައި އޭނާގެ ލޯބިވާ ދަރިފުޅަށް ޖެހުނީ ކާކުގެ އެސްފީނާއެއް ކަމެއް ނޭނގެއެވެ.

އަލާރާގެ މަރުގެ ހަޤީޤަތް ހޯދުމަށް މެލެކްގެ ސިކުނޑި ހަނދާން ކޮށްދިން މިއީފުރަތަމަ ފަހަރެވެ. މި ހުރިހާ ދުވަހު ވެސް އެއީ އޭނާގެ ހަނދާނުން ފޮހެވިފައިވީ ކަމެކެވެ. މިއަދު މިވީ ކިހިނެއް ކަމެއް ނޭނގެއެވެ. ކުއްލިއަކަށް އެ ހިޔާލު ސިކުނޑިއަށް ގަދަ ކޮށްލިއެވެ. ފުރަތަމަ ފަހަރަށް އެއީ އެކްސިޑެންޓަކަށް ނުވެދާނެއޭ ހިތް ބުނެލީ ކީއްވެކަމެއް ޚުދު މެލެކްއަށް ވެސް ނޭނގުނެވެ.

މަޑުމަޑުން ނަފްސު ހަމައަކަށް އަޅުވާލުމަށްފަހު މެލެކް ދޫކޮށްލީ ފުން ނޭވާއެކެވެ. ލަސްލަހުން އެ ދުވަހުގެ އެކި އެކި މަންޒަރުތައް ހިތުގައި ކުރަހާލިއެވެ. ނަމަވެސް ލެއިން ފޯވެފައި އޮތް އަލާރާގެ ހަށިގަނޑު ސިފަ ވުމާއެކު މެލެކްއަށް ސިހިފައި ލޯ ހުޅުވާލެވުނެވެ.

އެނދުން ތެދުވެ ލޯގަނޑު ކުރިމަތީގައި މެލެކް ހުއްޓިލިއެވެ. މޭޒުމަތީގައި އޮތްޓިޝޫ ޕެކެޓުން ދެތިން ޓިޝޫ ނެގުމަށްފަހު މޫނު ފޮހެލިއެވެ. އަދި ބޭނުންކުރި ޓިޝޫތައް މޭޒާއި ޖެހިގެން ހުރި ކުނި ވަށިގަނޑަށް ލުމަށްފަހުކޮޓަރިން ނުކުތެވެ. ނަމަވެސް ސިޓިންގރޫމަށް ނުކުތުމާއެކު އޭނާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. މޫނުގައިވީ ހިތާމައިގެ ކުލަވަރު ފަނޑުވެ ގޮސް އެހެން އަސަރުތަކެއް އެ މޫނުން ފާޅުވާން ފެށިއެވެ.

" އަފްރާހު..".. މެލެކްއަށް ކިޔާލެވުނެވެ. އަފްރާހު ފެނުމާއެކު އެ މޫނުގެ ކުލަ އޮއްސުނެވެ. ހިތުގައި އުފެދުނު ރުޅިވެރިކަން އެ މޫނުން ފެންނާން ހުއްޓެވެ.

" އޯހް މެލެކް... ރުޅި އައީމަ އަދި ވަކިން ލޯބި.. ކޮބާ ބީކާލް..."...އަފްރާހު އަހާލިއެވެ. އެ އަޑުގައި ވީ ލާނެތްކަމާއި މޫނުގައިވީ ބޮޑާކަން ފެނުމުން މެލެކް އިތުރަށް ފޫހިވިއެވެ.

" ހާދަ އަވަހަކަށް ތި ދަނީ... ". މެލެކް ދާން ހިނގައިގަތުމާއެކު ގެނައި ކުއްލި ހަރަކާތާއެކު އަފްރާހު ހިފެހެއްޓީ މެލެކްގެ އަތުގައެވެ.

" ކިހާ ދެރަކަމެއް.. ކަލޭ ބޭނުން އެއްޗެއް ކިޔަން އަހަރެން ދޫކޮށްގެން ހުއްޓަސް އޭގެ މާނައެއް ނޫން އަހަރެންގެ ގައިގަ ކަލެއަށް އަތް ލެވޭނެއޭ.. ދޫކުރޭ..."... މެލެކްގް އަޑު އެ ބޮޑު ސިޓިންގްރޫމުގައި ގުގުމައިގެން ދިޔުމާއެކު އަފްރާހުގެ ތުންފަތަށް ވެރިވީ ފަތަހައިގެ ހިނިތުންވުމެކެވެ.

" މިހާރު އަތް ލާން ހުއްދަ ނުދިނަސް ހުއްދަ ދިން ހަނދާންވޭތަ؟.. ސޯ ސެކްސީ..".. އަފްރާހުގެ ދުލުން ބޭރުވާން ފެށި ލަފްޒުތަކުން މެލެކްގެ ލޯ ކަރުނުން ތެންމާލިއެވެ. ރުޅިއާއި ހިތާމައިން އެ މޫނަށް ރަތްކުލަ ވެރިވާން ނެގީ މަދު ވަގުތުކޮޅެކެވެ.

