ޕީޕީއެމްގެ ފަލްސަފާތައް އެމްޑީޕީ ތެރެއަށް މިއަދު ވެރިވެގެންފައިވާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއިލް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ ކެމްޕޭން ޓީމުގެ ފަރާތުން ރޭ މާލޭގައި ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުންނެވެ.
މީކާއީލް ވިދާޅުވީ އެމްޑީޕީގެ ބަސްކޮށާރު ވެސް މިހާރު ނެތިގެން ގޮސްފައިވާ ކަމަށާއި އެމްޑީޕީން ދަންނަނީ ގަޓު ދައްކައިލުމާއި ގަދަ ދެއްކުން ނޫން ކަމަށެވެ. އެ ޕާޓީން ދައްކަން ބޭނުންވަނީ އިންސާނީ ހައްގުތަކުގެ ވާހަކަކަމަށް މީކާއިލް ވިދާޅުވިއެވެ.
“އެމްޑީޕީގެ ބަސްކޮށާރު ވެސް މިދަނީ ފުނޑެމުން. އަޅުގަނޑުމެން ދަންނަނީ ގަޓު ދައްކައިލުމާ ގަދަ ދައްކައިލުމެއް ނޫން. މި ޕާޓީން ދަންނަނީ އާންމު ރައްޔިތު މީހާ، މި ޕާޓީ ދަންނަނީ އިންސާނީ ކަރާމާތް. އަޅުގަނޑުމެން ދަންނަނީ އިންސާނީ ހައްގު. އޭގެ ވާހަކަ އަޅުގަނޑުމެން ދައްކަން ބޭނުން ވަނީ. ރައްޔިތު މީހާ ބޭނުންވާ އެއްޗެއްގެ ވާހަކަ އަޅުގަނޑުމެން ދައްކަން ބޭނުންވަނީ”
މީގެ އިތުރުން ޕީޕީއެމްގެ ބައެއް ފަލްސަފާތައް މަޑުމަޑުން ފޭދެމުން ގޮސް އެމްޑީޕީގެ ތެރެއަށް ވެރިވެގެެންފައިވާ ކަމަށާއި އެއީ އެމްޑީޕީން ބޭނުންވާ ގޮތް ނޫން ކަމަށް މީކާއިލް ވިދާޅުވިއެވެ.
“ޕީޕީއެމްގެ ބައެއް ފަލްސަފާތައް މަޑުމަޑުން ފޭދެމުން ގޮސް އެމްޑީޕީ ތެރެއަށް ވެރިވެގެންފައި ވާތީ ކަންބޮޑު ވަނީ. ވައްކަން ވެސް ދެން އޯކޭއޭ، ވެންޓިލޭޓަރުގެ ކަންތައް ވެސް ދެން ނިމިއްޖެ ނޫން ހެއްޔޭ، އެ ވާހަކަ ދެން ނުދައްކާށޭ މާބޮޑަށް. އިންތިހާބު ގާތްވަނީ ނޫން ހެއްޔޭ، ވައްކަން ވެސް އޯކޭއޭ، ބައި އެޅެނިކޮށް އޯކޭ ނޫންހޭ. އޯކޭއެއް ނޫން”
މީކާއިލް ވިދާޅުވީ ދައްކަން ބޭނުން ވަނީ ރިލްވާނާއި ޔާމީން ރަޝީދަށް ހައްގު ހޯދައިދޭނެކަމުގެ ވައުދުގެ ވާހަކަ ކަމަށެވެ. އަދި މާލޭގެ އާންމު މެމްބަރުން ދެން ވެސް ދައްކަން ބޭނުން ވަނީ އެމްއެމްޕީއާރްސީގެ ފައިސާ އަނބުރާ ދައުލަތަށް ހޯދާނެ ގޮތުގެ ވާހަކަކަމަށް މީކާއިލް ވިދާޅުވިއެވެ.
“ރިލްވާނާއި ޔާމީން ރަޝީދަށް ހައްގު ހޯދައިދޭނެކަމުގެ ވައުދުގެ ވާހަކަ އަޅުގަނޑުމެން ދައްކަން ބޭނުން ވަނީ އަދިވެސް. މި މާފަންނުގައި ދެން ވެސް ދައްކަން އޮތީ ހަމަ އެ ވާހަކަ. އެމްއެމްޕީއާރްސީގެ ފައިސާ އަނބުރާ ދައުލަތަށް ހޯދާނެ ގޮތުގެ ވާހަކަ މާލޭގެ އާންމު މެމްބަރުން ދެން ވެސް ދައްކަން ބޭނުން ވަނީ" މީކާއިލް ވިދާޅުވިއެވެ.