ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

ޖީލާންގެ ވާހަކަތައް ނިންމައިލިއިރު ކޮންމެ މީހެއްގެ ދެލޯވެސްވީ ކަރުނުން ތެމިފައެވެ. ބުނާނެ އެއްޗެއް އެކަކުގެ ސިކުނޑިއަކަށް ވެސް ނުވިސްނުނެވެ. ހިމޭންކަން އެންމެންގެ މެދަށް ވެރިވި ހިނދު އަނޫކްގެ މަޑު ގިސްލުމުގެ އަޑު އިވިލިއެވެ. އެއަޑު އިވިފައި ޒައިވާގެ ހިތަށް އިންތިހާއަށް އަސަރުކުރިއެވެ. އަނޫކްއާ ގާތްވެލުމާއެކު އެއަތުގައި ހިފައި ޒައިވާއަށް ބާރުކޮށްލެވުނީ ގަސްދަކާ ނުލައެވެ.

Ads by STELCO

އަނޫކްއަށް ބަލައިލި ސަމަދު ދޫކޮށްލީ ފުން ނޭވާއެކެވެ. ހިމޭނުން އިރުކޮޅަކު އިނުމަށްފަހު އޭނާ ވާހަކަދައްކަން ފެށިއެވެ. "ރާޔާއާ ވަކިވީފަހުން ރީއާންގެ މިޒާޖަށްވެސް ވަރަށް ބޮޑު ބަދަލުތަކެއް އައި.. ރާޔާގެ ކައިވެނިކުރެވޭތަނަށް އޭނާ ދިޔައީ އަހަންނަށްވެސް އެނގުމެއްނެތި.. އެރޭ ގެއަށް އައިސް އޭނާ ކޮޓަރިއަށް ވަތް ގޮތުންވެސް އަހަންނަށް ހީވި ކޮންމެވެސް ކަމެއް ގޯސްވެއްޖެއޭ.. ކޮޓަރިއަށް ވަތް ފަހުން އިރުކޮޅެއްވީ.. ދެން އިވެންފެށީ އެކި އެއްޗެހި ވެއްޓިތެޅޭ އަޑު.. ދޮރުގަ ޓަކި ޖަހާ ޖަހާ ނުހުޅުވީމަ އަހަންނަށް މަޖުބޫރުވީ ޑަބަލް ތަޅުދަނޑިން ދޮރު ހުޅުވަން.. އޭރު އެނދުގެ އެއްކަނެއްގަ އިނށީދެލައިގެން އިސްޖެހިފަ އޭނާ އިނީ ރޯން.. ދުވަހަކުވެސް ރީއާން އެފަދައިން ރޯތީ އަހަރެން ނުދެކެން.. ޑްރެސިންގް ޓޭބަލް މަތީ ހުރި ސެންޓްފުޅިތައްވެސް އޮތީ ތަށިމުށިތައްމަތީ.. ލޯގަނޑުވެސް ތަޅާ ފުނޑުފުނޑު ކޮށްލާފަ.. އެއަތުގަ ހުރި ޒަޚަމް އަހަންނަށް ފެންނަންވީއިރަށް އޭނާ ބުނެފި ބޭނުންވަނީ ވީ އެންމެ އަވަހަކަށް ފުރަންށޭ.. ރީއާން ހަމަޖެހުނީ އެތައް ވާހަކައެއް ދައްކައިގެން.. އެހިތާމަތަކާ ކުރިމަތިލާނެ ގޮތެއް ނޭނގި އޭނާ މުޅިން މާޔޫސްވީ.. ދެދުވަހެއްގެ ތެރޭ ފުރުމުގެ ކަންތައް ހަމަޖެހުނީމަ އެނބުރި ލަންޑަނަށް ދިޔައީ.. އެކަމަކު.. މާހައުލު ބަދަލުވުމަކުން ރީއާންގެ ހިތާމަތައް ލުޔެއްނުވި.. އެކަން ޔާސްމީންދައްތައާ އުސައިދުބެއަކަށް ސިއްރެއްނުވި.. ރީއާންއަށް ވެގެން އުޅޭ ގޮތެއް އޮޅުންފިލުވަން އެމީހުން ގުޅީ އަހަންނަށް.. ތެދުތެދަށް ހުރިހައި ވާހަކަތަކެއް ކިޔައިދޭން މަޖޫބުރުވީ.. ރީއާން ކުޑަކޮށްވެސް ހަމައަކަށް އެޅުނީ ކައުންސެލިންގް ދޭން ފެށިފަހުން.. އެކަމަކު.. ދެންވެސް އޭނާ އެނބުރި އިހު ހުރި މިޒާޖަކަށް ބަދަލެއްނުވި.. އެ ލާނެތްކަމާ ސަމާސަކަން މުޅިން ފިލީ.. އަބަދުވެސް އެމޫނުން ފައުޅުވާނީ ސީރިއަސްކަން.. ފެންނާނީ ކޮންމެވެސް ފިކުރެއްގަ ހުންނާތީ.. އަންހެންކުދީންނާ ވާހަކަދައްކާ ހީ ސަމާސަކުރުންވެސް މުޅިންހެން ހުއްޓުނީ.. ކޮމްޕެނީއާ ގުޅެން ބޭނުންވާ ވާހަކަ އޭނާ އުސައިދުބެ ގާތު ބުނީ މަސައްކަތުގެ ކަންތަކުގަ ބިޒީކޮށް އުޅުމުން ކުރެވޭ ބޭކާރު ޚިޔާލުތަކާ ދުރުވާނެތީ.. އޭގެފަހުން އެނބުރި ފަހަތަށް ބަލާކަށް އޭނާ ބޭނުމެއްނުވޭ.. ރާއްޖެއަށް ވެސް އައުން އެއްކޮށް ހުއްޓުނީ.. ރާޔާއާ ކުޑަކޮށްވެސް ބައްދަލުވާން އޭނާ ނޭދޭތީ.. މިދަތުރުވެސް އައީ އިތުރު އެހެން ގޮތެއް ނެތިގެން.." ޖޯޑުކޮށްލެވިފައިވި ދެއަތުން ނަޒަރު ވަކިކޮށްލަމުން ސަމަދު ބަލައިލީ ޒައިވާގެ މޫނަށެވެ.

