ވާހަކަ މުނިފޫހިފިލުވުން

ފޯވީތީ މިހިތް ކަރުނުން ( ދިހަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން

" އެއީ ކީއްވެ؟ " ސަނަމް އަހާލައިފިއެވެ. ވާހަކައިގެ މިސްރާބު ދާ ގޮތުން ޙުދު އޭނާވެސް ހައިރާން ވެއްޖެއެވެ. އޭނާ އެހެމުން އެލް ހީކުރާނީ އެއްޗަކާ މެދު ވިސްނާލެވި ލަދުގަނެއްޖެއެވެ. އެމެސްޖް ޑިލީޓް ކޮށްލެވޭކަށްވެސް ނެތެވެ. އެލް އެމެސެޖް ބަލައިފިއެވެ. އެތައް އިރެއް ފާއިތުވެގެން ދިޔައިރުވެސް އެލްގެ ފަރާތުން ޖަވާބެއް ނައުމުން ސަނަމް މާޔޫސްވިއެވެ. އޭނާއަށް ކުރެވުނު ސުވާލުން އަނެއްކާ އެލް ހިތްހަމަނުޖެހުނީބާއޭ ހިތަށް އެރިއެވެ.

Ads by STELCO

**********

ނުނިދިފައި ކޮޓަރީގައި ދެފަރާތަށް ހިނގާލަ ހިނގާލާ ތީން ހުއްޓެވެ. މެންދަމުން އަނބުރާ ދޭއް ޖަހަނީއެވެ. އަދިވެސް އޭރު ދިޔަ ގޮތަށް ރުޒައިކް ގެއަކަށް ނާދެއެވެ. ގޮތުގައި ހިފަހައްޓަންވެގެން ތީންވެސް އެހުންނަނީ ރުޒައިކްއަށް ނުގުޅާށެވެ. އެހެނަސް ނުބައި ވަސްވާސްތައް އޭނާގެ ސިކުނޑި ހިޞާރުކޮށްފައިވިއެވެ. ރުޒައިކް އޭރު ދިޔައީ މިކައިލާއާ އެކުކަން ޔަގީނެވެ. މިހާރުވެސް އެދެމީހުން ތިބީ އެކުގައޭ ހިތަށް އެރުމާއެކު ދެފަރާތަކަށް ބޯހޫރައިލެވުނެވެ. މިކައިލާ ގެއަށް އައިތޯ ބެލުމަށްޓަކައި ތީން އޭނާގެ ކޮޓަރިން ނިކުމެ މިކައިލާގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. ކަނު އަނދިރިކަމުގެ ތެރެއިން ފިޔަވަޅުގެ އަޑުނީއްވާވޭތޯ މަސައްކަތް ކުރަމުން ތީން ގޮސް މިކައިލާގެ ކޮޓަރީ ދޮރުކައިރީގައި ހުއްޓުނެވެ. އެހިނދު ކޮޓަރިތެރެއިން އިވުނު އަޑެއްގެ ސަބަބުން ތީންގެ މެޔަށް ފިނިވެގެން ދިޔައެވެ. އިވުނީ ދެމީހެއްގެ ހުނުމުގެ އަޑެވެ. އަންހެނަކާ ފިރިހެނެއްގެއެވެ. ރުޅި އައިސްގެން ދަތްކުޑިވިކައިލެވުނު ހިނދު ދޮރުގައި ތަޅައިގަންނަން ތީން އުޅުނެވެ. ނަމަވެސް ހަމަ އެހިނދުގައި މިކައިލާ އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލައިފިއެވެ. ދޮރުކައިރީގައި ހުރި ތީން ފެނި މިކައިލާއަށްވެސް ލިބުނީ ސިހުމެކެވެ.

" ހުންނަ ގޮތްކުޑަކަން ބަލާބަލަ.. ލަދެއް ނުގަނޭތަ މިއޮއް ދަންވަރު އަހަރެންގެ ފިރިމީހާ ކޮޓަރިއަސް ވައްދައިގެން އޮންނާކަށް.. ކޮބާ ރުޒައިކް..؟ ރުޒައިކް!! " ރުޒައިކްއަށް ގޮވަމުން ތީން އެތެރެއަށް ވަންނަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން މިކައިލާ އޭނާގެ އަތްހުރަސްކޮށްލީ ތީން ވަނަ ނުދިނުމަށެވެ.

