ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

އެއްފަރާތުގައި އޮތް އައިޕެޑް ނަގައި އޮންކޮށްލަމުން އޭގެން ރީއާން އެއްޗެއް ހޯދައިލިއެވެ. އަދި ރާޔާގެ އަތަށް އައިޕެޑް ދިއްކޮށްލިއެވެ. ސުވާލުއުފެދިފައި އިނދެ އޭގައި ހިފަމުން ރާޔާ ބަލައިލިއެވެ. އެއާއެކު ފާޑެއްގެ ހަރުކަށިކަމެއް ރާޔާއަށް ވެރިވިތަން ރީއާން ދުއްޓެވެ. ކުޑަކޮށް ރާޔާއާ ދިމާއަށް ގުދުވެލަމުން އެމޫނަށް ފަރުވާތެރިކަމާއެކު ރީއާން ބަލައިލިއެވެ.

Ads by Hajj Corporation

"ކިހިނެއްވީ.. ކަމުނުދަނީތަ.." މަޑުމަޑުން ރާޔާގެ ކަންފަތް ދޮށުގައި ރީއާން އަހައިލިއެވެ.

ދޭނެ ޖަވާބެއް ނުވިސްނިފައި ރީއާނަށް ބަލަން ރާޔާއަށް އިނދެވުނީއެވެ. ދެވަނަ ފަހަރަށް އައިޕެޑްގައިވީ އެއްޗަކަށް ނަޒަރު ސީދާވުމާއެކު ރާޔާއަށް ހިންދިރުވައިލަމުން ދުރަށް ބަލައިލެވުނެވެ. އިތުރަށް އޭގެއަށް ބަލަން ކެތްނުވި މީހަކު ފަދައިންނެވެ. ރާޔާއަށް އަންނަމުންދިޔަ ކޮންމެ ބަދަލެއް ފަރުވާތެރިކަމާއެކު ބަލަން ރީއާން އިނެވެ. އެއާއެކު ހިތި ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ދުވެލިއެވެ. އައިޕެޑް ރާޔާ އަތުން އަތުލަމުން އޭގެއަށް ދެލޯ އަމާޒުކޮށްލިއެވެ. "ރާޔާގެ ކައިވެންޏަށް އަހަންނަށް ދައުވަތު ނުދިނަސް، އަހަރެންގެ ކައިވެންޏަށް އިރާދަކުރެއްވިއްޔާ ރާޔާ އަށް ދައުވަތު ލިބޭނެ.." ދެމެދަށް ވެރިވި ހިމޭންކަން ނައްތައިލީ ރީއާން އެވެ. އެއަޑަށް ސިހިފައި ރާޔާ އޭނާއާ ދިމާއަށް މޫނު އަނބުރައިލިއެވެ. ބުނާނެ އެއްޗެއް ރާޔާއަކަށް ނުވިސްނުނެވެ. ދެއަތްދެއަތާ މޮޑެލަ މޮޑެލައި އޭނާ އިނީ ހިމޭންވެފައެވެ. "ހީކުރީ އަހަރެންގެ ކައިވެނީގެ ދައުވަތު ކާޑު ފެނުމުން ރާޔާ އުފާވާނެކަމަށް.. އަޅެ ބުނެބަލަ.. އަހަންނަށްޓަކާ އުފަލެއް ނުވޭތަ.. ފައިނަލީ.. އައި އެމް ގެޓިންގް މެރީޑް.." އެއްމިޔަކަނުން ހިނިތުންވެލަމުން ރާޔާއަށް ރީއާން ބަލައިލިއެވެ. އޭރު ކަޅިވެސް ޖަހައިނުލައި ރީއާނަށް ނަޒަރު ސީދާކޮށްލައިގެން ރާޔާ އިނެވެ. އެވާހަކަތަކަށް ދޭނެ ވަކި ޖަވާބެއް ނުވިސްނިފައިއިން މީހަކު ފަދައިންނެވެ. އެހެނަސް ރީއާންގެ ކޮންމެ ޖުމުލައަކާއެކު ރާޔާގެ ހިތުގައި ނޭނގޭ ރިހުމެއް އައީ އުފެދެމުންނެވެ. "ކިހިނެއްވެފަތަ އެއްޗެއް ނުބުނެ ތިއިނީ.. މި ކާޑު ކަމުނުދަނީތަ.." އައިޕެޑް އިން ފެންނަން އިން އޭނާ އާއި ޒައިވާގެ ކައިވެނީގެ ދައުވަތު ކާޑަށް ބަލައިލަމުން ރީއާން އަހައިލިއެވެ. ވާހަކަދައްކަން އުނދަގޫވެފައި އިން މީހަކު ފަދައިން ރާޔާ ދެފަރާތަށް ބޯހޫރައިލީއެވެ. އަރުތެރެ ހިކިފައިވީކަންވެސް އޭނާއަށް އިހުސާސުވީ ދެނެވެ. އަވަސް އަވަހަށް ހިންދިރުވައިލަމުން އިންތަނުން ރާޔާ ތެދުވިއެވެ. ރީއާންގެ މަގުސަދު އޭނާއަށް ވިސްނުނީ ކަހަލައެވެ. ރާޔާގެ ހިތަށް އިތުރަށް ތަދުކުރަން ބޭނުންވެފައި އޭނާ އިންފަދަ އެވެ. "ލަންޗްގަ ބައިވެރިވެސްނުވެ ދަނީތަ.. އަހަންނަށް މަރުޙަބާއެއްވެސް ނުކިޔާނަންތަ.." ރާޔާ ތެދުވުމާއެކު އަވަސްއަރުވައިލައިފައި ރީއާން އެއްސެވެ. ތުންފިއްތައިލަމުން އިސްއުފުލައި ރީއާނާ ހަތަރުކަޅި ރާޔާ ހަމަކޮށްލިއެވެ. އެހިނދު އެދެލޮލުގައިވި ޖަޒުބާތުތައްފެނި ރީއާންގެ ހިތުގެ ހިނގުން ހިނދުކޮޅަކަށް މަޑުޖެހިލި ކަހަލައެވެ.

