ޔޫކްރެއިން އީޔޫއާ ގުޅުމާ އިއުތިރާޒެއް ނެތް: ޕޫޓިން
ޔޫކްރޭން ޔޫރަޕިއަން ޔޫނިއަންއާ ގުޅުމާ މެދު އިއުތިރާޒެއް ނެތްކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.
“އަޅުގަނޑުމެން އެކަމާ ދެކޮޅު އެއްވެސް ކަމެއް ނެތް. އެއީ އަސްކަރީ ބްލޮކެއް ނޫން. އިގްތިސާދީ ޔޫނިއަންތަކާ ގުޅުމަކީ ކޮންމެ ގައުމަކަށް ވެސް އޮތް ހައްގެއް،” ޔޫކްރޭން އީޔޫއާ ގުޅުމުގެ ފުރުސަތު އޮތްތޯ ސުވާލު ކުރުމުން ހުކުރު ދުވަހު ޕޫޓިން ވިދާޅުވިއެވެ.
ނޭޓޯގެ އަސްކަރީ އިއްތިހާދާ ގުޅެން ޔޫކްރޭނުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ރަޝިޔާއިން ގިނަ އަހަރުތަކެއް ވަންދެން ފާޑުކިޔާފައިވާ އިރު، އެ މައްސަލަ ވެގެން ގޮސްފައި ވަނީ މޮސްކޯއާއި ހުޅަނގާ ދެމެދު ބޮޑު މައްސަލައަކަށެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު ޔޫކްރޭނަށް ރަޝިޔާއިން ދިން ހަމަލާގެ ކުރިން ޕޫޓިން ވަނީ ޔޫކްރޭން އަސްކަރީ އިއްތިހާދަށް ނުވަންނާނެ ކަމުގެ ގާނޫނީ ޔަގީންކަން އެމެރިކާއިން އެދިފައެވެ.
މީގެ ކުރިން ހުކުރު ދުވަހު ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ އީޔޫގެ މެމްބަރަކަށް ވުމަށް ޔޫކްރޭނުން ކުރަމުންދާ މަސައްކަތްތައް ކްރެމްލިންއިން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި ސަބަބަކީ 27 މެމްބަރުން ހިމެނޭ އެ ބްލޮކްގެ މެދުގައި ދިފާއީ އެއްބާރުލުން އިތުރުވެފައިވާތީ ކަމަށެވެ.
މި މައްސަލައަށް "އަޅުގަނޑުމެންގެ ސަމާލުކަން އިތުރުކުރަން ޖެހޭ، ސަބަބަކީ އީޔޫގެ ޑިފެންސް ކޮމްޕޮނެންޓް ހަރުދަނާކުރުމާ ގުޅޭ ގޮތުން ޔޫރަޕްގައި މަޝްވަރާތައް ވަރުގަދަވަމުންދާކަން އަޅުގަނޑުމެން އެންމެންނަށް އެނގޭތީ،" ޕެސްކޯވް ނޫސްވެރިންނާ ބައްދަލު ކުރައްވާ ވިދާޅުވިއެވެ.
ޔޫރަޕިއަން ކޮމިޝަނުން ހުކުރު ދުވަހު ވަނީ އީޔޫއިން މެމްބަރުކަމަށް ޔޫކްރޭނާއި މޮލްޑޯވާ ކަނޑައެޅުމަށް ހުށަހަޅައިފައެވެ.