" ތީންގެ ފިރިމީހާ މިކޮޓަރިއަކު ނެތް.. އެއީ އަހަރެންގެ ބޯއި ފްރެންޑް.. ގަދަ ހަދާލާފަ އެތެރެއަށް ވަދެފިއްޔާ ލަދުގަންނާނީ ހަމަ ތީން.. މިބުނި އެއްޗެއްގެ މާނަ އެނގެއެއްނު.. " މިކައިލާ އެހެން ބުނީ ވަރަށް ހަމަޖެހިލާފައެވެ. ކޮޓަރިއަށް ވަންނަން ތީން ފަސްޖެހުނެވެ.

" ކޮބާ ރުޒައިކް.. ؟ " ފަހަތަށް ފިޔަވަޅެއް އަޅައިލަމުން ތީން އެހިއެވެ. މިކައިލާ ފެށީ ހޭށެވެ. އެކަމުގެ ސަބަބުން ތީން އައިސްފައިވާ ރުޅި އިތުރުވިއެވެ.

" އަމިއްލަ ފިރިމީހާވާ ތަންތަންވެސް ނޭނގޭތަ؟ އެހެންވީމަ ޒެކް އަދިވެސް ގެއަށް ނާންނަނީ ދޯ.. ޕުއަރ ޒެކް!! ޒެކްއަށް ތިކަހަލަ އަނތްބެއް ލިބުނީތީ އަހަރެން ހިތާމަކުރަން.. " ދެރަވާ ކަމަށް ހެދެމުން މިކައިލާ ބުންޏެވެ. ތީންއަށް ބާރު އަޑުން މިކައިލާއަށް ގޮވާލެވިއްޖެއެވެ.

" ޝްޝްޝް... " ތުންފަތުގައި އިނގިލި ހުރަސްކޮށްލަމުން މިކައިލާ ކިޔައިލިއެވެ. " މާ ބާރަށް ނުގޮވާ.. ގޭމިހުން ހޭލަފާނެ.. "

" ހޭލައިފއްޔާ ރަނގަޅީވެސް.. އޭރުން ތި ގަންނަ ގަނޑު ފެންނާނެއްނު ގޭ އެންމެންނަށް... ނުހޭލި ކަމުގައިވިޔަސް އަހަރެން އެމީހުން ކައިރީގައި ހުރިހާ ވާހަކައެއް ކިޔައިދޭނަން.. " ތީން އިންޒާރުދިނެވެ. މިފަހަރުވެސް މިކައިލާ ފެށީ ހޭށެވެ.

" ތިކަހަލަ އިންޒާރުތަކުން އަހަރެން ބިރުގަންނާނެކަމަށްތަ ހީކުރީ..؟ ދޭ.. ގޮސް ބުނަން ދޭ!! އަވަހަށް ދޭ!! މީހެއް ކައިރީ ބުނުމަކުން އަހަރެން ގަންނާނެ ބިރެއް ނެތް.. އަހަރެން އުޅޭނީ ބޭނުން ގޮތަކަށް.. ނައު އިފް ޔޫ'ލް އެކްސްކިއުޒްމީ.. އަހަރެންގެ ބީ އެފް ވަރަށް ބޮޑަށް ފެންބޮވައިގަނެފައި އިނީ.. " މިހެން ބުނުމަށްފަހު މިކައިލާ ހިނގައިގަތީ ބަދިގެއާ ދިމާލަށެވެ. ދަތްކުޑިވިކައިލަމުން މުށްބާރުކޮށްލައިގެން ހުރެ ހަރުފިޔަވަޅުތަކެއްގައި ތީންގެ އޭނާގެ ކޮޓަރިއާ ދިމާލަށް ދިޔައެވެ.

