ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

"އަހަރެންނަށް މަޢާފު ކުރާނަންތަ.." ކުށްވެރިއަކު ފަދައިން ކުރެހިފައިވި އަޑަކުން ރީއާން އަހައިލިއެވެ. އެއަޑު ކަންފަތުގައި ޖެހުމުން ރާޔާގެ ހިތަށް ކުރުވީ ބަޔާންކުރަން ދަތި ފުން އަސަރެކެވެ.

Ads by MWSC

ކޮންކަމަކަށްތޯ ރާޔާ އަހައިލުމުން ފަނޑު ހިނިތުންވުމަކާއެކު ރީއާން ދެފަރާތަށް ބޯހޫރައިލިއެވެ. އަދި ރާޔާގެ އަތްތިލައަށް އިހުނަށްވުރެ ބާރުކޮށްލިއެވެ. ލަސްލަހުން އެތަނުގެ ދޮރުމަތީގައި މަޑުކޮށްލައިގެން ހުރި ޒައިވާގެ މޫނަށް ރާޔާގެ ނަޒަރު ދަތުރުކޮށްލިއެވެ. އެއާއެކު ތެޅިގަންނަމުން ރީއާންގެ އަތުގެ ތެރެއިން އަމިއްލަ އަތްތިލަ މިނިވަންކޮށްލިއެވެ. ރާޔާއަށް ވީގޮތް ފެނިފައި ކުޑަކޮށް އެނބުރިލަމުން ރީއާން ބަލައިލިއެވެ. ލުއި ހިނިތުންވުމެއް ދެމީހުނާ ބަދަލުކޮށްލަމުން އެތަނުން ދިއުމަށް ޒައިވާ ހިނގައިގަތެވެ. އޭނާއަށް ބަލަންހުރި އަނޫކް ފުންނޭވައެއް ދޫކޮށްލަމުން އައިސް ޔުމްނު ބާއްވާފައި އޮތް އެނދު ކައިރީގައި ހުއްޓުނެވެ. އެ ތުއްތު މޫނުކޮޅަށް ބަލައިލަމުން އަވަހަށް ތެދުވާށޭ އޭނާގެ ހިތް ބުނެލިއެވެ. ޔުމްނު އެފަދަ ގޮތަކަށް އޮންނަތަން ދުށުމަށް އޭނާއަށް ކެތްނުވީއެވެ. އިރުކޮޅަކު އެތަނުގައި ހުރުމަށްފަހު ރީއާނާއި ރާޔާއަށް ވަގުތުދެމުން އަނޫކް ވެސް ނުކުމެ ދުރުގައި ހުރި ގޮނޑިބަރިތަކާ ދިމާއަށް މިސްރާބުޖެހިއެވެ. އެތަނުން ގޮނޑިއެއްގައި އިނށީދެގެން އިސްޖެހިފައި އިން ޒައިވާ ގާތުގައި އޭނާ ވެސް އައިސް އިނށީނެވެ. އަދި މަޑުމަޑުން ޒައިވާގެ އަތުގައި ހިފައިލިއެވެ. ބަހެއްވެސް ބުނުމެއްނެތި އަނޫކްގެ ކޮނޑުގައި ޒައިވާ ބޯއަޅައިލީއެވެ. އެއާއެކު ކުޑަކޮށް އަރިވެލަމުން ޒައިވާގެ ބޮލުގައި އަނޫކް ވެސް ބޯ ޖައްސައިލިއެވެ. އެދެމީހުންހެ ހަރަކާތްތަކަށް ބަލަން ދުރުގައި ހުއްޓިލައިގެންތިބި ޖީލާނާއި ސަމަދު އެކަކު އަނެކަކަށް ބަލައިލަމުން ފަނޑު ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެހިނދު ހުރިހާ ކަމެއްވެސް ދެން ދާނީ އެންމެ ރަނގަޅަށޭ ޖީލާންގެ ހިތް ބުނެލިއެވެ.

* * * * *

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައީ ރީއާނާއި ރާޔާއާ ދެމެދުގައިވީ ގުޅުން ވަރުގަދަކުރުވަމުންނެވެ. ހެދެނީ ގޯހެކޭ ހީވިނަމަވެސް ރީއާނާ ދުރުގައި ހުރުން ރާޔާއަށް ދަތިވަނީއެވެ. ދެމެދުގައި ރަހުމަތްތެރިކަން އޮތުމަކުން މައްސަލައެއްނެތޭ ހީވަނީއެވެ. ރީއާންގެ މިޒާޖަށް އެހައި ބޮޑު ބަދަލެއް އައީ ކީއްވެތޯ ރާޔާ އެއްސެވެ. އޭނާއަށް މަޢާފުކުރީތޯ އެއްސެވެ. ހިނިތުންވެލަމުން ރާޔާގެ ކޮންމެ ސުވާލަކަށް ރީއާން ބޯޖަހައިލީއެވެ. ދެވަނަ ފަހަރަށް ވަކިވެގެންދާއިރު އެދެމެދުގައި އެއްވެސް ގިލަންވެރިކަމެއް އޮންނަން ބޭނުންނުވަނީ ކަމުގައި އޭނާ ބުންޏެވެ. ރީއާންގެ ދުލުން އެބަސްތައް އިވުމުން ހިތަށް ތަދުވިއެއްކަމަކު އެއީ ތަޤުދީރުގެ ނިޔާކަމުގައިދެކި އެކަމަށް ރާޔާ ރުހުނެވެ. އިތުރު ހަރުފަތަކަށް އެގުޅުން ނުދިއަނަމަވެސް ދެމެދުގައިވީ އެކުވެރިކަންވެސް އޭނާއަށް ފުދެއެވެ. ކޮންމެވެސް ސިފައެއްގައި އޭނާގެ ހަޔާތުގައި ރީއާން ވުމަށް އެދެވޭތީއެވެ. އެތައް ފަހަރަކު ހަގީގަތް ހާމަކުރަން ރާޔާގެ ހިތް އެދުނެވެ. ނަމަވެސް ރީއާނާއި ޒައިވާގެ ކައިވެނި ހަމަޖެހިފައި ވަނިކޮށް އެސިއްރުތައް ހާމަކޮށް އެމީހުންގެ ގުޅުމަށް އޭގެ ނޭދެވޭ އަސަރުކުރަން ބޭނުންނުވީއެވެ. ހިމޭންކަން އޭނާ ޚިޔާރުކުރީ އެހެންވެއެވެ. ހިތަށް ތަދުވި ނަމަވެސް އޭނާ ހުރީ ޒައިވާ އާއި ރީއާނަށްޓަކައި އުފަލުންނެވެ.

