ރިޕޯޓް

އަގޫ ކުރަމުންދާ ދިގު އިންތިޒާރުގެ ކޮންމެ ސިކުންތެއް، އައިޝޫގެ ފޭދުނު ހިނިތުންވުން ހޯދުމުގައި!

މުޙައްމަދު އަރީޙް ، ދެން އޮންލައިން

(ކޮޗިން، އިންޑިއާ) ގެއަކީ ދެކޮޓަރީގެ ރީތި ގެއެކެވެ. ވިޔަސް ދިވެހި އަވަށްޓެރިއެއް ނެތެވެ. ދިވެއްސެއްގެ ހިލަމެއް ވަނީ އެތައް އިރަކު ދުއްވައިގެންނެވެ. މިއީ އަޤްލީމާ އިބްރާހިމް (އަގޫ)، 31އ.އާއި އޭނާގެ ދެ ދަރީންކަމަށް ވާ އަޝާ ބިންތު އަލީ ޝިފާޒް، 10އ.އާއި ޢާއިޝާ (އައިޝޫ) ބިންތި ޢަލީ ޝިފާޒް، 3އ. މިހާރު ދިރިއުޅޭ ގެއެވެ. ލޯބިވާ ފަސްގަނޑާއި އެ ފަސްގަނޑުގައި ވީ މައިންބަފައިންނާ މާ ދުރުން އުޅެން އަގޫއަށް މިއަދު ތަގުދީރު މަތިކޮށްފައި އޮތް ދިރިއުޅުމަކީ އެކަނިވެރި ދިރިއުޅުމެކެވެ. ބުރަ ދިރިއުޅުމެކެވެ. ނަމަވެސް އަގޫގެ ޝަކުވާއެއް ނެތެވެ. ބޭނުން ވަނީ ބޭސްފަރުވާ ހޯދަމުންދާ ދަރިފުޅަށް ފަސޭހަ ދިރިއުޅުމެކެވެ. ދަރިފުޅަށް ޝިފާ ލިބުމެވެ. ޒުވާން ދުވަސްވަރު އަމިއްލަ ދިރިއުޅުން ޤުރުބާން ކުރަމުން އެ ދާ މަންމަގެ ޤުރުބާނީގެ ކަޅުފޮއި ރޭތަކަށް އަލިވިލުމެވެ.

Ads by STELCO

"ފައްސިޔަ" ދަތުރުގެ ތެރެއިން އަގޫއާ އަހަރެމެންގެ ޓީމުން ދިމާ ކުރަން ނިންމީ ހެނދުނުގެ ވަގުތެއްގައެވެ. ނަމަވެސް ރޯދަ ވީއްލުމެއް ދޭން ބޭނުންވާތީ އަގޫ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އެންމެ ފަހުން މުޅި ތާވަލް ބަދަލުކޮށް، އަގޫގެ ގެއަށް އަހަރެމެން ދިޔައީ ހަވީރު 4:30 ކަންހައިއިރުއެވެ. ޝޫޓް ނިންމައިލައިފައި ރޯދަ ވީއްލަން ގަސްދުކޮށްގެންނެވެ. (އަގޫއަށް ޝުކުރިއްޔާއާއި ހެޔޮ ދުޢާއެވެ.)

ރިސާޗް ހަދާ މޮޅު މަންމައެއް، އައިޝޫގެ އަސްލު ޑޮކްޓަރަކީ މަންމަ

ހަވީރު ގާތްގަނޑަކަށް 4:45ގައި އަގޫގެ ގޭގެ ބޭރުގައި ތިބެ އިންޓަރވިއު ކުރިޔަށް ގެންދާނެ ގޮތަކާ މެދު ކުޑަކޮށް މަޝްވަރާކޮށްލީމެވެ. އައިޝޫގެ މިހާރުގެ ހާލަތާއި ބައްޔާ މެދު ކުޑަކޮށް ވާހަކަ ދައްކައިލީމެވެ. ދަތުރުގެ ވަރުބަލިކަމާއި ވަގުތު ނެތުމުގެ ސަބަބުން މާބޮޑު ބެކްގްރައުންޑް ރިސާޗެއް ހެދިފައެއް ނެތެވެ. މިކަމަށް މަޢާފަށް އެދެމުން، ކެމެރާ ރިކޯޑަށް ޖެއްސީމެވެ.