**************

ޝަޖާހު އާއި ރޫވިން ފަތިސް ނަމާދުކޮށްގެން އައިއިރު މާހްރީން ތައްޔާރުވެލައިގެން ސިޑިން ފައިބަނީއެވެ. ކޮފީ ގެނެސްދެންތޯ ބުނުމުން ޝަޖާހު ބޯޖަހައިލިއެވެ. ނަމަވެސް ނިދިއައިސްފައި ހުރިވަރުން ރޫވިން ބޭނުންވީ އޮފިހަށް ދިއުމުގެ ކުރިން ނިދާލާށެވެ.

" އިހަށް މަޑުކޮށްބަލަ ވިނީ.. ބައްޕަ ވާހަކައެއް ދައްކާލަން ބޭނުން.. " އަތުގެ އިޝާރާތުން ސޯފާގައި އިށީންނަން ބުނަމުން ޝަޖާހު ބުންޏެވެ.

" މައުރާ ކައިރީ ކޮފީ ގެންނަ ބުނެފައި މާހީވެސް އާދެބަލަ!! ތިދެމައިންނާ ދައްކަންޖެހޭ ވަރަށް މުހިންމު ވާހަކައެއް.. " ޝަޖާހު ބުންޏެވެ. މާހްރީންއާއި ރޫވިން އެކަކު އަނެކަކަށް އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ. މާހްރީން ބޯޖަހައިލުމަށްފަހު ބަދިގެއާ ދިމާއަށް ދިޔައެވެ. މާގިނައިރުތަކެއް ނުވެ އެނބުރި އައިސް ޝަޖާހު ކައިރީގައި އިށީނެވެ.

" މިވާހަކަ ދެއްކުމުގެ ކުރިން ބައްޕަ ބޭނުން ވިނީ ކައިރީގައި ވާހަކައެއް އަހާލަން... ވިނީ ކައިވެނީގެ ގޮތުން ގުޅެން ބޭނުންވާ ކުއްޖަކު އެބަހުރިތަ؟ މިބުނީ ވިނީއަށް ކަމުދާ ކުއްޖަކު އެބަހުރިހޭ.. " ޝަޖާހު އެހިއެވެ. ރޫވިން އެއްފަހަރު މާހްރީން އަނެއްފަހަރު ޝަޖާހުއަށް ބަލައިލިއެވެ. އިރުކޮޅަކުން ހިމޭނުން އިނުމަށްފަހު ރޫވިން ދެފަރާތަކަށް ބޯހޫރާލައިފިއެވެ. ޝަޖާހުގެ ތުންފަތްމަތިން ފެނުނީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ.

" ވިނީއަށް ކަމުދާ ކުއްޖަކު ނެތިއްޔާ ބައްޕަ ބުނާ ކުއްޖަކާ ދަރިފުޅު އިންނާނަންތަ؟ ކުރިންވެސް ވިނީ ބުނީމެއްނު ބައްޕައަށް ކަމުދާ ކުއްޖެއް ހޯދާށޭ.. އެކަމަކު އަދިވެސް އެއްފަހަރު ބައްޕަ ބޭނުން އަހާލަން.. ؟ " ޝަޖާހު ބުންޏެވެ. ރޫވިން އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން މާހްރީން ވާހަކަ ދައްކަން ފެށިއެވެ.

" ޝަޖާހުއަށް ކަމުދާ ކުއްޖަކު ފެނުނީތަ؟ ޝަޖާހުއަށް ކަމުދަންޏާ އެކުއްޖަކު ގޯސްވާނެއޭ އަހަރެންގެ ހިތް ނުބުނޭ.. ވިނީ އެއީ އަހަރުމެންގެ ބަސްއަހާ ކިޔަމަންތެރި ކުއްޖެއް.. އޭނަ ބުނިފަދައިން ޝަޖާހު ހޯދާ ކުއްޖަކާ އޭނަ އިންނާނެ.. " ޔަގީންކަމާއެކު ހިނިތުންވެލައިގެން އިނދެ މާހްރީން ބުންޏެވެ. ޝަޖާހު ރޫވިންއާ ދިމާލަށް ބަލައިލީ އުއްމީދުން ފުރިގެންވާ ބެލުމަކުންނެވެ.

" އެއީ ކޮންކުއްޖެއް؟؟ " ރޫވިން އަހާލައިފިއެވެ.

