ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

ރާޔާއަށް ބަލަންހުރި ރީއާން އޭނާއާ ގާތަށް އަންނަން ފެށުމުން ރާޔާއަށް އިސްޖަހައިލެވުނީ ހަދާނެގޮތް ހުސްވެފައިހުރި މީހަކުފަދައިންނެވެ. މޫނު ޖެހޭހައި ގާތަށް ރީއާން އައިސް ހުއްޓިލުމާއެކު ރާޔާއަށް ހިންދިރުވައިލެވުނެވެ. ޝަހާދަތް އިނގިލިން ރާޔާގެ ކުޑަ ދަތްދޮޅީގައި ހިފައި އެމޫނު ރީއާން އުފުލައިލީ ހަތަރުކަޅި ބައްދަލުވާނެފަދައިންނެވެ. ފެންކަޅިވަމުންދިޔަ ރާޔާގެ ތޫނު ދެލޯ އެހައި ގާތުން ފެނުމުން ރީއާންގެ ހިތުގެ ހިނގުން ހިނދުކޮޅަކަށް މަޑުޖެހިލިފަދަ އިހުސާސެއް ކުރެވުނެވެ.

Ads by Hajj Corporation

ރާޔާގެ ދެލޮލަށް ބަލަހައްޓައިގެން ހުރި ރީއާންގެ ކޯކަށިގަނޑަށް ވާންވެލިއެވެ. ހިންދިރުވައިލުމާއެކު ރާޔާގެ ދަތްދޮޅިން ދޫކޮށްލަމުން އޭނާ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. އަދި އިރުކޮޅަކު ރާޔާއަށް ބަލަން ހުރުމަށްފަހު ފަސްއެނބުރި އެތަނުން ނުކުތުމަށް ހިނގައިގަތެވެ. ދޮރާ ހަމައަށް އައިސް ރީއާން މަޑުޖެހިލިއެވެ. އަދި ކަނައަތު ކޮނޑާ ދިމާއަށް މޫނު އަނބުރައިލަމުން ދެއަތް މުށްކަވައިލިއެވެ.

"މީހެއްގެ އަނތްބެއް ގައިގަ އަތްލެވުނީތީ މަޢާފަށް އެދެން.. ހިނދުކޮޅަކަށްވިއަސް އަހަންނަށް އެކަން ހަނދާންނައްތައިލެވުނީ.." ހިތިގޮތަކަށް ހީނލަމުން ރީއާން ބުނެލިއެވެ. އެތަށް ދުވަހަކަށްފަހު، އެ ފިރިހެންވަންތަ އަޑު އިވުމުން ރާޔާގެ ގައިން ހީބިހި ހިލިގެން ދިޔައެވެ. ރީއާންގެ ވާހަކަތަކުން ރާޔާއަށް ތުންފަތުގައި ދަތްއަޅައިލެވުނެވެ. އެއަޑުގައިވި ދުރުކަމުން އަމިއްލަ ނަފުސު ކުށްވެރިކުރެވޭގޮތް ވިއެވެ. އެއްވެސް އެއްޗެއް ނުބުނެ އެހުރި ގޮތަށް އޭނާ ހުރީއެވެ. ރީއާންއަށް ވާހަކަދައްކަން ފުރުސަތުދީގެންނެވެ.