ވީޑިއޯ އިންޓަވިއުއެއް ނަމަވެސް އަގޫގެ ވާހަކަތައް އަހަރެން ގެންގޮސް ބެއިންދީ ބައިލޮޖީ ކްލާހެއްގައެވެ. މެޑިކަލް ޓަރމްތަކާއި އަގޫގެ މުޅި ވާހަކައިން އޭނާ ދަރިފުޅާ މެދު ވީ ޤުރުބާނީއާއި ހޭދަކުރި ހިތްދަތި ވަގުތުތައް ކުރިމަތީގައި ތަމްސީލްވެއެވެ. މި ލިޔުމުގައި އައިޝޫގެ ހާލަތު ޚުލާސާކޮށް ބަޔާންކޮށްލުމަށް ފަހު އައިޝޫގެ ޙާލަތު އަގޫގެ އަޑުން އަޑުއަހައިލާން ދަޢުވަތު އަރުވަމެވެ.

އަގޫއާއި އޭނާގެ ފިރިމީހާ އަލީ ޝިފާޒަށް ފުރަތަމަ ލިބުނީ ސިއްޙަތު ރަނގަޅު އަންހެން ކުއްޖެކެވެ. ފުރަތަމަ ދަރިފުޅު ސްކޫލަށް ވެއްދުމަށް ފަހު، އަގޫމެން ނިންމީ ދެވަނަ ދަރިޔަކު ހޯދާށެވެ. އަޝާއަށް ކޮއްކޮ ކިޔައިލާނެ ކުއްޖަކު ހޯދާށެވެ. އައިޝޫއަށް ބަލިވެ އިނދެ ވިހޭއިރު ވެސް އެއްވެސް ކަހަލަ ކޮންޕްލިކޭޝަނެއް އަގޫއަކަށް ކުރިމައްޗެއް ނުވެއެވެ. ނަމަވެސް ދަރިފުޅު ލިބި ހެދިބޮޑުވަމުން އައިއިރު ބައެއް އުދަނގޫތައް އައިޝޫއަށް ދިޔައީ ކުރިމަތިވަމުންނެވެ. މިގޮތުން ދެ މަހުން ފެށިގެން ރޯގާ އައުމާއި ހުން އައިސް ގިނަ ދުވަސްތަކެއް ވެއެވެ. އަދި ނޭފަތް ބެދި ނޭވާލާން އުދަނގޫތަކެއް ކުރިމަތިވެއެވެ.

އައިޝޫ އޭނާގެ ދައްތަ އާޝާއާ އެކު

އަގޫގެ ދިރިއުޅުން ވަރުބަލިކޮށްލީ އައިޝޫގެ އުމުރުން 18 މަހުގައި ޑޮކްޓަރަށް ދެއްކުމުން ދިން ޖަވާބަކުންނެވެ. އައިޝޫއަށް އެކަށީގެންވާ ބޭސްފަރުވާ މާލެއިން ލިބެން ނެތުމުން ، ލޯބިވާ އާއިލާއާއި އެކަހެރިވެ ދިރިއުޅުން އިންޑިއާއަށް ބަދަލުކުރަން ޖެހިއްޖެކަން އެނގުމުންނެވެ.

ރާއްޖެއިން ލިބެން ނެތް ފަރުވާއަށް އިންޑިއާއަށް

ފުރަތަމަ ފަހަރަށް އަގޫ ދަރިފުޅު އަދި ފިރިމީހާއާ އެކު އިންޑިއާއަށް ދިޔައީ 2020ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެފަހަރު އައިޝާގެ ޖެނެޓިކް ޓެސްޓްތަކެއް ހަދައި ނަތީޖާ ލިބެންދެން ގިނަ ދުވަސް ވާނެތީ އަނބުރާ ރާއްޖެ އައީއެވެ. ކޮވިޑް-19 ފުރަތަމަ ރާޅާ އެކު ދުނިޔެ ބަންދުވިއިރު، އަގޫގެ އާއިލާ ތިބީ އިންޑިއާގައެވެ. އިންޑިއާއިން މީހުން ގެނައި ފްލައިޓުން ރާއްޖެއައީ 2020ވަނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައެވެ. ތިން މަސް ފަހުން އަނބުރާ އިންޑިއާއަށް ދާ ގޮތަށެވެ.