" އެއީ ވިނީ ނުދަންނަ ކުއްޖެއް ނޫން.. އުޅުން ހުރި ރަނގަޅު ކުއްޖެއް.. އޭނަގެ ހަޔާތުގައި ހިތްދަތި ކަންތައްތަކެއް ދިމާވުމަކީ އޭނަގެ ކުށެއް ނޫން.. ބައްޕަ މިދައްކަނީ ސަނަމްގެ ވާހަކަ.. " ޝަޖާހު ބުންޏެވެ. ރޫވިން އާއި މާހްރީންއަށް ލިބުނީ ހައިރާންކަމެކެވެ.

" ސަނަމް..؟ އެކަމަކު ޝަޖާހު......." މާހްރީން ބުނަން އުޅުނެވެ.

" ހުވަފަތް ކުއްޖެއް.. އެހެއްނު.. އެކަމަކު އެއީ ސަނަމްގެ ކުށެއް ނޫނެއްނު.. ހުރިހާ ގޮތަކުން ބެލިޔަސް ސަނަމްއަކީ ވިނީއާ އެންމެ އެކަށީގެންވާ ކުއްޖާއޭ ބައްޕަގެ ހިތްބުނަނީ.. " ރޫވިންއާ ދިމާލަށް ބަލަހައްޓައިގެން އިނދެ ޝަޖާހު ބުންޏެވެ. މާހްރީންވެސް ބަލައިލީ ރޫވިން އަށެވެ. މާހްރީންގެ މޫނުމަތިން ކުރިން ފެނުނު ޖޯޝެއް މިހާރު ފެންނާކަށް ނެތެވެ.

" ދަރިފުޅު ވިސްނާލަން ބޭނުމިއްޔާ.." ޝަޖާހު ބުނަން އުޅުނެވެ.

" އަހަރެން ޤަބޫލު.. ސަނަމް ޤަބޫލިއްޔާ އަހަރެންވެސް ޤަބޫލު.." ރޫވިން ބުނެލައިފިއެވެ. އެހާ އަވަހަށް ރޫވިން ގަބޫލުވެދާނެ ކަމަށް އުއްމިދުނުކޮށް އިން ޝަޖާހު ހުރިހާ ދަތްތަކެއް ފެންނަވަރަށް ހިނިތުންވެލިއެވެ. މާހްރީންވެސް ހިނިތުންވެލިނަމަވެސް އޭނާގެ ދެލޮލުން ފެންނަމުން ދިޔައީ މުޅިން އެހެން އަސަރެކެވެ.

" ދެން އެންމެ ރަނގަޅުތަ ދިޔަސް.. ؟ " ރޫވިން ހުއްދައަށް އެދުނެވެ. ޝަޖާހު ބޯޖަހައިލުމުން ރޫވިން އިންތަނުން ތެދުވެގެން ހިނގައިގަތެވެ.

" އެބަ އަންނަން ބްރެކްފާސްޓް ނަގާފަ..." މިހެން ބުނެ މާހްރީންވެސް އިންތަނުން ތެދުވެގެން ހިނގައިގަތެވެ.

***********

މާހްރީން ބަދިގެއަށް ވަންއިރު މައުރާ ޕާން ފިހުމުގައި އުޅުނެވެ. ބަޓަރާއި ޖޭމް ތައްޔާރުކުރަން އުޅެނިކޮށް ބަދިގެއަށް ސަނަމް އައިސް ވަނެވެ.

" އަޅުގަނޑު ރޮށި ފިހަންތަ؟ " ނުކެރިފައި ހުރެ ސަނަމް އަހައިލިއެވެ.

" ނޫނޭ.. މިގޭ މީހުން އާންމުކޮށް ނަގާނީ ކޮންޓިނެންޓަލް ބްރެކްފާސްޓް.. އެހެންނޫނަސް ސަނަމް ތީ މެހުމާނެއް.. އެހާ ބުރަ މަސައްކަތެއް ކުރުވާކަށް އަހަރެން ހިތް އެއްބަހެއް ނުވޭ.. " ހިތްހެޔޮ ގޮތަކަށް މާހްރީން ބުންޏެވެ.

" ލެޓް ހަރ ޑޫ އިޓް މާހީ.. ސަނަމް ވަރަށް މީރުކޮށް މަސްހުނި ހަދާނެ.. " އެމީހުން ދައްކާ ވާހަކަ އަޑުއަހަން އިން ޝަޖާހު ބުންޏެވެ.

