ވާހަކަ މުނިފޫހިފިލުވުން

ފޯވީތީ މިހިތް ކަރުނުން..( އަށްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން

" އައްސަލާމް އަލައިކުމް!! އަހަރެންނަށް ކިޔަނީ ރޫވިން.. ޝަޖާހުގެ ދަރިއެއް.. ތީތަ ސަނަމްއަކީ؟ " ރޫވިން އަހައިލިއެވެ. އެ އަޑުގައި އެއްވެސް ގާތް ގޮތެއް ނެތެވެ. ސަނަމް ބޯޖަހައިލީ ޖެހިލުންވެފައި ހުރެއެވެ. ސަނަމްގެ ދެލޮލުން ފެންނަމުން ދިޔަ ޖެހިލުންވުން ފެނި ހިނދުކޮޅަކަށް ރޫވިންއަށް އެބޮޑު ދެލޮލަށް ބަލަހައްޓައިގެން ހުރެވުނެވެ. ސަނަމް ހިންދިރުވައިލިއެވެ. ރޫވިންއަށް ސަނަމްގެ އެއަމަލު ކަމުދިޔައީ ކީއްވެ ކަމެއް ނޭނގުނެވެ. ސަނަމްގެ ނާޒުކުކަން ހިތަށް އަރާފައި ހެވެން އުޅުނެވެ. ސަނަމް އެހުރީ ވަރަށް ބިރުގަނެފައިކަން އޭނާ ހުރިގޮތުން އެނގެއެވެ.

Ads by Hajj Corporation

" ކާރަށް އަރަންވީނު.. ގެނޭ ދަބަސް.. " ސަނަމްއާ ދިމާލަށް އަތްދިއްކޮށްލަމުން ރޫވިން ބުންޏެވެ. ސަނަމް ރޫވިންއަށް އޭނާގެ ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ދިއްކޮށްލިއެވެ. ދަބަސް ޑިކީ ތެރެއަށް ލުމަށްފަހު ސިލްމާ ކާރަށް އަރުވަން ރޫވިން އެހީތެރިވެދިނެވެ.

" ހޮސްޕިޓަލަށް ދޯ ދަނީ.. މަންމައާއި ބައްޕަ އެތަނުގައި އިންތިޒާރުގައި އެބަހުރި.. " ކާރު ދުއްވައިލަމުން ރޫވިން އެހިއެވެ. ސަނަމް ވަކި އެއްޗެއް ނުބުނެ ބޯޖަހައިލިއެވެ. އެވަގުތު ސަނަމްގެ ފޯނަށް މެސެޖެއް އައެވެ. މާލެ ދެވިއްޖެތޯ އެލް އަހާފައި އޮތެވެ. ސަނަމް އާއެކޭ ބުނެ ރައްދު ފޮނުވިއެވެ. އެލް އެދުނީ ހޮސްޕިޓަލަށް ދެވުނުހާ އަވަހަކަށް އޭނާއަށް އަންގާލުމަށެވެ.

**************

ކާރު މަޑުކޮށްލީ ހޮސްޕިޓަލުގެ އެމަރޖެންސީ ދޮރުގެ ކުރިމައްޗަށެވެ. ރޫވިން އާއި ސަނަމްގެ އެހީގައި ސިލްމާ ކާރުން ބޭލުވިއެވެ. ގަދަޔަށް ހުންއައިސްފައި ހުރުމުގެ ސަބަބުން ވާނުވާއެއް ސިލްމާއަށް ނޭނގޭފަދައެވެ. އޭނާގެ ގައިގައި ވަރެއްވެސް ނެތެވެ. ހޮސްޕިޓަލުގެ ފުރޮޅުލީ ގޮނޑިއެއް ހިފައިގެން އައީ ޝަޖާހުއެވެ. ސިލްމާ އޭގެ ބޭންދުމާއެކު ޝަޖާހު ގޮނޑިދަމަމުން އެތެރެއަށް ވަނެވެ. ޝަޖާހުއާ އެކީގައި ގޮތަކަށް ސަނަމްއާއި މާހްރީންވެސް ދިޔައެވެ. އޮފީހުގައި މުހިންމު ބައްދަލުވުމެއް އޮތުމާއެކު ރޫވިން އެތަނުން ދިޔައީއެވެ.