ކޮވިޑް-19އާ ހެދި ޤައުމު އެއްކޮށް ލޮކްޑައުންކޮށްފައި އޮތުމުން ސީދާ ތިން މަސް ފަހުން ދެވޭ ގޮތެއް ނުވިއެވެ. އައިޝޫގެ ބައްޕަ ކިޔައިދިން ގޮތުގައި 2020ވަނަ އަހަރު ސެޕްޓެންބަރު މަހުގެ ތެރޭގައި އޭރު އިންޑިއާއަށް ދިޔައީ މެޑިކަލް ވިސާގައެވެ.

"އޭގެ ކުރިން ފަހަރު ދިޔައީ އޮން-އެރައިވަލް ވިސާގައި. ފަހުން މެޑިކަލް ވިސާ ހައްދައިގެން ދިޔައީ" އައިޝޫގެ ބައްޕަ ޝިފާޒް "ދެން"އާ ހިއްސާކުރިއެވެ.

(2019ވަނަ އަހަރު މާރިޗް މަހުން ފެށިގެން 90 ދުވަހުގެ އޮންއެރައިވެލް ވިސާއެއް އަގޫއަށް ލިބުނެވެ. މެޑިކަލް ބޭނުމެއްގައި ނަމަވެސް އޮން-އެރައިވަލް ވިސާގައި މަޑުކުރެވޭ ގޮތް އޭރު ވަނީ ހަމަޖައްސައިދީފައެވެ. ނަމަވެސް ކޮވިޑް-19އާ އެކު އިންޑިއާއަށް އެތެރެވުން ހުރިހާ ޤައުމަކަށް މަނާ ކުރުމާ އެކު، މި އުސޫލަށް އަމަލު ކުރުން މަޑު ޖެހުނެވެ.

ކޮވިޑް-19އާ އެކު އިންޑިއާގެ ބޯޑަރު އެއްކޮށް ބަންދު ކުރުމާ އެކު އެއްވެސް ޤައުމަކުން އިންޑިއާއަށް އޭރު އެތެރެއެއް ނުވެވެއެވެ. ނަމަވެސް 2020ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ރާއްޖެއިން ބޭސްފަރުވާއަށް ދާ ފަރާތްތަކަށް އިންޑިއާއަށް އެތެރެވެވޭ ގޮތަށް ޚާއްސަ ލުޔެއް ދިނެއެވެ. 2020ވަނަ އަހަރު ޖޫން މަހުން ފެށިގެން 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް ޚާއްސަ ހުއްދައިގެ ދަށުން 14،000އަށް ވުރެ ގިނަ ދިވެހިން ބޭސްފަރުވާގެ އެކި ކަންކަމަށް އިންޑިއާއަށް ވަނީ ދަތުރުކޮށްފައެވެ.)

އަގޫގެ އާއިލާއިން 2020ވަނަ އަަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި އިންޑިއާއަށް ދަތުރު ކުރީ، މި ޚާއްސަ ހުއްދައިގެ ދަށުން މެޑިކަލް ވިސާގައެވެ.

އިންޑިއާގައި އައިޝޫ ދައްކަނީ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށެވެ. މާރިޗް މަހުގެ ތެރޭގައި ހެދި ރިޕޯޓްގެ ނަތީޖާ ލިބުނީ އެ ހިސާބުންނެވެ. އައިޝޫގެ ބައްޔަކީ އޮޓޯ އިމިއުން ނިއުޓްރޮޕީނިއާ ކަމަށް އެފަހަރު ހެދި ޓެސްޓްތަކުގެ ނަތީޖާއިން ޑޮކްޓަރުން ޝައްކުކުރިއެވެ. ނަމަވެސް ޔަގީނެއް ނުވިއެވެ. އަނެއްކާވެސް ޖެހުނީ އިތުރު ޓެސްޓްތަކެއް ހެދުމަށްފަހު ޓެސްޓްތަކުގެ ނަތީޖާއަށް އިންތިޒާރުކުރަންށެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ އިޙްމާލުގެ ވާހަކައާއި އަމްރިތާގެ ޑޮކްޓަރުންނަށް ތައުރީފް