" ތެދެއްތަ ސަނަމް..؟ ބޭނުންވިއްޔާ ހަމަ ކުރަންވީ އިނގޭ.. މައުރާ އެހީވާނެ... " ޖޭމް ފުޅި ފުރިޖަށް ލަމުން މާހްރީން ވާހަކަ ދެއްކިއެވެ. " އެބަ އަންނަން އިނގޭ...!! މައުރާ! ހެލްޕް ހަރ.. "

**********

ހެނދުނުގެ ސަޔަށް އިންސާފުކުރެވެމުން ދިޔަ ގަޑީގައި މައިގަނޑު ގޮތެއްގައި ދެކެވުނީ ސަނަމް ތައްޔާރު ކުރި ބަރަބޯ މަސްހުނީގެ މީރު ވާހަކައެވެ.

" އަސްލުވެސް މިހާ މިހާރު މަސްހުންޏެއް ނުކަން.. އަލަށް ކަންނޭނގެ ގެއިން މިކަހަލަ ނާޝްތާއެއް މިލިބުނީ.. " ރަނަކްއަށް މީރު ވީ ވަރުން އެ ނެގީ ހަތަރު ވަނަ ރޮއްޓެވެ. ކައިރީގައި އިން މިކައިލާ ރަނަކްއާ އެއްބަސްވަމުން އެއްޗެއް ބުނެލައެވެ. ހިމޭންކަމުގައި ކަމުން ދިޔައީ ރޫވިންއާއި ރުޒައިކްއެވެ. ރޫވިން ދޭތެރެއަކުން ހިނިތުންވެލިނަމަވެސް ރުޒައިކްގެ މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސްކަމެވެ. އެތަނުން މަދުވަނީ ތީން އެކަންޏެވެ.

" ޒެކް...!! ރޭގަ ރަނގަޅަށް ނުނިދެނީތަ؟ " މާހްރީން އެހިއެވެ. ޒެކް ހަމައެކަނި ދެފަރާތަކަށް ބޯހޫރައިލިއެވެ. ތީން ކޮބައިތޯ ޝަޖާހު ސުވާލުކުރުމުން ރުޒައިކް ކޮނޑު އަރުވާލި ގޮތުން އެދެމެދުގައި ކޮންމެވެސް ހަމަނުޖެހުމެއް ހިނގައިފިކަން އެތާ ތިބި އެންމެންނަށްވެސް އެނގުނެވެ. އިރުކޮޅަކުން މައުރާ ތަބަކަކަށް ޕާނާއި ބަޓަރު ލައިގެން ގެންދާތަން ފެނި މާހްރީން ސުވާލުކުރިއެވެ. ތީން ބުނެގެން ކަމަށް ބުނުމުން އޭނާ ބޯޖަހައިލިއެވެ. އެކަމުގެ ސަބަބުން އެންމެ ބޮޑު ނުތަނަވަސްކަމެއް ލިބުނީ ސަނަމްއަށެވެ. ތީން ސައިބޯން ނައީ އޭނާގެ ސަބަބުންކަން އޭނާއަށް ޔަގީންވިއެވެ.

**********

ޓީވީއިން އަންނަ ފިލްމެއް ބަލަން އެނދުގައި ސިލްމާ އޮތެވެ. ސޯފާގައި ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެން ސަނަމް އިނެވެ. މޫނުމަތިން ނުދެއްކިނަމަވެސް އޭނާ އެއިންނަނީ ނުހަނު ކަންބޮޑުވެފައެވެ. ރޭގެ ފަހުން އެލްގެ ހަބަރެއް ނުވާތީއެވެ. އޭގެ ފަހުން އޮންލައިންގަ އިންކަމަށްވެސް ނުދައްކަނީއެވެ. ކޮޓަރީގެ ދޮރުގައި ޓަކިޖަހައިލި އަޑަށް ސަނަމް ގޮސް ހުޅުވައިލިއެވެ.

" ހާއި!! ކީއްކުރަނީ..؟ ބިޒީތަ؟ " ދޮރުމަތީގައި ހުރި ރަނަކް އަހައިލިއެވެ.