ލަސްނުކޮށް ސިލްމާގެ ފަރުވާ ފެށުނެވެ. ސިލްމާ އޮތް އެނދުކައިރީގައި ތިން މީހުން ތިބުމުން އެކަކު ހުރެފައި އެހެން މީހުން ނިކުތުމަށް އެތަނުގެ ސެކިއުރިޓީން އެދުނެވެ. ޝަޖާހުގެ ހަރަދުގައި ސިލްމާ ޕްރައިވެޓް ކޮޓަރިއަކަށް ބަދަލު ކުރެވުނެވެ.

" ސަނަމް ދަރިފުޅާ.. މީ އަހަރެންގެ އަންހެނުން މާހްރީން.. ސަނަމް ކަމެއް ބޭނުންވިއްޔާ އަހަރެން ނޫނީ މާހީއަށް ގުޅާލާ.. ސަނަމްއާއެކު މާހީވެސް ބައެއް ގަޑިގަޑީގަ މިތާ އިންނާނެ..  " ޝަޖާހު އޭނާގެ އަންހެނުން ސަނަމްއަށް ތައާރަފްކޮށްދިނެވެ. ސަނަމް ހިނިތުންވެލިއެވެ.

" ބައްދަލުވީތީ ވަރަށް އުފާވެއްޖެ.. ޝަޖާހު ބުނި ސަނަމް އޭނާގެ ފުރާނަ ސަލާމަތްކޮށްދިން ވާހަކަ. އެކަމަށް ސަނަމްއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން.. " މާހްރީން ބުންޏެވެ.

" އަޅުގަނޑު ކޮށްދިނީ ބޭބެމެން ތިކޮށްދޭ ކަންތަކަށް ބަލާފަ ވަރަށް ކުޑަކުޑަ ކަމެއް.. ތި ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރުއަދާ ކުރާނެ ގޮތެއް ވެސް ނޭނގެ.. " ސަނަމް ބުންޏެވެ.

" ދެން ޝުކުރުއަދާ ކުރާނީ ފަހުން.... އިހަށް ހިނގާ ގެއަށް ގޮސް ފްރެޝްވެލައި ކާއެއްޗެއް ކައިގެން އަންނަން.. " ޝަޖާހު އެދުނެވެ. ސަނަމްއަށް ބަލައިލެވުނީ ސިލްމާއަށެވެ. ސިލްމާ އެހާލުގައި ބާއްވާފައިދާން އޭނާގެ ހިތް ނުރުހެއެވެ. ޝަޖާހުއަށް ސަނަމްގެ އިހުސާސްތައް ދެނެގަނެވުނެވެ.

" ސަނަމް ކަންބޮޑުނުވޭ.. މާހްރީން ސަނަމްގެ މަންމައަށް ރަނގަޅަށް ބަލާނެ.. ގޯހެއް ވަންޏާ އަހަރެމެންނަށް ގުޅާނެ.. ސަނަމްގެ ހަށީގަ ވަރު ހުރެގެނެއްނު މަންމަ ބެލޭނީވެސް.. ކައިގެން މިކޮޅަށް އަންނާނީ... " ޝަޖާހު އެދުނެވެ.

" ނޫން ބޭބެ.. މަންމަ ރަނގަޅު ނުވަނިސް އެންމެ ހިނދުކޮޅަކަށްވެސް މިތަނުން ދިއުމަކީ އަޅުގަނޑަށް ވާނެ ކަމެއް ނޫން.. " ސަނަމް އެތަނުން ދާން ބޭނުމެއްނުވިއެވެ.

