ޚަބަރު ރައްޔިތުންގެ މަޖިލިސް

ވޭދަނަތައް އިތުުރުވިޔަސް ލޮކްޑައުނެއް ނުކުރާނަން: ނަސީމް

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން
ހެލްތް މިނިސްޓަރު އަހުމަދު ނަސީމް--

ރާއްޖޭގައި ކޮވިޑްގެ ވޭދަނަތައް އަނެއްކާ ވެސް އިތުރުވަމުން އަންނަ ނަމަވެސް، ލޮކްޑައުން ނުކުރާނެކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ނަސީމް ވަނީ ހާޒިރުކޮށް ސުވާލުކޮށްފައެވެ. އިތުރު ސުވާލު ކުރުމަށް ހުޅުވައިލި ފުރުސަތުގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ކޮވިޑްގެ ވޭދަނަތައް އަނެއްކާ ވެސް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި ލޮކްޑައުން ކުރާނެތޯ ސުވާލުކުރައްވައިފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ލޮކްޑައުންއަކަށް ދިއުމުގެ އެއްވެސް ވިސްނުމެއް މިނިސްޓްރީން ނުގެންގުޅޭ ކަމަށެވެ.

"ކޮރޯނާ ވައިރަސް ކަންތަކުގައި ލޮކްޑައުން ހަދާކަށް އަޅުގަނޑުމެން ގަސްތުކޮށްފައެއް ނުވޭ އެއްގޮތަކަށް ވެސް، އެއީ އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމެއް ނޫން އެއްގޮތަކަށް ވެސް، އިނގޭތޯ،" ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ރާއްޖޭގެ އިގްތިޞާދަށް ބެލި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އޮތް ގޮތަކީ ބައްޔާ އެކު އުޅުން ކަމަށެވެ.

"އިގްތިސޯދު ރަނގަޅަށް ހިނގަން ޖެހޭނެ، އެހެންވީމާ އަޅުގަނޑުމެން ކޮރޯނާ ވައިރަހާ އެކީ އުޅެން ދަސްކުރަން ޖެހޭނެ،" ނަސީމް ވިދާޅުވިއެވެ.

ބަންދުވެފައި ހުންނަ ތަންތަނުގައި އުޅުމުގައި އަޅަން ޖެހޭ ފިޔަަވަޅުތައް އަޅައި، މާސްކު އަޅައި ރައްކާތެރިވުމަށް ނަސީމް އިލްތިމާސް ކުރެއްވިއެވެ. އަދި މަޖިލީހުގެ މެންބަރުން ވެސް އެ ކަމަށް ނަމޫނާ ދެއްކެވުމަށް އެދިވަޑައިގެންނެވިއެވެ.

ފާއިތުވި ދެ ހަފްތާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ އަނެއްކާ ވެސް މައްޗަށް ޖެހެން ފަށައިފައެވެ.

މިިދިޔަ ހަފްތާގައި 1202 މީހަކަށް މިބަލި ޖެހުނުއިރު އެންމެ ގިނަ މީހުންނަށް ބަލިޖެހިފައި ވަނީ 22 ޖޫންގައެވެ. އެ ދުވަހު 237 މީހަކަށް ބަލި ޖެހިފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!