ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

ސްޓާފް މީޓިންގް އޮތީ ޓީ ރޫމްގައެވެ. މަލްސާއާއެކު ޔާޒް ޓީ ރޫމަށް ވަންއިރު އެތަނުގައި ބައެއް މުވައްޒަފުން ހަރަކާތްތެރި ވަމުންދިޔައެވެ. އެއިން ކޮންމެ މީހެއްގެ މޫނުން ވެސް ޔާޒްއަށް ފެނުނީ ހިނިތުންވުމެކެވެ. ބަދަލުގައި އޭނާ ވެސް ދިޔައީ ހިނިތުންވުން ހަދިޔާ ކުރަމުންނެވެ. ނަމަވެސް މީހުން ގިނަ ވުމުގެ ސަބަބުން ޔާޒް ހުރީ ގިނަ ވަގުތު އިސް ޖަހައިގެންނެވެ. ޓީ ރޫމަށް ވަތް ޒުވާނާ އޭނާއަށް ނުފެނުނު ސަބަބެއް ކަމުގައި އެކަން ވިއެވެ. ނަމަވެސް އެތަނަށް ވަނީއްސުރެ އެ ޒުވާނާގެ ސިއްރު ނަޒަރުތައް ހުރީ ޔާޒްއާ އަމާޒުވެފައެވެ. އެ މޫނުން ބައެއް ފަހަރު ހައިރާންކަން ފާޅުވާއިރު އަނެއްބައިފަހަރު ފެންނަނީ ބުނެދޭން ނޭނގޭ އަސަރުތަކެކެވެ. ކޮންމެއަކަސް އެ ޒުވާނާއަށް ޔާގް މުހިންމު ވިއެވެ.

Ads by Hajj Corporation

*********************************

ސްކޫލްގެ ޕްރިންސިޕަލް ވާހަކަ ދައްކަން ފެށުމާއެކު ތަނަށް ވެރިވީ ހިމޭންކަމެވެ. މައިގަނޑު ގޮތެއްގައި ދައްކަމުން ދިޔައީ ފެށޭ ސެމިސްޓަރުގެ ވާހަކަތަކެވެ. އޭގެ އިތުރުން ސްކޫލާ އަލަށް ގުޅުނު ދެ މުވައްޒަފުން ތަޢާރަފް ކޮށްދޭން ބޭނުން ކަމަށް ބުނެ ފުރަތަމަ ގޮވީ ޔާޒްއަށެވެ. އިށީނދެ އިން ގޮނޑިން ތެދުވެ ޔާޒް ގޮސް ޕްރިންސިޕަލްގެ ކަނާތް ފަރާތުގައި ހުއްޓިލީ ވެސް އިސް އުފުލާލުމެއް ނެތިއެވެ. ނަމަވެސް އޭނާއަށް ސިހުން ގެނުވީ ދެން ބުނެލި ނަމުންނެވެ. ޖޯޑުކޮށްލެވިފައިވާ އަތަށް އިހަށްވުރެ ބާރުކޮށްލެވުނު އިރު އިސްއުފުލާ ބަލައިލެވުނެވެ.

އޭރު އުމައިރް ގޮނޑިން ތެދުވަނީއެވެ. ދެ ޒުވާނުންގެ ނަޒަރު ބައްދަލުވުމާއެކު އެސްފިޔަތައް ތިރިކޮށްލީ އުމައިރްއެވެ. ނަމަވެސް ޔާޒްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ހިތަށް ގޮތެއް ވެއްޖެކަން ގައިމެވެ. އެއީ މީގެ ކުރިން އޭނާ ދުށް އުމައިރް ނޫނެވެ. ޔާޒްގެ މޫނަށް ވެރިވާން އުޅުނު ކުލަތައް އޭނާ ފޮރުވާލީ ކުޅަދާނަކަމާ އެކީގައެވެ. އުމައިރްއާ ނަޒަރު ވަކިކޮށްލި ކަމުގައި ވިޔަސް އެ ހިތުގައި ކުރެހިފައިވީ އެ ސޫރައެވެ.

" މިއީ ޔާޒް. އެސިސްޓެންޓް ފައިނޭންސް އޮފިސަރ. ދެން މިއީ އުމައިރް. ސެކަންޑްރީ ގްރޭޑްތަކުގެ އިސްލާމް ޓީޗަރ. މަރުޙަބާ. އުންމީދު ކުރަން ޔާޒްއާއި އުމައިރްގެ މަސައްކަތާއެކު މި ސެމިސްޓަރ ވެސް ކާމިޔާބު ވާނެކަމަށް. " ޕްރިންސިޕަލްގެ ވާހަކަތައް ނިންމާލިއެވެ. އަނެއްކާވެސް އެތަން ހަލަބޮލި ވިއެވެ. ޔާޒް ވެސް އުޅުނީ އަވަސް އަވަހަށް ދިޔުމަށެވެ. ނަމަވެސް އޭނާގެ ފިޔަވަޅުތައް މަޑުކޮށްލީ އުމައިރް ގޮވާލުމުންނެވެ. ފަސްއެނބުރި ބަލާލުމުގެ ކުރިން ޔާޒް ދެލޯ މަރާލަމުން ދޫކޮށްލީ ހަމަޖެހުމަށް ޓަކައި ފުން ނޭވާއެކެވެ.

