ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

"ޖިލީ ދޭ މިތަނުން.." ބަހެއްވެސް ނުބުނެ އިރުކޮޅަކު އިނުމަށްފަހު ރާޔާ ބުނެލީ އެއްވެސް އަސަރެއްނެތް ގޮތަކަށެވެ. ޖީލާންގެ ވާހަކަތަކުން އޭނާގެ ހިތަށް ނުހަނު އަސަރުކޮށްފިކަން ކަރުނުން ބަރާވެފައި ދެލޯ ހެކިދެއެވެ. ދުލުން ބޭރުކޮށްލެވުނު ބަސްތަކާމެދު ޖީލާން އަށް ވިސްނައިލެވުނީ ދެނެއެވެ. ބަހެއްބުނަން އަނގަ ހުޅުވައިލި ވަގުތު އިންތަނުން ތެދުވަމުން ކުޑަކޮށް ކޮރުޖަހަމުން ރާޔާ ހިނގައިގަތީ ޖީލާންއަށް ފުރަގަސްދެމުންނެވެ. ހުރިހައި ކަމަކާ ދުރަށް ދާން ބޭނުންވެފައި ހުރެއެވެ.

Ads by MWSC

އެވާހަކަތައް އަޑުއަހަން އެތަނުގައި އެހެން މީހެއް ހުރިކަމެއް ރާޔާ އާއި ޖީލާން ނުދެނަހުއްޓެވެ. އިވުނު ވާހަކަތަކުން ދެލޯބޮޑުވެ ހުއްޓުން އަރައިފައި ޒައިވާ އަށް އިނދެވުނީ ގަބޫލުކުރަން ދަތިވީވަރުންނެވެ.