"ޒައި އަބަދުވެސް އަހަމެއްނު ރީއާން އެހެން އުޅެނީ ކީއްވެހޭ.. މިހާރު އެ ސުވާލުތަކުގެ ޖަވާބު ލިބިއްޖެކަމަށް ހީކުރަން.. އަދިވެސް.. އެހިތާމަތަކުން އޭނާ މުޅިން މިންޖު ނުވާކަން ޔަގީން.." ސަމަދުގެ ދެލޮލުގައިވީ އެކުވެރިއާ އަށްޓަކައިވި ކަންބޮޑުވުމެވެ. މަޑުމަޑުން ބޯޖަހައިލިއެއްކަމަކު ބުނާނެ އެއްޗެއް ޒައިވާއަކަށް ނޭނގުނެވެ. އެހުރިހައި ކަމަކަށްވުރެ ބޮޑަށް އޭނާގެ ހިތަށް ތަދުވަމުން ދިޔައީ ގާތުގައިއިން އަނޫކްގެ މަޑު ގިސްލުމުގެ އަޑުންނެވެ. އިތުރުކަމަކަށްވުރެ ބޮޑަށް އޭނާގެ ސަމާލުކަންވެސްވީ އަނޫކްއަށް ދެވިފައެވެ. ދޭތެރެއަކުން ކިރިޔާ އަނޫކްއަށް އިވޭވަރަށް ހިތްވަރުގެ ކޮންމެވެސް އެއްޗެއް އޭނާ ބުނެލައެވެ.

ހާމަވެގެންދިޔަ ހަގީގަތްތަކާއެކު ކޮންމެ މީހަކުވެސް ހަމަޖެހިލަން ވަގުތުކޮޅެއް ދިޔައެވެ. ގަޑިއަށް ބަލައިލަމުން އެންމެ ފުރަތަމަ އިންތަނުން ތެދުވީ އަނޫކްއެވެ. އެއާއެކު އޭނާ އާއި ޖެހިގެން އިނށީދެއިން ޒައިވާ ވެސް ތެދުވެއްޖެއެވެ. އެއިން ގޮތަށް އިނދެ އެދެމީހުނަށް ބަލައިލަމުން ސަމަދު ބުނީ އޭނާ ދާނީ އަދި އިރުކޮޅަކުން ކަމަށެވެ. އެއަޑުއިވިފައި ވަގުތުން ޖީލާންގެ ހިތް އަވަސްވެލިއެވެ. ސަމަދާ ނަޒަރު ސީދާކޮށްލަމުން އަވަސް އަވަހަށް އޭނާ އިސްޖަހައިލީ އެދެލޮލުގައިވީ ދަމާބާރުން ކެތްނުވެގެން ކަހަލައެވެ. ފަނޑު ހިނިތުންވުމަކާއެކު ބޯޖަހައިލަމުން އެމީހުނަށް ވަގުތު ދީފައި ޒައިވާ އާއި އަނޫކް އެގެއިން ނުކުތެވެ. ލަސްލަހުން އިންތަނުން ތެދުވެގެން އައިސް ޖީލާން ގާތުގައި ސަމަދު އިނށީދެލިއެވެ. ނުކެރި އިނދެފައިވެސް އެއަތުގައި ސަމަދު ހިފައިލިއެވެ.