" ކޮންގްރެޖުލޭޝަންސް." އުމައިރް ބުނެލީ ކުރު ލަފްޒެކެވެ. އިތުރަށް ހަދިޔާކޮށްލީ ޔާޒްގެ ހިތް އެއަށްޓަކައި ބޭގަރާރު ވެފައިވީ ހިނިތުންވުމެވެ.

" ތޭންކިޔު. ޔޫ ޓޫ. އައި މީން ކޮންގްރޭޓްސް". ހިތަށް ވެރިވެފައިވީ ހާސްކަމާއެކު ޔާޒްއަށް ބުނެވުނީ އުނދަގުލުންނެވެ. އިތުރަށް އުމައިރް ކުރިމަތީ ހުންނަން ވެއްޖަނަމަ އެ ހިތުގެ ހާލު އުމައިރްއަށް އެނގިދާނެއޭ ހީވުމާއެކު ޔާޒް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޓީ ރޫމުން ނުކުތެވެ. އޭނާއަށް ހަމަޖެހެވުނީ ދެނެވެ. މިއީ އެއްގޮތަކަށް ވެސް މިކަން ވާންޖެހޭ ގޮތް ނޫނެވެ. އުމައިރްގެ އަދާތައް މީގެ ކުރިން ވެސް ކަމުނުދިޔައީ ޔާޒްއަށެވެ. އެހެންވީރު މިހާރު އުމައިރް ފެނުމުން އޭނާއަށް އުމައިރް ކަމުދާންވީ ސަބަބެއް ނެތެވެ. ޔާޒް އަމިއްލަ ހިތަށް ވިސްނުވައިދޭން ކުރަމުން ދިޔަ މަސައްކަތާއެކު ހިޔާލުތަކެއްގައި ހުރެ ގޮސް އޭނާގެ ކެބިންއަށް ވަދެ އިށީނެވެ.

ޔާޒް ދިޔުމާއެކު އުމައިރްއަށް އޭނާގެ އިސްތަށިގަނޑުގައި އަތް ހިންގާލެވުނެވެ. އޭރު އެ އަލި މޫނުގައިވީ ލުއި ހިނިތުންވުމެކެވެ. އެއް ދިމާލަކަށް ގެއްލިފައި ހުރި ގޮތުން ކަމަކާ ހިޔާލު ކުރަނީކަން އެނގެއެވެ. ނަމަވެސް އުމައިރް އެހެން ހުރީ އިރުކޮޅަކަށެވެ. ކަރުގައި އަޅާފައި އޮތް ޓައި ރަނގަޅުކޮށްލަމުން ގޮސް އޭނާ ވެސް ވަނީ ސްޓާފް ރޫމަށެވެ. ކުރިއަށް އޮތް ގަޑިއަށް ތައްޔާރުވާން އޭނާ ވަގުތު ބޭނުންވީއެވެ. އޭނާގެ އަމާޒަކި ހަމައެކަނި ފޮތުގައި ހުރި މައުލޫމާތު ދަރިވަރުންނަށް ހިއްސާ ކޮށްދިނުމެއް ނޫނެވެ. އެހެނަސް އޭނާއަށް ލިބިފައިވާ އިލްމު ވެސް އެ ކުދިންނަށް ފޯރުކޮށްދިނުމެވެ.

********************************

މުޅި ދުވަހު ވެސް ނަވަލްއަށް ހުރެވުނީ ހިނިތުންވެލައިގެންނެވެ. އެކަމުން އޭނާއަށް ލިބިފައިވާ އުފާވެރިކަން ބަޔާން ކޮށްދެއެވެ. ކައިސަން އައީއްސުރެ އެ ހިތް އެދެމުން ދިޔައީ ކައިސަންއާ ބައްދަލުކުރަމެވެ. އެކަން ކުރާނޭ ގޮތް ސިކުނޑީގައި ނެތް ނަމަވެސް ކޮންމެވެސް ގޮތަކުން ހިތުގެ އެ އެދުން ފުރިހަމަކުރަން ނަވަލް ބޭނުމެވެ. އެ ކަން އޭނާ ކުރާނެ ވެސް މެއެވެ.

ލިބިފައިވާ ޗުއްޓީގެ ބޭނުން ރަނގަޅު ގޮތެއްގައި ހިފުމަށް އަބަދާއި އަބަދު ކުލްސޫމް އިރުޝާދު ދެމުންް ދިޔަ ކަމުގައި ވިޔަސް އެކަމާ ނަވަލްއަށް މާބޮޑަށް އުޅެވިފައި ނެތެވެ. ޔާޒް ވެސް ވަޒީފާއަށް ދާން ފެށި ހަބަރު އޭނާއަށް ވަނީ ލިބިފައެވެ. ހަމައެއާއެކު ޔެލިޒް ވެސް ވަޒީފާއަށް އެޕްލައިކޮށް ނަވަލް ގާތު ބުނީ މީގެ އިރުކޮޅެއް ކުރިންނެވެ. އެކުވެރިންނާ މެދު އުފާވެފައި ހުރި ނަމަވެސް ނަވަލްގެ ވިސްނުމުގެ އަދި ވަޒީފާއަކަށް ދާން ހިޔާލު ކުރެވިފައި ނެތެވެ. އޭނާ ދެކޭ ގޮތުގައި ކިޔަވައި ނިމުނީ އަދި ކިރިޔާއެވެ. އެހާ އަވަހަށް ވަޒީފާއަކަށް ދާން ވެއްޖެނަމަ އެއީ ސިކުނޑިއަށް ލިއްބައިދޭ އިތުރު ބުރައެއް ކަމުގައި ނަވަލް ދުށްޓެވެ.