އަނޫކްއާ ދެމެދުވީ ގުޅުން ބަދަހިވަމުން އައި ވަރަކަށް ޒައިވާގެ ހިތުގައި ނޭނގޭ އައު ވިންދެއްޖަހަން ފެށިކަހަލައެވެ. އަނޫކްއާ ގާތުގައިވުމަށް އޭނާގެ ހިތް އެދެނީ އިންތިހާއަށެވެ. ހީވެސްނުކޮށް ހުއްޓައި އެހިތް އެހެން ފަރާތެއް ބަލައިގަތީ ހެއްޔެވެ. ރީއާނަށްޓަކައި ހިތުގައިވީ އިހުސާސުތައް މަޑުމަޑުން ފުހެވެމުން ދަނީ ހެއްޔެވެ؟ އެހެންވީއިރު އޭނާއަށް ރީއާންދެކެ ވެވުނީ ހަގީގީ ލޯތްބެއް ނޫންބާއެވެ. ރީއާނަށްފަހު އެހިތުން އެހެން މީހަކަށް ޖާގަ ދެވިދާނެކަމަކަށް ކުޑަކޮށްވެސް ޒައިވާ އުއްމީދެއް ނުކުރެއެވެ. ނަމަވެސް އޭނާއަށް މިކުރެވެނީ ކޮންފަދަ އައު އިހުސާސުތަކެއް ހެއްޔެވެ؟ އެ އިހުސާސުތަކުގައި މީގެކުރިން ނުވި ފޮނި މީރުކަމެއް ވާކަން ޔަގީނެވެ. އުފައުވެރިކަމާ ހަމަޖެހުން ވާކަން ގައިމެވެ. ޖަޒުބާތުތަކުގައި މީގެކުރިން ނުވި ފުންކަމެއް އުފެދެމުން އައިކަން ކަށަވަރެވެ. ހިތުގައި އައު ބޭޤަރާރުކަމެއް އުފެދިއްޖެއެވެ. އަނޫކްގެ ޚިޔާލުތަކަށް ގެއްލިފައި އޭނާ ހުންނަ ވަގުތުތައް އިތުރުވެއްޖެއެވެ. އަނޫކްގެ ދެލޮލުންވެސް އޭނާއަށްޓަކައި ޚާއްސަކަމެއްވާތީ ޒައިވާ ދުއްޓެވެ. ކުރިން ނުދެކެވޭފަދަ ނަޒަރަކުން އަނޫކްއާ މެދުގައި ދެކެވެނީ ކީއްވެހެއްޔެވެ. އިހުސާސުތައް އޮޅުންބޮޅުންވެފައި ވާހެން ބައެއްފަހަރު އޭނާއަށް ހީވެއެވެ. އެފިކުރުތަކާ ދުރަށްދާން އުޅުނަސް ފަހަކަށް އައިސް އެއީ އޭނާއަށް ކުރަން އެންމެ ދަތިވެފައިވީ ކަންތައް ފަދައެވެ.