"ކާޑު.. ވަރަށް ރީތި.. ކައި.. ކައިވެންޏަށް.. މަރުޙަބާ.." މަޖުބޫރުވެފައި ހުރެ ރާޔާ ބުނެލިއެވެ. އިތުރަށް އެތަނުގައި މަޑުކުރުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. ރީއާން ބޭނުންވި ގޮތަށް އޭނާގެ ހިތް ޒަޚަމް ކޮށްލެވިއްޖެއެވެ. ވީއިރު، އެތަނުގައި ހުރުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ. ފަސްއެނބުރި ބަލައިލުމެއްނެތި ކެބިންއިން ނުކުންނަން ރާޔާ ހިނގައިގަތެވެ. އޭނާ ހުއްޓުވުމުގެ ގަސްދެއް ރީއާންގެ ވެސް ނެތްފަދައެވެ. އެއިން ގޮތަށް ރާޔާއަށް ބަލަން އޭނާ އިނީއެވެ. ކެބިންއިން ރާޔާ ނުކުތުމާއެކު އަތުގައިއޮތް އައިޕެޑް މޭޒުމައްޗަށް އެއްލަމުން އޭނާ ދަތްކުނޑި ވިކައިލިއެވެ. ސޯފާތެރަށް ހަށިގަނޑު ދޫކޮށްލުމާއެކު މޫނުގައި އޭނާ އަތްހިންގައިލިއެވެ. ރާޔާގެ ފުށުން ރީއާން އުއްމީދުކުރިފަދަ އެއްވެސް އަސަރެއް ފައުޅުނުވީތީ އިޚުތިޔާރަކާނުލައި އޭނާއަށް ރުޅި އާދެވުނީއެވެ. އަދިވެސް އެދުލުން ލޯބިވެއޭ ބުނެލާނެނަމައޭ އޭނާގެ ހިތަށް އަރަނީއެވެ. އެކައިވެނި ނުކުރުމަށް އެދޭނެ ނަމައެވެ. މާޒީގައިވީ ކަންތައް ފަހަތަށް ދޫކޮށްލުމަށްފަހު އެނބުރި އޭނާގެ ގާތަށް އަންނާނެނަމައެވެ. އެއީ ހެދުނު ގޯހެކޭ އެދުލުން ބުނާނެނަމައެވެ. ހިތަށް ވެރިވާންފެށި ޚިޔާލުތަކުން އަމިއްލަ ނަފުސުގެ ބަލިކަށިކަން ވިސްނި ރީއާންގެ ރުޅި އިތުރަށް ގަދަވާގޮތް ވިއެވެ. ދެއަތް މުށްކަވައިލަމުން ދަތްތައް ޖައްސައި ބާރުކޮށްލިއެވެ.