*************************

ބްރޭކް ނިންމާލުމަށްފަހު ކެންޓީނުން ނުކުތް ޔާޒްގެ ފިޔަވަޅުތައް ހުރީ އިމާރާތުގެ ދެވަނަ ފްލޯރ އަށެވެ. ލިފްޓުގެ ބަދަލުގައި އޭނާ އިހްތިޔާރު ކުރީ ސިޑިއެވެ. އަތުގައި އޮތް ފޯނުން އެއްޗެއް ބަލަމުން ދިޔަ ޔާޒްގެ ފިޔަވަޅުތައް ހިމޭންވީ ދެވަނަ ފްލޯރއަށް ދެވުމުންނެވެ. އޭނާ މަސައްކަތް ކުރަންޖެހެނީ މަލްސާއާ އެކީގައެވެ. މަލްސާގެ ކެބިން ހުންނަނީ ދެވަނަ ފްލޯރގައި ކަމުން ޔާޒްގެ މަސައްކަތްތައް ވެސް ކުރުމަށް ހަމަޖެހުނީ އެ ކެބިންގައެވެ.

" ރަނގަޅު ސުވާލެއް! އިންސާނަކަށްވީތީ ކޮންމެ މީހަކަށް ވެސް ހައްޤުތަކެއް ލިބިފައިވޭ! އެކަމަކު ތިކުދިން ވިސްނާލަބަ! ހައްޤުތަކުގެ ނަމުގައި މާތްﷲ ދެއްވަވާފައިވާ ރީތިކަމާއި، މުއްސަނދިކަން ދެއްކުމަކީ ހައްޤުތަކަށް ރައްކާތެރިވުންތަ؟" ޖެހިގެން ހުރި ކްލާސްރޫމް ތެރެއިން އިވުނު އުމައިރްގެ އަޑާއެކު ޔެލިޒްއަށް އެ އަޑަށް ސަމާލުކަން ދެވުނެވެ. ހަގީގަތުގައި ޔެލިޒްގެ ސަމާލުކަން ހޯދީ އުމައިރްގެ އަޑެއް ނޫނެވެ. އޭނާ ދެއްކި ވާހަކައެވެ. ކޮށްލި ސުވާލެވެ. އެއީ ހުދު ޔެލިޒްއާ ކުރެވުނު ސުވާލެކޭ އޭނާއަށް ހީވީ ކީއްވެކަމެއް ނޭނގުނެވެ. އެއީ އާ ވާހަކައެއް ނޫނެވެ. އެވާހަކައެއް ދެއްކުމުން ޔާޒް އެންމެ ރުޅި އަންނަ ވާހަކައެވެ. ދެން ވެސް އިވެން ފެށީ އުމައިރްގެ އަޑެވެ. މިފަހަރު ޔާޒް ފާރާއި ކައިރިއަށް ޖެހިލިއެވެ. އުމައިރް ދައްކަމުންދިޔަ ވާހަކަ އަޑު އެހުމުގެ ޝައުޤުވެރިކަން އޭނާގެ ހިތުގައި އާ ވީ ކީއްވެ ކަމެއް ހުދު ޔާޒްއަށް ވެސް ނޭނގެއެވެ. އެހެނަސް އެ ވާހަކަ އަޑު އެހުމުން ގޯހެއް ނެތޭ އޭނާގެ ހިތް ބުނެލިއެވެ.

" ކޮންމެ ކުއްޖެއް ވެސް އެކުއްޖެއްގެ ޒީނަތްތެރިކަން ފޮރުވަންވާނެ. ތިކުދިން ގަބޫލުކުރަންތަ ހަށިގަނޑުގެ ވަނާތައް އެއީ މަގުމަތީގައި އެއްވެސް އަގެއްނެތި ނީލަންކިޔޭ އެއްޗެއްގެ ގޮތުގައި ހަދައި، އައުރަ ނުފޮރުވާ މަގުމައްޗަށް ނުކުތުން އެއީ ނަފްސުގެ އިއްޒަތް ރައްކާތެރި ކުރުންކަމަށް؟ ސަރ ބުނެދޭން ބޭނުންވަނީ ތިކުދިންނަށް ތި ކުދިންގެ ނަފްސުގެ ޒީނަތްތެރިކަން ރައްކާތެރި ކުރެވޭނެއޭ. އަދި ތިކުދިން އެކަން ކުރަން ވެސް ވާނެ. " އުމައިރްގެ ދުލުން ބޭރުކުރަމުން ދިޔަ ކޮންމެ ލަފްޒަކުން ޔާޒްގެ ހިތަށް އުނދަގޫ ކުރުވިއެވެ. އެ ހުރިހާ ވާހަކަތަކަކީ އޭނާއާ އަމާޒުކޮށް ބުނަމުންދާ ވާހަކަތަކެކޭ ހީވިއެވެ. މާޒީއާ ދުރުވާން ކިތަންމެ މަސައްކަތެއް ކުރިޔަސް ޔާޒްގެ ނަފްސު ހިޞާރު ކުރުވަމުން ދިޔައީ އެ ހަނދާންތަކުންނެވެ.