ހުޒައިމް ގާތުގައިބުނެ ކައިވެނި ހުއްޓުވީ ޚުދު ޒައިވާއެވެ. ދަރިފުޅުގެ ނިންމުން ކަމުނުގޮސްގެން އެތައް އިރަކު އޭނާގެ ޚިޔާލު ބަދަލުވޭތޯ ހުޒައިމް އެތައް ވާހަކައެއް ދެއްކިއެވެ. އައިލީ ވެސް ހުރީ ދޮންތައާ ކުއްލި ބަދަލުން ނަގަންވީ މާނައެއް ނުވިސްނިފައެވެ. ރީއާންއާ ގުޅެން ބޭނުންވެގެން ޒައިވާ އުޅުނު ގޮތް އެންމެ ގާތުން ދުށީ އޭނާއެވެ. ވީއިރު އެކަން ފަހިވެފައި ވަނިކޮށް ކައިވެންޏަށް ޒައިވާ ދެކޮޅު ހަދަންވީ ސަބަބެއް އައިލީއަކަށް ވެސް ނުވިސްނުނެވެ. ކޮއްކޮއާއި ބައްޕަގެ ސުވާލުތައް މާކުރިންވެސް އަމާޒުވާނެކަން ވިސްނި ކުރުގޮތަކަށް އަމިއްލަ ހިތުގެ އިހުސާސުތައް ޒައިވާ ހާމަކުރީ އިތުރުގޮތެއް ނެތް މީހަކު ފަދައިންނެވެ. އޭނާ އަކީ އެއްވެސް އިރެއްގައި މީހުނަށް ދޮގުހަދާ އޮޅުވައިލި މީހެއް ނޫނެވެ. ހުޒައިމް އޭނާއަށް ދިން ތަރުބިއްޔަތަކީ ވެސް އެއީއެވެ. އެންމެ ދަތި އުނދަގޫ ހާލަތުގައިވެސް ތެދު ހާމަކުރުމެވެ. ޒައިވާގެ ވާހަކަތައް ގަބޫލުކުރެވުނަސް އެކަމާ އެއްބަސްވާން ހުޒައިމްއަށް ވަގުތު ބޭނުންވިއެވެ. ދަރިފުޅު ވީ ގުރުބާނީއިން އޭނާގެ ހިތަށް އިންތިހާއަށް އަސަރުކުރީއެވެ. ލޯބިވާ އަނބިމީހާގެ މަތިން ހަނދާންވީއެވެ. ޒައިވާގެ ކިބައިގައި ހުންނަނީ މަންމަގެ ގޮތޭ ހުޒައިމް ބުނެލިއެވެ. އަނބިމީހާގެ ފުށުން އަބަދުމެ ފައުޅުވާން ހުންނަ ކެތްތެރިކަމާ ހިތްހެޔޮކަން ޒައިވާގެ ފުށުން އޭނާ އަބަދުވެސް ދެކެއެވެ. މަންމަގެ ނަސޭހަތްތަކުގެ މަތިން ޒައިވާ އަބަދުވެސް ހަނދާންކުރާކަން އޭނާގެ ވާހަކަތަކުން ހުޒައިމްއަށް ވިސްނުނެވެ. ދަރިފުޅާ މެދުގައި ފަޚުރުވެރިވީ ނަމަވެސް އެދަރިފުޅަށް ކުރާނެ އަސަރު ވިސްނި ހުޒައިމްގެ ހިތް ރޯލިއެވެ. އަމިއްލަ އެދުން އިސްކުރަން ޟަމީރު ގޮވައިލި ގޮވައިލުމަށް އޭނާ ފުރަގަސްދިނީ ޒައިވާގެ ވާހަކަތައް އަޑުއިވިފައެވެ. އަނބިމީހާގެ ވާހަކަތަކުގެ މަތިން ހަނދާންވުމުންނެވެ. މަޖުބޫރުން އެކައިވެނި ކުރުވަން ބޭނުންނުވީއެވެ. ރީއާންގެ ހިތް އޮތް ގޮތް އެނގުމުން ޒައިވާއަށް ވެސް އެންމެ ރަނގަޅުވާނީ އެގޮތް ކަމުގައި ހުޒައިމް ދެކުނެވެ. އުސައިދާއި ވާހަކަދައްކައި އެކަން ހުއްޓުވާނެކަމުގެ ޔަގީންކަން އޭނާ ދިނީ އެހެންވެއެވެ. ޒައިވާގެ ވާހަކަތައް އަޑުއަހައިފައި ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަމުން އައިލީ ހިނިތުންވެލީ ދޮންތައާ މެދުގައި ހަގީގަތުގައިވެސް ފަޚުރުވެރިވަމޭ ބުނަމުންނެވެ. އެފަދަ ހިތްވަރެއް ކުރެވޭނީ މަދު ބަޔަކަށޭ ބުނަމުންނެވެ. އަދި ދޮންތަގެ އަތުން ބީވެގެން ދިޔަ އެއްޗެއްގެ ބަދަލުގައި އެއަށްވުރެ ހެޔޮ އަދި މޮޅުގޮތެއް މާތް ﷲ މިންވަރުކޮށްދެއްވާނެ ކަން ހަނދާންކޮށްދިނެވެ.

ހޭބޮއެ ނާރައި އޮފީހުގެ ހުރިހައި ސްޓާފުން އުޅެމުންދިޔައީ އެރޭގައި ބާއްވަން ހަމަޖެހިފައިވި އަހަރީ ދުވަހުގެ ހަފްލާއަށް ތައްޔާރުވުމުގައެވެ. އެކި ބައިބަޔަށް ބަހައިލައިގެން ތައްޔާރީތައް ވަމުންދިޔައިރު އެކި މީހުނާ ހަވާލު ކުރެވިފައިވީ ތަފާތު ކަންތަކެވެ. ބަޔަކަށްދީގެން އެރެއަށްޓަކައި ހިފައިފައިހުރި ހޮޓެލްގެ ބޮޑު ހޯލްގެ ޑެކަރޭޝަންސްތައް ކުރިއަށްދަމުން ދިޔައިރު އެތަނުގައި މަސައްކަތްތައް ކުރިއަށްދަމުން ދިޔަ ގޮތް ބަލަން ރީއާންގެ އިތުރުން ސަމަދާއި ޒައިވާ ތިއްބެވެ. އެމީހުނަށް އެހީވުމުގައި ރާޔާ އާއި އަނޫކް ވެސް ހަރަކާތްތެރިވަމުން ދިޔައެވެ. ދޭތެރަކުން ރާޔާއަށް ބަލައިލަމުން ރީއާން ހިނިތުންވެލާތީ ފެނެއެވެ. ރާޔާއަށް ރީއާންގެ އެފަދަ ނަޒަރުތައްވީ ސިއްރުވެފައެވެ. އޭނާގެ ސަމާލުކަންވީ މަސައްކަތްތަކަށް ދެވިފައެވެ. އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ހިނިއައިސްފައި އިސްޖަހައިލި ރީއާންއަށް ބަލަން ސަމަދު ހުއްޓެވެ. ދުރުގައި އެމީހުނަށް ފުރަގަސްދީގެން ހުރި ރާޔާއަށް ބަލައިލަމުން އޭނާވެސް ހިނިތުންވެލިއެވެ.

