ދީން

ކޮންމެ ދުވަހަކު ކީރިތި ޤުރްއާން ކިޔެވުމުގެ މުހިންމުކަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކީރިތި ޤުރުޢާންގެ މޫރިތި އާޔަތްތައް ކޮންމެ ދުވަހަކު ވެސް ކިޔެވުމަކީ ކިހާ މުހިންމު ކަމެއްކަން އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު މިހާރު މިދަނީ ހަނދާން ނެތެމުންނެވެ.

Ads by Sosun Fihaara

އިހުޒަމާނުގައި އިރުއަރާ ވަގުތާއި އިރު އޮއްސޭ ވަގުތަކީ، ކޮންމެ ގެއަކުންހެން އަޑުހަރުކޮށް ކީރިތި ޤުރްއާން ކިޔަވާ އަޑު އިވޭ ވަގުތުތަކެވެ. ބޮޑެތި މީހުންނާއި އަދި ޚާއްސަކޮށް ކުޑަކުދިންގެ ކިބައިގައި، މި ރީތި އާދަ އަށަގެންފައި ހުރެއެވެ. ނަމަވެސް ހިތާމައަކީ، މިހާރު އަޅުގަނޑުމެންގެ ތެރޭގައި މި ރިވެތި އާދަ ފުހެވެމުން އަންނަ ކަމެވެ. ކީރިތި ޤުރްއާން ކިޔަވާ އަޑު މަދުން އިވޭއިރު ބަންގި ގޮވުމުން މިސްކިތަށް ނަމާދަށް އަރަނީ ވެސް މަދު ބައެކެވެ.

ކޮންމެ ދުވަހަކު ކީރިތި ޤުރްޢާން ކިޔެވުމަކީ ޝައިޠާނާގެ ނުބައި ވަސްވާހުން ސަލާމަތްކޮށް، ނުބައި ޢަމަލުތައް ކުރުމުން ދުރުކޮށްދޭ ބަރަކާތުން ފުރިގެންވާ އަަޅުކަމެކެވެ.

ކޮންމެ ދުވަހަކު ކީރިތި ޤުރްއާން ކިޔެވުމުން ލިބިދޭ ތިން ފައިދާއެއް، ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވައިފައިވެއެވެ.

1. ކުފްރުން ސަލާމަތްކޮށް ދިނުން

ޙަޒްރަތު މުފްތީ މުޙައްމަދު ޝާފީ ސާހިބް މަޢާރަފުލް ޤުރްޢާންގެ ވޮލިއުމް ފަހެއްގެ ސަފްޙާ ނަންބަރު 220 ގައި ވަރަށް ތަފްސީލުކޮށް ކިޔައިދީފައި ވަނީ، އެ ގެއެއްގައި ކޮންމެ ދުވަހަކު ޤަވައިދުން ކީރިތި ޤުރުޢާން ކިޔަވާނަމަ، އެގޭގެ އަހުލުވެރިން ކުފްރުވުމާއި ޝިރުކުން ސަލާމަތް ކުރެވިގެންވާނެ ކަމަށެވެ.

2. ފިތުނައިން ސަލާމަތްކޮށްދޭ

ހަޒްރަތު އިބްނު އައްބާސް ރިވާކޮށްފައިވަނީ " ޖިބްރީލު ޢަލައިޙިއްސަލާމް، އިތުރު އެކަލޭގެފާނު صلى الله عليه وسلم އަށް ޙަދީޘްފުޅު ކުރެއްވީ، 'މިދުނިޔެމަތީގައި ވަރަށް ވެސް ގިނަ ފިތުނަތައް އުފެދޭނެ' ކަމަށެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. "ފިތުނައިން ސަލާމަތްވެވޭނީ ކިހިނަކުންތޯއެވެ؟" ޖިބްރީލް ޢަލައިހިއްސަލާމް ޖަވާބުގައި ދެންނެވިއެވެ. "މާތް ﷲ ސުބްޙާނަހޫ ވަޠަޢާލާގެ ފޮތް ކިޔުމުންނެވެ."

ޙަޒްރަތު ޝެއިޚުލް ހަދީތު މައުލާނާ މުޙައްމަދު ޒަކަރިއްޔާ ކާންދްލާވީ ،މިޙަދީޘަށް ރިޢާޔަތްކޮށް ކިޔައިދެއްވައިފައި ވަނީ "ކީރިތި ޤުރްޢާން ކިޔެވުމުން ފިތުނައިން ނަފްސު ސަލާމަތްކޮށްދީ ޝައިޠާނާ ހަމަ އެ ވަގުތު އެތަނަކުން ދުރަށްދާނެ" ކަމަށެވެ.

3.ސަލާމާއި ބަރަކާތްތެރިކަން އިތުރުކޮށްދޭ

ޙަޒްރަތު އަބޫ ހުރައިރާ ކިޔައިދީފައި ވަނީ "އެގެއަކީ ޤަވައިދުން ކީރިތި ޤުރްޢާން ކިޔަވާ ގެއެއް ނަމަ، ސަލާމަތާއި ބަރަކާތްތެރިކަން އެގެއެއްގައި އިތުރުވެގެންދާނެ" ކަމަށާއި، "ނަމަވެސް ކީރިތި ޤުރްއާން ނުކިޔަވާ ގެއެއް ނަމަ، އެގެއެއްގައި ފިކުރާއި މައްސަލަތައް އިތުރުވެގެންދާނެ" ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!