"އަހަންނަށް މަޢާފު ކުރާނަންތަ؟" ސަމަދުގެ އަޑުގައިވީ މަޑުމޮޅިކަމެވެ. ވެދިޔަ ކަންތަކާމެދު ހަގީގަތުގައިވެސް އޭނާ ވަރަށް ދެރަވެއްޖެއެވެ. އެހެނަސް އެއިން ކަމެއް ނުވާކަމަކަށް ނުހެދޭނެއެވެ. ޖީލާންއާ މެދުގައި އޭނާއަށް ކަންތައްކުރެވުނީ ބޭއިންސާފުންކަން ވިސްނުމުން، ކުރެވެމުންދިޔައީ ކުށްވެރިކަމުގެ އިހުސާސެވެ. ބަހެއް ނުބުނެ ސަމަދަށް ބަލަން އިން ޖީލާން ލަސްލަހުން ހިނިތުންވެލަމުން ބޯޖަހައިލިއެވެ. ސަމަދުގެ މައްޗަށް އޭނާގެ ހިތުގައި އެއްވެސް ގިލަންވެރިކަމެއް ނެތޭ އެ ހިނިތުންވުން ބުނާކަހަލައެވެ. ޖީލާންގެ އަތަށް ސަމަދަށް ފިތައިލެވުނެވެ. "ޖިލީ މަތިން އަހަރެން ހަނދާންނުވާ އެންމެ ސުކުންތެއްވެސް ނުދޭ.." ބޮޑުވައި އިނގިލީގެ ނުފުށުން ޖީލާންގެ އަތުގައި ފިރުމައިލަމުން ސަމަދު ބުނެލީ އަސަރާއެކުއެވެ. "އަހަރެންވެސް.." ސަމަދުގެ ދެލޮލަށް ބަލައިލަމުން ޖީލާން ބުނެލިއެވެ. އެތައް ދުވަހަކަށްފަހު ދެހިތް އަލުން ބައްދަލުވީ ކަހަލައެވެ. އެކަކު އަނެކެއްގެ ލޮލަށް ގެއްލިފައި ދެމީހުންތިބީ ބަސްމޮށުންތެރި ކަމެއްނެތި އެތައް ވާހަކައެއް ދެއްކުމުގައެވެ. ހިމޭންކަމުގައިވެސް ދެހިތަށް ގެނުވީ ބަޔާންކުރަން ދަތި ހަމަޖެހުމެކެވެ. މަޑުމަޑުން ޖީލާން ގާތްކޮށްލެވުނީ ބޭއިޚުތިޔާރުގައެވެ. އިތުރަށް އެހިތުގެ މަލިކާއާ ދުރުގައި ހުރުމަށް ކެތްނުވި ފަދައިންނެވެ.

ކުދި ފިޔަވަޅުތަކެއްގައި ހިނގަމުން އައިސް ޒައިވާ އާއި އަނޫކް ވަނީ ގެ ކައިރީގައި ހުރި ޕާރކަށެވެ. ދުރުދުރުގައި ޖަހައިފައިހުރި ހިލަ ގޮނޑިތަކުން ގޮނޑިއެއްގައި ދެމީހުން އިނށީނެވެ. ދުރަށް ނަޒަރު ހުއްޓައިލައިގެން އިން އަނޫކްއަށް ބަލައިލަމުން ޒައިވާ ނަޒަރު ހުއްޓައިލީ އުޑާ ދިމާއަށެވެ. ވިއްސާރަ ދުވަސްކޮޅެއްކަމުން އެހެންނާ އުޑުގައި ރަނިކަންކުރާ ހަނދާއި އޭގެ ބައިވެރިންގެ ހިލަމެއް މިރޭ ނެތެވެ. އުޑުމަތިވެސް ފެންނަނީ ފަޅުވެފައިވީތީއެވެ. އަމިއްލަ ދިރިއުޅުން ފަދައިންނެވެ. ޒައިވާއަށް އިސްޖަހައިލެވުނީ ހިތަށް ވެރިވި ޚިޔާލުތަކުންނެވެ. ރީއާންގެ މާޒީގައިވީ ހުރިހައި ކަމެއް އޭނާއަށް އެނގި ފަހުމް ވެއްޖެއެވެ. ދެން އޮތީ ގޮތް ނިންމަންވީ ވަގުތެވެ. ހަށިފުރާނޭވާއެއް ދޫކޮށްލެވުނީ ވިސްނާ ވިސްނާ ވަރުބަލިވެފައިވީ މީހަކު ފަދައިންނެވެ. އެހެނަސް މިހިސާބަށް އައިސް ހިތްވަރު އެލުވާކަށް އޭނާ ބޭނުމެއްނުވެއެވެ. ދެފަރާތަށް ބޯހޫރައިލީ އެ ފިކުރުތަކުން ދުރުވަން ބޭނުންވެފައި ވުމުންނެވެ. އަނޫކްއަށް އޭނާ މަޑުމަޑުން ގޮވައިލުމުން ޒައިވާއާ ދިމާއަށް އޭނާ ބަލައިލިއެވެ. ނުބުންޏެއްކަމަކު އެދެލޮލުގައިވީ ރިހުން ޒައިވާ ދެނެގަތެވެ. ދެފަރާތަކަށް ބޯހުރައިލަމުން ވެދިޔަ ކަންތަކުގައި އަނޫކްގެ އެއްވެސް ކުށެއްނެތް ކަމުގައި ޒައިވާ ބުނެލީ ނުހަނު އޯގާތެރިކަމާއެކުއެވެ. އަމިއްލަ ނަފުސު އަނޫކް ކުށްވެރިކުރާތަން ދެކެން އޭނާއަށް ކެތްނުވީއެވެ. ގަދަކަމުން ހިނިތުންވެލަން އަނޫކް އުޅުނެވެ. ނަމަވެސް އޭނާއަށް އެކަން ކާމިޔާބެއް ނުވިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ނަފުސު ހަމައަކަށް އަޅުވަން އޭނާ މަސައްކަތްކުރިއެވެ. "އައި.. އެމް ފައިން.." ޒައިވާއަށް ބަލައިލުމެއްނެތި އަނޫކް ބުނެލީ ސިއްރެއް ފަދައިންނެވެ. އެއްވެސް އެއްޗެއް ނުބުނެ ޒައިވާ އިނީ އަދިވެސް އަނޫކްއަށް ހަމަޖެހެން ވަގުތު ދީގެން ކަހަލައެވެ.