ބަލި ދެނެގަނެވުނީތީ، ޝިފާއަކަށް އެދި ދުއާ ކުރާ ހާލު، އިންޑިއާއިން ފުރައިގެން އައީ، އައިޝޫގެ ހާލު ގޯސްވެއްޖެ ނަމަ ކަންތައް ކުރާނެ ގޮތް އަމްރިތާގެ ޑޮކްޓަރުން ލައްވައި ލިޔެގެންނެވެ. ފަހަރުގައި ވެސް ރާއްޖޭގެ ޑޮކްޓަރުންނަށް އިތުބާރު ނުކުރާތީއެއް ނޫނެވެ. އައިޝޫއަށް ޖެހިފައި ވަނީ ނިއުޓްރޮޕީނިއާ ކަމަށް ޝައްކުކަމަށް ވިދާޅުވެ ފަރުވާއަށް އިންޑިއާއަށް ދާން ފުރަތަމަ ލަފާ ދެއްވީ ވެސް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، ޑރ. ނަޒްލާ މުސްތަފާއެވެ. އެހެން ނަމަވެސް ރާއްޖޭގައި ޕިޑިއަޓްރިކް ހެމިޓޮލޮޖިސްޓް ޑޮކްޓަރެއް ނެތުމަކީ އަގޫގެ ކަންބޮޑުވުމެކެވެ.

އަގޫގެ ކަންބޮޑުވުންތައް އެއީ ހާމަވާން ޖެހޭ ކަންބޮޑުވުންތަކެއްކަން ހާމަވެގެން ދިޔައީ ހުޅުމާލޭ ހޮސްޕިޓަލުން ކަންތައް ކުރި ގޮތުންނެވެ.

މިކޮޅުން 6 ގަޑިން ދޭން ޖެހޭ އެއްޗެއް ހުޅުމާލޭ ހޮސްޕިޓަލުން މިދެނީ، 15 މިނެޓް އިން، 1 ގަޑިއިރު 30 މިނިޓުން. މި ގޮތަށް. ދޭން ފެށީމަ އައިޝޫ، ވަރަށް ބޮޑަށް ހުން އާދޭ. އައިވީއައިޖީ ގުޅައިފައި އޮންނައިރު ހަމަ ވަގުތުން އަތް ވެސް ދުޅަވޭ. ޕްރިކް [އިންޖެކްޝަން ޖަހަން ކަށި ހެރުން] ކުރާއިރު، ސޭމް ޓައިމްގައި ޕްރިކް ކޮށްފާނެ ހަތް ފަަހަރު ވެސް. އޭރު އައިޝޫ 2 ދެ އަހަރު ވީ. އެހައި ހިސާބުން އައިޝޫ އެއްކޮށް ވާހަކަ ދެއްކުން ހުއްޓައިލީ. ހުންއައީމަ ވެސް ބޭސް ގުޅައެއް ލައްވައިލައިފައި، ބޭސް ގުޅައެއް ދީފައި، އައިވީ އައިޖީ ކޮންޓިނިއު ކުރީ.

ހުޅުމާލޭ ހޮސްޕިޓަލުން ދިން ފަރުވާތަކަށް ފަހު ކުޑަކުޑަ އައިޝޫގެ ހިނިތުންވުން މުޅިންހެން ފޭދިގެން ދިޔައެވެ. މީހުންނާ ވާހަކަ ދެއްކުމާއި އިޝާރާތް ކުރުން ވެސް މުޅިން ހުއްޓުނެވެ. މިކަން ވީ އަގޫގެ ލަނގޮޑިއަށް ކެތްވާ ވަރުގެ ކަމަކަށް ނޫނެވެ. ކޮންމެ 14 ދުވަހަކުން ލޭގެ ޓެސްޓް ހަދަން ޖެހޭއިރު، ކޮންމެ ފަހަރަކު ތުއްތު އައިޝޫގެ ގަޔަށް ކަށި ކޮއްޕާލާ ވޭން، އަގޫގެ ޖިސްމާއި ރޫޙްގައި ވެސް އަޅައެވެ. ފެންކަޅިވެފައިވާ ދެ ދޮލުން އައިޝޫ މަންމައަށް ބަލައިލާ ކޮންމެ ފަހަރަކު އަގޫގެ ހިތް ފަޅައިގެންދެއެވެ.