ފައިލެއް ހިފައިގެން އެދިމާއަށް އައި ޒައިވާގެ ލޮލުގައި ރީއާންގެ ކެބިންއިން ރޮމުން ނުކުތް ރާޔާ އަޅައިގަތުމާއެކު އޭނާގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. ރީއާން އަނެއްކާ ރާޔާއާ ދިމާއަށް އެއްޗެކޭ ބުނީބާއޭ އޭނާގެ ހިތަށް އެރިއެވެ. އެއްޗެއް ވިސްނައިލާ މީހަކު ފަދައިން އިރުކޮޅަކު ހުރުމަށްފަހު ޒައިވާ ކުރިއަށް ހިނގައިގަތެވެ. ރާޔާއާ އަރައި ހަމަކުރަމުން ކަމެއްވީތޯ އޭނާ ސުވާލުކުރިއެވެ. ޒައިވާގެ އަޑުން ސިހިފައި ރާޔާ އަވަސް އަވަހަށް ދެލޯފުހެލަމުން ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. އަދި ދެފަރާތަކަށް ބޯހޫރައިލަމުން ދަނީކަމަށްބުނެ އިހުނަށްވުރެ ހިނގުން ބާރުކޮށްލިއެވެ. ސުވާލުއުފެދިފައިހުރެ ރާޔާއަށް ބަލަމުން ޒައިވާ އައިސް ވަނީ ރީއާންގެ ކެބިންއަށެވެ. އޭރު ފައިގައި ދެއަތް ވިދެލައިގެން، މޫނުގައި ހިފަހައްޓައިލައިގެން ރީއާން އިނެވެ. އިތުރަށް ޒައިވާގެ ހިތުގައިވީ ސުވާލުތައް ގިނަވާގޮތްވީ ރީއާން ފެނިފައެވެ. ހަލުވި ފިޔަވަޅުތަކެއްގައި އައިސް ރީއާން ގާތުގައި ހުއްޓިލަމުން އޭނާ ގޮވައިލިއެވެ. ޒައިވާގެ އަޑުން ރީއާން އުޅެމުންދިޔަ ޚިޔާލީ ދުނިޔެއިން ހަމަބިމަށް އާދެވުނު ކަހަލައެވެ. ހަށިފުރާ ދޫކޮށްލި ފުންނޭވައާއެކު އޭނާ ޒައިވާއަށް ބަލައިލިއެވެ.