"މިރޭ މީ ބޮޑު ރެޔެއް ދޯ.." ލާނެތް ރާގަކަށް ސަމަދު ބުނެލިއެވެ. އެއަޑުއިވިފައި އިސްއުފުލައިލައި ރީއާން ބަލައިލިއެވެ. ސަމަދުގެ ދެލޮލުގައި ނަށަމުންދިޔަ ލާނެތްކަންފެނި އޭނާ ދެފަރާތަކަށް ބޯހޫރައިލިއެވެ. "ރާޔާއަށް މިއިންކަމެއް ރޭކާވެސް ނުލާތަ" ރީއާން އެއްޗެކޭ ނުބުނުމުން އަނެއްކާވެސް ސަމަދު ވާހަކަދެއްކިއެވެ. "ޝީ ހޭވް ނޯ އައިޑިއާރ.." ފަނޑު ހިނިތުންވުމެއް ރީއާންގެ ފިރިހެންވަންތަ ތުންފަތުގައި ދުވެލިއެވެ. "އެކަމަކު މިރޭ.. ހުރިހާ ވާހަކަތަކެއް ކިޔާދޭނަން.." ރާޔާގެ ހަރަކާތްތަކަށް ގެއްލި ހުސްވެފައި ހުރެ ރީއާން ބުންޏެވެ. "އުސައިދުބެއާއި ޔާސްމީންދައްތަ ގަބޫލުވުމުން އަހަރެން ވަރަށް އުފާވި.. ޚާއްސަކޮށް އަދި ހުޒައިމް އަންކަލްވެސް އެކަން މާބޮޑު ކަމަކަށް ނުހެދީމަ.." ހިތްހަމަޖެހިފައި ހުރި ފަދައަކުން ސަމަދު ބުނެލިއެވެ. އެވާހަކަތަކަށް ރީއާން ހަމައެކަނި ބޯޖަހައިލީއެވެ. އިތުރަށް އެކަމާ ބެހޭގޮތުން ވާހަކަދައްކަން އޭނާ ބޭނުންނުވީ ކަހަލައެވެ. މާކުރިންވެސް އޭނާގެ އެދުމަށް މައިންބަފައިން ދެކޮޅު ނުހަދާނެކަން އޭނާއަށް އެނގެއެވެ. ހުޒައިމްއާ ހަމައަށް އެވާހަކަތައް ގެންދިއުމަށް ޒައިވާއަށް އެ ފުރުސަތު އޭނާ ދިނީ އެހެންވެއެވެ. އުސައިދު ގާތުގައި އޭނާ ގަސްދުކުރާ ގޮތް ހާމަކުރީ ޒައިވާ އެ ވާހަކަތައް ހުޒައިމް ގާތުގައި ދެއްކިކަން ޔަގީންކުރުމަށްފަހުއެވެ. އެހެން ހުރިހައި ކަމަކަށްވުރެ އުސައިދާއި ޔާސްމީނަށް މުހިންމުވީ ރީއާންގެ އުފަލެވެ. އެ ނިންމުމަކީ ޒައިވާ އާއި ރީއާން ވާހަކަދެއްކުމަށްފަހު ނިންމި ނިންމުމެއްކަން އޭނާ ހާމަކުރިއެވެ. އަދި މާޒީގައި ކަންތައް ހިނގައިދިޔައި ގޮތް ވަރަށް ސާފުކޮށް އޭނާގެ މައިންބަފައިންނަށް އޮޅުންފިލުވައި ދިނެވެ. ޔުމްނުގެ ހަގީގަތް އެމީހުނަށް އެނގިފައި އޮތުން މުހިންމު ކަމުގައި ރީއާން ދެކުނެވެ. އެއްވެސް ކަމެއް ސިއްރުކުރަން ބޭނުންނުވީ އެހެންވެއެވެ.

ހޮޓެލްގެ ހޯލްތެރެ ދިއްލައިލައިފައިވީ މަޑު އޮރެންޖް ކުލައަކުންނެވެ. މެދަށްވާހެން ކުޑަ ސްޓޭޖެއް ހަދައިފައި ހުއްޓެވެ. އެމުޅި ހޯލްތެރެ ޒީނަތްތެރި ކޮށްފައިވީ ރެއަށް ޚާއްސަކޮށްފައިވި މެރޫންކުލަ އާއި ހުދުކުލަ ބޭނުންކޮށްގެނެވެ. ތަނުގެ ފުރިހަމަކަމާމެދު ހިތްހަމަޖެހިފައި ހުރިކަން ރީއާންގެ މޫނުން ފައުޅުވެއެވެ. ކަޅުކުލައިގެ ކޯޓް ފަޓުލޫނާއެކު އެތެރެއިން އޭނާ ލައިގެން ހުރީ ހުދުކުލައިގެ ގަމީހެކެވެ. އަދި ތީމްއާ ގުޅުވައިލުމުގެ ގޮތުން މެރޫން ކުލައިގެ ހިމަ ޓައީއެއް އަޅައިފައި ހުއްޓެވެ.

ގަޑިން އަށްގަޑި ބައި ވުމާއެކު މަޑުމަޑުން މީހުންތައް ހޯލްގެ ފުޅާ ދޮރުން ވަންނަން ފެށިއެވެ. އެއާއެކު ސަމަދުވެސް ރީއާނާ ގާތަށް ޖެހިލިއެވެ. ހޯލްގެ އެކި ހިސާބުގައި ހުރި މޭޒުތައް ދޮށުގައި ބައިބައަށް މީހުންތައް އިނށީނަން ފެށީ ތަނުގެ ފުރިހަމަކަމަށް ތަޢުރީފުކުރަމުންނެވެ.

އެތެރަށް ވަދެގެން އައި އަނޫކްގެ ނަޒަރު ސްޓޭޖް ކައިރީގައި ހުއްޓިހުރި ޒައިވާއަށް އަމާޒުވެލީ ގަސްދަކާ ނުލައެވެ. އެއާއެކު އެފުރިހަމަކަމަށް އޭނާގެ ހިތް ވަގުތުން ތަޢުރީފުކޮށްލިއެވެ. ހިމަ ހަށިގަނޑުގެ ބައްޓަމަށް ފަހައިފައިވި އެ ހެދުން ޒައިވާއާ ނުހަނު ގުޅެއެވެ. އުނަގަނޑާ ދިމާލުން ހިމަ ބަންދެއް ހަރުކޮށްފައި ހުއްޓެވެ. އިސްތަށިގަނޑު މައްޗަށް ނަގައި ރީތި ގޮތަކަށް ހުޅިއެއް ޖަހަފައި ހުރިއިރު އެ ދޮން ކަނދުރާ ފަޅުފިލުވައިލައިފައިވީ ރިހިކުލައިގެ ހިމަ ފަށަކުންނެވެ. ފައިކޮޅަށް ހަމައަށް އަންނަ މެރޫން ކުލައިގެ އެ ހެދުމުގައި ޒައިވާގެ ފުރިހަމަކަން އެތައް ގުނައެއް އިތުރުވެފައިވާކަމަށް ދައްކައެވެ. ހިތަށް ކުރުވަމުންދިޔަ އަސަރުން މޭގައި އަނޫކަށް ފިރުމައިލެވުނީ ބޭއިޚުތިޔާރުގައެވެ.