"އަހަރެން ގޮތެއް ނިންމައިފިން.." ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ޒައިވާ ބުންޏެވެ. ފިކުރުތައް ހާވިޔާވީ މީހަކު ފަދައިން އެނބުރި ޒައިވާއަށް އަނޫކް ބަލައިލީ ފަރުވާތެރިކަމާއެކުއެވެ. "އަމިއްލަ ނަފުސަށް މަޖުބޫރު ނުކުރޭ.. ލޯބިވާ މީހާ ލިބޭނީ ވަރަށް ނަސީބުގަދަ މީހުނަށް.. ޒައި ކިހާ ލަކީ.. މިހާރު ތިއުޅެނީ ޒައި އަބަދުވެސް އެންމެ ލޯބިވީ މީހާއާ ކައިވެނިކުރަން.. އަހަރެން އަބަދުވެސް އެދެނީ ޒައި އުފަލުގަ ހުރުން.. ތިހިތުގެ ލޯބި ތިހިތަށް ކާމިޔާބުވުން.. އަމިއްލަ އަތުން އެ ފުރުސަތު ނަގާލަންތަ ތި ވިސްނަނީ.." މަޑުމައިތިރި ގޮތަކަށް އަނޫކް ބުނެލިއެވެ. އެއަޑު އިވިފައި ޒައިވާ ހިނިތުންވެލިއެވެ. އަނޫކް އެނާއާ މެދުގައި ވިސްނާވަރު އިހުސާސުވުމުން ނޭނގޭ ހަމަޖެހުމެއް ހިތަށް ލިބުނެވެ. އިސްޖަހައިލަމުން އުނގުމަތީގައި ޖޯޑުކޮށްލެވިފައިވި ދެއަތަށް ޒައިވާ ބަލައިލއެވެ. ކުރީގެ ހަނދާންތަކެއް ސިކުނޑީގައި ކޮށްޓަމުންދިޔަ ގޮތުން އޭނާގެ ހިނިތުންވުން އިހުނަށްވުރެ ފުންވެލިއެވެ. އަމިއްލަ ނިންމުމާމެދު އިތުރު ޔަގީންކަމެއް ލިބުނު ފަދައެވެ.

"އަހަރެންގެ މަންމަ އަބަދުވެސް ބުނޭ.. ތެދުވެރި ލޯތްބަކީ އޭގައި އެއްވެސް އަމިއްލަ އެދުމެއް ނުވާ އެއްޗެކޭ.. އަދި އެއީ ގަދަބާރުން ހޯދޭނެ އެއްޗެއްވެސް ނޫނޭ.. އަބަދުވެސް ތިމާގެ އަމިއްލަ އުފަލަށްވުރެ ތިމާ ލޯބިވާ މީހާގެ އުފާތައް އިސްކުރާށޭ.. ހަގީގީ ލޯތްބަކީ އެއީ އޭ.. ލޯބީގެ ދެވަނަ ނަމަށް ޤުރުބާނީ ކިޔެނީ އެހެންވެ އެއްނު.. މަންމަގެ ބަހުގަވީ ތެދުކަން މިއަދު އަހަންނަށް އިހުސާސުވޭ.. މަންމަ ނެތަސް އެނަސޭހަތްތައް އަހަރެންގެ ހިތުގެ އެންމެ އަޑީ ބިންވަޅުނެގިފަވާ ކަހަލަ.. އެހީއަކަށް ބޭނުންވާ ކޮންމެ ވަގުތަކު އެފަދަ ނަސޭހަތްތައް މަތިން ހަނދާންވޭ.. ނަގަން ބޭނުންވާ ނިންމުންތައް ފަސޭހަވޭ.. އަހަރެންވެސް ބޭނުމީ މަންމަފަދަ ހިތްތިރި އެހެން މީހުންގެ އިހުސާސުތަކަށް ޤަދަރުކުރާ މީހަކަށްވާން.. ނޫކް.. ރީއާންގެ ލޯތްބަކީވެސް އަދި އޭނާގެ އުފަލަކީވެސް ރާޔާ.. އެކަން އެނގިހުރެ އެދެމެދަށް ވަންނަން އަހަރެންމީ ކާކު.. އެކުގައި އެހައި ދުވަސް ހޭދަވީއިރުވެސް ރީއާންގެ ހިތުގަ އަހަރެންގެ މައްޗަށް އެފަދަ އިހުސާސުތަކެއް ނުވޭ.. އެހިތް ބަލައިގަތް ފަރާތަކީ ރާޔާ.. އެދެމީހުން އެކަކުގެ އަނެކަކުދެކެ އިންތިހާއަށް ލޯބިވާއިރު، އެދެމެދަށް އެޅޭ ހުރަހަކީ އަހަރެންކަމުގަ ވާކަށް ކުޑަކޮށްވެސް ބޭނުމެއްނުވޭ.. އަހަރެން އެދެނީ ރީއާން އުފަލުން ހުންނަން.. ކުރީގެ ރީއާން އަނބުރާ އަންނަން.. އެކަން ވާން އޮތީ ރާޔާ އެހަޔާތަށް އައިސްގެން.. އިރާދަކުރެއްވިއްޔާ އަހަރެން ވާނީ އެދެމީހުން އަލުން ގުޅުވައިދޭ މެދުވެރިއަކަށް.. އަހަރެންގެ ލޯބި ޤުރުބާން ކުރާނީ ރީއާންގެ އުފަލަށްއެދި ހެޔޮހިތުން.. އެ ލޯބި ކިލަނބުވާނެފަދަ އެއްވެސް ކަމެއް ކުރާކަށް ނޭދެން.. އެންޑް ދެޓްސް ހައު މައި މަދާރ ލަވްޑް.." ކަރުނައިގެ ތެރެއިންވެސް ޒައިވާ ހިނިތުންވެލީ މަންމަގެ ހަނދާން އައުވެފައެވެ. ދުލުން ބޭރުވި ބަސްތަކާއެކު އެހިތަށް ލުޔެއް ލިބުނުކަން ގައިމެވެ. ނެނގުނީ އެންމެ ރަނގަޅު ނިންމުންކަން އޭނާގެ ޟަމީރު ވެސް އެއްބަސްވިއެވެ. މިއަދު ދުނިޔޭގައި މަންމަ ހުރި ނަމަވެސް އޭނާއަށް ވިސްނައިދޭނީ އެފަދައިންކަން ޔަގީނެވެ. ޒައިވާއަށް ބަލަންއިން އަނޫކްގެ މޫނުމަތިން ހައިރާންކަންފިލައި ހިނިތުންވުމެއްގެ އަސަރު ފައުޅުވީ އޭނާގެ ވާހަކަތައް އިވިއެވެ. އެހިތުގެ ސާފުކަން މީހަކު އޭނާއަށް ބުނެދޭކަށް ނުޖެހޭނެއެވެ.