"ހުރިހާ ކަމެއް ރަނގަޅުތަ.." ރާޔާ އިނދެފައިދިޔަ ގޮނޑީގައި އިނށީންނަމުން ޒައިވާ އަހައިލިއެވެ. "މިގަޑީ އަހަރެން ބޭނުންވަނީ އެކަނިވެލަން.." މަޑުމައިތިރި ރާގަކަށް ރީއާން ބުންޏެވެ. ބޯޖަހައިލަމުން އަތުގައި އޮތް ފައިލް މޭޒުމަތީގައި ބޭއްވުމަށްފަހު އިންތަނުން ޒައިވާ ތެދުވިއެވެ. އެއާއެކު ޒައިވާއަށް ގޮވައިލަމުން މޭޒުމަތީގައި އޮތް އައިޕެޑް ނަގައި އޭނާއަށް ދިއްކޮށްލިއެވެ. "ޓޭކް ދިސް ވިތް ޔޫ އެންޑް ހޭވް އެ ލުކް.." ޒައިވާއަށް ބަލައިލުމެއްނެތި ރީއާން ބުނެލިއެވެ. ހައިރާންވެފައި ހުރެ އޭގައި ޒައިވާ ހިފިއެވެ. އަދި ރީއާނަށް ފުރަގަސްދެމުން އޭގައިވި އެއްޗަކަށް އޭނާ ބަލައިލިއެވެ. ވަގުތުން މީހާ ހުއްޓުން އަރާގޮތްވިއެވެ. މަޑު ކްރީމް ކުލައަކުން ނުހަނު ރީއްޗަށް ފަރުމާކޮށްފައިވި އޭނާގެ ކައިވެނީގެ ދައުވަތު ކާޑަށް ޒައިވާ ބަލައިލީ ފުންނަޒަރަކުންނެވެ. އެއާއެކު އައިޕެޑްގައި ވަށައިލެވިފައިވި ދެއަތަށް އޭނާއަށް ބާރުކޮށްލެވުނެވެ. އޭގައިވި ފަށުވި އިބާރާތްކޮޅު ކިޔައިލަމުން ޒައިވާ ތުންފަތުގައި މަޑުމަޑުން ދަތްއަޅައިލިއެވެ. "އަނެއްކާ މީތި ރާޔާއަށް ދެއްކީބާ.. އޭނާ ރޮމުން އެނިކުތީ މިހެންވެކަންނޭނގެ.." ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައިރު ޒައިވާގެ ހިތުގައިވިއެވެ.

"ކޯއްޗަކަށް މާ ވަރަކަށް ތިބަލަނީ.." ކެބިންއިން ނުކުމެ ވިސްނުމެއްގައިހުރެ ކުރިއަށްދަމުންދިޔަ ޒައިވާގެ ފަހަތުން އިވުނީ އަނޫކްގެ އަޑެވެ. ހުރިފިޔަވަޅު މަތީގައި ހުއްޓުމާއެކު އޭނާއަށް އައިޕެޑް ގެނެސް މޭގައި ޖައްސައި ބާރުކޮށްލެވުނެވެ. ކީއްވެކަމެއް ނޭނގެއެވެ. އޭގައިވީ ކާޑު އަނޫކްއަށް ފެންނަން ޒައިވާގެ ހިތް ދެކޮޅުހެދީއެވެ. އެމީހުންގެ ކައިވެންޏަކީ އޮފީހުގެ އެކަކަށްވެސް މިހާރު ސިއްރުވެފައިވީ ކަމެއް ނޫނެވެ. އެހެންވިއަސް، އެއިން އެއްވެސްކަމެއް އަނޫކްއަށް ނޭނގޭނަމައޭ ޒައިވާގެ ހިތަށް އަރަނީއެވެ. ޚުދު އެކަމާ އޭނާވެސް ހައިރާންވެއެވެ. އަމިއްލަ ދުލުން ރީއާންދެކެ ލޯބިވާކަމަށްވެސް އޭނާ ވަނީ އަނޫކް ގާތުގައި އިއުތިރާފުވެފައެވެ. ނަމަވެސް މިހާރު އެ އިހުސާސުތަކާމެދު ސުވާލުއުފެދޭގޮތް ވަނީއެވެ. ޒައިވާއަށް އައި ކުއްލި ބަދަލުފެނި އޭނާގެ އަތުގައިވީ އެއްޗެއް ބަލައިލުމުގެ ޝައުގުވެރިކަން އަނޫކްގެ ހިތުގައި އުފެދުނެވެ. ކުރިއަށް ޖެހިލަމުން އެއީ ކޯޗެއްތޯ އޭނާ އަނެއްކާވެސް ސުވާލުކުރިއެވެ. ދެފަރާތަކަށް ބޯހޫރައިލަމުން އެއީ އެއްވެސް އެއްޗެއް ނޫންކަމުގައި ޒައިވާ ބުނެލީ އާދައިގެ ގޮތަކަށެވެ. އެހެނަސް ޒައިވާގެ ވާހަކަތައް އަނޫކް ގަބޫލުކުރިހެނެއް ހިއެއްނުވެއެވެ. ނިތްއަރުވައިލަމުން އޭނާ އެދުނީ ޒައިވާ މާވަރަކުން ފޮރުވާ އެއްޗެއް އޭނާއަށް ދެއްކުމަށެވެ.