އަނޫކްގެ އަތުގައި ހިފައިލައިގެންހުރެ ކުރިއަށް އައި ރާޔާއާ ރީއާންގެ ނަޒަރު ވަކުނުވެއެވެ. މެރޫން ކުލައިގެ މެކްސީގައި ރާޔާގެ ރީތިކަން އެއްވެސް ފޮރުވުމެއްނެތި ފައުޅުވަމުން ދިޔައެވެ. ތުނި ހަށިގަނޑުގެ ޗާލު ބައްޓަން ފައުޅުވާންހުރި ގޮތުން ރީއާނަށް ހިންދިރުވައިލެވުނެވެ. ފަންއިސްތަށިކޮޅު މައްޗަށް ނަގައި އެއްއަރިއަކަށް ވާނޭހެން ހުޅިއެއް ޖަހައިފައިހުރިއިރު، ހުދުކުލައިގެ ކުދި އެސްތަކެއް ހުޅިވަށައިގެން ހަރުކޮށްފައި ހުއްޓެވެ. ރާޔާއާ ހަތަރުކަޅި ބައްދަލުވުމާއެކު ރީއާނަށް ހިނިތުންވެވުނީ ބޭއިޚުތިޔާރުގައެވެ. އެއާއެކު ފަނޑު ހިނިތުންވުމެއް ރާޔާ ވެސް ހަދިޔާކޮށްލިއެވެ.

ޖަލްސާ ފެށިގެން ކުރިއަށް ދިޔައިރު ކޮންމެ މީހެއްގެ މޫނުމަތިންވެސް ފައުޅުވަމުން ދިޔައީ އުފައުވެރިކަމާ ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ވޭތުވެދިޔަ އަހަރުގައި އެކި ގޮތްގޮތުން އެންމެ ރަނގަޅު މުއައްޒިފުން ހޮވައި އެކަމުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުމާއި އެވޯރޑް ހަވާލުކުރެވުނެވެ. އަދި އެކި ގޮތްގޮތުން ސްޓާފުންގެ ފަރާތުން ވެދިން އެހީތައް ފާހަގަކުރިއެވެ. ހަފްލާގައި ރީއާންގެ އިތުރުން ޒައިވާ ވެސް ވާހަކަދެއްކިއެވެ. ކޮމްޕެނީގެ ކުރިމަގަށް އެމީހުން ކުރާ އުއްމީދު އެއިން ކޮންމެ މީހެއްގެ ވާހަކައިން ހާމަވެއެވެ. އެމީހުންގެ ދަށުން މަސައްކަތްކުރާ މީހުނަށްޓަކައިވީ ޤަދަރާއި އިހުތިރާމް އަންގައިދިނެވެ. ޖަލްސާ ނިންމައިލުމަށްފަހު އެންމެ ކެއުމަށް އިންސާފުކުރަން ފެށިއިރު ހޯލްގައި މަޑުމަޑުން މީހުންގެ ވާހަކަދެއްކުމާއި ހީނސަމާސަކުރާ އަޑު ހިފައިލައިފައި ހުއްޓެވެ.

ކައި ނިންމައިލަމުން އެއްފަރާތުގައި އިން ރާޔާ ގާތުގައި އޭނާއާ އެކުގައި އައުމަށް ރީއާން އެދުނެވެ. ދެންތިބި މީހުނަށް ބަލައިލަމުން ނުކެރި ހުރެފައި ރާޔާ އިންތަނުން ތެދުވިއެވެ. އެދެމީހުންގެ ފަސްފަހަތުން ޒައިވާ އާއި އަނޫކްގެ އިތުރުން ސަމަދާއި ޖީލާން ތެދުވިތަނެއް ރާޔާ ނުދެކެއެވެ. ޖެހިލުންވެފައި ހުރެ ރީއާންގެ ފަހަތުން ގޮސް ލިފްޓަށް ރާޔާ ވެސް އެރިއެވެ.

"ކޮންތާކަށް މިދަނީ.." ސުވާލުގެ ނަޒަރަކުން ރީއާނަށް ބަލަން ހުރެ ރާޔާ އަހައިލިއެވެ. "ސަޕްރައިޒް އެއް.. ޔޫ ވިލް ސީ.." ކުޑަކޮށް ހިނިތުންވެލަމުން ރީއާން ބުންޏެވެ. އިތުރު ސުވާލެއް ކުރާކަށް ރާޔާއަކަށް ނުކެރުނެވެ. ހިމޭންކަން އޭނާ ޚިޔާރުކުރީ އެހެންވެއެވެ. ރީއާނާ އެކުގައި އެކަނިވުމުން އޭނާގެ ހިތްވީ އަވަސްވެފައެވެ. ވާން މިއުޅެނީ ކިހިނެއްކަން ނޭނގެ މީހާ ހާސްވާގޮތްވިއެވެ. އަމިއްލަ ޖަޒުބާތުތައް ނުހިފޭއްޓިދާނެތީ އޭނާ ބިރުގަންނަނީއެވެ. ރީއާނަކީ އެހެން މީހެއްގެ ހައްގަކަށް ވާއިރު އަމިއްލަ ހިތަށް ވިސްނައިދިނުމަށް އެތައް ގޮތަކަށް ރާޔާ މަސައްކަތް ކުރަމުންދިޔައެވެ.