" ނޫން.. ކިހިނެއްވީ؟ " ސަނަމް އެހިއެވެ.

" ވަރަށް އަވަހަށް ތައްޔާރުވެބަލަ އަހަރެންނާ އެކު ބޭރަށް ގޮސްލަން.. މިއުޅެނީ މިކީއާ ދެމީހުން ޝޮޕިންގއަކަށް ދާން ވެގެން.. ސަނަމްވެސް ގޮވައިގެން ދާން ކަމަށް.. ޕްލީޒް ނޫނެކޭ ނުބުނައްޗެ.. މިއަންނަނީ ރެޑީވެގެން ސަނަމް ބަލާ.. " މިހެން ބުނެ ސަނަމްގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ރަނަކް އެނބުރި ދާން ހިނގައިގަތެވެ.

ދޮރު ލައްޕާލަމަށްފަހު ސަނަމް އެނބުރި ގޮސް ސޯފާގައި އިށީނެވެ.

" ތައްޔާރު ނުވާނަންތަ؟ " ސިލްމާ އެހިއެވެ.

" ދާހިތެއް ނެތް މަންމާ.. އެހެންނޫނަސް އެމީހުން ދަނީ ވިޔަފާރިކުރަން.. އެމީހުން ވިޔަފާރިކުރާ ގޮތަށް އަހަރެން ކިހިނެއް ވިޔަފާރި ކުރާނީ.. " ސަނަމް ބުންޏެވެ.

" އުނހު ދާންވާނެ.. އެމީހުން ސަނަމްއަށް ކިހާ ރަނގަޅުތަ؟ ދީބަލަ ދަބަސް ތެރޭގައި އޮތް މަންމަގެ ސިޔަރަތުގެ މަދަހ ފޮތް.. " ސިލްމާ އެދުނެވެ. ސަނަމް ގޮސް އެފޮތް ނަގާފައި ސިލްމާއަށް ދިއްކޮށްލިއެވެ. ސިލްމާ އެފޮތުގެ ތެރެއިން ފަސް ސަތޭކަ ރުފިޔާ ނެގުމަށްފަހު ސަނަމްއަށް ދިއްކޮށްލިއެވެ.

" މީ.. ؟؟ " ސަނަމް ހައިރާންވެފައި ހުރެ އެހިއެވެ.

" ތީ މަންމަ މާލެ އަންނަ އުޅެނިކޮށް ހަބިއްތަ މަންމައަށް ދިން އެއްޗެއް.. މަންމަ ވަރަށް އުފާވާނެ ދަރިފުޅު އެކުދިންނާއެކު ގޮސް ވިޔަފާރިކޮށްލީމަ.. އަމިއްލަ ހިތްހަމަޖެހުމަށް އެކަހަލަ ކަންތައްތައް ކޮށްލަންވާނެ.. އަންނައިރު މަންމައަށް ރީތި ވޫލުކޮޅެއްވެސް ގެނެސްދޭތި.." ސިލްމާ ބުނެލިއެވެ.

ސިލްމާ ކިޔާވަރުން އެންމެ ފަހުން ސަނަމް ދާން ތައްޔާރުވިއެވެ. އެހެންނަމަވެސް އޭނާ ސިލްމާ ދިން ފައިސާގައި ނުހިފައެވެ. ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫ ޖިންސެއްގައި ސަނަމް ފެންނަލެއް ވަރަށް ހިތްގައިމެވެ. ރާޅުބާނި ބޯއިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައި އޮތުމުން އެހިތްގައިމުކަން އިތުރަށް ފުރިހަމަވެފައިވިއެވެ.