"ނު..ނޫން.. އެހެންވިއްޔާ.. އޭރު އަހަންނަށް ހީވީ ހަމަ ރަނގަޅައްތާ.. ރީއާން އެންޑް ރާޔާ.. ނޫން.." ތުންފަތުގައި ދަތްއަޅައި ބާރުކޮށްލަމުން ޒައިވާ ފުންނޭވާތަކެއް ލަމުންދިޔައީ ނަފުސަށް ވެރިވެފައިވި ހާސްކަން ފިލުވައިލެވޭތޯއެވެ. އެހެނަސް ދެންމެ އިވުނު ވާހަކަތަކާމެދު އޭނާއަށް ފިކުރުކުރެވެމުންދިޔައީ ކެތްނުވާވަރަށެވެ. ބޭނުންވިއަސް އެއީ ނުއިވޭ ވާހަކަތަކެއް ކަމުގައި ނުހެދޭނެއެވެ. ގަބޫލުކުރަން ދަތިވިއަސް އޭނާއަށް އެއިވުނީ ހަގީގަތްކަން ގައިމެވެ. ރާޔާ އާއި ރީއާން އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާއިރު، އެދެމީހުން ވަކިވާން ޖެހުނީ ކީއްވެބާއެވެ؟ އެދެމެދަށް ވެރިވި ހުރަހަކީ ކޮބައިބާއެވެ؟ ރާޔާގެ ވާހަކަތަކުން އޭނާއަށް ކޮންމެވެސް މަޖުބޫރީއެއް ދިމާވީކަން ގައިމެވެ. އަދި އެކަމަކީ ރީއާންއަށްވެސް ސިއްރުވެފައިވި ކަމެއްކަން ޔަގީނެވެ. ކޮންމެވެސް ގޮތަކުން އެކަމެއްގެ ހަގީގަތް އެނގެން ޒައިވާގެ ހިތް އެދުނެވެ. ނަމަވެސް މިވަގުތު އޭނާ އިނީ އެފަދަކަމަކާ ވިސްނުންހިންގޭފަދަ ހާލަތެއްގައެއް ނޫނެވެ. ނިއުޅުނު ހަގީގަތުން އެހިތަށް ތަދުވަމުންދިޔައީ އިންތިހާއަށެވެ. ހިތުގައި އަޅަމުންދިޔަ ގަދަ ވޭން ފިޔަވާ އިތުރުކަމެއް ޒައިވާގެ ސިކުނޑި ދެނެގަންނަން ދެކޮޅުހަދަމުން ދިޔައެވެ. ޅައުމުރުންސުރެ ވެވުނު ލޯބި ދޫކޮށްލާނީ ކިހިނަކުން ހެއްޔެވެ؟ ކުރި ދިގު އިންތިޒާރަށް ނިމުން އަންނަން ގާތްވެފައިވަނިކޮށް މިދިމާވީ ކޮންފަދަ ކަމެއް ހެއްޔެވެ؟ ރީއާން އޭނާއާ އެކުގައި އުޅެން ބޭނުންވެއްޖެނަމަ އެލޯބި ދޫކޮށްލުމަކީ އޭނާއަށް ކުރަން އެންމެ އުނދަގޫވާނެ ކަންތައްކަން ޔަގީނެވެ. މަޑު އާހެއް ޒައިވާގެ ތުންފަތް ފޫއަޅުވައިލައިފައި ބޭރުވީ އެހިތަށް ކުރަމުންދިޔަ ފުން އަސަރުންނެވެ. އެވަގުތު އެދިމާއަށް ނުކުތް ރާޔާ ފެނި ޒައިވާއަށް އިސްޖަހައިލެވުނީ ބޭއިޚުތިޔާރުގައެވެ. ގޮނޑިއެއްގައި އިނށީދެއިން ޒައިވާ ފެނުމުން ރާޔާއަށްވެސް ލިބުނީ ސިހުމެކެވެ. ހާސްވެފައި އޭނާއަށް ފަހަތަށް ބަލައިލެވުނީ ސިކުނޑީގައި އެނބުރިގަތް ސުވާލުތަކުންނެވެ. އަނެއްކާ އޭނާ އާއި ޖީލާންއާ ދެމެދު ދެކެވުނު ވާހަކަތައް ޒައިވާއަށް އިވުނުބާއެވެ. ނޭނގުމެއްގެ ތެރެއިންވިއަސް ޒައިވާއަށް ދެރައެއްދޭ މީހަކަށްވާކަށް ރާޔާ ބޭނުމެއްނުވެއެވެ. ނަފުސަށް ވެރިވި ހާސްކަން ގަދަކަމުން ދުރުކޮށްލަމުން ރާޔާ އައިސް އިނށީނީ ޒައިވާ ގާތުއެވެ. އަދި ހިނިތުންވެލަމުން އޭނާގެ ހާލު އަހައިލިއެވެ. އެކަމުން ޒައިވާއަށް ލިބިފައިވި ވޭން އިތުރުވީކަމެއް އޭނާ ނުދެނަހުއްޓެވެ.

ކެބިންއިން ނުކުތް ސަމަދު ފެނިފައި އެދިމާއަށް އައި ރީއާންގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. ސުވާލުގެ ނަޒަރަކުން ސަމަދަށް ބަލަން ފެށުމުން ހިނިގަނޑެއް ޖަހައިލަމުން ބޮލުގެ ފުއްކިބައިގައި އޭނާ އަތްއުނގުޅައިލިއެވެ. "އަހަރެން ހީކުރީ މިހާރު ގެއަށް ގޮސްފާނެކަމަށް.." ސަމަދަށް ބަލަންހުރެ ރީއާން ބުނެލިއެވެ.