އިސްޖަހައިގެން ހުރެފައި އިސްއުފުލާލި ގޮތަކުން ޔާޒްގެ ލޮލުގައި އަޅައިގަތީ ކުރިމަތީ ހުރި ކްލާސްރޫމްގެ ބިއްލޫރި ގަނޑަށް އެޅިފައި ހުރި އޭނާގެ ސޫރައެވެ. ބަލާލަން ނުހަނު ރީއްޗެވެ. ފިރިހެނުންގެ ސަމާލުކަށް ހުއްޓޭނެކަން ޔަޤީނެވެ. އޭނާގެ ބުރުސޫރައިގެ ސަބަބުން މަޝްހޫރުވާނޭހާ ވެއެވެ. ލައިގެން ހުރި ނޫ ކުލައިގެ ޖީންސް ހުރީ ފަޔަށް ބާރުކޮށްނެވެ. ކުރުތާ ކަކުލަށްވުރެ ތިރިއަށް ހުރި ކަމުގައި ވިޔަސް ހުރީ އުނގަނޑަށް ފިތިފައެވެ. ދެފަރާތުން ފަޅާފައި ހުރި އިރު ބަނޑު ނުފެންނަނީ ކިރިޔާއެވެ. ޝޯލް އަޅާފައި ހުރީ ކިތަންމެ ޒަމާނީކޮށް ނަމަވެސް ކަރު ފޮރުވިފައި ހުރިކަން އެކަންޏެވެ.

އަމިއްލަ ސޫރައަށް ބަލަން ހުރުމަށްފަހު ފާރުގައި ލައްކޮށްލެވިފައިވާ ހަށިގަނޑު ޔާޒް ސީދާ ކޮށްލިއެވެ. އެއްޗެއް ހަނދާންވި ފަދައަކުން އޭނާ ފޯނު ނަގައިގެން ހިނގައިގަތީ ކެބިންއާ ދިމާލަށެވެ. އޭރު އަދި މަލްސާ ނެތުމުން ޔާޒް ގޮނޑީގައި ހަމަޖެހިލިއެވެ. ދެން އޭނާ ހުޅުވާލީ ފޯނުން ގޫގްލް ކްރޯމްއެވެ. ފަރިތަކަމާއެކު ޔާޒް ލިޔުނީ އަރަބި ލަފްޒެކެވެ.

" ތަބައްރުޖު". އެ ލަފްޒު އަނގައިން ބޭރުވުމާއެކު ދެން އޭނާ ބަލާލީ ޖެހިގެން އޮތް މާނައެވެ. ތަބައްރުޖުގެ މާނައަކީ އެހެންމީހުންގެ ސަމާލުކަން ހޯދުމުގެ ގޮތުން ހަށިގަނޑުގެ ޒީނަތްތެރިކަން އިޝްތިހާރު ކުރާ އަންހެނާއެވެ. ކުދި ރޫތަކެއް ނިތަށް އަރައިގެން ދިޔުމާއެކު ޔާޒްގެ ނަޒަރު ފޯނާ ވަކިކޮށްލިއެވެ. ދެން މަޑުމަޑުން ގޮނޑިން ތެދުވުމަށްފަހު ގޮސް އޭނާ ހުއްޓިލީ ބޭރު ފެންނަ ގޮތަށް ހުރި ކުޑަދޮރު ކައިރީގައެވެ. ހަށަންބަދެގެން ހުއްޓި ހުރިއިރު އެ ލޯ އަމާޒުވެފައިވީ ކުރިމަތިން ފެންނަން އޮތް ކާރު ބާރޫ ބޮޑު މަގަށެވެ. ނަމަވެސް އެސްފިޔަ ޖަހާލުމެއް ނެތި ހުރި ގޮތުން ޔާޒްގެ ސިކުނޑީގައި ކަންތައްތަކެއް ދައުރުވާކަން ދޭހަވެއެވެ.

" އަހަރެންގެ ވާން އުޅޭ އަންހެނުންނަކީ ތަބައްރުޖަކަށް ވާން ނޭދެން. އޭރުން އަހަރެން ވާނީ ކޮން ކަހަލަ ފިރިއަކަށް. ޕްލީޒް. ކަރެކްޓް ޔޯރ ސެލްފް ޔާޒް ". ޔާޒްގެ ކަންފަތުގައި ގުގުމައިގެން ދިޔަ އަޑުތަކާއެކު ކަނާތް ހިއްލައި މޫނުގައި ހިންގާލެވުނެވެ. އެއީ މީގެ ކުރިން ވެސް އޭނާއަށް އަޑު އިވިފައިވާ ލަފްޒެއް ނަމަވެސް އެ ލަފްޒުގެ މާނަ ބަލަން ހިތުގައި ޝައުގުވެރިކަމެއް އެ އުފެދުނީ އަލަށެވެ. އެ ވަގުތު މަލްސާ އައުމާއެކު ޔާޒްއަށް ސިހިފައި ހިޔާލުތަކުން ބޭރުވެވުނެވެ. މަސައްކަތުގައި މަޝްއޫލުވުމާއެކު އޭނާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނީ އުނދަގޫކުރުވަމުން ދިޔަ ހިޔާލުތަކާ ދުރުވެވުމުންނެވެ.

