ދުނިޔެ

އިންޑިއާގައި ހުންނަ އަފްޣާންގެ އެންބަސީ ތާލިބާނުންގެ ބާރުގެ ދަށަކަށް ނުގެނެވުނު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ ބޭރު ޤައުމުތަކުގައި ހުންނަ ޑިޕްލަމެޓިކް މިޝަންތަކުގައި މިހާރު އެ ޤައުމުގައި ވެރިކަން ކުރަމުން އަންނަ ތާލިބާނުންގެ ކޮންޓްރޯލް ގާއިމްކުރަން މަސައްކަތް ކުރި ނަމަވެސް އެތަންތަނުގައި އަދިވެސް އޮތީ ކުރީގެ ސަރުކާރުގެ ބާރެވެ.

Ads by Sosun Fihaara

ދިއްލީގައި ހުންނަ އަފްޣާނިސްތާނުގެ އެންބަސީ ވެސް ހިންގަމުން އަންނަނީ ތާލިބާނުންގެ އެއްވެސް ކޮންޓްރޯލެއް ނެތިއެވެ.

އެ އިމާރާތުގައި ހުރީ ކުރީގެ ރައީސް އަޝްރަފް ޣާނީގެ ފޮޓޯއެވެ. ހުޅަނގުގެ ތާއީދާ އެކު އަފްޣާނުގައި އެތައް އަހަރެން ވަންދެން ވެރިކަން ކުރަމުންދިޔަ އަޝްރަފް ޣަނީ ވަނީ، ހުޅަނގުގެ އަސްކަރިއްޔާއިން އެ ޤައުމުން ފޭބުމުން، ތާލިބާނުން އަފްޣާނުގެ ކޮންޓްރޯލް ނެގުމާ އެކު ޤައުމުން ފިއްލަވައިފައެވެ.

އޭގެ އިތުރުން ސަފީރު ފަރީދު މަމުންޒާއީގެ އޮފީހުގެ ފާރުގައި ވެސް ޣަނީގެ ފޮޓޯ ވާއިރު، އެ އޮފީހުގައި އަދިވެސް ހުރީ އަފްގާނިސްތާނުގެ ޖުމްހޫރިއްޔާގެ ކަޅު، ރަތް އަދި ފެހި ކުލައިގެ ތިންކުލަ ދިދައެވެ. ތާލިބާނުން ވަނީ ވެރިކަމާ ހަވާލުވެ، ދިދަ ވެސް ބަދަލުކޮށްފައެވެ.

"އަޅުގަނޑުމެންނަށް ތާލިބާނުންނާ އެކު ކޯޑިނޭޝަން ކުޑަ،" އަފްޣާނިސްތާނުގެ ނަމުގައި ވިސާއާއި ޕާސްޕޯޓް ދޫކުރުން ފަދަ މަސައްކަތްތައް ކުރިއަށް ގެންދާ މަމުންޒޭ ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވިތާ 10 މަސް ދުވަހުގެ ތެރޭގައި ތާލިބާނުން ސަފީރުން ފޮނުވީ އެންމެ ހަތަރު ގައުމަކަށެވެ. އެއީ ރަޝިޔާ، ޕާކިސްތާން، ޗައިނާ އަދި ތުރުކުމެނިސްތާނެވެ. އެކަމަކު މި ގައުމުތަކުން ވެސް އަފްޣާނިސްތާނުގެ ތާލިބާނުންގެ ވެރިކަން ރަސްމީކޮށް ބަލައިގެންފައެއް ނުވެއެވެ.

1996އާއި 2001އާ ދެމެދު ތާލިބާނުން އެންމެ ފަހުން ވެރިކަމުގައި ހޭދަކުރި ދުވަސްވަރު ، ދިއްލީގައި ހުންނަ އަފްޣާން އެންބަސީ ހިންގި ފަދައިން ތާލިބާނުންގެ ބާރެއް ނެތި ކުރީގެ ސަރުކާރުގެ ސްޓާފުން ތިބެގެން މަސައްކަތް ކުރުމުގެ ހުއްދަ އިންޑިއާއިން މިހާރު ވެސް ވަނީ ދީފައެވެ.

ކާބުލްގައި ވެރިކަން ބަދަލުވި ނަމަވެސް، ސަފީރު މަމުންޒޭ އަދިވެސް އަމަލުކުރަނީ އޭނާ އައްޔަންކުރި މުސްކުޅި ސަރުކާރުގެ ގަވާއިދުތަކާ ސިޔާސަތުތަކަށެވެ.

"އަޅުގަނޑުމެން އަދިވެސް ތަމްސީލު ކުރަނީ ކުރީގެ ޖުމްހޫރިއްޔާ، އަޅުގަނޑުމެންގެ ކުރީގެ ޑިމޮކްރަސީ. އަޅުގަނޑުމެން މި ނަގަނީ [ތާލިބާނުން] އަމުރެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަފްޣާނިސްތާނުގެ މިޝަންތަކުގެ މަސައްކަތްތަކާ ހަވާލުވާން ތާލިބާނުން ބޭނުންވާ އިރު، އެމީހުންނަށް އެކަން ނުކުރެވި އޮތީ މާލީ ދަތިކަމާ ހުރެއެވެ.

ތާލިބާނުން ވެރިކަމާ ހަވާލުވި ފަހުން އިންޑިއާއިން އަފްޣާނިސްތާނަށް ދަތުރުކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ދިއްލީގައި ހުންނަ އަފްޣާން އެމްބަސީން ލަފާކުރާ ގޮތުގައި އިންޑިއާގައި ގާތްގަނޑަކަށް 100،000 އަފްޣާން ރައްޔިތުން ދިރިއުޅެއެވެ. އޭގެ ތެރެއިން، ސަފީރު ވިދާޅުވާ ގޮތުގައި، ގާތްގަނޑަކަށް 30،000-35،000އަކީ އަފްޣާން ރެފިއުޖީންނެވެ.އަދި 15000އެއްހައި ރައްޔިތުންނަކީ ދަރިވަރުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!