ދުނިޔެ

ޓައިވާންގެ ވައިގެ ސަރަހައްދަކީ ނޯ ފްލައިން ޒޯނެއްގެ ގޮތުގައި ޗައިނާއިން ކަނޑައަޅާފާނެ: އެމެރިކާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ނޭންސީ ޕެލޯސީ، ޓައިވާނަށް ކުރުމަށް ނިންމާފައިވާ ދަތުރުފުޅަށް ހުރަސް އެޅުމުގެ ގޮތުން ޗައިނާއިން، ޓައިވާންގެ ވައިގެ ސަރަހައްދަކީ ނޯ ފްލައިން ޒޯނެއްގެ ގޮތުގައި ހަދާފާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެމެރިކާއިން ބުނެފިއެވެ.

Ads by Sosun Fihaara

ޓައިވާނަކީ މިނިވަން ޤައުމެއް ކަމަށް އެ ޤައުމުން ދައުވާ ކުރެއެވެ. އަދި އެ ޤައުމުން ވަނީ އަމިއްލަ ވައިގެ ދިފާއީ ސަރަހައްދެއް ކަނޑައަޅާފައެވެ. ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ ޗައިނާގެ އަމިއްލަ ސަރަހައްދެކެވެ.

ނޭންސީ ޕެލޯސީގެ ދަތުރުފުޅާއި ގުޅިގެން ޗައިނާއިންވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ. ޗައިނާއިން ޤަބޫލު ކުރާ ގޮތުގައި ނޭންސީގެ މި ދަތުރުފުޅުން ޓައިވާނުން މިނިވަންވާން ކުރާ މަސައްކަތަށް އިތުރު ބާރެއް އެޅިގެންދާނެއެވެ.

ނޭންސީ ޕެލޯސީގެ ދަތުރުފުޅާ ގުޅިގެން އެމެރިކާގެ ސަރުކާރުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. ބައިޑަން އެޑްމިނިސްޓްރޭޝަންގެ އޮފިޝަލަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނޭންސީގެ ދަތުރުފުޅު ހުއްޓުވުމަށް، ޗައިނާއިން ޓައިވާނުން އަމިއްލައަށް އިއުލާންކުރި ވައިގެ ދިފާއީ ސަރަހައްދަށް އިތުރަށް ހަނގުރާމަވެރި ޖެޓްތައް އުދުއްސާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޓައިވާނާއި އެމެރިކާގެ ރައްދެއް ދޭނެ ހަލަތެއް އައިސްދާނެ ކަމަށާއި، މަޝްރަހް އިތުރަށް ގޯސްވުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެފައެވެ.

ޗައިނާއިން ވަނީ ފާއިތުވި މަސްތަކުގައި ޓައިވާނުން އަމިއްލައަށް އިއުލާންކުރި އެއާ ޑިފެންސް ޒޯން ދެނެގަތުމުގެ ޒޯނަށް އެތައް ފަހަރަކު ހަނގުރާމަ މަތިންދާބޯޓުތައް ފޮނުވައިފައެވެ. ޗައިނާގެ އަސްކަރީ މަތިންދާބޯޓުތައް އެ ޖަޒީރާގެ ސަރަހައްދީ ވައިގެ ސަރަހައްދަށް ނުވަދެއެވެ. އެ ސަރަހައްދަކީ އެ ޖަޒީރާގެ އައްސޭރިފަށުން 12 ނޯޓިކަލް މޭލެވެ.

ކުރިއަށް އޮތް ހަފްތާތަކުގައި ޕެލޯސީ ޓައިވާނަށް ދަތުރެއް ކުރަން ރާވާފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

ކޮންގްރެސްގެ އެހެން މެންބަރުންނާއި އެމެރިކާގެ ކުރީގެ އޮފިޝަލުން މިއަހަރު ޓައިވާނަށް ޒިޔާރަތްކޮށްފައިވާއިރު، ޕެލޯސީ ވެގެންދާނީ 25 އަހަރު ތެރޭގައި ޓައިވާނަށް ވަޑައިގަންނަވާ އެމެރިކާގެ އެންމެ މަތީ ދަރަޖައިގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަށެވެ. އޭރުގެ މަޖިލީހުގެ ރައީސް ނިއުޓް ގިންގްރިޗް އެ ޤައުމަށް ދަތުރުކުރެއްވީ 1997 ވަނަ އަހަރުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!