"އައި އެމް ސޯ ޕްރައުޑް އޮފް ޔޫ.. ތިފަދަ ލޯތްބެއް ވެވޭނީ ވަރަށް ކެތްތެރި އިންސާނަކަށް.." ލޯބިން ފުރިގެންވީ ނަޒަރަކުން ޒައިވާގެ މައުސޫމު މޫނަށް ބަލަން އިނދެ އަނޫކް ބުނެލިއެވެ. "ނޫކް ގޮތަށް ދޯ.." ހީނލަމުން ޒައިވާ ބުނެލީ ކުޑަކޮށް ދިމާކޮށްލާ ފަދައިންނެވެ. އެހެނަސް އެބަސްތަކުން ސިހިފައި އަނޫކްއަށް ދެލޯ ބޮޑުކޮށްލެވުނީ އަނެއްކާ ޒައިވާއަށް އޭނާގެ އިހުސާސުތައް އެނގުނީބާއޭ ހީވެފައެވެ. އަނޫކްއަށް އައި ކުއްލި ބަދަލު ޒައިވާއަށް ސިއްރެއް ނުވިއެވެ. އެދެލޮލުން ފައުޅުވަމުންދިޔަ އަސަރުތައް އޭނާ ގާތުގައި ވާހަކައެއް ބުނެދޭން އުޅޭ ކަހަލައެވެ. ސާމާސަ ގޮތްގަނޑު ފިލުމާއެކު އަނޫކްއާ ހަތަރުކަޅި ހަމަކޮށްލައިގެން ޒައިވާ އިނީ އެދެލޮލުން ކަމެއް ޔަގީންކުރަން ބޭނުންވެފައި އިން މީހަކު ފަދައިންނެވެ. އަނޫކްއަށް އެކަން ވިސްނުނީ ކަންނޭނގެއެވެ. ކަރުކެހިލަމުން އަވަސް އަވަހަށް އޭނާ ނަޒަރު ވަކިކޮށްލިއެވެ.

"އަދިވެސް ތިގެންގުޅޭ އިތުރު ފޯނު ތީ ކީއްކުރަން ގެންގުޅޭ އެއްޗެއްކަން ނުބުނަމެއްނު.." ނަފުސު ހަމައަކަށް އަޅުވައިލަމުން އަނޫކް މައުޟޫ ބަދަލުކޮށްލިއެވެ. ޖީލާންގެ ގެއަށްދާ ކޮންމެ ރެއަކު ޒައިވާ އިތުރު ފޯނެއް ގެންދާތީ އެކަމާ އޭނާ ވަނީ ކުރިންވެސް ސުވާލުކޮށްފައެވެ. ނަމަވެސް ޒައިވާގެ ފަރާތުން އޭރު މާ އެދެވޭ ޖަވާބެއް ނިލިބެއެވެ. ޒައިވާގެ އަތުގައި އޮތް ފޯނު ލޮލުގައި އަޅައިގަތުމުން އެ ސުވާލު އޭނާ ކުރީ އެހެންވެއެވެ. އޭގެއަށް ބަލައިލަމުން ފޯނުގައި ޒައިވާ އަތް ހިންގައިލިއެވެ.