" އެންމެ ރަނގަޅު.. ބޭބެމެން މިދަނީ.. ކަމެއް ބޭނުންވިއްޔާ ގުޅާތި!! މީހަކު އަތަށް ދީފަ އިރުކޮޅަކުން ކާއެއްޗެއް ފޮނުވާނަން.. ސަނަމް ރަނގަޅަށް ކައިގެން ހުންނާތި.. އަނެއްހެން އެއްޗެއް ބޭނުމިއްޔާ ގަނެލާ.! " ފަސް ސަތޭކައިގެ ތިން ނޫޓު ސަނަމްއަށް ދިއްކޮށްލަމުން ޝަޖާހު ބުންޏެވެ. އޭގައި ހިފަން ސަނަމް އުޒުރުވެރިވިއެވެ. ކަމެއް ބޭނުމިއްޔާ ޔަގީނުންވެސް ޝަޖާހުއަށް ގުޅާނަން ކަމުގައި ބުންޏެވެ. ސަނަމް ކުރުނުކުރުމުން ޝަޖާހުއަށް ޖެހުނީ އެލާރި އަލުން ވޮލެޓަށް ލާށެވެ. ތީންގެ ވާހަކަތަކުގައި އެއްވެސް ހަޤީޤަތެއް ނެތްކަން ސަނަމްގެ އެއަމަލުންވެސް ހާމަވެއްޖެއެވެ. ސަނަމްއަކީ ލާރިއަށް އުޅޭ ކުއްޖެއް ނޫންކަން ޔަގީންވެއްޖެއެވެ.

**************

ހޮސްޕިޓަލުގައި އެޑުމިޓު ކުރެވުނުތާ ދެތިން ދުވަސް ތެރޭގައި ސިލްމާގެ ހާލު މަޑުމަޑުން ރަނގަޅުވާން ފެށިއެވެ. އެހުރިހާ ދުވަހު އެންމެ ހިނދުކޮޅަކަށްވެސް ސަނަމް އެތަނުން ނުނިކުމެއެވެ. އޭނާގެ ހުރިހާ ވަގުތެއް ހުސްކޮށްފައިވަނީ ސިލްމާއަށް ހިދުމަތްކުރުމުގައެވެ. ކޮންމެ ގަޑިއެއްގެ ކެއުން ފޮނުވަނީ ޝަޖާހުގެ ގެއިންނެވެ. ބައެއް ދުވަސް ދުވަހު މާހްރީންވެސް ކާއެއްޗެހި ހިފައިގެން އާދެއެވެ. މާހްރީންއާއެކު ޝަޖާހު އަންނަ ފަހަރުވެސް މަދެއް ނޫނެވެ.

ކޮންމެ ދުވަހަކުހެން ސިލްމާގެ ހާލު ބަލަން ހަބީބާ ގުޅައެވެ. މާއިފާވެސް ދޭތެރެއަކުން ގުޅާލައެވެ. ނަމަވެސް އެހުރިހާ މީހުންނާ އެލް ތަފާތެވެ. އިރުއިރުކޮޅުން ސަނަމް ކައިރިން ވާނުވާ އޮޅުން ފިލުވައެވެ. ފަހަކަށް އައިސް ސަނަމްގެ ހިތަށް ސުވާލެއް އުނދަގޫ ކުރަން ފަށައިފިއެވެ. އެސުވާލަކީ އޭނާ ކުރިން ކުރަން ގަސްދުކޮށްގެން ހުރި ސުވާލެއް ނޫނެވެ. ނަމަވެސް މިހާރަކަށް އައިސް އަބަދުމެ ސަނަމްގެ ހިތްގޮވަމުން ދިޔައީ އެލް އަކީ ކާކުތޯ ބެލުމަށެވެ. އަންހެނެއްތޯ ނޫނީ ފިރިހެނެއްތޯއެވެ. އަސްލު ނަމާއި އުމުރެވެ. އުޅޭ ތަނެވެ. މިހުރިހާ ސުވާލުތަކަކީ ކުރިން ސަނަމް ކުރަން ބޭނުންވި ސުވާލުތަކެއް ނޫނެވެ. ނަމަވެސް މިހާރު އެހުރިހާ ސުވާލެއްގެ ޖަވާބު އެނގެން އޭނާ ބޭނުންވެއެވެ. އެކަމަކު އަހާކަށް ނުކެރެއެވެ. ކުރިން ނުކުރާ ސުވާލުތަކެއް މިހާރު ކުރުމުން އެލް ހިތަށް އަރާނެ އެއްޗެއް ނޭނގޭތީއެވެ.