"މަކަރުވެރިންނަށް ވެސް ތަންތަނުން ވަޒީފާ ދޭބާއޭ ހިތަށް އަރަނީ.. އަނެއްކާ މިތަނުން ރާޔާ ވަޒީފާ ހޯދީ އޮޅުވައިލައިގެންތަ؟ މީހުނަށް ކަންކަން އޮޅުވައިލާ މީހުންގެ އިހުސާސުތަކާ ކުޅުމުގަ ތިވަރެއް ނެތް ވިއްޔަ.. އަހަރެން ހަމަ އަޖައިބުވޭ ރާޔާ މިތަނުގަ ވަޒީފާ އަދާކުރާތަން ފެނުނީމަ.. އެހެންނު ވާނީ.. ރާއްޖޭގެ ފެންވަރުން ހޮވައިލެވޭފަދަ މުއްސަންޖަކާ ވިއްޔަ ކައިވެނިކުރީ.." ރީއާންގެ އަޑުގައިވީ މަލާމާތެވެ. ބަހެއްވެސް ނުބުނެ ރާޔާ ހުއްޓެވެ. އެއިން ކޮންމެ ބަހެއް ބުނުމުގެ ހައްގުވެސް މިއަދު ރީއާންއަށް އޮތްކަން އެނގޭތީއެވެ. މީހަކު ނުބުންޏަސް އޭނާ އަކީ ކުށްވެރިއެއްކަން ޚުދު ރާޔާ އަމިއްލައަށްވެސް ގަބޫލުކުރެއެވެ. ވީއިރު، ދެކޮޅަށް އެއްޗެއް ބުނާކަށް އޭނާ ބޭނުމެއްނުވިއެވެ.

ރާޔާއަށް ނިސްބަތްކޮށް ބުނެވުނު ކޮންމެ ލަފުޒަކުން ރީއާންގެ ހިތަށް އަސަރުކުރިކަން އެމޫނުމަތިން ހެކިދެއެވެ. އިތުރަށް އެންމެ ހިނދުކޮޅަކުވެސް އެތަނުގައި ހުންނަން ބޭނުންނުވެ، ދޮރު ހުޅުވައިލަމުން އޭނާ ނުކުތީއެވެ. އެއާއެކު އަނގަމަތީގައި އަތް އަޅަމުން ރާޔާއަށް ފާރުގައި ލެގިލެވުނެވެ. ހިތަށް އަސަރުކޮށްފައިވީ އިންތިހާއަށެވެ. އެތައް ފަހަރަކު ރީއާންގެ ވާހަކަތައް ދޮގުކޮށް ހަގީގަތް ހާމަކުރަން ރާޔާގެ ހިތް އެދުނެވެ. އެހެނަސް، މިއަދު އެއީ ބޭކާރުކަމެކޭ ހީވަނީއެވެ. އަހަރުތަކެއްކުރިން ހާމަކުރަން ޖެހިލުންވި ހަގީގަތެއް މިއަދު ވަކި ހާމަކުރާނީ ކޮންދުލަކުން ހެއްޔެވެ؟

ބާރު ހިނގުމުގައި އައިސް އޭނާއަށް ޚާއްސަކުރެވިފައިވި ކެބިންއަށް ރީއާން ވަނެވެ. ގޮނޑިއަށް ހަށިގަނޑު ދޫކޮށްލުމާއެކު ދެލޯ މަރައިލަމުން ނިތުގައި އަތްހިންގައިލީ ސިކުނޑިއަށް ބާރުކުރަމުންދިޔަ ޚިޔާލުތަކުން ހިނދުކޮޅަކަށް ނަމަވެސް މިންޖުވާން ބޭނުންވެފައި ވުމުންނެވެ. މީޓިންގް ހޯލްއިން ނުކުންނަން ދިޔަ ރާޔާ އޭނާގެ ލޮލުގައި އަޅައިގަތީ ސަމަދާ ވާހަކަދައްކަން ހުއްޓައެވެ. ފެނުނު މަންޒަރު ގަބޫލުކުރުން އޭނާއަށްވީ ދަތިކަމަކަށެވެ. އެހެނަސް ކިތަންމެ ދުވަހެއްފަހުން ފެނުނަސް އެ ސޫރަ އޭނާގެ ހިތް ދެނެގެންފިއެވެ. ހިތުގައި އެ އަންހެންވަންތަ ސޫރަ ބިންވަޅުނެގިފައިވީ ދުވަހަކު ފަނޑުވުމެއް ނުވާނެ ފަދައިންނެވެ. ސަމަދު ގާތުގައި އެބަ އަންނަންކަމަށް ބުނެލުމަށްފަހު އަވަސް އަވަހަށް ރާޔާގެ ފަހަތުން ދިޔައީ އޭނާގެ ދެލޮލަށް ފެނުނު މަންޒަރު ޔަގީންކުރަން ބޭނުންވެފައި ހުރިވަރުންނެވެ. ހިތުގައި އެ އަންހެންކުއްޖާއާ މެދުގައި ނަފުރަތުގެ ބޯފާރެއްވިއަސް، ރާޔާ ފެނުމާއެކު ރީއާންގެ ހިތް ތެޅިގަތީ މީގެ އަހަރުތަކެއް ކުރިން އެ ސޫރަ އެންމެ ފުރަތަމަ ފެނުނު ދުވަހުވެސް ތެޅިގަތްފަދައިންނެވެ. ހިތުގެ ވިންދު އަވަސްވީ ކުއްލިއަކަށެވެ. ދެފަރާތަކަށް ބޯހޫރައިލަމުން ދެލޯ ހުޅުވައިލީ އެ ހަނދާންތައް ކުރަން ބޭނުންނުވެފައި އިނދެއެވެ. ނިތްކުރީގައި ހިފަހައްޓައިލައިގެން ހުއްޓައި ދޮރުގައި ޓަކި ޖަހައިލަމުން އެތެރަށް ވަނީ ސަމަދެވެ. ރީއާން އިންގޮތް ފެނި ހުރިހައި ކަމެއް ރަނގަޅުތޯ އޭނާ އަހައިލިއެވެ.