"ބޭރަށް ނުކުތްފަހުން ޒައި ބުނެފި އޭނާގެ އަތްދަބަސް ނުލައޭ މިއާދެވުނީ.. އެހެންވެ ކާރު އަންނަންދެން ޒައި އެކަނި ނުބެހެއްޓޭނެތީ އޭނާ ގާތު ބުނެފިން އެތެރޭ މަޑުކޮށްލަން އަންނާށޭ.. އެތަނުން ގޮނޑިއެއްގަ ބައިންދާފަ އަހަރެން މިއައީ މި އަތްދަބަސް ބަލާ.." އަތުގައި އޮތް ކަޅުކުލައިގެ ބޮޑު އަތްދަބަހަށް އިޝާރާތްކޮށްލަމުން ސަމަދު ބުންޏެވެ. ބޯޖަހައިލަމުން ރީއާން ކެބިންގެ ދޮރު ހުޅުވައިލައި އެތެރަށް ވަނެވެ. އަދި ކުދި ފިޔަވަޅުތަކެއްގައި އައިސް އޭނާއަށް ޚާއްސަކުރެވިފައިވި ގޮނޑީގައި އިނށީދެ ހަމަޖެހިލިއެވެ. އެއްވެސް މަސައްކަތަކާ ގަޔާނުވެފައި އޭނާއަށް އިނދެވުނީ ޚިޔާލަކަށް ގެއްލިފައެވެ. ނަމަވެސް އެހެންވެސް އިނދެވުނީ އިރުކޮޅަކުއެވެ. އިންތަނުން ތެދުވަމުން އޭނާ އައިސް ހުއްޓިލީ ދެފަރާތަށް ކެހޭގޮތަށް ހުރި ބިޔަ ދޮރުގެ ކައިރީއެވެ. ބޭރުން ފެންނަމުންދިޔަ މަންޒަރުތަކަށް ބަލަން ހުރުމަށްފަހު ދޮރު ދެފަރާތަށް ކަހައިލަމުން އެތަނުން ނުކުމެވެންހުރި ފުޅާ ބެލްކަންޏަށް އޭނާ ނުކުތެވެ. އެވަގުތު އެދިމާލުން ދުއްވައިލި ކާރު ފެނި ސަމަދާއި ޒައިވާ ދިޔައީކަން އޭނާ ދެނެގަތެވެ. ބެލްކަނީގެ ރެއިލިންގްގައި އަތް އަޅުވައިލައިގެން ދެންވެސް އޭނާ ބަލަމުންދިޔައީ މަގުމަތިން ފެންނަމުންދިޔަ މީހުނަށެވެ. ކުޑަކޮރެއް ޖަހަމުން އޮފީހުން ނުކުތް ރާޔާ އޭނާގެ ލޮލުގައި އަޅައިގަތެވެ. އެހާލުން އެކަނި ހިނގައިފައި ރާޔާއަށް ނުދެވޭނެކަން އޭނާއަށް ޔަގީނެވެ. ހިމޭންކަމާއެކު ރާޔާގެ ހަރަކާތްތަކަށް ބަލަން އޭނާ ހުއްޓެވެ. ޓެކްސީއެއް ހޯދުމަށް އޭނާ ކުރަމުންދިޔަ މަސައްކަތް ބަލަން ހުރެފައި ރީއާން ދެފަރާތަށް ބޯހޫރައިލީ ހިތްހަމަނުޖެހުނު ފަދައަކުންނެވެ. ރެއިލިންގްގައި އަޅުވައިލެވިފައިވި ދެއަތްތިލައަށް ބާރުކޮށްލުމާއެކު އެންމެފަހުން އެމަންޒަރު ބަލަން ކެތްނުވެގެން އޭނާ އެތަނުން ނުކުތެވެ. އަދި މޭޒުމަތީގައި އޮތް އޭނާގެ ކާރު ތަޅުދަނޑި ނަގަމުން ކެބިންއިން ނުކުންނަން ހިނގައިގަތެވެ.

އަތުގައި އޮތް ފޯނަށް ބަލައިލަމުން ރާޔާ ތުންފިއްތައިލިއެވެ. އަނޫކްއަށް ގުޅުމުން ފޯނެއް ނުގަނައެވެ. ކޮންމެވެސް ބައްދަލުވުމެއްގައި އޭނާ އިނީކަން ރާޔާއަށް ވިސްނުނެވެ. އެހެންނަމަ އޭނާގެ ފޯނު ނުނަގައި އަނޫކް ނުހުރީހެވެ. ޓެކްސީއެއްވެސް ލިބޭގޮތް ނުވުމުން ރާޔާއަށް މަޑުމަޑުން ބޮލުގައި އަތްޖައްސައިލެވުނީ މަޑުރިހުމެއް އުފެދިފައިވުމުންނެވެ. އެވަގުތު ކައިރިއަށް އައިސް މަޑުކޮށްލި ކަޅުކުލައިގެ ކާރަށް ރާޔާގެ ނަޒަރު ހުއްޓުނެވެ. ނިތަށް ރޫތައް ޖަމާވުމާއެކު ސުވާލުގެ ނަޒަރަކުން އެކާރަށް ބަލަން އޭނާ ހުރީ، ޖަހައިފައިވި ކަޅުބިއްލޫރީގެ ތެރެއިން އެތެރެ ނުފެންނާތީ އެއީ ކާކުގެ ކާރެއްކަން ވަކިކުރަން ނޭނގިފައެވެ.