**********************************

ފެންވަރައިގެން ނުކުތް އަސްރާ ގޮސް އިށީނީ ރީތިވާ މޭޒު ކައިރީ ހުރި ގޮނޑީގައެވެ. ކަބަޑުގެ ވަތްގަނޑުން ނެގި ހެއަރ ޑްރަޔަރ ޖައްސާލުމަށްފަހު އޭނާ އިސްތަށިގަނޑު ހިއްކަން ފެށިއިރު ނަޒަރު އަމާޒުވެފައިވީ ލޯގަނޑުން ފެންނަން ހުރި ސަލްމާންއަށެވެ.  އެނދުގައި އޮށޯވެ އޮތް އިރު ކަނާތް ވަނީ ނިތްކުރީގައި ބޭއްވިފައެވެ.

" ކޮން ކަމަކާ ތި ވިސްނަނީ؟". ގޮނޑިން ތެދުވެގެން އައިސް އަސްރާ އިށީނީ ސަލްމާން ކައިރީގައެވެ. އެވަގުތު ސަލްމާން ސިހުނުކަން އަސްރާ ދެނެގަތެވެ. ފަހަރެއްގައި އޭނާއާ ހިއްސާ ކުރަން ބޭނުންވާ ނުވާ ކަމަަކާ ސަލްމާން ފިކުރުކުރަނީއޭ ހީވިއެވެ. ނަމަވެސް ސަލްމާން ދޫކޮށްލި ފުން ނޭވާއާ އެކު ތެދުވެ ހެޑް ބޯޑުގައި ބުރަކަށި ޖައްސާލިއެވެ. އަދި އަސްރާގެ އަތް ނަގައި އެ އަތުގައި ހިފެހެއްޓީ ބޮޑު ވާހަކައެއް ދައްކަން އުޅޭ ފަދައަކުންނެވެ.

" ތި ހީވީ ރަނގަޅަށް. ވަރަށް ބޮޑު ކަމަކާ މި ދެތިން ދުވަހު އެބަ ވިސްނޭ ". ސަލްމާން ހިނިތުންވެލިއެވެ. އަސްރާ ބަލަން އިނީ ސަލްމާން ދައްކަން އުޅޭ ވާހަކައެއް ފަހުމް ނުވެ އިނދެއެވެ.

" އަސޫ. ލިޒް އަކީ މިހާރު ކުޑަ ކުއްޖެއް ނޫން ". ސަލްމާން ބުނެލުމާއެކު އަސްރާގެ މޫނަށް ވެރިވީ ހިތްހަމަނުޖެހުމުގެ އަސަރުތަކެކެވެ. އެކަން ސަލްމާންއަށް އެނގުމާއެކު އަސްރާއަށް ވާހަކަ ދައްކަން ފުރުސަތު ދިނެވެ. ކަންކަން މަޝްވަރާ ކުރުމަށް ސަލްމާން އިސްކަންދެއެވެ. ނަމަވެސް ބައެއް ކަންކަމުގައި އަސްރާގެ ވިސްނުން ހުންނަނީ އެންމެ ރަނގަޅަށް ނޫނެވެ. އެހެންކަމުން އެފަދަ ކަންކަމުގައި އޭނާއާ ދެކޮޅަށް ނަމަވެސް ސަލްމާން ބައެއް ފަހަރު ގޮތް ނިންމައެވެ.

" ސަލްމާން! ލިޒް އެއީ ކުޑަ ކުއްޖެއް ނޫންކަން ސަލްމާންއަށް ވެސް ވިސްނޭ. އެހެންވީއިރު ލިޒްއަށް އޭނާގެ ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ނިންމުމުގެ ބާރު ދީބަލަ. އަބަދު އަހަރުމެން ނޫނޭ ލިޒްގެ ދިރިއުޅުމުގަ ގޮތް ކިޔަންވީ. އެ ކުއްޖާގެ ކަންކަމާ ސަލްމާން ބެހޭނެ ކަމެއް ނެތް. ތި އުޅެނީ ހުރި ހަމައެކަނި ދަރީގެ ހިތުގައި އަހަރުމެންނާ މެދު ނަފްރަތު އުފައްދަން ". އަސްރާ ބުނެލިއެވެ. ފަހަކަށް އައިސް ސަލްމާންގެ ވިސްނުން ހުންނަ ގޮތާ މެދު އަސްރާއަށް ގިނަފަހަރަށް ހުރެވެނީ ހިތްހަމަނުޖެހިފައެވެ. ހިތުގެ ކަނަކުން އެވާހަކަތަކާ މެދު ވިސްނާލަން އިންޒާރު ދިން ނަމަވެސް އަސްރާއަށް އޭނާގެ ބަސް މާ ވަރުގަދައެވެ.