"ޝީޒް ހިއަރ.." އިސްޖަހައިގެން އެ އިންގޮތަށް އިނދެ ރީއާން ބުންޏެވެ. ނިތަށް ރޫގިނަވެލިގޮތުން ރީއާން އެބުނި އެއްޗެއް ސަމަދަށް ނުވިސްނުނުކަން އަންގައިދެއެވެ.

"ކާކު.." އިރުކޮޅަކު ރީއާން އެއްޗެއް ބުނޭތޯ ހުރުމަށްފަހު ސަމަދު އަހައިލިއެވެ.

"ރާ..ޔާ.." އެނަން ކިއުން ރީއާން އަށްވީ ދަތިކަމަށެވެ. ވޭންދެނިވި ކަމަކަށެވެ. ރީއާންގެ ދުލުން ބޭރުވި ނަން އިވިފައި ސަމަދަށް ތެޅިގަނެވުނެވެ. އަވަސް ހަރަކާތަކާއެކު އައިސް ރީއާނާ ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައި އޭނާ އިނށީނެވެ.

"ޔަގީންތަ؟" ކަންބޮޑުވެފައި ސަމަދު އަހައިލިއެވެ. ބޯޖަހައިލަމުން ފުންނޭވާއެއް ރީއާން ދޫކޮށްލިއެވެ. "ފަސް އަހަރު ވަންދެން އެ ހަނދާންތަކާ ދުރަށް ދުވަމުން މިއައީ.. ރާއްޖެ އަންނަން ބޭނުންނުވެފަ ހުރީވެސް އިއްތިފާގަކުންވިއަސް އޭނައާ ބައްދަލުވާން ނޭދޭތީ.. ސަމަދު.. އަހަރެން އޭނަ އެދުނު ފަދައިން އޭނައާ ދުރުގަ ހުންނަން މަސައްކަތްކުރިން.. އެކަމުން އަހަރެންގެ ހިތަށް އަސަރު ކުރިވަރު އެންމެ ރަނގަޅަށް އެނގޭނީ ސަމަދަށް.. އެކަމަކު މިއަދު.. އެ ހުރިހައި މަސައްކަތެއް ބޭކާރުވެއްޖެކަމުގެ އިހުސާސު ކުރެވެނީ.. ތަޤުދީރުގެ ހިތި ސަމާސަ ނިކަން ދެކިބަލަ.. ރާއްޖެ އައިތާ ތިން ދުވަސް ނުވޭ.. އެ ސޫރައަކާ ދުރަށް އަހަރެން ދުވަމުންދިޔަ ސޫރަ މިއަދު އެހުރީ އަހަރެން ކުރިމަތީގަ.." ނުބުންޏަސް ރީއާންގެ އަޑުގައިވި ހިތްދަތިކަން ވިސްނި ސަމަދަށް ދެއަތަށް ބާރުކޮށްލެވުނެވެ. ރާޔާގެ ސަބަބުން ރީއާން އުފުލި ވޭނާއި ހިތްދަތިކަން އެންމެ ގާތުން ދުއްމީހަކީ އޭނާއެވެ. އެ ހިތާމަތަކުން ރީއާން އަރައިގަތީ ނުހަނު އުނދަގުލުންނެވެ. ހިތުގައި އެޅި ވޭން، އޭނާ މުޅިން އެހެން މީހަކަށް ބަދަލުކޮށްލީ ކުޑަ ދުވަސްކޮޅެއްގެ ތެރޭއެވެ. މީހުނާ އެކަހެރިވެ އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ރީއާން ހުންނަ ވަގުތުތައް ގިނައެވެ. ކޮންމެހެން ބުނަން ޖެހިއްޖެ އެއްޗެއް