އޭނާއާވީ ފަރާތަށްހުރި ދޮރުފަތް ހުޅުވައިލަމުން ބޯދިއްކޮށްލި ރީއާން ފެނިފައި ރާޔާއަށް ދެލޯބޮޑުކޮށްލަމުން ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. އެއާއެކު ފަޔަށް އަރައިގަތް ތަދުން އޭނާއަށް ތުންފަތުގައި ދަތްއަޅައި ބާރުކޮށްލެވުނީ ބޭއިޚުތިޔާރުގައެވެ. ބަހެއްވެސް ނުބުނެ ރީއާންގެ މޫނަށް ބަލަހައްޓައިގެން ރާޔާއަށް ހުރެވުނީ ހަދާނެގޮތެއް ނުވިސްނިފައެވެ.

"އަރާ.." ސީދާ ރާޔާގެ ދެލޮލަށް ބަލައިލަމުން ރީއާން ބުނެލީ އެއްވެސް އަސަރެއް ނެތްފަދަ ގޮތަކަށެވެ. ދެޚިޔާލެއްގައި ރާޔާ ހުންނަން ފެށުމުން އަނެއްކާވެސް ކުރިން ބުނެލިހެން ރީއާން ބުނެލިއެވެ. މިފަހަރު އެ އަޑުގައި ހިސާބަކަށް ހަރުކަށިކަން އެކުވެލިފައި ވިއެވެ. ތެޅިގަނެގައި މަޑުމަޑުން ކާރަށް އަރަމުން ރާޔާ އިސްޖަހައިލިއެވެ. އޭނާ ހަމަޖެހިލުމާއެކު ރީއާން ކާރު ދުއްވައިލިއެވެ. އުނގުމަތީގައި ދެއަތްތިލަ ޖޯޑުކޮށްލިގޮތަށް ބަހެއްވެސް ބުނަން ނުކެރިފައި ރާޔާ އިނީ ޖެހިލުންވީވަރުންނެވެ. ކުރެވުނީ ރަނގަޅުކަމެއްބާއޭ އަމިއްލަ ނަފުސާ އޭނާއަށް ސުވާލުކުރެވެމުން ދިޔައެވެ. އެއްގޮތަކަށްވެސް ރީއާންގެ މަގުސަދު ނުވިސްނޭތީ އޭނާ ކަންބޮޑުވާގޮތްވިއެވެ.

