ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތަމްރީނުތައް މާދަމާ ފަށަނީ

މި އަހަރުގެ ސެޕްޓެމްބަރު 13 ގައި ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިމެނުމުގެ މަސައްކަތް ކުރާ ޓްރެއިނަރުންނާއި އެނިއުމަރޭޓަރުންގެ ތަމްރީނުތައް މާދަމާ ފަށަން ނިންމާފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފިއެވެ.
ތަމްރީނުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބެޗުގެ ތަމްރީނުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ މާދަމާއިން ފެށިގެން މި މަހުގެ 21 އަށެވެ. ދެވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ މި މަހުގެ 31 އިން ފެށިގެން އަންނަ މަހުގެ 04 އާއި ހަމައަށެވެ. މި ތަމްރީނުތަކަކީ ޓްރެއިނަރުންގެ ތަމްރީނުތަކެކެވެ.
އެއަށްފަހު އެނިއުމަރޭޓަރުންގެ ތަމްރީނުތައް އޮންނާނީ އަންނަ މަހުގެ 14 އިން ފެށިގެން ސެޕްޓެމްބަރު 08 ގެ ނިޔަލަށެވެ. އަދި އަތޮޅުތަކުގެ ތަމްރީނުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ މި މަހުގެ 31 އިން ފެށިގެން އޮގަސްޓު 25 ގެ ނިޔަލަށެވެ.