ނޫނީ އެދުލުން ބޭރެއް ނުވެއެވެ. ހަމަހިމޭންކަން އޭނާގެ މުޅި ނަފުސު ވަށައިލީއެވެ. އަބަދުވެސް ސަކަ ހިނިތުންވުމެއް ރަސްކަން ކުރަމުންދިޔަ މޫނުން ހިނިތުންވުން ފިލައިގޮސް ސީރިއަސްކަން ވެރިވިއެވެ. ހިނިތުންވުމަކީ މިއަދު އޭނާގެ މިޒާޖުގައިވެސް ނެތްކަމެއް ފަދައެވެ. އަންހެންކުއްޖަކަށް އިސްއުފުލައި ބަލައިނުލާ ތަނުގައި، އެއިންކުއްޖަކަށް ވެސް އޭނާއާ ގާތްވުމުގެ ފުރުސަތެއް ނުދެއެވެ. ލޯތްބަކީ ރީއާން ދަންނަ އެއްޗެއް ނޫން ކަހަލައެވެ. ދެވަނަ ފަހަރަށް އެފަދަ އިހުސާސުތަކެއް އަމިއްލަ ހިތުގައި އުފެދުމަކަށް އޭނާ ނޭދެއެވެ. ލޯބީގެ ސަބަބުން ހިތަށް ލިބުނު ފުން ޒަޚަމްތައް އަދިވެސް މުޅިން ފަސޭހަނުވާކަން ގައިމެވެ. އެ ޒަޚަމްތަކަށް ޝިފާއެއް ލިބޭނެ ދުވަހެއްވެސް ބުނެދޭން ދައްޗެވެ.

"ރީއާން.. އަހަންނަށް އެނގޭ ރާޔާއަށް ތިހިތުގަ ނަފުރަތު އޮތް މިންވަރު.. އެހެންވިއަސް ބުއްދީގެ މައްޗަށް ރުޅި އިސްނުކުރާތި.. އިރެއްގަ ތީ ބަޔަކު ދަންނަ މޫނަކަށް ނުވިއަސް، މިހާރު ތީ މުޅި މި ކޮމްޕެނީވެސް ރިޕްރެސެންޓް ކުރާ ފަރާތެއް.. އުސައިދުބެ އާއި ހުޒައިމްބެގެ އަގު ވެއްޓޭނެފަދަ ކަމެއް ނުކުރާތި.. ބައެއް ފަހަރު ރުޅިއަކީ ތިމާއަށް ހެވާ ނުބާ އޮޅުވާލާ އެއްޗެއް.. އެހެންވީމަ އެވަރު ދަނެގެން ހުންނާތި.. ކޮންމެ ގޮތެއްވިއަސް މިތަނަށް މި އޮތީ އާދެވިފަ.. އެހެންވީމަ ބޭކާރު ކަންތަކާ ވިސްނުމުގެ ބަދަލު މަސައްކަތަށް ސަމާލުކަންދީ.. އަމިއްލަ ނަފުސު ހިފަހައްޓާނީ ތިމާ.. އޭގެ ލަގަން އަތުން ދޫވެގެންދިޔަ ނުދޭތި.." އެކުވެރިޔާގެ ހާލާ މެދުގައި ކަންބޮޑުވިއެއްކަމަކު ސަމަދުގެ ދުލުން ބޭރުވީ މުޅިންވެސް ހެޔޮ ނަސޭހަތެވެ. ކިރިޔާވެސް ރީއާންއަށް ދެރަގޮތެއް ވާކަށް އޭނާ ނޭދެއެވެ. ޔާސްމީނާއި އުސައިދު ރީއާންއާ މެދުގައި ކަންބޮޑުވެފައިވީ މިންވަރު އޭނާއަށް އެނގެއެވެ. އިތުރަށް އެދެމީހުން ރީއާންގެ ސަބަބުން ވިސްނާ ފިކުރުކުރާނެފަދަ ކަމެއް ކުރިމަތިވާކަށް އޭނާ ބޭނުމެއްނުވެއެވެ.