އައިވީއައިޖީ ގުޅުމަށް ކަށި ހަރާފައި.. މި ދުވަސްކޮޅު އައިޝޫގެ ވާހަކަ ދެއްކުން އެއްކޮށްހެން ހުއްޓުނު

މި ވާހަކަތައް ހިއްސާ ކުރިއިރު އަގޫ ވަނީ ފެންކަޅިވެފައެވެ. އަމިއްލަ ވަޒަން ދޫކޮށް، ބީރައްޓެހި ވަޒަނަކަށް ދިރިއުޅުން ބަދަލު ކުރަން މަޖުބޫރު ކުރި ސަބަބު މުޅީން ސާފުވިއެވެ.

އުފުލަމުންދާ ބުރައަށް އިތުރު ބުރައެއް! އަގޫވެސް ބޮޑު ވޭނެއްގަ!

އަގޫގެ ބުރައަށް އިތުރު ބޮޅެއް މިއަދު ވަނީ އިތުރުވެފައެވެ. މިއަދު އަގޫ ވެސް މިވަނީ ބައްޔެއްގެ ޝިކާރަކަށް ވެފައެވެ. ނޭފަތުގައިވާ ސިސްޓެއް ނަގަން ޖެހިފައެވެ. މިކަން ރާއްޖެއިން ކުރެވޭތީ، އިންޑިއާއިން މިކަން ކުރަން އާސަންދައެއް އަގޫއަކަށް ނުލިބެއެވެ. އާސަންދަ ބޭނުން ނަމަ އަގޫއަށް ޖެހެނީ މާލެދާށެވެ. އައިޝޫއާ ދެތަން ވާށެވެ. މިކަމަށް އިތުރު މަގެއް ލިބޭނެކަމަށް އަގޫ އުންމީދު ކުރެއެވެ.

އައިޝޫ މިހާރު ފެންނަނީ ވަރަށް ހަލަނިކޮށް... ދެން އިމޭޖްސް/ޒައީމް

އޮންލައިން ވިޔަފާރިއާ އެކު މިހާރު ބޭނުން ވަނީ ހެޔޮ ދުއާ

އެނބުރި ރާއްޖެ ދާނީ އައިޝޫއަށް ފަރުވާ ލިބިގަނެގެންކަމަށް ނިޔަތް ގަނެ ފޮށި ތަންމަތި ބަނދެ،  ރިހާކުރުފުޅިއަކާއި ހިކި މަސް ޕެކެޓެއް ހިފައިގެން އަގޫގެ ދިރިއުޅުން އިންޑިއާއަށް ބަދަލު ކުރީ 2021 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައެވެ. މުޅި ދިރިއުޅުން ބަދަލު ކުރަން ޖެހުމާ އެކު، އޭރު އަގޫ އެހީއަށް އެދުނު އަތުގައި އެތައް ބަޔަކު ހިފިއެވެ. އެކަން ޝުކުރުވެރިކަމާ އެކު ބަލައިގަންނަމުން އަގޫ މިއަދު އެދެނީ އެންމެންގެ ހެޔޮ ދުޢާއަށެވެ.

"ފިރިމީހާގެ ސެލެރީއާއި އޮންލައިން ވިޔަފާރިކޮށްގެން ލިބޭ އެއްޗަކުން މިހާރު ދެކޮޅު ޖެހޭ އިންޝާﷲ." ދަތި ހާލުގައި ވެސް އަމިއްލަ ފައިމައްޗަށް ތެދުވުނީތީ ފަޚުރުވެރިވެ އަގޫ ބުންޏެވެ.