"ކުރިންވެސް އުޅުނު ގޭގަތަ މިހާރުވެސް އުޅެނީ.." ދެމެދަށް ވެރިވެފައިވި ހިމޭންކަން ފޫއަޅުވައިލީ ރީއާންއެވެ. ބަހެއްނުބުނެ ރާޔާ ބޯޖަހައިލީއެވެ. އަރުތެރެ ހިކިފައިވުމުން ވާހަކަދައްކަން އޭނާއަށް އުނދަގޫވީއެވެ. ރީއާންގެ ކުރިމަތީގައި ހުންނަން މާބޮޑަށް ޖެހިލުންވަނީއެވެ. އޭނާއަށް ގެއްލުމެއް ނުދޭނެކަން އެނގުނަސް ރީއާންގެ އެހުންނަ ހަރުކަށިކަންދެކެ ރާޔާ ބިރުގަންނަގޮތް ވެއެވެ. އެފަދަ މީހަކަށް ރީއާން ބަދަލުވީ އޭނާގެ ސަބަބުންނޭ ހީވެ ހިތަށް އުނދަގޫވިއެވެ. ކުށްވެރިކަމުގެ އިހުސާސުން އިތުރު ނުތަނަވަސްކަމެއް ނަފުސަށް ވެރިވިއެވެ. ރީއާންގެ ކިބައިން މަޢާފަށް އެދުމަށް އެހިނދު ޟަމީރު ގޮވައިލިއެވެ. ކިތަންމެ ދުވަހެއްވެފައިވީ ނަމަވެސް އެދުވަހު ރީއާންގެ ހިތްހަލާކުކޮށްލައި އޭނާއަށް ބޭވަފާތެރިވީ މީހަކީ ރާޔާއެވެ. އެކަމަކީ ބޭނުންވިއަސް ބަދަލުކުރެވޭނެ ކަމެއް ނޫނެވެ. އެތައް އަހަރެއް ވަންދެން ރީއާންގެ ކިބައިން މަޢާފަށް އެދުމަށް އޭނާ އިންތިޒާރުކުރިއެވެ. މިފަދަ ފުރުސަތެއް ދެވަނަ ފަހަރަށް ލިބޭނެކަމެއްވެސް އެނގެނީއެއްނޫނެވެ. ވީއިރު، މިފުރުސަތު ގެއްލިގެންދާކަށް އޭނާ ނޭދެއެވެ. ހިތްވަރުކޮށްފައި ބަހެއްބުނުމަށް އަނގަހުޅުވައިލި ވަގުތު ރީއާން ކާރުގެ ދުވެލިމަޑުޖައްސައިލުމުން ކާރުން ބޭރަށް ރާޔާ ނަޒަރު ހުއްޓައިލިއެވެ. ގެއަށް އާދެވުނީކަންވެސް އޭނާއަށް އެނގުނީ ދެނެވެ. އިރުކޮޅަކު ބޭރަށް ބަލަން އިނދެފައި ލަސްލަހުން ރީއާންގެ މޫނަށް އޭނާ ބަލައިލިއެވެ.

"ރީއާން... އަހަ..ރެން.. އައި.. އައި އެމް ސޮރީ.. އޭރު އެވީ.."

"ގެޓް އައުޓް.." ރާޔާއަށް ޖުމުލަ ފުރިހަމަ ނުކުރެވެނީސް ދަތްކުނޑި ވިކައިލަމުން ރީއާން ބުނެލިއެވެ. ލިބުނު ސިހުމުގައި ހުއްޓުން އަރައިފައި ރާޔާއަށް އިނދެވުނީއެވެ.

"ރީއާން.. ޕްލީޒް.. އަހަރެންގެ ވާހަކަ އަޑުއަހާބަލަ.." ހިތްވަރުކޮށްފައި އާދޭހުގެ ރާގެއްގައި ރާޔާ ބުންޏެވެ.