"އަހަންނަކީ އެފަދަ ކަމެއް ކުރާނެ މީހެއް ނޫންކަން ސަމަދަށް އެނގެއެއްނު.. ރާޔާއަށްވީ ވަޢުދު މަތީ ދެމިހުންނަން އަހަރެން މަސައްކަތް ކުރާނަން.. އޭނާއާ ވީހާވެސް ދުރުގަ.." އަމިއްލަ ނަފުސުގެ މައްޗަށް ބާރު ފޯރުވަމުން ރީއާން ބުނެލީ ހިތި ގޮތަކަށެވެ. އެއަޑުގައި އެތައް ހާސް ޖަޒުބާތެއް އެކުލެވިގެންވިއެވެ. އެވަގުތު ދޮރުގައި ޓަކި ޖަހައިލަމުން ޒައިވާ އެތެރަށް ވަނެވެ. ވަގުތުން މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލަމުން ސީރިއަސްކަން ރީއާން މޫނަށް ވެރިކޮށްލިއެވެ. އެތެރަށް ވަތް ޒައިވާގެ ފަހަތުން ޔަމާނާ އެކުގައި އިސްޖެހިފައި ހުރެ ވަތް ރާޔާ ފެނި އިންތަނުން ކުއްލިއަކަށް ރީއާން އަށް ތެދުވެވުނެވެ. ރީއާނަށް ވީގޮތްފެނި ސަމަދު އައިސް އޭނާގެ ގާތުގައި ހުއްޓިލަމުން ކޮނޑުގައި އަތްޖައްސައިލިއެވެ.

"މީ އަޅުގަނޑުގެ އެސިސްޓެންޓް، ރާޔާ.. ރީއާންމެންގެ މަސައްކަތުގަ އެހީތެރިކަން އޭނަ ފޯރުކޮށްދޭނެ.. އެއްވެސް ކަމެއް ބޭނުންވެއްޖެނަމަ ރާޔާއަށް އަންގާލާ.." ރާޔާއަށް އިޝާރާތް ކޮށްލަމުން ޔަމާން ބުނެލީ ހިނިތުންވެލަމުންނެވެ. އެންމެނަށް އަވަސް ނަޒަރެއް ދެމުން ގަދަކަމުން ހިނިތުންވެލަން ރާޔާ ހިތްވަރުކުރިއެވެ. އެހެނަސް އެ ހިނިތުންވުން އޭނާގެ ލޮލާ ހަމައަށް ފޯރާގޮތެއް ނުވިއެވެ. ފުންނަޒަރަކުން ރާޔާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ޒައިވާ ހުއްޓެވެ.

"އަޅުގަނޑުގެ މަސައްކަތުގަ އެހީތެރިވާން ޒައިވާ ހުންނާނެ.. އެހެންވިއަސް ކަމެއް ބޭނުންވެއްޖެނަމަ ޒައިވާ ތްރޫކޮށް ޔަމާންގެ އެސިސްޓެންޓަށް އަންގާލަ ދޭނަން.." ޒައިވާއަށް ބަލައިލަމުން ޔަމާންގެ ވާހަކަތަކަށް ރީއާން ޖަވާބު ދިނެވެ. ބޯޖަހައިލުމާއެކު ޔަމާންގެ ހިނިތުންވުން ފުޅާވެލިއެވެ.