މިއަދު އަގޫއަކީ ފުލްޓައިމް މަންމައެއްގެ އިތުރުން ކުޑަ ވިޔަފާރިއެއް ހިންގާ ހީވާގި، ނަމޫނާ މަންމައެކެވެ، ރާއްޖޭގައި ތިބި ރަޙްމަތްތެރިންގެ އެހީއާއި، ރާއްޖޭގައި ވަޒީފާ އަދާ ކުރަމުންދާ ފިރިމީހާގެ އެހީގައި އަގޫއަކީ މިއަދު ކޮޗިންއިން ރާއްޖެއަށް ތަކެތި ފޮނުވައިގެން ވިއްކަމުން އަންނަ ކުޑަކުޑަ އޮންލައިން ވިޔަފާރިއެއްގެ ވެރިޔާއެވެ. ޑެލިވަރީ ބޯއީއަކީ ފިރިމީހާއެވެ. ސްޓޮކް ބަލަހައްޓަނީ ބެސްޓް ފްރެންޑެވެ.

އަގޫ އުޅެމުން ދިޔަ ގޭގެ އިރުމަތީ ފާރުގައި ހުރި ޝެލްފް ޚާއްސަކޮށްފައި ހުރީ ވިޔަފާރީގެ މުދަލަށެވެ. އީދަށް އެތަނުން ކުލަ ޕެކެޓެއް އަގޫގެ ސާ ކަލެކްޝަންއިން ގަތީ ކުޑަކުޑަ އާއިލާއަކަށް އެހީވެވުނު ކަމުގެ ހިތްހަމަ ޖެހުމާ ވެސް އެކީގައެވެ.

ވިޔަފާރިކޮށްލަން ބޭނުން ނަމަ ޕޭޖް ލިންކް މި އޮތީއެވެ.

ބަންގީގެ އަޑާ އެކު އަހަރެމެން ކާ ގެއާ ދިމާއަށް ދިޔައިރު، ސުފުރާމަތި ހުރީ ތައްޔާރުކޮށްފައެވެ. ރޯދަ ވީއްލުމުގައި ވެސް ދެކެވުނު ވާހަކަތަކުގައި އަގޫ އެންމެ ބޮޑަށް ފާހަގަކުރީ ދިވެހީންގެ ދީލަތިކަމަށެވެ. ނުތަނަވަސްކަމުގައި ވެސް ހިތްހަމަ ޖެހުން ހޯދައިދިން އެކުވެރީންނެވެ. އަގޫ މިއަދު އިންތިޒާރަކީ ހުރިހައި އެންމެންގެ ދުއާއާ އެކީ އައިޝޫއަށް ނޯމަލް ދިރިއުޅުމެއް ލިބޭނެ ދުވަހެކެވެ. އުމުރުން 5 އަހަރުވާ އިރު އައިޝޫއަށް ބަލިން ޝިފާ ލިބި މުޅިން ރަނގަޅުވާނެ ކަމަށް އަމްރިތާގެ ޑޮކްޓަރުން ލަފާ ދެއްވައިފައި ވާތީ، ޑޮކްޓަރުންނަށް ޝުކުރުގެ ހިތަކާ އެކު އަގޫގެ ކޮންމެ ދުވަހަކީ ކުރިމަގަށް ކުރާ އުންމީދެކެވެ. އިންތިޒާރަކީ ދިގު ފަސް އަހަރަކަށް ވާނެ ނަމަވެސް އަގޫގެ އަޒުމަކީ އެ ފަސް އަހަރުގެ ކޮންމެ ސިކުންތެއް ވެސް އައިޝޫގެ ޚިދުމަތުގައި ގުނުމެވެ. ފޮނި އުއްމީދުގައި ހޭދަކުރުމެވެ. އުނދަގުލަކަށް ފަހު ފަސޭހައެއް އަންނާނެކަމުގެ އަސާސްގައި ސާބިތުވުމެވެ.

"ފައްސިޔަ" އަދި "ދެން"ގެ ޓީމުން އައިޝޫއަށް އެެދެނީ ފުރިހަމަ ސިއްޙަތަކަށެވެ. އަގޫގެ ހިތްވަރަށް ސާބަހެވެ. އެއީ އަގުހުރި މުތީ ފަދަ މަންމައިންގެ ވެސް ރަން މުތެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!