" ތީއޭ މައްސަލައަކީ! އަސްރާގެ ތި ވިސްނުން ބަދަލުވާނީ ކޮން ދުވަހަކުން. ލިޒް އެއީ އަހަރެންގެ ވެސް ދަރިއެއް. އަސްރާގެ އެކަންޏެއް ނޫން. ދެން ތިބުނީ އަބަދު ލިޒްގެ ދިރިއުޅުމުގަ ގޮތް ނިންމަނީ އަހަރުމެންނޭ. އަސްރާ ބުނެބަލަ ލިޒްއަށް އަހަރުމެން މަޖުބޫރު ކުރުވި އެންމެ ކަމެއް. މި ހުރިހާ ދުވަހު ވެސް ލިޒް ބޭނުންވާ ގޮތަކަށް ލިޒް އުޅެން ދޫކޮށްފަ ބެހެއްޓީ. އަހަރުމެންގެ ނަސީބު އެއީ އެ ކުއްޖާ ނުރަނގަޅު މަގަކުން ނުހިނގިކަން. އެކަމަކު އަސްރާއަށް ވެސް ވިސްނެން ވާނެ ބައްޕައަކު އެހާ ލޯބިން ގެންގުޅޭ ދަރިފުޅާ މެދު ގޮތެއް ނިންމާނީ ވަރަށް ވިސްނާފަކަން. ބަހެއް ބުނަންޏާ ބުނާނީ ދަރިފުޅަށް އެންމެ ރަނގަޅު ގޮތަށްކަން. ގޯސް ނިންމުމެއް ނުނިންމާނެކަން. އަހަރެން ވެސް ވިސްނައިފިން. ލިޒްގެ ދިރިއުޅުމުގަ ކުރިއަށް ނަގަން ޖެހޭ ފިޔަވަޅު ދެން ނަގާނީ އަހަރެން ބުނާ ގޮތަށް. އަސްރާގެ ހުއްދައަށް އަހަރެން މިކަމުގަ ނޭދެން. އެއީ މިއީ ލިޒްއަށް ލިޒްގެ ބައްޕަ ހެޔޮއެދިގެން، ހެޔޮހިތުން ކޮށްދޭން އުޅޭ ކަމަކަށްވާތީ. މިހާރު އަހަރެންގެ މި ނިންމުމާމެދު ލިޒް ނުރުހުންވިޔަސް ފަހުން އެއީ ލިޒްގެ ނަސީބު ކަމުގައި ގަބޫލު ކުރާނެ ". ސަލްމާންގެ އަޑުން ހިސާބަކަށް ހަރުކަށިކަން ފާޅުވާން ފެށުމާއެކު އަސްރާގެ މޫނުގެ ކުލަވަރު ވެސް ބަދަލުވެއްޖެއެވެ.

" ސަލްމާން ތި ބުނާ ނިންމުމަކީ ކޮބާ ؟". މަޑުމައިތިރި ކަމާއެކު އަސްރާ އަހާލީ ފިރިމީހާއާ ޒުވާބުކުރަން ބޭނުން ނުވާ ފަދައަކުންނެވެ.

" ލިޒްގެ ކައިވެނި ކުރެވެންވީ. އަހަރެން ކުއްޖަކު ހަމަޖައްސައިފިން". ސަލްމާންގެ ދުލުން ބޭރުވި ލަފްޒުތަކާއެކު އަސްރާ ސަލްމާންއަށް ގޮވާލީ ހިތްހަމަނުޖެހިފައެވެ. އިށީނދެ އިން ތަނުން ތެދުވެވުނު އިރު އޭނާގެ ބުމަވަނީ ގާތް ކުރެވިފައެވެ.

" އިތުރަށް ބުނަންޖެހޭ އެއްޗެއް ނެތް. މިކަން މިގޮތަށް ވާނެ ". ސަލްމާން ބުނެލިއެވެ.

" ނުވާނެ! އަހަރެން ހަމަހޭގައި ހުއްޓާ ތި ކައިވެންޏެއް ނުކުރެވޭނެ. " އަސްރާގެ ރުޅިގަނޑު ހައްދުން ނެއްޓުމާއެކު ހަރުއަޑުން ބުނެލިއެވެ. އޭރު އޭނާގެ ޝަހާދަތް އިނގިލި ވަނީ ސަލްމާންއަށް ދިއްކުރެވިފައެވެ. އެ އަތުގައި މަޑު ތުރުތުރުލުމެއް އެކުލެވިފައި ހުރި އިރު މޫނަށް ވަނީ ރަތްކަމެއް ވެރިވެފައެވެ.