"އެހާ މުހިންމު އެއްޗެއް ނޫނިއްޔާ އަހަންނަށްވެސް ދައްކަބަލަ.. ކަމޯން ޒައި.. އަހަރެން މީ ޒައިގެ ބެސްޓްފްރެންޑެއް ނޫންތަ.." މޫނަށް ގޮތެއް ހަދައިލަމުން އަނޫކް ބުނެލިއެވެ. ދެފަރާތަކަށް ޒައިވާ ބޯހޫރައިލިއެއްކަމަކު އަނޫކް ކުރެއްނުކުރިއެވެ. އައިޕެޑްގައި އޭނާ ހިފުމުން އިތުރަށް ދެކޮޅު ހަދާކަށް ޒައިވާއަކަށް ނުކެރުނެވެ. ސްކްރީނުން ފެންނަންހުރި ކާޑަށް ނަޒަރު ހުއްޓުމާއެކު އަނޫކްގެ ކިބައިން އިހު ފައުޅުވި ސަމާސާގޮތް މުޅިން ކެނޑިއްޖެއެވެ. ސީރިއަސްކަން އެމޫނަށް ވެރިވީ ކުޑަ ހިނދުކޮޅެއްގެ ތެރޭއެވެ. ގަދަކަމުން ހިނިތުންވެލަމުން އޭނާ އައިޕެޑް އަނބުރައި ޒައިވާއަށް ދިއްކޮށްލަމުން ކާޑު ވަރަށް ރީތިކަމުގައި ބުނެލިއެވެ.

"މިވަރު އެއްޗެއްތަ އަހަންނަށް ނުދައްކަން ތިއުޅެނީ.. ޒައި ވެސް ދޯ.." ޒައިވާގެ ކޮލުގައި ޝަހާދަތް އިނގިލި ޖައްސައިލާ މަޑުމަޑުން ކޮށްޕައިލަމުން އަނޫކް ބުނެލިއެވެ. އަނޫކްއަށް ބަލަން ހުރި ޒައިވާއަށް ބުނެދޭން ނޭނގޭފަދަ އުނދަގޫ އިހުސާސެއް ކުރެވުނީ އަނޫކްގެ ދުލުން އެކާޑަށް ކޮށްލި ތައުރީފުންނެވެ. އަނޫކް އެތަނުން ދިއުމުންވެސް ގުޑިލަން ހަނދާންނެތިފައި ޒައިވާއަށް ހުރެވުނީ ފުންވިސްނުމެއްގައެވެ. ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއް ނޭނގިފައެވެ.

