ޗައިނާއިން މަސައްކަތް ކުރަނީ ޓައިވާން އިސްތިއުމާރު ކުރަަން، ބިރު ނުގަންނާނަން: ޓައިވާން

ޗައިނާއިން މަސައްކަތް ކުރަނީ ދަނޑިވަޅު ބެލުމަށްފަހު ޓައިވާން އިސްތިއުމާރު ކުރަން ކަމަށް ޓައިވާންގެ ފޮރިންގް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ މަޖިލީހުގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާން ކުރި ދަތުރުފުޅާ ދެކޮޅަށް ޗައިނާއިން ދަނީ ޓައިވާން ވަށައިގެންވާ ސަރަހައްދުގައި އަސްކަރީ ޑްރިލްތަކެއް ކުރިޔަށް ގެންދަމުންނެވެ.
ޓައިޕޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޓައިވާނުގެ ޚާރިޖީ ވަޒީރު ޖޯސެފް ވޫ ވިދާޅުވީ، ޗައިނާއިން ޓައިވާން ސްޓްރެއިޓްގެ ނުރަސްމީ މީޑިއަން ލައިނާ ހިލާފުވަމުންދާ ކަމަށާއި، ޑްރިލްތައް ކުރިއަށް ދިޔަ ނަމަވެސް ޓައިވާނުން ބިރު ނުގަންނާނެ ކަމަށެވެ.
"ޗައިނާ އިން ވަނީ ޓައިވާނަށް އަރައިގަތުމަށް ތައްޔާރުވުމަށް އެގައުމުގެ އަސްކަރީ ޕްލޭ-ބުކްގައި ހިމެނޭ ޑްރިލްތައް ބޭނުންކޮށްފައި،" ވޫ ވިދާޅުވިއެވެ.
"ޓައިވާނުގައި އާންމުންގެ ހިތްވަރު ބަލިކަށި ކުރުމުގެ ގޮތުން ބޮޑެތި އަސްކަރީ ތަމްރީނުތަކާއި މިސައިލް ލޯންޗުކުރުމުގެ އިތުރުން ސައިބަރ ހަމަލާތަކާއި، ދޮގު މައުލޫމާތު ފެތުރުމާއި، އިގްތިސާދީ މަޖުބޫރުކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ."
އޭނާ ވަނީ ޗައިނާއިން ޓައިވާނަށް އަރައިގެންފިނަމަ ޤައުމުތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.