"ޖީލާން ދެއްކި ހުރިހާ ވާހަކަތަކެއް ރެކޯޑް ކުރަން ބޭނުންވީ.. އަހަރެންގެ ހިތް ބުނޭ އެހުރިހާ ވާހަކަތަކެއް އަމިއްލައަށް ކިޔައިދޭންވެއްޖެނަމަ އަޑުއަހާކަށް ރީއާން އެއް ނުހުންނާނޭ.. އެހެންވެ.. އަހަރެން މިގޮތް ޚިޔާރުކުރީ.. އައި ވިލް ގިވް ދިސް ޓް ހިމް.. އޭނާއަށް މިހުރިހާ ކަމެއް އެނގެން ޖެހޭ.." ވިސްނުމަކަށް ގެއްލި އިނދެ ޒައިވާ ބުންޏެވެ. އެއަޑުގައިވި މަޑު ތުރުތުރު އަނޫކް އަށް އިހުސާސުވިއެވެ. ލަސްލަހުން ޒައިވާގެ އިސްއިފުލައި އޭނާގެ މޫނަށް އަނޫކް ބަލައިލިއެވެ. ފެންކަޅިވަމުން އައި ދެލޮލާއެކު ތުންފަތުގައި ދަތްއަޅައިގެން އިންގޮތުން ޒައިވާ މަސައްކަތް ކުރަމުންދިޔައީ ނުރޯންކަން އަނޫކް އަށް ވިސްނުނެވެ. އިޚުތިޔާރަކާ ނުލައި ޒައިވާ ގެނެސް މޭގައި ޖައްސާ ބާރުކޮށްލެވުނީ އެމަންޒަރުން އަސަރުކުރި ވަރުންނެވެ. އަނޫކްގެ މޭގައި ލައްވެލުމާއެކު ޒައިވާގެ މަޑު ގިސްލުމުގެ އަޑު އިވިލިއެވެ. ރީއާން ދޫކޮށްލުމަކީ ޒައިވާއަށް ކިހާ އުނދަގޫކަމެއްކަން ޚުދު އަނޫކްއަށް ވެސް އެނގެއެވެ. މަޑުމަޑުން ޒައިވާގެ ކޮނޑުގައި އޭނާ ފިރުމައިލުމާއެކު އިތުރަށް އެމޭގައި ޒައިވާ ބޮނޑިވެލިއެވެ. އިތުރަށް ކެތްނުވު މީހަކު ފަދައިން ޒައިވާއަށް ބާރަށް ރޮއެގަނެވުނެވެ.

"އިޓްސް ނޮޓް އީޒީ ނޫކް.. އިޓްސް ނޮޓް އީޒީ.."

"އައި ނޯ.. ޒައި ނުބުންޏަސް އަހަންނަށް އެނގޭ.. އިރާދަކުރެއްވިއްޔާ އަހަރެން އަބަދުވެސް ޒައިއާ އެކު ހުންނާނަން.. އަހަންނަށް ބޭނުންވާ ކޮންމެ ވަގުތަކު.. އެކަން އަބަދުވެސް ހަނދާން ކުރައްޗޭ.." ޒައިވާގެ ބޮލުގައި ބޯ ޖައްސައިލަމުން އަނޫކް ބުނެލިއެވެ.

* * * * *

ގެއަށް އައި އިރު ޒައިވާ ހުރީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. ފުންނޭވާއެއް ދޫކޮށްލަމުން އަތްދަބަސް ތެރެއިން ނެގި ފޯނަށް އޭނާ ބަލައިލިއެވެ. އިރުކޮޅަކު އެއްޗެއް ވިސްނަން ހުރެފައި ލަސް ހިނގުމެއްގައި އޭނާ މިސްރާބުޖެހީ ރީއާންގެ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރީ ދޮރުގައި ޓަކި ޖަހައިލަމުން ޒައިވާ ފަހަތަށް ޖެހިލިއެވެ. ދެތިން ފަހަރު ޓަކި ޖެހުމުންވެސް އެތެރެއިން އެއްވެސް ޚަބަރެއް ނުވިއެވެ. މަޑުމަޑުން ދޮރުގެ ތަޅުގައި ހިފައި އޭނާ އަނބުރައިލީ ހިތް އަވަސްވެފައި ހުރެއެވެ. ތަޅު ނުލައި ހުރުމުން ނިކަން ފަސޭހައިން ދޮރު ހުޅުވިއްޖެއެވެ. ކަނު އަނދިރިކަން ރަސްކަން ކުރަމުންދިޔަ ކޮޓަރިފެނި ރީއާން އެތަނުގައި ނެތީކަން ޒައިވާއަށް އެނގުނެވެ. ދޮރު ލައްޕައިލަމުން އޭނާ މިސްރާބުޖެހީ ގޭގައި ހުންނަ ސްޑަޑީ ރޫމަށެވެ. މަޑުމަޑުން ޓަކި ޖަހައިލަމުން އޭނާ ދޮރުހުޅުވައިލިއެވެ. ކުޑަދޮރު ކައިރީފައި ފަރުދާތައް ކަހައިލައިގެން ބޭރަށް ނަޒަރު ހުއްޓައިލައިގެންހުރި ރީއާން އެއަޑަށް ފަހަތަށް އެނބުރި ބަލައިލިއެވެ. ޒައިވާ ފެނުމުން އޭނާ ސުވާލު އުފެދޭގޮތް ވިއެވެ. ނިތް އަރުވައިލަމުން އޭނާ ޒައިވާއާ ކުރިމަތިލިއެވެ.

"ކަމަކުތަ.." ބަހެއް ނުބުނެ ޒައިވާ ހުރީތީ ރީއާން އެއްސެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި އަތުގައިވީ ފޯނު ގެނެސް ޒައިވާ ބޭއްވީ ރީއާންގެ ލެޕްޓޮޕް ބަހައްޓައިފައިހުރި މޭޒު މަތީއެވެ.