" ހާދަ ރަނގަޅު ދެމަފިރިންނޭ އެއީ.. މީހުން ބުނެއެއްނު މާލޭ މުއްސަނދިންނަކީ ވަރަށް ބޮޑާ ކިބުރުވެރި ބައެކޭ.. އެކަމަކު އެދެމަފިރިންގެ ކިބައިގައި އެފަދަ އެއްވެސް ކަމެއް ނެތް.. މާތްﷲ އެދެމަފިރިންނަށް ހެޔޮ ރަޙުމަތް ލައްވަވާ ރިޒްޤު އިތުރުކޮށްދެއްވާށި..އާމީން!! " ސިލްމާ ބުންޏެވެ. ސިލްމާއާ ބައިވެރިވަމުން ސަނަމްވެސް އާމީން ބުނެލިއެވެ.

*************

ކޮޓަރިއަށް ވެރިވެފައިވަނީ ކަނު އަނދިރިކަމެވެ. އެތެރެއަށް ވަދެގެން އައި ފިރިހެންމީހާ ލައިޓް ދިއްލަން އުޅުނެވެ. އެހިނދު އެނދުގައި އިށީނދެ އިން އަންހެންމީހާ އެކަން މަނާކުރިއެވެ. ފިރިހެންމީހާ ކުޑަކޮށް ސިހުނު ނަމަވެސް ދެވަނަ ހިނދުގައި އެއީ ކާކުކަން އެނގުނެވެ. ކޮޓަރީގެ ދޮރު ލައްޕައިލަމުން ފިރިހެންމީހާ އައިސް އަންހެންމީހާގެ ކުރިމަތީގައި ހުއްޓުނެވެ.

" މިތާ ކިހިނެއްވެފަ ތިއިނީ..؟ " ފިރިހެންމީހާ ސުވާލުކުރިއެވެ.

" ކިހިނެއްވީ؟ އަހަރެން މިތާ އިނީމަ ހައިރާންވީދޯ!! އުއްމީދު ކުރެވުނީ އެހެން މީހަކު އިންނާނެކަމަށް ދޯ " އެއަންހެން މީހާގެ އަޑުގައިވީ ހިތްހަމަނުޖެހުމެވެ.

" އާނ.. އެނގެއެއްނު.. ހިތަށް އަރާ އަދި ކިހާ ދުވަހަކު މިގޮތަށް ސިއްރުން އުޅެންޖެހޭނެބާއޭ.. " ފިރިހެންމީހާ އަންހެންމީހާއަށް ފުރަގަސް ދިނެވެ. އޭނާގެ އަޑުގައިވެސް ވީ ނުރުހުމެވެ.

" ސިއްރުން އުޅޭކަށް ނުޖެހޭނެއްނު ތިކަން ނިންމާލީމަ.. މިހުރިހާ ދުވަހު ކުރި މަސައްކަތް ފެނަށް ދުއްވާލަންތަ ތި މަސައްކަތް ކުރަނީ.. " ކައްޓެއްހެން އަންހެންމީހާ އިންތަނުން ތެދުވިއެވެ.