ލިފްޓް ހުޅުވުމާއެކު ރީއާން ފޭބިއެވެ. ފަހަތުން ރާޔާވެސް ފައިބައިގެން އައެވެ. ޓެރަސްގެ ދޮރު ހުޅުވައިލަމުން އެތެރަށް އެއްފަރާތަކަށް ރީއާން ޖެހިލީ ހިނިއައިސްފައި ހުރެއެވެ. އާޝޯޚުވެ ބަސްހުއްޓިފައިހުރެ ތަނަވަސް ޓެރަސްއަށް ރާޔާ ނުކުތެވެ. ކުދިކުދި ފެއަރީ ލައިޓްސް އާއި ރަތާއި ހުދުގެ ފިނިފެންމާ ފިޔަތަކުން މުޅި އެތަންވަނީ ފަޅުފިލުވައިލައިފައެވެ. ދެލޯބޮޑުކޮށްލަމުން ވަށައިގެން އޭނާ ނަޒަރު ހިންގައިލިއެވެ. އެއާއެކު ރަތް ފިނިފެންމަލުގެ ފިޔައިން ތިރީގައި ލިޔެފައިވި ލިޔުންކޮޅުފެނި ރާޔާއަށް އަނގަމަތީގައި އަތްއަޅައި ބާރުކޮށްލެވުނެވެ. "ވިލް ޔޫ މެރީ މީ.." ހިތާހިތުން ރާޔާއަށް ކިޔައިލެވުނީ ގަބޫލުކުރަން ދަތިވެފައި ހުރެއެވެ. ޝޮކެއް ލިބުނު މީހަކު ފަދައިން ރީއާނާ ވީ ދިމާއަށް އެނބުރިގަންނަން ރާޔާ އުޅުނެވެ. އެއާއެކު ހަލުވި ފިޔަވަޅުތަކެއްގައި އައިސް ރާޔާގެ ފަހަތުގައި ހުއްޓުނު ރީއާން އެކަން މަނާކުރިއެވެ. ދެފަރާތުން ރާޔާގެ ހިމަ އުނަގަނޑުގައި ހިފައިލުމާއެކު އޭނާ ކުޑަކޮށް ރާޔާއާ ގާތްވެލިއެވެ.

"މީ.. މީ ކޮން..ކަމެއް.. ރީއާން.. އަހަންނާ ނުބައި ސަމާސައެއް ކުރަނީތަ.." ހިތަށް އުނދަގޫވެފައި ހުރެ ރާޔާ އަހައިލިއެވެ. ވަގުތުން ނޫނެކޭ ރީއާން ބުނެލިއެވެ. "ދެން މީ.. ކިހިނެއް.. ޒައިވާ.. ރީއާން އިންނަން އުޅުނީ ޒައިވާއާ އެއްނު.." އަދިވެސް ފެންނަމުންދިޔަ މަންޒަރު ގަބޫލުކުރަން ދަތިވެފައި ރާޔާ ހުއްޓެވެ.

"އަހަރެން އަބަދުވެސް ކައިވެނިކުރަން ބޭނުންވީ ރައްޔުއާ.. ހަމައެކަނި ރައްޔުއާ.."

"އެކަމަކު.." ރާޔާގެ ކުރިމައްޗަށް ހުއްޓެމުން އޭނާ ބުނަން އުޅުނު އެއްޗެއް ރީއާން ހުއްޓުވިއެވެ. "އަހަންނަށް ހުރިހާ ކަމެއް އެނގިއްޖެއޭ.. ރައްޔު އަހަންނާ ދުރަށް ދިޔައީ ކީއްވެކަން.. އަހަރެމެން ވަކިވާން ޖެހުނީ ކީއްވެކަން.. ޔުމްނުގެ ހަގީގަތްވެސް.. ޔުނާ ނިޔާވި ސަބަބުވެސް.. އައި ނޯ އެވްރިތިންގް ރައްޔު.. އަހަންނަށް އެނގޭ ރައްޔު އަދިވެސް އަހަރެންދެކެ ލޯބިވާކަން.. އަހަރެންވެސް ވަރަށް ލޯބިވޭ.. ދުރުގައި ހުރުމަށް ވަޢުދުވިއަސް އަހަންނަށް އެކަމެއްނުވި.. ތިހަނދާންތަކާ ތި ލޯތްބާ ދުރަށްދާން ކިތަންމެ މަސައްކަތެއް ކުރިއަސް.. އިތުރަށް ރައްޔުދެކެ ލޯބިވުންނޫންހެން ކަމެއްނުވި.. އަހަންނަށް ރައްޔުއާ ދުރަކު ކެތެއް ނުވާނެ... ކިތައް އަހަރު ކެތްކޮށްފިން.. ދެން އިތުރަކަށް ކެތެއްނުވާނެ.. ޕްލީޒް ރައްޔު.." ރާޔާގެ އިސްއުފުލައިލައި ހަތަރުކަޅި ހަމަކޮށްލަމުން ރީއާން ބުންޏެވެ. އެވާހަކަތައް އިވިފައި ރާޔާގެ ދެލޯ ފުރިގެން އައީ ބަސްބުނާހައި ކުޑަ ހިނދުކޮޅެއްގެ ތެރޭއެވެ. އެހުރިހައިކަމެއް އެނގުނީ ކިހިނެއްތޯ އޭނާއަށް މަޑުމަޑުން ސުވާލުކޮށްލެވުނެވެ. ކުރުގޮތަކަށް އެހުރިހައި ވާހަކަތަކެއް އޭނާއަށް ރީއާން އޮޅުންފިލުވައި ދިނެވެ. އަދި ޒައިވާއާ ދެމީހުން ނިންމި ނިންމުންވެސް ހާމަކޮށްލިއެވެ. ރޮވިފައިހުރެ ރާޔާއަށް އިސްޖަހައިލަމުން ތުންފަތުގައި ދަތްއަޅައި ބާރުކޮށްލެވުނެވެ. އަދިވެސް އެހަގީގަތް ގަބޫލުކުރަން އޭނާއަށް ދަތިވެފައިވިއެވެ. ކުއްލިއަކަށް ހާލަތު އެފައިން ބަދަލުވުމުންނެވެ. ނުލިބޭނެކަމަށް ހީކުރެވުނު ލޯބި އެއަތުގައި ހިފުމުންނެވެ. ޖަވާބުދޭން ބޭނުންވިއަސް ޖެހިލުންވެފައި ހިމޭނުން އޭނާއަށް ހުރެވުނީއެވެ. އެހިނދު އެއްކަކޫ މައްޗަށް ތިރިވެލަމުން ޖީބުގައި އޮތް ކުޑަ މަހުމާފޮށި ނަގައި ރީއާން ހުޅުވައިލިއެވެ. އޭގައިވި އަނގޮއްޓިއަށް ބަލައިލަމުން ރާޔާ ހިންދިރުވައިލިއެވެ.