"މީގަ ހުންނާނެ ރެކޯޑިންގް ތަކެއް.. އަހަރެން އެދެނީ ރީއާން އެ އަޑުއެހުމަށް.." އިސްޖަހައިލައިގެން އިނދެ ޒައިވާ ބުންޏެވެ.

"ކޯއްޗެއް.. ރެކޯޑް ކޮށްފަ ނުގެނަޔަސް ޒައިވާ ބުނަން ބޭނުންވާ އެއްޗެއް އަހަރެން އަޑުއަހާފާނަން.." ފާޑަކަށް އެ ފޯނަށް ބަލައިލަމުން ރީއާން ބުނެލިއެވެ.

"އަނގަބަހުން ދައްކަން ފަސޭހަ ވާހަކަތަކެއް ނޫން.. އަހަންނަށް މަޢާފުކުރޭ.. ރީއާންގެ މާޒީ އެނގެން އަހަރެން ބޭނުންވީތީ.. ފަސްއަޅާ ފޮރުވިފައިވި ކަންކަން ދެނެގަންނަން އުޅެވުނީތީ.. އަހަރެން.. އަހަރެން އެދެނީ.. ރީއާނަށް.. ރީއާންގެ ލޯބި ލިބުން.. ރީއާން އުފަލުގަ ހުރިއްޔާ އަހަރެން.. އަހަރެންވެސް.. ވަރަށް.. އުފާ ވާނެ.." ޒައިވާއަށް ރޮވޭގޮތްވިއެވެ. ދެބުމަ ގޮށްޖަހައިލައިގެން ރީއާން ހުރީ ޒައިވާ ދައްކަމުންދިޔަ ވާހަކަތައް މުޅިން ފަހުމްނުވީތީ ވިސްނަންވީ އެއްޗެއް ނޭނގިފައެވެ.

"ރެކޯޑިންގްތައް އަޑުއެހީމަ.. އަހަރެން ބުނަން މިއުޅޭ އެއްޗެއް އެނގޭނެ.. އައި އެމް ސޮރީ.. އެކަމަކު ޕްލީޒް.. ތި ރެކޯޑިންގްތައް އަޑުއަހައްޗޭ.. އިޓްސް އިމްޕޯރޓެންޓް.. ޔޫ މަސްޓް ނޯ.." ކުރެހިފައިވި އަޑަކުން އެހެން ބުނެލަމުން ރީއާނަށް ވާހަކަދައްކާނެ ފުރުސަތެއް ނުދީ އެތަނުން ނުކުންނަން ޒައިވާ ދުއްވައިގަތެވެ. ހައިރާންވެފައި އެތަން ބަލަން ރީއާނަށް ހުރެވުނީއެވެ. ޒައިވާ އެތަނުން ނުކުތުމާއެކު އޭނާގެ ނަޒަރު އަމާޒުވެލީ މޭޒުމަތީގައި ޒައިވާ ބޭއްވި ފޯނަށެވެ. ސުވާލު އުފެދިފައި ހުރެ އޭނާ އައިސް ފޯނު ނަގައި ބަލައިލިއެވެ. ކޮޓަރީގެ އެއްފަރާތުގައި ހުރި ސޯފާގައި ފޯނު ހިފައިގެން އައިސް އޭނާ އިނށީނީ ބިއްލޫރި ކުޑަދޮރުތައް ފެންނާނޭ ހެންނެވެ. ޒައިވާ އެބުނާ ރެކޯޑިންގްތައް ހުޅުވައިލަމުން އިރުކޮޅަކު އޭނާ އިނީ އެއްޗެއް ވިސްނައިލާ ފަދައިންނެވެ. ނިތަށް ރޫއަރުވައިލަމުން އެންމެ ފުރަތަމަ އިން ރެކޯޑިންގް އޭނާ ޕްލޭ ކޮށްލިއެވެ. އެއާއެކު އިވެންފެށި ވާހަކަތަކުން ދެލޯ ބޮޑުކޮށްލަމުން އިންތަނުން އޭނާއަށް ތެދުވެވުނީ ކުއްލިއަކަށެވެ.

* * * * *

އެނދުމަތީގައި ނިދިފައި އޮތް ޔުމްނުއަށް ރާޔާ ބަލައިލިއެވެ. ދެވަނަ ސުކުންތު އޭނާގެ ދެލޯ އަމާޒުވީ އަތުކުރީގައި އޮތް ހިމަ ގަޑިއަށެވެ. އެގާރަޖަހަން ފަނަރަ މިނެޓަށްވީއެވެ. ހަދާނެ ގޮތަކާމެދު ރާޔާއަށް ވިސްނެނީއެވެ. ދައިސްއާ ބައްދަލުކުރަން ދާންވީބާއެވެ. ނޫނީ އޭނާ އެދޭ އިންޒާރުތަކަށް ބީރުކަންފަތެއް ދިނުމަށްފަހު ހުންނަންވީބާއެވެ. ދެކޮޅަށް ހިނގަމުންދިޔައިރު ހިނދެއް ހިނދަކަށް އޭނާގެ ހާސްކަން އައީ އިތުރުވަމުންނެވެ. މަޑުމަޑުން މޫނުގައި ފިރުމައިލަމުން ރާޔާ ތުންފަތުގައި ދަތްއަޅައިލިއެވެ. ޔުމްނުއަށް އަނެއްކާވެސް ބަލައިލަމުން އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އެއްފަރާތު ސްޓޭންޑްގައި އަޅުވައިފައިހުރި އަތް ދަބަސް ނަގަމުން އޭނާ މިސްރާބުޖެހީ ކޮޓަރިން ނުކުންނާށެވެ. ސިޓިންގްރޫމްގައި ޓީވީ ހުޅުވައިގެން ޚިޔާލަކަށް ގެއްލިފައި އަނޫކް އިނެވެ. އަނޫކް އަށް ގޮވައިލަމުން ޔުމްނު ބަލައިލައި ދިނުމަށް އޭނާ އެދުނެވެ. ވަގުތުން އެހައި ލަސް ގަޑިއެއްގައި ރާޔާ ދާ ތަނަކާމެދު އަނޫކް ސުވާލުކޮށްލިއެވެ. ކޮންމެވެސް އެއްޗެކޭ ބުނެލަމުން ރާޔާ ބެލީ ސުވާލު ހިންދައިލެވޭތޯއެވެ. ގެއިން އޭނާ ނުކުތްއިރުވެސް ފާޑަކަށް ބަލަހައްޓައިގެން އަނޫކް އިނެވެ. އެހެނަސް ޔުމްނު އެކަނި ބާއްވާފައި އޭނާގެ ފަހަތުން އަނޫކް ނާންނާނެކަން އެނގޭތީ ފަސްބެލުމެއްނެތި ރާޔާ ހިނގައިގަތީ ކުރިއަށެވެ.