" ނުހުއްޓޭނެ.. ނުވެސް ހުއްޓުވޭނެ.. އަހަރެން މިކަން ކުރިޔަސް ރާވާފައި އޮތްގޮތަށް ހުރިހާ ކަމެއް ވާނީ.. އެމީހުންނަށް އިތުރު ގޮތެއް ނޯންނާނެ.. އަހަރެން މިހާވަރުން އުޅޭއިރުވެސް ކީއްވެތަ އަހަރެންގެ އުފާތަކަށް ހުރަސް އަޅަން މަސައްކަތް ތިކުރަނީ.. އަހަރެން އޭނަ ދެކެ ހާދަ ލޯބިވެޔޭ.. އޭނާވެސް އަހަރެންދެކެ އިންތިހާއަށް ލޯބިވޭ.. ކީއްވެތަ ނުވިސްނެނީ.. " ފިރިހެންމީހާ ބުންޏެވެ.

" ފައިސާގެ ކުރިމަތީގައި ލޯތްބަކީ އެއްވެސް އެއްޗެއް ނޫން.. ކީއްވެތަ ކަލެއަށް އެކަން ނުވިސްނެނީ..؟ "

" އަހަރެންނަށް ފައިސާއާ އެއްވަރަށް ލޯބިވެސް މުހިންމު.. އޭނާ ހުރީ އަހަރެން ކުރާ ކޮންމެ ކަމެއްގައި އަހަރެންނަށް އެއްބާރުލުން ދޭގޮތަށް.. ރަނގަޅުވާނީ މިކަން ހުއްޓުވަން ނޫޅުނިއްޔާ.. ބުނާ ކޮންމެ ކަމެއް ކުރަން އަހަރެން މިހުރީ ތައްޔާރަށް.. އެކަމަކު އަހަރެންނަށް އޭނާއެއް ދުލެއް ނުކުރެވޭނެ... " ފިރިހެންމީހާ މިހެން ބުނުމަށްފަހު ވައިސޫރިއެއްހެން އެތަނުން ނިކުތެވެ.

*******************

ފޮށި ދަމަމުން ގެއަށް ވަން ރަނަކް ފެނިފައި ސޯފާގައި ޓީވީ ބަލަން އިން މާހްރީން ހުރިހާ ދަތްތަކެއް ފެންނަވަރަށް ހިނިތުންވެލިއެވެ. ކުޑަކުއްޖަކު ފަދައިން މަންމާއޭ ކިޔާ ދުވެފައި އައިސް ރަނަކް މާހްރީންގެ އުނގުތެރެއަށް ވަނެވެ.

" ކީއްވެ ރަންކޮ ނުގުޅީ.. އޭރުން ދޮންބެ ނޫނީ ތިއްތި ފޮނުވުނީހެއްނު.. " ރަނަކް ދުރުވެލުމުން މާހްރީން ބުންޏެވެ.

" މިހާރު އަހަރެންނަކީ ކުޑަކުއްޖެއްނޫނޭ މަންމާ.. އެކަނިން އުޅެ ކަންތައްތައް ކޮށްލަން ދަސްވެއްޖެ މިހާރު.. " ރަނަކް ބުންޏެވެ. ރަނަކް އަކީ އެގޭ އެންމެ ހަ ކުއްޖާއެވެ. ވިޔަފާރީގެ ތެރެއަށް ވަދެގެން އުޅޭ އެގޭ އެހެންމީހުންނާ ހިލާފަށް ރަނަކްއަކީ ނޫސްވެރިއެކެވެ.

" ކޮބާތަ ބައްޕައާއި ދޮންބެ.. އަދި ނާދޭ ދޯ ގެއަކަށް.. " ގޭތެރެ ހޯދައިލަމުން ރަނަކް އަހައިލިއެވެ.