* * * * *

އޮފީސް ނިންމައިލައިފައި ގެއަށްދާން ރާޔާ ނުކުތީ އެކަންޏެވެ. ކުދި ފިޔަވަޅުތަކެއްގައި އޭނާ ހިނގަމުން ދިޔައިރު ސިކުނޑީގައިވީ ރީއާންގެ ޚިޔާލުތަކެވެ. ގާތުން މީހަކު ކަރުކެހިލިއަޑަށް ރާޔާ ކުރަމުންދިޔަ ޚިޔާލުތައް ވިއްސިވިހާލި ވެގެން ދިޔައެވެ. އަޑު އައި ދިމާއަށް ބަލައިލުމާއެކު އޭނާގެ ދެބުމަ ގޮށްޖެހުނީ ފެނުނު ސޫރައިންނެވެ. "ހާދަ މޫޑު ގޯސްހެން ހީވެއޭ.." ޒާތަކަށް ހިނިއައިސްފައި ހުރެ ދައިސް ބުނެލިއެވެ. ރާޔާ ފެނުނަސް އޭނާއަށް ކުރުވަނީ އާދަޔާ ޚިލާފު އިހުސާސެކެވެ. "ކިހާ ދެރަކަމެއް.. ކަލޭ ތިއުޅެނީ އަހަރެންގެ ފަހަތުން އަޅައިގަނެގެން ނެއްޓެން ނޭނގިގެންތަ.. ޖަލަށް ދިއަސް އަދިވެސް މީހާ އިސްލާހުވާކަށް ނުވޭ ދޯ.." ހިތްހަމަނުޖެހިފައި ރާޔާ ބުންޏެވެ. އޭނާ ހިނގުން ބާރުކޮށްލުމާއެކު ދައިސް ވެސް ރާޔާއާ އެއްވަރަށް ހިނގައިގަތެވެ. "ތިފަދަ ޗާލު ޕަރީން ފެންނަންޏާ ކިހިނެއް އިސްލާހު ވާނީ.. އެނގޭތަ.. އަހަރެން އަދިވެސް ހާދަ ހަނދާންވެއޭ ރައްޔު މަތިން.. އަދިވެސް ވަރަށް ލޯބިވޭ.. ލިބޭނެ ނަމައޭ ހިތަށް އަރާ.." މަގުމަތީގައި ދެކޮޅަށް ހިނގަމުންދިޔަ މީހުނަށް ނަޒަރެއް ދެމުން ދައިސް ބުނެލިއެވެ. އޭނާގެ ހަރަކާތްތައް މީހެއްގެ ލޮލުގައި އަޅައިގަނެފާނެތީ ޖެހިލުންވީއެވެ. ސަމާލުވެހުރީ އެހެންވެއެވެ.

"ރައްޔު އަދިވެސް އަހަރެންދެކެ ރުޅި އައިސްފަތަ.. ކުރިން ދުވަހު ވީކަންތަކަށް ސޮރީ.. ކުރިން އުޅުނުހެން އުޅޭކަށް ބޭނުމެއްނޫން.. އަހަންނަށް އެންމެ ފުރުސަތެއްވިއަސް ދީބަލަ.." ނޫންކަމަށް ހަދައިފައި ރާޔާގެ އަތުގައި ކުޑަކޮށް ބީހިލަމުން ދައިސް ބުނެލިއެވެ.

"ޚަބަރުދާރު.. އަހަންނާ ކަލޭ ގާތްވިއަސް ހަނދާންކުރާތި.." ދަތްތަކަށް ބާރުކޮށްލަމުން ރާޔާ ބުނެލީ ކިރިޔާ ދައިސްއަށް އިވޭ ވަރަށެވެ.