**********

ސަނަމްއަށް ތަންތަން ދައްކާލުމުގެ މަޤްސަދުގައި އެމީހުން ދިޔައީ ހިނގާފައެވެ. އެކި ފިހާރަތަކަށް ވަންނަމުން ދިޔައިރު ތަފާތު އެތައް ވާހަކައެއް މިކައިލާއާއި ރަނަކް ދައްކަމުން ދިޔައެވެ. އެމީހުންގެ ވާހަކަތަކުގައި ސަނަމްވެސް ބައިވެރި ކުރަމުންނެވެ. މައިގަނޑު ގޮތެއްގައި ރަނަކް ދައްކަމުން ދިޔައީ އޭނާއަށް ލިބިގެން އުޅޭ އާ ރަޙުމަތްތެރިޔާގެ ވާހަކައެވެ. އެވާހަކަތަކުން އެފިރިހެންކުއްޖާއަކީ ރަނަކްއަށް ވަރަށް ޙާއްސަ ކުއްޖެއްކަން ސަނަމްއަށް އެނގުނެވެ. ވިޔަފާރިކޮށް ނިންމާލުމަށްފަހު އެމީހުން ގޮސް ވަނީ މާލޭގެ މަޝްހޫރު ރެސްޓޯރެންޓަކަށެވެ. ހަތަރު ގޮނޑީގެ މޭޒެއް ކައިރީގައި އިށީނުމާއެކު ވެއިޓަރު އައިސް މެނޫ ދީފިއެވެ.

" ވަރުބަލި ވެއްޖެ ދޯ... އަހަރެން ވަރަށް ދުވަސަވެއްޖެ މިގޮތަށް ހިނގާނުލާތާ؟ " ވެއިޓަރު ގެނެސް ބެހެއްޓި ފެންފުޅިން ކޯވަރެއް ބޯލަމުން މިކައިލާ ވާހަކަ ދެއްކިއެވެ.

" މިކީއަށް ވާނީ  ތިވަރު.. އަދި ނުބުނެވިގެން އިނގޭ މިއުޅެނީ.. މިތަނަށް އެބައާދޭ އެސޮރު.. " ރަނަކް ބުނެލިއެވެ.

" ވާޓް.. ސީރިއަސްކޮށްތަ؟ ފައިނަލީ!! ރަންކޮގެ ބޯއިފްރެންޑް ފެންނާނެ ދޯ މިރޭ.. " މިކައިލާ ޤަބޫލުނުކުރެވިފައި އިނދެ ބުނެލިއެވެ.

" އަދި ބޯއިފްރެންޑަށް ނުވޭ.. އުއްމީދު ކުރަނީ އަވަސް މުސްތަޤުބަލެއްގައި ވާނެކަމަށް.. ފުރަތަމަ ނަޒަރުންވެސް އަހަރެން އޭނައަށް ހިތްކިޔައިފި... ހީވަނީ އޭނަވެސް އަހަރެން ދެކެ ލައިކް ވާހެން.."

" މިތާ ހުންނާނެތަ ޓޮއިލެޓް.. " ސަނަމް ބުނެލިއެވެ. އޭނާ ފާހާނާއަށް ދާން ބޭނުންވެފައި ހުންނަތާ ކިތަންމެ އިރެކެވެ. ސަނަމްއަށް ފާހާނަ ހުންނަތަން ރަނަކް ބުނެދިނުމުން ސަނަމް ހިނގައިގަތެވެ. މާގިނައިރެއް ނުވެ ސަނަމް ފާހާނައިން ނިކުމެގެން އެމީހުން ތިބި މޭޒާ ދިމާއަށް ހިނގާފައި އަންނަނިކޮށް އެހެންލާފައި ހުރަސްކުރި ފިރިހެނެއްގެ ގައިގައި ޖެހި އަރިއަޅައިލިއެވެ. އަރައިގެން ހުރި ފައިވާނުގެ ގޮތުން ފައި ފުރޮޅި ސަނަމް ވެއްޓެން ދިޔައެވެ. ނަމަވެސް އޭގެ ކުރިން ވަރުގަދަ އަތަކުން ސަނަމްގެ ގައިގައި ހިފަހައްޓައިފިއެވެ. ސަނަމް ޖެހުނު މީހާ ލާނެތް ގޮތަކަށް ހީނލުމަށްފަހު އެތަނުން ނިކުމެގެން ދިއުމުން އެއީ އެމީހާ ގަސްދުގައި ކުރިކަމެއްކަން ސަނަމްއަށް އެނގުނެވެ. ސަނަމް ގައިގާ ހިފަހައްޓައިގެން ހުރި މީހާއަށް ބަލައިލެވުނީ ދެނެވެ. އެމީހާ އަވަސް އަވަހަށް ތެދުވުމަށް ސަނަމްއަށް އެހީވެދިނެވެ. އެމީހާއަށް ޝުކުރު އަދާކުރުމަށްފަހު ސަނަމް ގޮސް މޭޒު ކައިރީގައި އިށީނެވެ. ދެންމެ ހިނގައިދިޔަ ކަންތަކުން ސަނަމް އިނީ ހިތްހަމަނުޖެހިފައެވެ. ހިތާހިތުން އޭނާގެ ގައިގާ ޖެހިގަތް މީހާއާ ދިމާލަށް ހަޅޭއްލަވަމުން ދިޔައެވެ.