"ތި ދެމެދުގަ ވަރަށް ގާތް ގުޅުމެއް އޮތްހެން ހާދަ ހީވެއޭ.." ޒައިވާ އާއި ރީއާން އަށް ވަކިވަކިން ބަލައިލުމާއެކު ޔަމާންގެ ހިތުގައިވި އެއްޗެއް ދުލުން ބޭރުވިއެވެ. އެއަޑު އިވިފައި ރާޔާއަށް ރީއާންގެ މޫނަށް ބަލައިލެވުނީ ބޭއިޚުތިޔާރުގައެވެ. ރާޔާގެ މޫނުމަތީގައިވި ކުލަވަރުފެނި ރީއާނަށް ނިތްއަރުވައިލެވުނެވެ. "ތި ހީކުރެވުނީ ރަނގަޅަށް.. ވީ ވިލް ސޫން ބީ ވަން.. އެހެންނު ޒައި.." ސީދާ ރާޔާގެ ދެލޮލަށް ބަލަންހުރެ ރީއާން ބުނެލިއެވެ. އިވުނު ބަސްތަކުން ލިބުނު ސިހުމުގައި ބުނާނެ އެއްޗެއް ނުވިސްނިފައި ޒައިވާ ހުރީއެވެ. ރީއާން އެހެން ބުނަން ޖެހުނު ސަބަބެއް އެއްގޮތަކަށްވެސް ޒައިވާ އަކަށް ނޭނގުނެވެ. އެ ބުނާފަދަ އެއްވެސް ގުޅުމެއް އެދެމެދުގައި ނެތްވިއްޔާއެވެ. ގަބޫލުނުކުރެވިފައި ރީއާންއަށް ބަލަން ސަމަދަށް ވެސް ހުރެވުނީ، ޔަމާންގެ ވާހަކަތައް ދޮގުކުރުމުގެ ބަދަލުގައި އެވާހަކަތަކަށް ރީއާން އެއްބަސް ވުމުންނެވެ. ޒައިވާއަށް އެފަދަ ނަޒަރަކުން ދުވަހަކުވެސް ރީއާން ބަލައިނުލާނެކަން އޭނާއަށް ޔަގީންވެއެވެ. ވީއިރު، އެފަދަ އެއްޗެއް ރީއާންގެ ދުލުން ބޭރުވުމުން ޒައިވާއަށް ނުބައި މެސެޖެއް ލިބިދާނެތީ ސަމަދު ހާސްވީއެވެ.

ދުވަހުގެ ބާކީ ވަގުތުތައް ދާލެއް ލަސްވެފައި ރާޔާ އިނެވެ. ޑިއުޓީ ގަޑި ނިމޭނެ އިރެއްގެ އިންތިޒާރުގައި ވަގުތު ގުނަމުން އޭނާ ދިޔައެވެ. ގެއަށް ދާން ބޭނުންވެފައިވީ އިންތިހާއަށެވެ. ރީއާންގެ ދުލުން ބޭރުކޮށްލި ކޮންމެ ޖުމުލައެއް ރާޔާގެ ކަންފަތްބުޑުގައި ގުގުމަމުން ދިޔައީ ކެތްނުވާވަރަށެވެ. ޚާއްސަކޮށް ޒައިވާއަށް އިޝާރާތްކޮށްފައި އޭނާ ބުނެލި ޖުމުލަތަކެވެ. ހިތަށްވީ އުނދަގުލާއެކު ރާޔާއަށް ތުންފިއްތައިލެވުނެވެ. އެއްވެސް މަސައްކަތަކަށް ވެސް ސަމާލުކަމެއް ދެވޭގޮތެއް ނުވިއެވެ. ކޮމްޕިއުޓާރގެ ސްކްރީނަށް ނަޒަރު ސީދާ ކޮށްލައިގެން އަމިއްލަ ޚިޔާލުތަކަށް ގެއްލިފައި އޭނާ އިނީއެވެ.

