ދުނިޔެ

ސިންގަޕޫރްގައި ޖީއެސްޓީ ދެ ޕަސެންޓް ބޮޑުކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިޤްތިޞާދު ރަނގަޅު ކުރުމަށް، ސިންގަޕޫރުގައި ނަގަމުން އަންނަ މުދަލާ ޚިދުމަތުގެ އަގުން ނަގަމުން އަންނަ ޖީއެސްޓީ، 7އިންސައްތައިން 9 އިންސައްތައަށް ބޮޑު ކުރަން ނިންމައިފިއެވެ.

Ads by Sosun Fihaara

ސިންގަޕޫރުގައި ޖީއެސްޓީ ބޮޑު ކުރަން ނިންމުމާ ގުޅިގެން ސަރުކާރުގެ ބައެއް ފަރާތްތަކުންނާއި އިދިކޮޅުން ވެސް ވަނީ އެކަމަށް ފާޑު ކިޔައިފައެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރުގެ ނައިބު ލޯރެންސް ވޮންގް ވަނީ ޤާނޫނު ހަދާ މަޖިލީހުގައި ޖީއެސްޓީ ބޮޑުކުރުމާ އެކު ކުރިއަށް ދިއުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފައެވެ. އަދި އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ ނަމަ ސަރުކާރުން "އިތުރު ކަންކަން ކުރަން ތައްޔާރަށް"އޮތް ކަމަށް ވިދާޅުވިއެވެ.

ސިންގަޕޫރުގެ ސަރުކާރުން ވަނީ ޚަރަދުތައް ކުޑަ ކުރުމަށް އިތުރު ފިޔަވަޅުތަކެއް ވެސް އަޅައިފައެވެ.

ކުރިއަށް އޮތް 2023ވަނަ އަހަރުގެ ޖީއެސްޓީ ބޮޑުކުރުން އިތުރަށް ލަސްކުރުމަށް ސަރުކާރުން ވިސްނާނެތޯ މަޖިލީހުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވޮންގް ވިދާޅުވީ، އެ ގޮތަށް ކަންކުރުމަށް ސަރުކާރުގެ ވިސްނުން އެބަހުރި ކަމަށާއި އެއީ މުހިންމު ކަމެއް ކަމަށެވެ.

“ބަޖެޓް 2022ގައި އިއުލާންކުރި ގޮތަށް، ޖީއެސްޓީ ބޮޑުކުރުމާ އެކު ސަރުކާރުން ކުރިއަށް ދާން ޖެހޭނީ.” އޭނާ ވިދާޅުވީ، މިއަހަރުގެ އިންފްލޭޝަން މަތިވާނެ ކަމަށް ސަރުކާރުން ކުރިން ލަފާކޮށްފައި އޮތުމުން، ޖީއެސްޓީ އިތުރުކުރުން ދެ ފިޔަވަޅަކަށް ބަހައިލައިފައިވާ ކަމަށެވެ.

ސިންގަޕޫރުގައި ޖީއެސްޓީ 2023ވަނަ އަހަރު 7 ޕަސެންޓުން 8 ޕަސެންޓަށް މައްޗަށް އަދި، 2024ވަނަ އަހަރު 9 ޕަސެންޓަށް އިތުރު ކުރުމަށް ވަނީ ނިންމައިފައެވެ.

"ޖީއެސްޓީ އިތުރުކުރުން އިތުރަށް ލަސް ނުކުރެވޭކަށް ނެތް. އަޅުގަނޑުމެންގެ އިތުރުވަމުންދާ މުސްކުޅި އާބާދީއަށް ރަނގަޅަށް އަޅައިލުމަށާއި އިތުރުވަމުންދާ ސިއްހީ ހިދުމަތުގެ ހަރަދުތައް ފުއްދުމަށް އަވަހަށް ފައިސާ ބޭނުންވާނެ،" ފިނޭންސް މިނިސްޓަރުގެ މަޤާމު ވެސް އަދާ ކުރައްވަމުން އަންނަ ވޮންގް ވިދާޅުވިއެވެ.

މިދަނޑިވަޅަކީ ޖީއެސްޓީ ބޮޑުކުރުމަށް އެންމެ އެކަށީގެންވާ ދަނޑިވަޅުކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިޔަ ނަމަވެސް، ފިނޭންސް މިނިސްޓަރ ވޮންގް ވިދާޅުވީ، ޖީއެސްޓީ ބޮޑުކުރަން ނިންމިއިރު ގިނަ ކަންތައްތަކަކަށް ބަލައިފައިވާ ކަމަށާއި،  ބަޖެޓް 2022ގައި އިއުލާންކުރި 6.6 ބިލިއަން އެސް ޑޮލަރުގެ އެޝުއަރެންސް ޕެކޭޖު ޚާއްސަކޮށްފައި ވަނީ ޖީއެސްޓީ އިތުރުކުރުމުގެ އަސަރު ކުރާ ގޭބިސީތަކަށް އެހީތެރިވުމަށް ކަމަށެވެ.

ސިންގަޕޫރުން ވަނީ މިދިޔަ މަހު ޖޫން މަހު 1.5 ބިލިޔަން ޑޮލަރުގެ ބަޖެޓެއް އިންފްލޭޝަންއާ އެކު ތަކެތީގެ އަގު އުފުލޭތީ އެކަމުން އަރައިގަތުމަށް ވަނީ ޚާއްސަކޮށްފައެވެ.

ސިންގަޕޫރުގެ ޖީއެސްޓީއަށް ގެންނަ ބަދަލަކީ އެ ޤައުމުގެ ކުރީގެ މާލީ ވަޒީރު ހެންގް ސްވީ ކީޓްގެ ދައުރުގައި، 2018ވަނަ އަހަރުގެ ބަޖެޓް އިފްތިތާޙުކުރުމަށް ދެއްވި ޚިޠާބުގައި ފާހަގަކުރައްވައިފައިވާ ނިންމުމެކެވެ. އެހެން ނަމަވެސް ކޮވިޑާ ގުޅިގެން ވަނީ ޖީއެސްޓީ ބޮޑުކުރުން ފަސްކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!