" ކުރިން ވެސް ބުނި ގޮތަށް އަސްރާގެ ހިޔާލު މިކަމުގަ ބޭނުމެއްނޫން. ލިޒްއަށް އެންމެ ރަނގަޅު ގޮތް މިއީ. އަހަންނަށް އެނގިފައި ނެތް ލިޒްގެ ދިރިއުޅުމުގެ ކުއްޖަކު ހުރިކަމެއް. އެހެންވީމަ މި ނިންމުމާ ލިޒް ދެކޮޅުވާންޖެހޭ އެއްވެސް ސަބަބެއް ނެތް. ކިޔެވުން ވެސް އެ ނިމުނީ. އިތުރަށް ލިޒް ކިޔަވަން ބޭނުން ނަމަ ކިޔެވިޔަސް އަހަރެންގެ މައްސަލައެއް ނެތް. އެކަމަކު ލަހެއް ނުވެ .......... " ސަލްމާންއަށް އޭނާގެ ވާހަކަ ފުރިހަމަ ކުރެވުމުގެ ކުރިން އަސްރާ ކޮޓަރިން ނުކުމެގެން ގޮސްފިއެވެ. ބަންލާފައި ދޮރު ޖެހުނު ގަދަ އަޑުފަށްގަނޑާއެކު ސަލްމާންއަށް ނިތް ކުރީގައި ހިފަހައްޓާލެވުނެވެ. ހީކުރި ގޮތަށް މި ކަން ފަސޭހަނުވާނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް އެ ނޫން ގޮތަކަށް ވިސްނުން ބަދަލުކުރަން ހުދު ސަލްމާން ވެސް ނޭދެއެވެ.

*********************************

ސޯފާގައި އިން ނަވަލްގެ އަތްފައި ވަނީ ފިނިވެފައެވެ. ކުރިމަތީ ހުރި މޭޒަށް ނަގާފައިވާ އޭނާގެ ފައި ހުއްޓުމެއްނެތި ހަލުވަމުން ދިޔައިރު އިރުއިރުކޮޅާ ކައިރީ އޮތް ފޯނަށް ނަޒަރު ހުއްޓާލައެވެ. ހަތެއް ޖެހުމާއެކު އޭނާ ތެދުވިއެވެ. އަލަމާރި ހުޅުވުމަށްފަހު ނެގި ހެދުމަށް ނަވަލް ބަލަން ހުރީ ހިނިތުންވުމަކާ އެކީގައެވެ. ލަސްކުރުމެއް ނެތި ހެދުން ބަދަލު ކޮށްލުމާއެކު އޭނާ ގޮސް ހުއްޓިލީ ލޯގަނޑު ކުރިމަތީގައެވެ. ފުށް ޖަހާލުމަށްފަހު މަޑު ގްލޮސްއެއް ތުންފަތުގައި ހާކާލިއެވެ. އަދި މަސްކަރާގެ އެހީގައި އެ ކަޅު އެސްފިޔަތަށް އިތުރަށް ބޯކޮށްލަމުން ދެތިން ފަހަރު އަވަސް އަވަހަށް އެސްފިޔަ ޖަހާލިއެވެ. އެއަށްފަހު އެނދުމަތީ ފަތުރާފައި އޮތް ބޮޑު ބުރުގާ ބޮލަށް ހެޔޮވަރު ކޮށްލިއެވެ. ބުރުގާގެ އެއް ކަން ގެންގޮސް ކޮނޑުމަތިން ހައްޔަރު ކޮށްލީ ދައްޗެއްގެ އެހީގައެވެ. ހަމައެފަދައިން އަނެއް ކަންވެސް ރީތި ކޮށް ނިމުނު އިރު ބުރުގާ ހުރީ ފޫޅަށްވުރެ ތިރިއަށެވެ. ފަހަތުންވެސް ފޫކޮޅު ފޮރުވޭ ވަރަށް ހުރި އިރު އެ ހަށިގަނޑު ވަނީ އެކީ އެކައްޗަކަށް ފޮރުވިފައެވެ.

" ދޮންބެ. އައިމް ރެޑީ ". ނަވަލް ކޮޓަރިން ނުކުންނަމުން ގޮވާލިއެވެ. އެއާއެކު ޖެހިގެން ހުރި ކޮޓަރިން އުމައިރް މި އަންނަަނީ ކަމުގައި ބުނެ ގޮވާލުމާއެކު ނަވަލް އަތުގައި އޮތް ފޯނު ދަބަސް ތެރެއަށް ލުމަށްފަހު ތިރިއަށް ފޭބިއެވެ. އޭރު ސޯފާގައި އިން ކުލްސޫމްއަށް ނަވަލް ފެނުމާއެކު ތުންފަތަށް ގެނުވީ ލުއި ހިނިތުންވުމެކެވެ. އެހެނަސް އެ ހިނިތުންވުން ލޮލާ ހަމައަށް ނުފޯރިއެވެ. ސަބަބަކަށްވީ ނުތަވަސްކަން ވެރިވެފައިވާ އޭނާގެ ހިތެވެ. ނަވަލްގެ އެދުމަށް ރައްޓެހި ކުއްޖެއްގެ ކައިވެނި ޕާޓީއަށް ޔެލިޒްމެންނާއެކު ދިޔުމަށް ކުލްސޫމް ހުއްދަ ދިނީ ހިތާ ދެކޮޅަށެވެ.

" ނަވަލް. ލަސް ނުކޮށް އަންނާތި. ނިމުނުހާ އަވަހަކަށް ދޮންބެ ނޫނީ ބައްޕައަށް ގުޅާތި ". ކުލްސޫމް ބުނެލިއެވެ. އެއާއެކު ނަވަލް ބޯޖަހާލިއެވެ. އެވަގުތު އުމައިރް ތިރިއަށް ފޭބުމުން އޭނާގެ ފަހަތުން ގޮސް ނަވަލް ބޭރަށް ނުކުތެވެ. އެ މަންޒަރު ބަލަން ހުރި ކުލްސޫމް ހިތާ ދިމާލުން މޭގައި ފިރުމާލީ ލިބިފައިިވާ ހާސްކަން ކުޑަކުރުމަށެވެ.