އުޑުމަތީގައިވި ވިއްސާރައިގެ އަސަރުތަކަށްވެސް ރާޔާގެ އެއްވެސް ސަމާލުކަމެއް ނެތެވެ. ބާރުވަމުން އައި ރޯޅީގައިވި ތެތްފިނިކަންވެސް އޭނާއަށް އިހުސާސުނުވާ ކަހަލައެވެ. ފުރަގަސްދީގެން ހުރުމުން ފަހަތުން އައިސް އެގޭ ދޮރުމައްޗަށް މަޑުކޮށްލި ކާރުވެސް ރާޔާއަކަށް ނުފެނެއެވެ. އެނބުރި ބަލައިލާންވެސް އޭނާ ބޭނުންނުވީއެވެ. އެއަށްވުރެ އެ ސިކުނޑިވަނީ ހަލަބޮލިވެފައެވެ. އޭނާއަށް މިދެވެނީ ދައިސްއާ ބައްދަލުކުރަންކަން ކެނޑި ނޭޅި ސިކުނޑި އިންޒާރުދެމުން ދިޔައެވެ. އޭނާއަށް ކޮންމެ ގޮތެއްވިއަސް އޭނާ ލޯބިވާ މީހަކަށް އެއްވެސް ދެރައެއް ލިބޭކަށް ރާޔާ ނޭދެއެވެ. ދައިސްގެ ބަސް ގަބޫލުކުރަން އޭނާއަށް މަޖުބޫރުވީ އެހެންވެއެވެ. ހިނގަމުންދިޔައިރުވެސް އަމިއްލަ ނިންމުމާމެދު ރާޔާވީ ސުވާލުއުފެދިފައެވެ. އިރުއިރުކޮޅުން ފިޔަވަޅުތައް މަޑުޖައްސައިލަނީ ކުރިއަށް ދާން ބޭނުންނުވެފައި ހުރެއެވެ. މިކުރެވެނީ އެންމެ ރަނގަޅުކަމެއްބާއޭ ހިތަށް އަރާވަރުންނެވެ.

ކުއްލިއަކަށް ވާރޭގެ ބޮޑު ތިކިތައް އޮއްސައިގަތީ ރާޔާއަށް ކުރެވެން އުޅުނު ކަންތަކަށް ހުރަސްއަޅަން ކަހަލައެވެ. ދުވެފައިގޮސް ގެއެއްގެ އަސްކަނި ދަށަށް ވަންނަމުން އުޑުމައްޗަށް ރާޔާއަށް ނަޒަރު ހިންގައިލެވުނެވެ. ގަޑިއަށް ބަލައިލީ ނުތަނަވަސްވެފައި ހުރެއެވެ. އޭރު ގަޑިން އެރާރަޖަހައި ބޮޑުވެއްޖެއެވެ. ކަންބޮޑުވެފައި އޭނާއަށް ދެއަތް ދެއަތާ މޮޑެލެވުނެވެ. އެވަގުތު އޭނާ ކައިރިއަށް އައިސް މަޑުކޮށްލި ކާރު ފެނި ރާޔާއަށް ފަހަތަށް ޖެހުލެވުނީ ބޭއިޚުތިޔާރުގައެވެ. ގަބޫލުކުރަން ދަތިވެފައި ހުރެއެވެ.

(ނުނިމޭ)

Ads by Allied Insurance
  1. ޭއިނާން

    އަޅޭ ރީއާން އައީތަ؟؟

  2. ހައިމް

    ޕަލީޒް އެއީ ރީއާންއަށް ވައްޗޭ �
    އިތުރަށް ހަމަ ލޯތްބޭ ވެވެނީ..

  3. ާސތކސތ

    ޣތސޖސތކއ5އ5ި

  4. އައިންތު ހަމީ

    ވަރަށް ވަރަށް ރީތި

  5. ސީނު

    ވވރީތ އެދައިސްގަނޱުކައިރިއަނުދާތިރާޔާ

  6. ޔަލޫ

    ވ ރީތި️