"އިތުރަށް އަޑުއަހާނެ އެއްވެސް ވާހަކައެއް އެބަ އޮތްތަ.. ދައްކަން ބޭނުންވި ހުރިހާ ވާހަކަތަކެއް މީގެ ފަސްއަހަރު ކުރިން ރާޔާ ދައްކައިފީމެއްނު.. ނައު ގެޓް ލޮސްޓް.. ދެވަނަ ފަހަރަށް ތިދުލުން އަހަރެންގެ ނަން ނުކިޔައްޗޭ.. އައި ޑޯންޓް އެވާރ ވޯނަ ހިއާރ މައި ނޭމް ފްރޮމް ދެޓް ފިލްތީ މައުތް.." ރާޔާއާ ދިމާއަށް ގުދުވެލުމާއެކު ދަތްތަކަށް ބާރުކޮށްލަމުން ރީއާން ބުނެލިއެވެ. އެދެލޮލުގައި ރަސްކަންކުރަމުންދިޔަ ނަފުރަތާ ރުޅިވެރިކަންފެނި ރާޔާގެ ހިތް ބާރަށް ތެޅިގަތެވެ. އިރުތަށް އެންމެ ސިކުންތުކޮޅެއްވެސް ރީއާންއާ އެކުގައި ކާރުތެރޭގައި ކެތްނުވާނެކަން ވިސްނި އަވަސް އަވަހަށް ކާރުގެ ދޮރުހުޅުވައިލަމުން ރާޔާ ފޭބިއެވެ. އަދި ފަސްއެނބުރި ބަލައިލުމެއްނެތި އޭނާ ދުއްވައިގަތެވެ. ފައިގައި އަޅަމުންދިޔަ ގަދަ ވޭންވެސް އެވަގުތު ރާޔާއަށް އިހުސާސުނުވާ ކަހަލައެވެ. އެއަށްވުރެ ރީއާންގެ އިހާނެތި ބަސްތަކުން އޭނާގެ ނަފުސަށް ވެރިވި ލަދުވެތިކަމާއި ޖެހިލުންވުން ބޮޑެވެ. ހިތުގައި ރިއްސައިލީ އިންތިހާއަށެވެ. ދެލޯފުރި ކަރުނަތައް ބަންޑުންވަމުން ދިޔަކަންވެސް ރާޔާއަށް ނޭނގުނެވެ. ގޭތެރަށް ވަދެވުމާއެކު ދޮރު ލައްޕައިލަމުން އޭނާއަށް ގިސްލަގިސްލައިފައި ރޮއެގަނެވުނީ އިތުރަށް ކެތްނުވެގެން ކަހަލައެވެ. އަނގަމަތީގައި އަތްއަޅައި ބާރުކޮށްލުމާއެކު މަޑުމަޑުން އެއިންތަނަށް ރާޔާ ތިރިވީ ކޮޅަށް ހުންނާނެހައި ވަރުވެސް ނެތިގެންނެވެ. ދެފައި ކުރުކޮށްލައި މޭގައި ޖައްސައިލަމުން ކަކުލުގައި ދެއަތްއަޅުވައިލައި ރާޔާއަށް މޫނުފޮރުވައިލެވުނެވެ. އޭރު ރީއާންގެ ދުލުން ބޭރުވީ ބަސްތައް އޭނާގެ ކަންފަތް ބުޑުގައި ގުގުމަމުން ދިޔައީ އިތުރަށް އެހިތަށް ތަދުކުރުވަމުންނެވެ.

* * * * *

ޖެހިގެން އައި ދުވަހު ރާޔާ އޮފީހަށް ސަލާމް ބުނީ އަދިވެސް ފައިގެ ރިހުން ނުފިލާކަމަށް ބުނަމުންނެވެ. ހިނގައިފައި އުޅެން އޭނާއަށް އުނދަގޫވާނެތީއެވެ. އެކަމުން ރީއާންއަށް ނޭނގޭ އުނދަގުލެއް އިހުސާސުކުރެވުނެވެ. ރާޔާއަށް އެހައިބޮޑު އަނިޔާއެއް ނުލިބޭކަން އޭނާއަށް ޔަގީނެވެ. އޭނާ އޮފީހަށް ނައީ ރީއާންގެ ސަބަބުންނޭ ހީވިއެވެ. އަމިއްލަ ނަފުސު ކުށްވެރިކުރެވެމުން ދިޔައެވެ. އިއްޔަ ރާޔާއާ ދިމާއަށް ބުނެވުނު ބަސްތަކުން އެންމެ އަސަރު ކުރީ ޚުދު އަމިއްލަ ހިތަށެވެ. ބޭނުންނުވިއަސް ދުލުން އެބަސްތައް ބޭރުވީ ހިތުގައި ފުނިޖެހިފައިވި ޝަކުވާތަކުގެ ސަބަބުންނެވެ. އެކަމާ ފަހުން އޭނާ ދެރަވިއެވެ. އެހެނަސް ދުލުން ބޭރުވެއްޖެ ބަހަކީ އަނބުރައި ގެނެވޭނެ އެއްޗެއް ނޫނެވެ. ވިސްނައިފައި ނޫނީ ދުލުން ބަހެއް ބޭރުކުރަން ނުވަނީ އެހެންވެއެވެ. ދުލުން ބޭރުކޮށްލެވޭ ކުޑަކުޑަ ބަހެއްގެ ސަބަބުންވެސް ބައެއްފަހަރު އަނެކާގެ ހިތުގައިލާ ޒަޚަމް ހީކުރާވަރަށްވުރެ ފުންވާ ފަހަރުވެސް އާދެއެވެ. ދުލަކީ ކަނޑީގެ މިޔައަށްވުރެ ތޫނު ހަތިޔާރަކަށް ވެދަނީ އެހެންވެއެވެ.