" މަލިކާއަށް ކަލޭގެ ނުބައިކަން އެނގޭނެ ގޮތެއް މާތްﷲ މިންވަރު ކުރައްވާށި.. ".. މެލެކްގެ އަޑު ތުރުތުރު އަޅަން ފެށިއިރު އެ ބެލުމުން އެކަނިވެސް އެހިތުގައި އަފްރާހުއަށް ޓަކައި އޮތް ނަފްރަތު ފެންނަމުން ދިޔައެވެ.

މެލެކްގެ ޖުމްލަ އިވުމާއެކު އަފްރާހު އަށް ހެވުނެވެ. މެލެކްގެ އަތުން ދޫކޮށްލުމަށްފަހު އޭނާ މޫނުގައި އަތް ހިންގާލުމަށްފަހު ބަލާލިއިރު އެ ލޮލުގައިވީ ނުރައްކާތެރި ވިދުމެކެވެ. އެ ނަޒަރުން މެލެކް ޖެލިހުންވި ނަމަވެސް އެކަން މޫނަކުން ނުދައްކައެވެ. ނަމަވެސް އަފްރާހުގެ ފަރާތުން ލިބިދާނެ ނުރައްކަލަކަށް ނަފްސު ތައްޔާރުކޮށްލިއެވެ.

" އޭރުވެސް ކަލެއަށް ހެދީ އަހަރެން ބޭނުން ގޮތެއް.. މިހާރުވެސް.. ކަލޭގެ ދެން ހުރި ދަރިފުޅު ވެސް ނެތިދާންތަ ބޭނުމީ؟...".. މެލެކްގެ ކަންފަތް ދޮށުގައި އަފްރާހު މަޑުމަޑުން ބުނެލި ބަސްތަކުން މެލެކްގެ ހަރަކާތްތައްހުއްޓުނެވެ. މޫނު މައްޗަށް އަނދިރިވާހެން ހީވުމާއެކު ކައިރީގައި ހުރި ސޯފާގެ އަތްގަނޑުގައި ހިފަހައްޓައި ލެވުނެވެ. އަފްރާހުއަށް އޭނާގެ ދަރިފުޅު ދުނިޔޭގައި ހުރިކަން އެނގުނު ގޮތާއި މެދު ހިތުގައި ސުވާލު އުފެދުނެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް މެލެކްގެ ސިކުނޑީގައި ގުގުމައިގަތީ އަފްރާހުގެ ވަރުގަދަ އިންޒާރެވެ. އޭގެ ބާރު އޭނާގެ މުޅި ހިތާއި ނަފްސަށް ކުރުވި ކަހަލައެވެ.

" ތިކަހަލަ ފިރިހެނުންގެ ގޮތް ތީ.. ބޭނުންވާ އެއްޗެއް ނުލިބުނީމަ ބިރު ދެއްކުން ނޫން ކަމެއް ކުރަން ނޭނގޭނެ.. އަހަރެން މަލިކާއަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން.. ކަލޭގެ ނުލަފާކަން ބުނެދޭނަން.. އަފްރާހުގެ ހައްޤަކަށް ވުމަށްވުރެ މި ދުނިޔެއިން ނެތިދިޔުން ވެސް މާ ރަނގަޅު.. އެކަމަކު ހަނދާން ނައްތާނުލާތި.. މަގޭ އެންމެ ދަރިއެއްގެ ގައިގާ ކަލޭގެ ތި ނަޖިސްއަތުން އިނގިލި ކުރިއެއް ޖައްސާލިޔަސް ނިމުނީ.. ދުވަހަކުވެސް މާފެއް ނުކުރާނަން...".. ހަޅޭއްލަވައިގަންނަން ބޭނުންވިޔަސް މަލިކާ ބުނެލީ މަޑުންނެވެ. އަފްރާހުދެކެ ޖެހިލުން ނުވާކަން އޭނާ އަންގައިދޭން ބޭނުންވި ކަހަލައެވެ.

" މާފު ނުދޭންވީ އަހަރެން ކަންނޭނގެ... އަހަރެން ލޯބިވީ ވަރު މެލެކްއަށް އެނގޭނެ.. އެ ލޯބި ބަލައިނުގަތީ މެލެކް.. އަމިއްލައަށް އަމިއްލަ ދަރިފުޅު މަރާލި މީހަކީ ތިއީ.. އެކަން ސިއްރުކުރަން މަސައްކަތް ކުރީވެސް މެލެކް... ދުވަހަކުވެސް އެ ކުށަށް މެލެކްއަށް މާފު ހައްޤެއް ނުވާނެ.. ވީއިރު ކުށްވެރިއަކީ ކާކު؟.. ".. އަފްރާހުގެ އަޑުގައިވީ ހަރުކަށިކަން ފިލައި ދިޔައީ ކުއްލިއަކަށެވެ. އެހެނަސް އަދިވެސް އެ މޫނުގައިވީ ނުރުހުންވުމެވެ. އެ ލޮލުން ބުނެދެނީ ފަސްއަޅާ ފޮރުވިފައިވީ ހަޤީޤަތެކެވެ.

~ ނުނިމޭ ~

  1. ނުބރފރދރދރދ

  2. ސާނިޔާ

    މި ވާހަކަ އަޕްޑޭޓް ވަނީ ވެސް ހާދަ ލަހަކުންނޭ. އަދި އެހާ ކުރު! ކީއްވެ ސާޔޫ އާއި ލިޔަމް އާ ނުގުޅެނީ. ހާދަ ދެރައޭ