އަޖޭއާއި ކަރަންގެ ރުޅިވެރިކަން ނިމުމަކަށް
ބޮލީވުޑް އެއް ފަންނާނަކު އަނެއް ފަންނާނަކާ ދެމެދު ދޭތެރެ ދޭތެރެއިން ރުޅިވެރިކަން އުފެދެއެވެ. ފިލްމުތަކުގެ ބޮޑެތި ރޯލުތަކުން ފެށިގެން ފިލްމު ރިލީޒްކުރާ ތާރީޚާ ގުޅިގެން ވެސް ފަންނާނުންގެ މެދުގައި ދެބަސްވުންތައް އުފެދި ވަރަށް ހުތުރުކޮށްވެސް ބައެއް މައްސަލަތައް ނިމެއެވެ.
2016ވަނަ އަހަރު ޕްރޮޑިއުސަރު ކަރަން ޖޯހަރާއި އެކްޓަރު އަޖޭ ދޭވްގަންއާ ދެމެދު ވަރުގަދަ މައްސަލަގަނޑެއް އުފެދުނެވެ. އެއީ ކަރަންގެ ފިލްމު "އޭ ދިލް ހެ މުޝްކިލް"އާއި އަޖޭގެ ފިލްމު "ޝިވާއޭ" ރިލީޒްކުރާ ތާރީހާ ގުޅިގެންނެވެ. މިމައްސަލައިގެ ތެރެއިން އަޖޭ ވަނީ ސޯޝަލް މީޑިއާގައި އޯޑިއޯ ކްލިޕެއް ވެސް އާންމުކޮށްފައެވެ. އެ އޯޑިއޯގައި "ޝިވާއޭ" އެޅުވުން ލަސްކުރަން ކަރަން ރިޝްވަތު ދިންކަމަށް އެކްޓަރު ކަމާލް އާރް ޚާން ބުނެއެވެ.
އަޖޭގެ އަންހެނުން ކާޖޮލްއަކީ ކަރަންގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. މިއުފެދުނު މައްސަލަގަނޑުގައި ކާޖޮލް ސަޕޯޓު ކުރީ އޭނާގެ ފިރިމީހާއަށެވެ. އޭގެ ފަހުން ކަރަންއާއި ކާޖޮލްއާ ދެމެދު ވެސް ކުނޑި ޖެހުނެވެ. އެހެން ނަމަވެސް 2018ވަނަ އަހަރު ކަރަންގެ ޝޯގައި ތިންތަރިން އެއްކޮށް ފެނުނެވެ. މިއާއެކު ވެސް ކުރިން އޮންނަ ގާތްކަމެއް ކަރަންއާއި ކާޖޮލް ބާއްވައިފައެއް ނުވެއެވެ.
އަހަރުތަކެއް ފަހުން ކަރަންއާއި އަޖޭގެ ގުޅުން ރަނގަޅުވެފައިވާކަމުގެ މަލަމަތީ މިވަނީ ފެންނަން ފަށައިފައެވެ. މިދިޔަ ގާތްގަނޑަކަށް ހަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ކަރަން ވަނީ އަޖޭގެ ފިލްމަކަށް ތާއީދު ހޯދަން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައެވެ.
އެގޮތުން އަޖޭގެ ފިލްމު "ރަންވޭ ތާޓީފޯ"ގެ ޓްރެއިލާ ހިއްސާކޮށް ކަރަން ބުނީ ނޭވާ ހުއްޓޭހައި ފުރިހަމަކަމަށެވެ. އަދި މިއީ މި މޫސުމަށް އެންމެ ރަނގަޅު ފިލްމު ކަމަށް ބުނެ ކަރަން ވަނީ ފިލްމުގެ ބައެއް ތަރިން ޓެގު ވެސް ކޮށްފައެވެ.
ކަރަންގެ މިޓުވީޓަށް އަޖޭ ރިޕްލައި ދިނެވެ. އެގޮތުން ބުނީ ތައުރީފުގެ ބަސްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ވީއެންމެ އަވަހަކަށް ކަރަން ވެސް އެފިލްމު ބަލާނެކަމަށް އުއްމީދުކުރާކަމަށް އަޖޭ ބުންޏެވެ.