ޑިއުޓީ ނިމުމާއެކު އޮފީހުން ނުކުމެ ދޮރުމަތީގައި މަޑުކޮށްލައިގެން ޖީލާން ހުރީ ރާޔާގެ އިންތިޒާރުގައެވެ. ސަމަދާއި ޒައިވާގެ މެދުގައި ހުރެ އެދިމާއަށް އައި ރީއާން އޭނާގެ ދެލޮލުގައި އަޅުގަތުމާއެކު ޖީލާން އަށް ހިނިތުންވެވުނީ ބޭއިޚުތިޔާރުގައެވެ. އަވަސް ހަރަކާތަކާއެކު އެމީހުނާ ގާތަށް ޖެހިލަމުން ރީއާންގެ ނަމުން ގޮވައިލިއެވެ. ކާރަށް އެރުމުގެ ބަދަލު ހުރި ފިޔަވަޅު މަތީގައި ހުއްޓިލަމުން ޖީލާންއަށް އޭނާ ބަލައިލިއެވެ. އެހެނަސް އެއްވެސް އެއްޗެއް ނުބުނިތަކުގައި އެ މޫނުންވެސް އެއްވެސް އަސަރެއް ފައުޅެއްނުވިއެވެ. އިރުކޮޅަކު ޖީލާން އަށް ބަލަން ހުރުމަށްފަހު އޭނާ ގޮސް ކާރުގެ ކުރީ ދޮރުފަތް ހުޅުވައިލަމުން ކާރަށް އެރިއެވެ. ރީއާން ކަންތައް ކުރިގޮތުން އޭނާއާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުންނުވާކަން ޖީލާންއަށް ވިސްނުނެވެ. އެ ހުރިހައި މަންޒަރެއް ބަލަންހުރި ޒައިވާ އަށް ގޮވައިލަމުން އަންނާށޭބުނެ ސަމަދުވެސް އައިސް ކާރަށް އެރިއެވެ. ފަނޑު ހިނިތުންވުމެއް ޖީލާންއަށް ހަދިޔާ ކޮށްލަމުން ސަމަދުގެ ފަހަތުން ޒައިވާ ހިނގައިގަތެވެ.

"އެއީ.. ރީއާން ދަންނަ ކުއްޖެއްތަ؟" ސީޓްގައި ހަމަޖެހިލަމުން ހިތުގައި އެނބުރެމުންދިޔަ ސުވާލުތަކުން ސުވާލެއް ޒައިވާ ކޮށްލިއެވެ. އެއާއެކު ރީއާނަށް ހަރުކަށިކަމެއް ވެރިވިކަން އޭނާއަށް ފާހަގަވިއެވެ. "ޝީ އިޒް ނޯ ވަން.." ބޭރަށް ނަޒަރު ހުއްޓައިލަމުން އަޑަށް ބާރުލައިފައި ރީއާން ބުންޏެވެ. އެއަޑުގައިވި ހިތްހަމަނުޖެހުން އިހުސާސުވެ ކުރެވުނީ ރީއާން މާ ގަޔާވާ ސުވާލެއް ނޫންކަން ޒައިވާ ދެނެގަތެވެ. އިތުރަށް އެއްޗެއް ބުނާން އޭނާއަށް ނުކެރުނީ އެހެންވެއެވެ. އެހެނަސް އޮފީހުގައި މިއަދު ހިނގައިދިޔަ ހުރިހާ ކަމަކާ މެދުގައި އޭނާ ވިސްނަމުންދިޔައެވެ.

* * * * *

"ރީއާން އެއްޗެކޭ ބުނީތަ؟" ދެލޯ ފުހެމުން ގެއަށް ވަތް ރާޔާގެ ފަހަތުން އައި ޖީލާން އަހައިލިއެވެ. ދެފަރާތަށް ބޯހޫރައިލަމުން ރާޔާ އުޅުނީ ޖީލާންގެ އަތްދަށުން ސަލާމަތްވެގެންގޮސް އަވަހަށް ކޮޓަރިއަށް ވަނުމަށެވެ.