އޮފީސްނިންމައިފައި ގެއަށް އައިސްވަތް ރީއާންގެ ތަބީއަތަށްވީ ހިމޭންކަން ވެރިވެފައެވެ. ރާޔާއާ މެދުގައި ފިކުރުކުރަން ބޭނުންނުވިއަސް އެކަން ހުއްޓޭގޮތެއް ނުވިއެވެ. ފެންވަރައިލައިގެން ނުކުމެ އިޝާ ނަމާދަށްފަހު، މަސައްކަތުގެ ކަންކަމުގައި މަޝްއޫލުވާން އުޅުމުން އެކަންވެސް އޭނާއަށް ކާމިޔާބުވާގޮތެއް ނުވިއެވެ. އެންމެފަހުން މަސައްކަތް މެދުކަނޑައިލުމަށްފަހު އައިސް އެނދުގައި އޮށޯވެލީ ނިދަން ހިތުލައިގެންނެވެ. ދެލޯމަރައިލައިގެން އޮންނަތާ އެތައް އިރެއް ފާއިތުވެދިޔައިރުވެސް ދެލޮލަށް ނިންޖެއް ނައެވެ. މިރޭ ނިދިވެސް އޭނާއާ ރުޅިހަދައިލައިފައި ހުރިކަހަލައެވެ. ދެފަރާތަށް ރީއާން ފުރޮޅެމުންދިޔައީ ހިތަށް ކުރެވެމުންދިޔަ ނުތަނަވަސް އިހުސާސުތަކުން ދުރުވާން ބޭނުންވެފައި އޮވެއެވެ. އެވަގުތު ޖަހައިލި ބާރު ގުގުރިއާއެކު ވާރޭ އޮއްސައިގަތީ، އޭގެ މަޑުމަޑު މިއުޒިކުން ހިތްތަކަށް ހަމަޖެހުން ގެނުވަން މަސައްކަތްކުރަމުން ކަހަލައެވެ. އެހިތްގައިމު މަޑު ނާނާއަށް ހިތާއި ނަފުސު ދޫކޮށްލައިގެން އޮތުމުންވެސް ރީއާނަށް ނިދޭގޮތެއް ނުވިއެވެ. ދެލޯމަރައިލާއިރަށް އޭނާއަށް ސިފަވަނީ ކަރުނުން ބާރާވެފައިވި ރާޔާގެ ދެލޮލެވެ. އޭނާގެ ބަސްތަކާއެކު މަޑުތުރުތުރެއް އުފެދިގެންއައި އެ ފިޔާތޮށިކުލައިގެ ތުންފަތެވެ. ބިރުވެރިކަމާއި ޖެހިލުންވުން ވެރިވެގެންދިޔަ އެކުޑަކުޑަ މޫނުކޮޅެވެ. ލޮލުގައި އަތްއުނގުޅައިލުމާއެކު އޮތްތަނުން ފުންމައިގެން އޭނާ ތެދުވިއެވެ. ހާސްވެފައިހުރެ ބޮލުގެ އިސްތަށިގަނޑުގައި އަތްފުނަ އަޅައިލީ ކަމަކާމެދު ފުންކޮށް ވިސްނައިލަމުންނެވެ. ނަފުސަށް ވެރިވެގެންދިޔަ ބޭގަރާރުކަމާއެކު ކުޑަދޮރުތަކާދިމާއަށް އޭނާއަށް ނަޒަރު ސީދާކޮށްލެވުނެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގެ އަޑަށް ސަމާލުވެ އިރުކޮޅަކު އޭނާ ހުއްޓެވެ. ދެން އައިސް އަލަމާރިން ގަމީހަކާއި ޖިންސެއް ނަގައި އަވަސް އަވަހަށް އެތަކެތި ލިއެވެ. އަދި ބޭލި އަޅިކުލައިގެ ދޫ ސޯޓު އެތަނުން ގޮނޑިއެއްގައި އަޅުވައިލުމަށްފަހު ޑްރެސިންގް ޓޭބަލް މަތީގައި އޮތް ކާރު ތަޅުދަނޑި ނަގަމުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ކުޑަކޮށް ދުވެލައިފައި އައިސް ގަރާޖުގައި އޮތް އޭނާގެ ކާރަށް އަރައި މޫނުގައި ހަރުލައިފައިހުރި ވާރޭގެ ކުދި ތިކިތައް ޓިޝޫއަކުން ފުހެލިއެވެ. އަދި ކާރު ސްޓާރޓް ކޮށްލުމާއެކު ކުރިއަށް ދުއްވައިލަމުން ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. ކުރެވެން މިއުޅޭ ކަންތަކާމެދު ވިސްނައިލެވުމާއެކު ހިސާބަކަށް އޭނާ ހާސްވާގޮތްވިއެވެ. އެހެނަސް އެންމެ ފިޔަވަޅެއްވެސް ފަހަތަށް އަޅާކަށް އޭނާގެ ޟަމީރު އެއްބަހެއް ނުވިއެވެ. ރާޔާގެ ހާލު ބަލައިނުލާ އެންމެ ހިނދުކޮޅަކުވެސް އޭނާއަށް ކެތްނުވާނެކަން ޔަގީނެވެ. ވީއިރު، އެ ސޫރަ ދެކިލުމަށް އިންތިހާއަށް އެދެވެނީއެވެ.