" ދޮންބެ އެއީ އެހާ އަވަހަށް ގެއަށް އަންނަ މީހެއް ނޫނެއްނު.. ބައްޕަވެއްޖެ ހޮސްޕިޓަލުގައި ރައްޓެއްސެއް ކައިރީގައި.." މާހްރީން ބުނެދިނެވެ.

" ރަންކޮ!!! " ތިރިއަށް ފޭބި ތީން ގޮވައިލިއެވެ. " ކޮންއިރަކު އައީ.. ؟"  ހިނިތުންވެލަމުން ތީން އަހައިލިއެވެ.

" ހަމަ ދެންމެ މިއައީ.. ތީން ރަނގަޅުތަ؟ " ރަނަކް އެހިއެވެ. " ކޮބާ ތިއްތި؟ "

" ރަންކޮ!! " ކޮޓަރިން ނިކުތް މިކައިލާ ގޮވައިލިއެވެ. އެއަޑު އިވިފައި ރަނަކް ބަލައިލީ ސިހިފައެވެ.

" މިކީ!!! ހަހަހަހަ.. ވަޓް އަ ޕްލެޒެންޓް ސަޕްރައިޒް..!! " ރަނަކް މިކައިލާއާ ދިމާލަށް ދުއްވައިގަތެވެ. ހަޅޭއްލަވަމުން ދެކުދިން ބައްދައިގަތް ގޮތުން ހީވަނީ އެތައް ދުވަހެއް ފަހުން ދިމާވެގެން އުޅޭހެންނެވެ. އުމުރުގެ ގޮތުން އެއްވަރުގެ މިކައިލާ އަދި ރަނަކްއަކީ ދެބެއިންގެދެދަރި ދެކުދިންގެ އިތުރުން އެންމެ ގާތް ރަހުމަތްތެރިންނެވެ. އެދެކުދިން އުޅޭ ގޮތް ފެނި މާހްރީންއަށް ހީނލެވުނުއިރު ތީންގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ. ޑްރާމާ ބަލަން ނުހުރެ އޭނާ ގޮސް ވަނީ ބަދިގެއަށެވެ.

" މިކީ އައި ވާހަކަ ނުވެސް ބުނަމެއްނު.. އައިމް ސޯ ހެޕީ ޓު ސީ ޔޫ.. " މިކައިލާގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ރަނަކް ބުންޏެވެ.

" މަންމާ ކޮންމެވެސް ނޯކަރެއް ކައިރީ ބުނެގެން އަހަރެންގެ ފޮށި ކޮޓަރިއަށް ގެންގޮސް ދީބާ.. މައުރާ ކައިރީ ބުނެދޭތި ކޮޓަރިއަށް ދެ ބަނާނާ މިލްކްޝޭކާ ސޭންޑްވިޗާ ފޮނުވަދޭށޭ.. " ކޮޓަރިއަށް ދަމުން ރަނަކް ބުނެލިއެވެ. " ވަރަށް ވާހަކަ ދައްކަން އެބަހުރި.. ލެޓްސް ގޯ ޓު މައި ރޫމް"

" މީ ޓޫ.. ރަންކޮ އަށް ސަޕްރައިޒެއް ދޭންވެގެން އައި ވާހަކަ ނުބުނީ.. ގޭ އެހެންމީހުން ކައިރީގައިވެސް އަހަރެން އައި ވާހަކަ ރަންކޮ ކައިރީ ނުބުނުމަށް ބުނީ "

***********************

 

 

ހޮސްޕިޓަލުގައި އޮންނަތާ ހަތްވަނައަށް ވީ ދުވަހު ސިލްމާ ގެއަށް ދޫކޮށްލެވުނެވެ. ޑޮކްޓަރުން އެދުނީ އަދި ތިން ދުވަސް ފަހުން ޑޮކްޓަރަށް ދެއްކުމަށެވެ. އެތަނުގައި ޑޮކްޓަރުގެ ވާހަކަތައް އަޑުއަހަން ޝަޖާހުވެސް ހުއްޓެވެ.