" ކޮންތާކަށް ދާންވީ". ސައިކަލު ސްޓާޓް ކޮށްލަމުން އުމައިރް އަހާލީ ފަހަތުގައި އިން ނަވަލް ކައިރީގައެވެ.

" ހޮޓެލް ރޯޔަލް. އައި މީން.. ރޯޔެލް ހޮޓެލް...". ނަވަލް ޖުމްލަ ރަނގަޅު ކޮށްލީ ލުއި ހުނުމަކާއެކުގައެވެ. ނަމަވެސް އެ ހިނިތުންވުން ފިލައި ދިޔުމާއެކު އޭނާއަށް ލޯ މަރާލެވުނެވެ. އެ މޫނުން ހިސާބަކަށް ޖެހިލުންވުމުގެ އަސަރު ފާޅުވާން ހުރި ނަމަވެސް ނަވަލް އަށް ބަލާފައި އޭނާ އިނީ ހަަމަޖެހިގެންހެން ހީވެއެވެ.

ހަތް ވަރަކަށް މިނިޓް ދުއްވުމަށްފަހު އުމައިރް ގޮސް ސައިކަލު މަޑުކޮށްލީ ރޯޔެލް ހޮޓެލް ކުރިމައްޗަށެވެ. އެއާއެކު ނަވަލް ފޭބިއެވެ. ހިނގައިގަންނަން އުޅެފައި ވެސް އޭނާ މަޑުކޮށްލީ އުމައިރް އެއްޗެއް ބުނަންދެނެވެ.

" ކޮބާ ފްރެންޑްސް ". އުމައިރް އަހާލިއެވެ. އޭރު އޭނާގެ ނަޒަރު ވަށައިގެން ދަތުރު ކުރަމުންދިޔައީ މުޅި ހިސާބު ފާސްކުރާ ކަހަލަ ގޮތަކަށެވެ.

" ވޮޝް ރޫމްގަ. ދޮންބެއާ ހުރެ ނަވަލް ލަސްވީމަ އެމީހުން އެތެރެއަށް ގޮއްސި. ދެން ވެސް ދިޔަދީ. ނޫނީ ލަސްވެދާނެ. ". ނަވަލް ބުނެލުމާއެކު އުމައިރްއަށް ހެވުނެވެ.

" އޯކޭ ޑަރލިންގް. ދޭ އަވަހަށް. ބަސް އަހައިގެން އުޅޭތި". އުމައިރް މަޑުމަޑުން ނަވަލްގެ ކޯތާފަތުގައި އަތް ޖައްސާލިއެވެ. ނަވަލް މަޑުމަޑުން ބޯ ޖަހާލުމާއެކު ފަސްއެނބުރި ގޮސް ހޮޓެލަށް ވަންނަންދެން އުމައިރް އެގޮތުގައި އިނެވެ. އޭނާ ސައިކަލު ދުއްވާލީ ލޯމައްޗަށް ނަވަލް ގެއްލުމާއެކުއެވެ.

އުމައިރް ދިޔަކަން ޔަގީންވުމާއެކު ނަވަލް ދޫކޮށްލީ ހަމަޖެހުމުގެ ނޭވާއެކެވެ. އަވަސް އަވަހަށް ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ތެރެއިން ފޯނު ނަގައި މީހަކަށް ގުޅާލިއެވެ. ދެތިން މިނިޓަށް ދެމިގެން ދިޔަ އެ ކޯލު ނިމުމާއެކު ނަވަލް ވަށައިގެން ހޯދާލިއެވެ. އޭނާ ކުރިއަށް ހިނގައިގަތީ އޭގެ އިރުކޮޅެއް ފަހުންނެވެ. ހިމަ ދިގު ކޯރިޑޯ ހުރަސްކޮށް ކުރިމަތިން ފެންނަން ހުރި ލިފްޓަށް އެރުމާއެކު ނަވަލް ފިއްތާލީ ފަހެއް ޖަހާފައި އިން ފިތަށެވެ. ލިފްޓުގައި ހުރި އިރު ވެސް އޭނާގެ މޫނުން ފެންނަނީ ނުތަވަސްކަމެވެ. އިރު އިރުކޮޅާ ދޫކޮށްލާ ފުން ނޭވައިން އެކަން ހާމަވެއެވެ. ލިފްޓުން ނުކުތުމުގެ ކުރިން ނަވަލް ކަނާތްފަރާތުގައި ހަރުކޮށްފައި ހުރި އިސްކޮޅު ފެންނަވަރުގެ ބޮޑު ލޯގަނޑުން އޭނާގެ ސޫރައަށް ބަލާލިއެވެ. ހިތްހަމަޖެހޭވަރުވުމުން ދެން އޭނާ ތުންފަތަށް ވެރިކޮށްލީ ރީތި ހިނިތުންވުމެކެވެ. އެ ވަގުތު ލިފްޓުގެ ދޮރު ވެސް ހުޅުވިއްޖެއެވެ. އެއާއެކު ލަސްކުރުމެއްނެތި ނަވަލް ފޭބިއެވެ.

= ނުނިމޭ =

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!