"ނުކުރާނަން ގަބޫލެއް.. އެހެންނަމަ ތި ރޮނީ ކީއްވެ.. ރައްޔު.. ޕްލީޒް.. ގޮތްދޫކޮށްފަ ރީއާނަށް ހުރިހައި ވާހަކަތަކެއް ކިޔާދީބަލަ.. އަމިއްލަ ހިތަށް ތިހާވަރަށް އަނިޔާދޭކަށް ނުވާނެ.." ރާޔާގެ އަތުގައި ހިފައި ހުއްޓުވަމުން ޖީލާން އާދޭސްކޮށްލިއެވެ. އެއާއެކު ޖީލާންގެ އަތް ފޮޅުވައިލަމުން ރާޔާ ޖެހިލީ ދުރަށެވެ.

"އަހަރެންގެ ވާހަކަ އޭނަ އަޑެއް ނާހާނެ.." ކަރުނައިގެ ތެރެއިން އަޑަށް ބާރުލައިފައި ރާޔާ ބުނެލިއެވެ.

"ކީއްވެ.. އަހަރެން ހިތް ބުނޭ ރީއާންގެ ހިތުގަ އަދިވެސްވީ ރައްޔުއޭ.."

"ފޯ ގޯޑްސް ސޭކް ޖިލީ.. ސްޓޮޕް އިޓް.. ހީ މޫވްޑް އޮން.. އަހަރެންމީ މިހާރު ރީއާންއަށް އެއްވެސް މީހެއް ނޫނޭ.. ރީއާންގެ ނަފުރަތު އަހަންނަށް ހައްގު.. އައި ބިޓްރެއިޑް ހިމް.. ޖިލީ ހަނދާން ނެތުނަސް ރީއާނަށް ހުރިހައި ދެރައެއްދިން މީހަކީ އަހަންނޭ.. ދުވަހަކުވެސް އެކަން އަހަރެން ހަނދާންނައްތައެއް ނުލާނަން.. ރީއާނެއް ނޫނޭ އަހަރެން ދޫކޮށްފަ ދިޔައީ.. މިގުޅުން ކަނޑައިލާ ރީއާންގެ ލޯބީގަ ކޮޅުފައިން ޖަހާފަ ދުރަށްދިޔަ މީހަކީ އަހަރެން.. އަހަންނާ ދުރުގައި ހުރުމަށް ރީއާން ލައްވާ ވަޢުދުކުރުވި މީހަކީވެސް ޚުދު އަހަރެން.. މިއަދު ކޮން ހައިސިއްޔަތަކުންތަ އަހަރެން ރިއާން ކުރިމައްޗަށް ދާންވީ.. ކިހިނެއްތަ ޖިލީ ހަނދާންނެތުނީ.. އެ ހުރިހާ ކަމެއްވެސްވީ އަހަންރެންގެ ސަބަބުން.. ޔުނާ.. ޔުނާ ވެސް.. މަރުވީ އަހަރެންގެ ސަބަބުން.. ޔުމްނު.. ޔުމްނު ބިކަވީ ވެސް އަހަރެންގެ ސަބަބުން.. ހަމަ އެކަނި.. އަހަރެންގެ.. ސަބަބުން.."

"ރައްޔު.." ގިސްލަ ގިސްލައިފައި ރާޔާ ހަޅޭއްލަވައި ގަތުމާއެކު މަޑުމަޑުން ރާޔާގެ ނަމުން ޖީލާންއަށް ގޮވައިލެވުނެވެ. އެހެން ނުބުނާށޭ ބުނެލާފަދަ ގޮތަކަށެވެ. ނަމަވެސް ޖީލާންއަށް ބެލުމެއްނެތި ދުވެފައި ގޮސް ކޮޓަރިއަށް ވަންނަމުން ރާޔާ ދޮރުލެއްޕީއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އިސްޖަހައިލި ޖީލާންއަށް ހިމޭންކަމެއް ވެރިވީ ރާޔާގެ ވާހަކަތަކުން ހިތަށް އުނދަގޫވީ ވަރުންނެވެ.

(ނުނިމޭ)

Ads by HDC
  1. އައިންތު

    ވަރަށް ވަރަށް ރީތި.އަވަހަށް އަނެއްބައި ގެނެސްދޭތި.ވަރަށް ކިޔާ ހިތުން މިހުރީ.

  2. ރައޔ

    ބުނާދުވަހަށް ވާގަކަ ގެނެސްދޭތީ ވަރަށް އުފާވޭ ��