"ފަސްއަހަރު ވަންދެން ތިލޯތްބަށް އެދި ރީއާން އިންތިޒާރުކުރި.. ދެން އިތުރަށް އިންތިޒާރުކުރުވަން ނުޖައްސާ.." ދޮރުމަތީގައި ހުއްޓި އެމަންޒަރު ބަލަން ހުރެފައި ޒައިވާ ބުނެލިއެވެ. އެއަޑަށް ސިހިފައި އެދިމާއަށް ރާޔާ ބަލައިލިއެވެ. ހިތްހެޔޮ ހިނިތުންވުމަކާއެކު ލަސްލަހުން ޒައިވާ ބޯޖަހައިލީ ރާޔާއަށް ހިތްވަރެއްގެ ގޮތުން ކަހަލައެވެ. އޭނާގެ ހަރަކާތުން ރީއާނަށް އާނބަސް ބުނާށޭ ބުނިފަދައެވެ. ކަރުނުން ބަރާވެފައިވި ދެލޯ ރީއާނަށް އަމާޒުކޮށްލުމާއެކު އާނއެކޭ ބުނަމުން ކުޑަކޮށް ރާޔާ ބޯޖަހައިލިއެވެ. އެވަގުތު ފޮށިން އަނގޮއްޓި ނަގަމުން ރާޔާގެ ވައަތުގެ ކަށި އިނގިލީގައި ރީއާން އަނގޮއްޓި އެޅުވިއެވެ. ދޮރުމަތީގައި ތިބި ޒައިވާ އާއި އަނޫކްގެ އިތުރުން ސަމަދާއި ޖީލާން އެމަންޒަރު ފެނިފައި އަތްތިލަބަޑި ޖަހައިގަތެވެ. އަދި މަރުޙަބާއޭ ކިޔައި އެދެމީހުނާ ދިމާކުރަން ފެށިއެވެ. ހިނިއައިސްފައި ހުރެ ތެދުވަމުން ރާޔާގެ އަތްތިލައިފައި ރީއާން ހިފައިލިއެވެ.

"ރައްޔު.. މިއަދި ރައްޔުއާއެކު ޔުމްނުވެސް އަހަރެން ބަލައިގަނެފިން.. ޔުނާގެ ދަރިފުޅަށް ރައްޔު މަންމައަކަށް ވެދިން ފަދައިން އެދަރިފުޅަށްޓަކައި ބައްޕައަކަށް ވުމަށް އަހަރެން އެދެން.. މިއަދަށްފަހު އެއީ އަހަރެންގެވެސް ކުއްޖެއް.. އަހަރެންގެ އާއިލާވެސް ރައްޔު ބަލައިގަތީ އެފަދައިން.." ރީއާންގެ ވާހަކައިން ރާޔާގެ ހިތުގައިވި ނުތަނަވަސްކަން ފިލާދިޔައެވެ. ކަރުނައިގެ ތެރެއިންވެސް އޭނާގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ބޭއިޚުތިޔާރުގައި ރީއާންދެކެ އިންތިހާއަށްވާ ލޯބި އެދުލުން ހާމަކޮށްލެވުނެވެ. އެތައް ދުވަހަކަށްފަހު ރާޔާގެ ދުލުން އެބަސްތައް ބޭރުވުމުން ރީއާންގެ ހިތް ފުރިގެންއައި ކަހަލައެވެ. އަޑު ވީއްލައި އޭނާއަށް ހީނގަނެވުނީ ލިބުނު އުފައުވެރިކަމާ ކުރިމަތިލާނެ ގޮތެއް ނޭނގިގެން އުޅޭ މީހަކު ފަދައިންނެވެ.

ހަފްލާ ނިމި ހުރިހައި އެންމެ ގޮސް ހޯލްތެރެ ހަމަހިމޭންވުމުން އަނޫކްއާ އެކުގައި ޒައިވާ އައިސް އެރީ ޓެރަހަށެވެ. އިރުކޮޅެއްކުރިން އެތަނުގައި ހިނގައިދިޔަ ކަންތައްމަތިން ހަނދާންވެ ޒައިވާ ހިނިތުންވެލިއެވެ. އޭނާ ބޭނުންވީ ފަދައިން ރީއާނާއި ރާޔާ އޭނާ ގުޅުވައިދީފިއެވެ.

އަނޫކްގެ ފަސްފަހަތުން އައިސް ރެއިލިންގްގައި ހިފަހައްޓައިލަމުން އޭނާ ދުރަށް ނަޒަރު ހުއްޓައިލިއެވެ. ހިމޭންކަން ދެމެދަށް ވެރިވެފައިވީއިރު އެހިމޭންކަން ނައްތައިލަން އެކަކުވެސް ނޫޅެއެވެ. ދޭތެރަކުން އަނޫކްގެ ނަޒަރު ޒައިވާއަށް ދަތުރުކޮށްލައެވެ. ކިތަންމެ ފަހަރަކު އޭނާގެ ހިތް ޒައިވާ ކުރިމަތީގައި ހުޅުވައިފާނަމޭ ހިތަށް އަރައެވެ. ނަމަވެސް އެ ހިތްވަރުކުރަން އޭނާ ޖެހިލުންވަނީ ޒައިވާ ހީކޮށްފާނެ އެއްޗެއް ނޭނގޭތީއެވެ. ވިސްނަން ހުރުމަށްފަހު ފުންނޭވައެއް ދޫކޮށްލަމުން ޒައިވާ އެނބުރި އަނޫކްއަށް ބަލައިލިއެވެ.