" ހިނގާ ދާން.. ސަނަމް ހުންނަން ގެއިން ކޮޓަރިއެއް ތައްޔާރުކޮށްފަ ހުންނާނީ.. " ޝަޖާހު ބުނެލިއެވެ. ސަނަމްއާއި ސިލްމާ އެކަކު އަނެކަކަށް ބަލައިލިއެވެ.

" މިހާރުވެސް ބޭބެ ވަރަށް ގިނަ ކަންތައްތައް ކޮށްދީފީމު.. ކޮންމެވެސް ވަރަކަށް އަތުގަ ލާރިކޮޅެއް އެބަހުރި.. ދުވަހު ކުއްޔަށް ކޮޓަރިއެއްގަ ހުރެވިދާނެ ކަންނޭނގެ.. " ސަނަމް އުޒުރުވެރިވިއެވެ.

" އެއީ ތެދެއް.. ޝަޖާހުގެ ތި ހެޔޮ ކަމުގެ ބަދަލު އަދާކޮށްދޭނެ ގޮތެއްވެސް ނޭނގެ.. " ސިލްމާވެސް ބުންޏެވެ.

" ބަދަލު އަދާކޮށްދިނުމުގެ ގޮތުން އަހަރެންގެ ގޭގަ ދެތިން ދުވަހު ހުރެލަދިނުން ކިހިނެއްވާނެ!! އޭރުން އަހަރެން ވަރަށް އުފާވާނެ.. " ޝަޖާހުގެ ޖަވާބުން އިތުރަށް އެކަމަށް އިންކާރުކުރަން ސަނަމްއަށްވެސް ސިލްމާއަށްވެސް ނުކެރުނެވެ. އެއްޗެހި ޕެކް ކުރުމަށްފަހު ޑިސްޗާޖް ސަމަރީ ގެންނަންދެން އެމީހުން އިންތިޒާރުގައި ތިއްބެވެ.

" ސަނަމް!! އަހަރެން ވަރަށް މުހިންމު ވާހަކައެއް ބުނެލަން ބޭނުން.. " ޝަޖާހު ބުނެލިއެވެ. މިވީހާ ދުވަހު އޭނާ ހުރީ އެވާހަކަ ސަނަމް ކައިރީގައި ދައްކަން ނުކެރިފައެވެ. ނަމަވެސް ސަނަމް ގެއަށް ދިއުމުން އެކަން ސަނަމްއަށް ފެނުމުގެ ކުރިން ހުރިހާ ވާހަކައެއް ކިޔައިދޭން އޭނާ ބޭނުންވިއެވެ.

" ސަނަމް ދަންނަން ދޯ ތީން.. !؟؟ " ޝަޖާހުގެ ސުވާލުން ހައިރާންވެފައި ސިލްމާއާއި ސަނަމް އެކަކު އަނެކަކަށް ނަޒަރެއް ދިނެވެ.

" އާނ!! ދަންނަން.. ތީން އަކީ... އަޅުގަނޑުގެ... އަޅުގަނޑުގެ ފިރި......." ސަނަމް ބުނަން އުޅުނެވެ.

" ސަނަމްގެ ފިރިމީހާގެ ކޮއްކޮ.. އެހެއްނު!!! " ޖުމްލަ ފުރިހަމަކޮށްދިނީ ޝަޖާހުއެވެ. " ތީން އަކީ އަހަރެންގެ ހަގު ފިރިހެން ދަރިފުޅު ރުޒައިކްގެ އަނބިމީހާ.. "

" ސަނަމްއޭ ކިޔައިގެން ތީން ވާހަކައެއް ދެއްކީތަ؟ " ސިލްމާ އަހައިލިއެވެ.

