ޚަބަރު އިޖުތިމާޢީ

މުޙައްމަދު އިސްމާޢީލަށް ދެމުންދާ އަނިޔާ ދިވެހި މުޖުތަމަޢުން ބަލައިނުގަނޭ: ޝިޔާމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޕީޕީއެމް ހަރަކާތު ޑިޕާޓުމަންޓުގެ ޗެއަރ މުޙައްމަދު އިސްމާޢީލް އަދި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް.

ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމް ހަރަކާތު ޑިޕާޓުމަންޓުގެ ޗެއަރ މުޙައްމަދު އިސްމާޢީލް ހައްޔަރުކޮށްގެން ދެމުންދާ އަނިޔާ ދިވެހި މުޖުތަމަޢުން ބަލައިނުގަންނަކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝިޔާމް މިއަދު ވިދާޅުވީ މުޙައްމަދު އިސްމާޢީލަކީ ދުވަހަކު ވެސް ޤައުމުގެ މަސްލަހަތު ނަގައިލާ ޓެރަރިޒަމަށް ހިތްވަރުދޭނެ މީހެއްނޫން ކަމަށެވެ. އަދި މިހާތަނަށް ޖިނާއީ އަދި މަދަނީ ކުށަކަށް އަރައިގަނެފައިވާ މީހެއްނޫން ކަމަށެވެ.

''އިންޑިޔާ ރުއްސައިގެން ލިބޭނެ ސިޔާސީ ހިތްހަމަ ޖެހުމަކަށް މިއަދު މުޙައްމަދު އިސްމާޢީލަށާއި އޭނަގެ މަޢުސޫމް އާއިލާއަށް ރައީސް ޞާލިޙް ތިޔަ ދެއްވާ އަނިޔާ ދިވެހި މުޖުތަމަޢު ބަލައިނުގަނޭ.''

ޝިޔާމް ވިދާޅުވީ ރައީސް ޞާލިޙް ނެރުއްވި ރިޔާސީ ޤަރާރާއެކު މުޢައްސަސާތަކަށް ކުރަމުންދާ ޢަމުރުތަކާ, އެ ޢަމުރުތަކާ ގުޅިގެން ތަންފީޒުކުރަމުންދާ ކަންކަމަކީ ޤާނޫނު އަސާސީއާ އޭގެ އަލީގައި ހެދިފައިހުރި ޤާނޫނުތަކާއި މުޅިން ޚިލާފަށް ކުރައްވަމުން ގެންދަވާ ޣައިރު ޤާނޫނީ ކަންކަންކަން ޚުދު ރައީސް ޞާލިޙަށް ވަަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އަދި މުޙައްމަދު އިސްމާޢީލަށް ކޮށްފައިހުރި ތުހުމަތުތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްފައި ހުރި ތުހުމަތުތަކެއް ނޫންކަން މުއްދަތު މަޖިލިސްތަކުގެ ފަނޑިޔާރުންނަށް ވެސް އެނގިވަޑައިގެން ތިއްބަވާ ސަރުކާރުން އެދޭހާ ގޮތަކަށް މުއްދަތު ޖައްސަވަމުން ގެންދެވުމަކީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

‏އަޅުގަނޑު ރައީސް ޞާލިޙަށް ހަރުއަޑުން ގޮވާލަނީ ޤާނޫނީ އިމަށް ވަދެވަޑައިގެން ޤާނޫނީ ހުދޫދުގެ ތެރެއިން މުޙައްމަދު އިސްމާޢީލް އަދި މިމަޢުލޫގެ އެހެން ހައްޔަރިންނާ ދޭތެރޭ ޢަމަލުކުރައްވާ މިހާރުން މިހާރަށް ހައްޔަރުން ދޫކޮށްލެއްވުމަށް.'' ޝިޔާމް ވިދާޅުވިއެވެ.

މީގެ ދުވަސްކޮޅެއް ކުރިން މާލޭ ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހެދުމުގެ ހަރަކާތާ ގުޅިގެން ޖުމްލަ 21 މީހުން ހައްޔަރުކޮށްފައިވެއެވެ. ހައްޔަރުކުރި މީހުންގެ އައްޝައިޚް އާދަމް ނިޝާނާއި, އައްޝައިޚް ފަޟްލޫން މުޙައްމަދު ވެސް ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!