"މާދަންރޭ އަހަރެން ފުރަން.." އުނދަގޫ ގޮތަކަށް ޒައިވާ ބުނެލިއެވެ. އަނޫކް ބުނާނެ އެއްޗެއް ނޭނގި އޭނާގެ ހިތް އަވަސްވާގޮތް ވިއެވެ. ބުނާނެ އެއްޗެއް ނުވިސްނުމުން އަނޫކް މަޑުމަޑުން ބޯޖަހައިލީއެވެ. ހިތަށް ތަދުވީވަރުން އޭނާއަށް މޫނު އަނެއް ފަރާތަށް އަނބުރައިލެވުނެވެ.

"ނޫކް އަހަރެން މަތިން ހަނދާންވެސް ނުވާނެ ދޯ.." އަނޫކްގެ ހިމޭންކަމުން ޒައިވާއަށް ކުރުވީ ކެތްކުރަންދަތި އިހުސާސެކެވެ. އެހިތް ޝަކުވާއިން ފުރެމުންއައީ އަނޫކްގެ ފަރާތުން ފައުޅުވަމުންދިޔަ ދުރުކަމުންނެވެ. ޒައިވާގެ ވާހަކަތަކަށް އަނޫކް ދެފަރާތަށް ބޯހޫރައިލިއެވެ. "ވަރަށް މިސް ވާނެ.. އަނެއްކާވެސް އަހަންނަށް ޒައި ގެއްލެނީ ދޯ.." ހިތިގޮތަކަށް އަނޫކް ހީނލިއެވެ. އެއަޑުގައިވީ ރިހުން އިހުސާސުވެ ޒައިވާގެ ހިތް ރޯލިއެވެ.

"ދެވަނަ ފަހަރަށްވެސް އަހަރެން ދާން ދޫކޮށްލާނީތަ.. ހުއްޓުވާކަށް ނޫކް ނޫޅޭނަންތަ.. އެއްފަހަރުވެސް އަހަރެން ގާތުގަ ނުދާށޭ ނުބުނާނަންތަ... އަހަރެން ހީކުރީ ތިދެލޮލުން އަހަންނަށްޓަކައި ފެނުނީ ލޯބިކަމަށް.. އެކަމަކު ނޫކް އަހަރެންދެކެ ލޯތްބެއް ނުވޭ ދޯ.. އެހާ ފަސޭހައިން އަހަރެން ދާން ދޫކޮށްލާނީ އެހެންވެ.. އެކަމަކު.. އަހަންނަށް.. އަހަންނަށް ހާދަ އުނދަގުލޭ މިހާރު ނޫކްއާ ދުރުގަ ހުންނަން.." ކެތްނުވެގެން ޒައިވާއަށް ބޭއިޚުތިޔާރުގައި ހިތުގައިވި ޝަކުވާތައް ބޭރުކޮށްލެވުނެވެ. އެއާއެކު ސިހިފައި ދެލޯ ބޮޑުކޮށްލަމުން ޒައިވާއާ ދިމާއަށް އަނޫކްއަށް އެނބުރެވުނީ އިވުނު ވާހަކަތައް ގަބޫލުކުރަން ދަތިވީ ވަރުންނެވެ. އެހެން އެބުނީ ހަމަ ޒައިވާތޯ އަމިއްލަ ނަފުސާ އޭނާއަށް ސުވާލުކޮށްލެވުނެވެ. ޒައިވާގެ ދުލުން އެ ބޭރުވީ ކުޑަކޮށްވެސް އޭނާ އިވިދާނެކަމަށް އުއްމީދުކުރިފަދަ ބަސްތަކެއް ނޫން ވިއްޔާއެވެ. އަނޫކްގެ މޫނަށް ނަޒަރު ހުއްޓުމާއެކު ޒައިވާގެ ދެލޯ ފުރިގެންއައީ ކަރުނުންނެވެ. އެހިތަށް އިންތިހާއަށް އަސަރުކޮށްފިކަން އެކުޑަ އަމަލުންވެސް އަނޫކް ދެނެގަތެވެ. ރޯމަހެއް ފަދައިން އޭނާގެ ހިތް ތެޅިގަތެވެ. ޒައިވާ ހަގީގަތުގައިވެސް އޭނާދެކެ ލޯބިވަނީ ހެއްޔެވެ؟ ޒައިވާގެ ހިތް އޭނާ ބަލައިގަތީ ހެއްޔެވެ؟ އެލޯތްބަށް ޒައިވާ އަމިއްލައަށް އިއުތިރާފުވީ ބާއެވެ. ހުއްޓުން އަރައިފައި އަނޫކް ހުރީ އިވުނު ވާހަކަތަކާމެދުގައި ވިސްނާށެވެ. ފެންނަމުން މިދަނީ ހުވަފެނެކޭވެސް ބައެއްފަހަރު އޭނާއަށް ހީވަމުން ދިޔައެވެ. އަނޫކްގެ މޫނަށް އަރައިފޭބި ކުލަވަރު ފެނިފައި ދެވަނަ ސުކުންތުގައި އޭނާގެ މޫނުން ނަޒަރު ވަކިކޮށްލަމުން އެތަނުން ދިއުމަށް ޒައިވާ ދުއްވައިގަތެވެ. ގަސްދަކާނުލައި ދުލުން ބޭރުވި ބަސްތަކާމެދު އޭނާއަށް ވިސްނައިލެވުނީ އަނޫކް ބަލައިލުމުންނެވެ. ލަދުންގޮސް އެތަނުގައި އިތުރަށް ހުންނަން އޭނާއަށް ނުކެރުނީއެވެ.

(ނުނިމޭ)

Ads by Allied Insurance
  1. ނޫކް

    ވާހަކަ ނިމުނީނު

  2. ހައިމް

    އުހުން ނުނިމޭ އަދި. މި ނިމިއްޖެއްޔާ މަ ބޭނުން ދެވަނަ ސީޒަން. އަޅެ ޕްލީޒް އޭ އޭ
    އިތުރަށް ހަމަ ލޯތެބޭ ވެވެނީ..

  3. ޒައިވާ

    ހާދަ ލަހޭ އަޕް ވާލެއް އަޅޭ ތަންކޮޅެއް އަވަސް ކޮށްލަބަލަ

  4. ޛފޖޖފ

    ޛޖނުނުނުނހ