"ކިހިނެއް ހަދާނީ.. އަނެއްކާވެސް އަހަރެން ޖަލަށް ފޮނުވާލާނީތަ.. ހެހެ.. އަހަރެން ބިރެއް ނުގަނޭ.. އަހަރެން އަތުގަ ފައިސާ ހުރިހާ ހިނދަކު އެއީ ސަލާމަތްވާން މާ އުނދަގޫތަނެއް ނޫން.. ރައްޔު އަށްވެސް އެންމެ ރަނގަޅު ވާނީ އަހަރެންގެ ބަސްގަބޫލުކުރުން.. ޔުމްނުއަށް ކުޑަވެސް ދެރައެއް ލިބޭކަށް ނޭދޭނެކަން ޔަގީން.." ލައިގެންހުރި ޖިންސްގެ ޖީބަށް އަތްޖަހައިލަމުން ދައިސް ބުނެލީ ހިނިއައިސްފައި ހުރެއެވެ. ފިޔަވަޅުތައް މަޑުޖައްސައިލަމުން ދައިސްއަށް ރާޔާ ބަލައިލީ ބިރެއް ފެނިގެން ބަލައިލާ ފަދައަކުންނެވެ. ދައިސްވެސް މަޑުޖެހިލަމުން ރާޔާގެ ތޫނު ދެލޮލަށް ބަލައިލީ އޭނާ ދޫކޮށްލި ތީރު އަމާޒަށް ވާސިލްވިތޯ ޔަގީންކުރަން ބޭނުންފައި ހުރެއެވެ. ބަހެއްވެސް ނުބުނެ ހުރުމަށްފަހު މަގުމަތިން ދިޔަ ޓެކްސީއަކަށް ރާޔާ އަތްހިއްލައިލިއެވެ. ދައިސްއާ ޖަދަލު ކުރުމުގެ ނިޔަތެއް އޭނާގެ ނެތެވެ. އެއީ ބޭކާރު ކަމެއް ކަމުގައި އޭނާ ދެކުނެވެ. ރާޔާގެ ފުށުން ފެނުނު ފަރުވާކުޑަކަން ދައިސް އަށް އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. މަޑުކޮށްލި ޓެކްސީއާ ދިމާއަށް ރާޔާ ދިއުމުގެ ކުރިން އޭނާގެ އަތުގައި ހިފައި ދައިސް ހުއްޓުވިއެވެ.

"މާދަން ރޭ އެގާރަ ޖަހާއިރު، އަހަރެންގެ ހޮޓެލް ސޫޓްގަ... ރާޔާއަށް އިންތިޒާރު ކުރާނަން.. ނައިސްފިނަމަ ދެން ހިނގާ އެއްވެސް ކަމެއްގެ ޒިންމާއެއް އަހަރެން ނުނަގާނަން.. ޗޮއިސް އިޒް ޔުއާރސް.." ރާޔާގެ ކަންފަތް ދޮށަށް ގުދުވެލަމުން ދައިސް ބުނެލީ މަޑުމަޑުންނެވެ. އަދި އޭނާގެ އަތުން ދޫކޮށްލަމުން މަގު ހުރަސްކޮށް އޭނާ ދިޔައެވެ. ރާޔާއަށް ހޭވެރިކަމެއްވީ ޓެކްސީގެ ބަރުގޮނުގެ އަޑަށެވެ. އަވަސް އަވަހަށް ފަހަތު ސީޓްގެ ދޮރު ހުޅުވައިލަމުން ޓެކްސީއަށް އަރައި ހަމަޖެހިލިއެވެ. އޭރު ރޯމަހެއްހެން އޭނާގެ ހިތް ދިޔައީ ތެޅިފޮޅެމުންނެވެ. ދައިސްގެ އިންޒާރުން އިތުރަށް އެހިތް ނުތަނަވަސްކޮށްފިއެވެ. ކަންތައްކުރާނެ ގޮތެއް ޚުދު އޭނާއަކަށް ވެސް ނުވިސްނުނެވެ. ކުރެވޭ އެންމެ ކުޑަކުޑަ ކަމަކުންވެސް އޭނާ ލޯބިވާ މީހުންގެ ދިރިއުޅުން ހަލާކުވެދާނެކަން ރާޔާ އަށް ވިސްނެއެވެ. ކޮންމެފަދަ ކަމެއް ކުރާކަށްވެސް ދައިސް ޖެހިލުންނުވާނެކަން ޔަގީނެވެ. އެހިނދު ދައިސްގެ ބަސް ގަބޫލުކޮށް އެތަނަށް ދާންވީތޯ އަމިއްލަ ނަފުސު ސުވާލުކޮށްލިއެވެ.

(ނުނިމޭ)

Ads by Allied Insurance
  1. ޒުބައިދާ

    ވ ވ ރީތި

  2. ޛޖ×ބދުނދ

    ޑނފުރނފު ރފރނރ

  3. ިަަައައިންތު ހަމީ

    ވަރަށް ރީތި