* * * * *

ހިތަށް ކުރާހާ އަސަރުން..

ނިދިން މަހުރޫމުވޭ މުޅިން..

ބަލަން ނުވިސްނާ އޮވެވޭތޯ...

ލޯމަރާލަން ނިދާލެވޭތޯ...

ނަމަވެސް، ތިޔަ ހަނދާނޭ ވަނީ...

ދުރުވާން މަސައްކަތް ކުރިޔަސް...

އިތުރަށް ހަމަ ގާތޭ ވެވެނީ...

ތިހަނދާން ފޮހެވޭތޯ ބެލިއަސް...

އިތުރަށް ތިޚިޔާލޭ ކުރެވެނީ...

ފޫހިވޭތޯ ވެސް ބެލިން.. ނަމަވެސް...

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... ލޯތްބޭ ވެވެނީ...

* * * * *

(ނުނިމޭ)

Ads by Ooredoo
  1. ާަަަ️️ސޒ

    ކޮންއިރަކުން ދެންއަންނަ އެޕިސޯޑް ގެންނަނީ
    ވަރަށް ރީތި

  2. މާސާ

    ޔޫ އަރ ސޯ ޓެލެންޓެޑް ނައުފާ. ހަމަ ހީވަނީ ކުރިމަތިން ފެންނަހެން މަންޒަރުތައް. ދެން އަންނަ ބަޔަށް ވަރަށް އިންތިޒާރު އެބަ ކުރެވޭ. ޕްލީޒް އަންގާރަ ދުވަހުގެ ބައި ލަސް ނުކޮށް ގެންނަށްށޭ އެ ދުވަހު.
    – ލަވް ފްރޮމް ކިޔާ ކުއްޖާ –

  3. އައިންތު ހަމީ

    ވަރަށް ވަރަށް ރީތި

  4. މާސާ

    ދެން މި ރީއާންގެ އީގޯ ބައި ހާދަ ބޮޑޭ ދޯ. ކީއްތަ ވާނީ ރާޔާ ދައްކާ ވާހަކަ އަޑު އެހިއްޔާ. ދެން މިހާރު ކޮންމެހެން ދާނެ ކަމެއް ނެތް މިހާ ވިއްސާރަ އިރު. އަހަރެން މީ ރާޔާ ނަމަ ދޮރު ނުވެސް ހުޅުވާނަން ދިޔައިމަ

  5. ދިލްމާ

    މިއަދު ކަމަކު ނުދޭ. ދެފޮޅުވަތް ކިޔާލަން ލިބުނީ. އެ ދެފޮޅުވަތުގަވެސް ހާސަރުތަކެއް ލިޔެފަ ތި ނިންމާލީ. ކުރީން ނިންމި ވާހަކަހާ ޝައުގުވެރިއެއްނޫން މިވާހަކަ. ގެނެސްދޭވަރުވެސް ކުރުުވެއްޖެ. މިއަދުވަކިން ކުރު

  6. އަނހާ ކުރުނުކުރޭ ތީތި ކަޑަ