" އެއޮއް އައީ.. " ދުރު ބަލަހައްޓައިގެން އިނދެ ރަނަކް ބުނެލިއެވެ. އެދިމާލަށް ބަލައިލީ ސަނަމްއާއި މިކައިލާ އެކުއެކީގައެވެ. ސަނަމްއަށް ލިބުނީ ހައިރާންކަމެކެވެ. އެއީ ދެންމެ އޭނާ ވެއްޓުނަ ނުދީ ސަލާމަތްކޮށްދިން މީހާއެވެ. ރަނަކްއަށް އެސްފިޔަޖަހާލަންވެސް ނޭނގިފައި ބަލަހައްޓައިގެން އިނދެވުނީއެވެ. އެހާ ރީތި ފިރިހެނެއް އޭނައަށް ފެނުނީ ފުރަތަމަ ފަހަރެވެ. އިސްކޮޅާއި ރޫފައެއްވަރުގެ ބިޔަ ހަށިގަނޑެކެވެ. ކުރުކޮށް ކޮށާލެވިފައިވާ ކަޅުކަން ގަދަ އިސްތަށިގަނޑެވެ. ރިތި މަތިމަހަކާއި ބޯ ތުނބުޅިއެވެ. އެންމެ އަޅައިގަންނަ ގޮތެއް ހުރީ އޭނަގެ ބޮޑު ދެލޮލުގައިވާ މުށިކުލައިގެ ކަޅިއެވެ. އެމީހާ އައިސް އެމީހުން ތިބި މޭޒުކައިރިއަށް ހުއްޓުމުން ރަނަކް ތެދުވެ ސަލާމްކޮށްލިއެވެ. ރަނަކްގެ ތުންފަތްމަތީގައިވާ ރަކި ހިނިތުންވުން ފެނި މިކައިލާ ސަނަމްގެ ފައިގައި ކޮއްޓާލުމަށްފަހު އެމަންޒަރު ދެއްކިއެވެ.

" ގާއިޒް..! މީ އަހަރެންގެ ފްރެންޑެއް... ނިއަލް... ނިއަލް!! މީ އަހަރެންގެ ފްރެންޑްސް.. މިކައިލާ ދެން.. މީ ސަނަމް.." ރަނަކް ތައާރަފް ކޮށްދިނެވެ. ނިއަލް ވަކިވަކިން ކޮންމެ މީހަކަށް ބަލާލާފައި ހިނިތުންވެލިއެވެ. އެއަށްފަހު ސަނަމްއާއި ރަނަކްގެ ދެމެދުގައި ހުރި ގޮނޑީގައި އިށީނެވެ.

" އާރ ޔޫ އޯކޭ.. " ސަނަމްއާ ދިމާލަށް ބަލައިލަމުން ނިއަލް އެހިއެވެ. އެހިނދު ރަނަކްއާއި މިކައިލާ ހައިރާންވެފައި ސަނަމްއާ ދިމާލަށް ބަލައިލިއެވެ.

  1. ގަރލް

    އަޅެ ދެން ނޫން. ރަނަކް އާއި ސަނަމް އެނެމީސްއަށް ނުހަދާތި ޕްލީޒް. ސަނަމް ޑިސަރވްސް އަ ގުޑް ފްރެންޑް

  2. ޫުޔުުހަ

    ޙަދަލަހެެ ވަަހަކަ ގެނެސ.ދެެލެ

  3. ޖަޒްލާ

    ދެންނޭގެ ކޮންދުވަހަކުން ކަމެއް އަނެއްބައި ނެރޭނީ