" އަހަރެން އެއްވެސް ކަމެއް ސަނަމްއަށްވެސް އަދި ސިލްމާއަށްވެސް ފޮރުވާކަށް ބޭނުމެއް ނޫން.. ސަނަމްގެ ވާހަކަ ބުނުމުން ތީން ހުރީ ވަރަށް ހިތްހަމަނުޖެހިފައި.. އޭނާގެ ވާހަކަތަކުން އެނގުނު ސަނަމްއަށް އޭނާ ނަފްރަތު ކުރާވަރު.. އެކަމަކު ސަނަމް އެގެއަށް ދިޔަސް ތީންގެ ފަރާތުން އެއްވެސް އުނދަގުލެއް ނުވާނެ ކަމުގެ ޔަގީންކަން އަހަރެންދެން.. "

" މާފުކުރޭ ޝަޖާހު!! ތީންގެ ގޮތް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ.. މީހަކާ ދިމާލަށް ކޮންމެ ފަދަ އެއްޗެއްވެސް ކިޔާފާނެ.. އެންމެ ފަހުންވެސް އަޅުގަނޑުގެ ސަނަމްއާ ދިމާލަށް ކިޔާލި އެއްޗެހި ހަނދާނެއް ނުނެތޭ.. ކިތަންމެ ވަރަކަށް މީހަކު އެއްޗެހި ކިޔަސް އަޅުގަނޑުގެ ސަނަމްއަކީ އެމީހަކަށް ރައްދުދޭނެ މީހެއް ނޫން.. ތިގެއަށް ދިޔައިއްޔާ ތީން ކޮންމެވެސް ގޮތަކުން ސަނަމްއާ ކިޔޭ ތޯ ބަލާނެ.. އެހެންވީމަ ތިގެއަށް ދާކަށް އަޅުގަނޑު ހިތްހަމައެއްނުޖެހޭ.. " ސިލްމާ ބުންޏެވެ.

" ތިހެން ނުބުނޭ ސިލްމާ.. އަހަރެން ދުނިޔޭގަ ހުރިހާ ދުވަހަކުވެސް އެއްވެސް މީހަކަށް ސަނަމްއާ ދިމާލަށް އެއްޗެހިކިޔާކަށް ނުކެރޭނެ.. ދާން މިއުޅެނީ އަހަރެންގެ ގެއަކަށް.. އެގޭގައި އަހަރެންގެ ނުރުހުމުގައި އެއްވެސް ކަމެއް ކުރުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެނެއްނުވޭ.. " ޝަޖާހު ޔަގީންކަމާއެކު ބުންޏެވެ.

" ތަލްޔާ!!! " އެހެން ބުނެލިއިރު ސަނަމްގެ ދެލޯ ފުރިގެން އައިސްފިއެވެ. " ތަލްޔާ މަންމަ އުޅޭތަ؟ އެމަންމަ ވީތަނެއް އެނގޭތަ؟ އަހަރެން ގޮވައިގެން ތަލްޔާ މަންމައާ ބައްދަލުކޮށްލަން ދެވިދާނެތަ؟ ދުރުން ބަލައިލަންވެސް ހަމަ އެންމެ ރަނގަޅު.."

ޝަޖާހު ހައިރާންވިއެވެ. ސަނަމް ވިސްނީ ތީންއާ މެދަކު ނޫނެވެ. އޭނާ ވިސްނީ ތީން އަދި ފިރިމީހާގެ މަންމަ ތަލްޔާއާ މެދުގައެވެ. ސަނަމްއަކީ ކޮންކަހަލަ ސާފު ހިތެއް ލިބިފައިވާ ކުއްޖެއްތޯ ޝަޖާހުގެ ހިތަށް އެރިއެވެ.

  1. އައިންތު

    ޥަރަށް ރީތި މިވާހަކަ، އަޕްލޯޑް ކުރާލެއް މާ މަދު. ތަންކޮޅެއް ގިނައިން އާ ބައިތަށް ގެނެސްދިނުން އެދެން