ވާހަކަ މުނިފޫހިފިލުވުން

ފޯވީތީ މިހިތް ކަރުނުން ( ތޭރަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން

އެލް އެދެއްކި ވާހަކަތައް ޤަބޫލުކުރަން ދަތިވި ނަމަވެސް ޖުމްލަތަކުގައިވި އިބާރާތްތަކުން ސަނަމްގެ ހިތަށް ފުން އަސަރެއް ކުރުވިއެވެ. އެލް އެހަދަނީ ދޮގެއް ނޫންކަން އިހުސާސްވިއެވެ. ތީ ކާކުތޯ އަހާފައި މެސެޖެއް ކުރަން އުޅުނެވެ. ނަމަވެސް އެކަމުން އެލްގެ އުއްމީދު އާލާ ވެދާނެތީ ފަސްޖެހެވުނެވެ. ލިޔަންވީ އެއްޗެއް ނޭނގި ފޯނަށް ބަލަހައްޓައިގެން އިންދާ މެސެންޖާ މެދުވެރިކޮށް އެލް ގުޅަން ފަށައިފިއެވެ. ހަދަންވީ ގޮތެއް ނޭނގިފައި ސަނަމްއަށް ބަލަހައްޓައިގެން އިނދެވުނެވެ. ފޯނު ކެނޑުމަށްފަހު ދެވަނަ ފަހަރަށް ރިންގުވާން ފެށިއިރުވެސް ސަނަމްއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. މީ އެލް އާ ވާހަކަ ދެއްކޭ ފަހު ފަހަރޭ ހިތަށް އެރުމުން ސަނަމްއަށް ވީގޮތެއް ވެސް ނޭނގުނެވެ. ފޯނު ރިސީވް ކުރާ ފިތަށް ފިތާލެވިއްޖެއެވެ. މަޑުމަޑުން ފޯނު ކަންފަތާ ކޮށްލެވުނުއިރު ހިތުގެ ތެޅުން އަވަސްވެފައިވިއެވެ. ދެކޮޅުންވެސް ހިނދުކޮޅަކަށް އިވިއިވި އިރު ދެމީހުންގެ ނޭވާގެ އަޑެވެ. ކުރިން ގޮވައިލީ އެލް އެވެ. ފިރިހެންވަންތަ ބަރުއަޑުން ސަނަމްއޭ ކިޔާފައި ގޮވައިލި ހިނދު ސަނަމްއަށް ދެލޯ މަރައިލެވުނެވެ. ކީއްވެ ކަމެއް ނޭނގުނެވެ. ހިތަށް ލިބުނީ ބަޔާން ކުރަން ދަތި ހަމަޖެހުމެކެވެ. އެހެނަސް އެލްގެ އެގޮވައިލުމަށް އިޖާބަ ދޭނެ ހިތްވަރެއް ސަނަމްއަށް ނުލިބުނެވެ. އެންމެ ކުޑަމިނުން ތީ ކާކުތޯ އަހާލަކަށްވެސް ނުކުރެނެވެ.

Ads by MWSC

" ސަނަމް.. އަހަރެންނަށް އެނގޭ ވާހަކަ ނުދެއްކިޔަސް ސަނަމް އަޑުއަހަން އިންކަން.. ލަމުން ތި ދާ ފިނި ނޭވާތަކުގެ އަޑު އަހަރެންނަށް ވަރަށް ރަނގަޅަށް އެބަ އިވޭ.. އަހަރެންނަކީ ކާކުކަން އެނގެން ބޭނުމިއްޔާ އަހަރެން ކިޔައިދޭން މިހިރީ ތައްޔާރަށް.. އެކަމަކު އެއީ ސަނަމްގެ ދުލުން އަހަރެންނާ އެސުވާލު ކުރަންޏާ.. ސަނަމް!! ޕްލީޒް.. އެންމެ ފަހަރަކު ނަމަވެސް އަހަރެންގެ ނަމުން ގޮވާލަބަލަ... " އާދޭހުގެ ރާގެއްގައި އެލް ބުންޏެވެ. ވާހަކަ ދެއްކުމަށް ސަނަމް އަނގަ ހުޅުވައިލިއެވެ. ނަމަވެސް ފަސްޖެހެވުނެވެ. އަލުން އަނގަ ލައްޕާލުމަށްފަހު ދެބުމަ ގޮށް ޖަހައިލަމުން ފުންނޭވައެއް ދޫކޮށްލެވިއްޖެއެވެ. މީހަކާ ވާހަކަ ދެއްކޭއިރު މިވަރަށް ފަސްޖެހެވުނު މީ ފުރަތަމަ ފަހަރެވެ. އިރުކޮޅަކުން އެލްގެ ލުއި ހިނިތުންވުމުގެ އަޑުއިވިއްޖެއެވެ. ސަނަމްއަށް ލިބުނީ ހައިރާންކަމެކެވެ.

" އެނގޭ ސަނަމް ފަސްޖެހެނީކަން.. ތި ދޫކޮށްލި ފުން ނޭވައިން އެކަން ހާމަވެއްޖެ.. އިޓްސް އޯކޭ.. އަހަރެން ސަނަމްއަށް ފޯސް ކުރާކަށް ބޭނުމެއް ނޫން.. އެހާ ކައިރިން ތިނޭވާގެ އަޑުއިވުމުންވެސް އަހަރެންނަށް ފުދިއްޖެ.. ވަރަށް ބާއްޖަވެރި ހަޔާތަކަށް އެދެން.. ވައުދުވަން މީގެ ފަހުން ސަނަމްއަށް އަހަރެންގެ އުނދަގުލެއް ނުވާނެކަން.. ދުއާ އަކީ މާތްﷲގެ އިރާދަފުޅުން އަބަދުވެސް ސަނަމް އުފަލުގައި ލެހެއްޓެވުން.. ލެޓް މީ ޓެލް ޔޫ ދިސް ވަން ލާސްޓް ޓައިމް.. އަހަރެން ވަރަށް ވަރަށް ލޯބިވޭ ސަނަމް ދެކެ.. އަބަދުވެސް އަހަރެން ސަނަމްގެ އިންތިޒާރުގައި ހުންނާނަން.. ގުޑްބާއި ސަނަމް.. " އެލް ކިޔާލިއެވެ. ސަނަމްގެ ހިތަށް އިންތިހާއަށް އަސަރުކުރަމުން ދިޔައީ ކީއްވެކަމެއް ނޭނގުނެވެ. އެލް ފޯނު ކަނޑާލުމުން ސަނަމް މަޑުމަޑުން ފޯނު ތިރިކޮށްލިއެވެ. ކުއްލި ސިހުމެއް ލިބުނީ ކޯތާފަތް ތެމުނުކަހަލަ އިހުސާސެއް ވެގެންނެވެ. ދެލޮލުން ފޭބި ހޫނު ކަރުނައިގެ އިހުސާސްވީ އެވަގުތުއެވެ. ސަނަމްގެ ނަޒަރު އަނެއްކާވެސް ފޯނަށް ހުއްޓުނެވެ. އެލްގެ ނަމަށް ބަލައިލެވުނު ހިނދު ހިތަށް ތޫނު ތަދެއް އިހުސާސް ކުރެވިގެން ދިޔައެވެ. ކުއްލިއަކަށް އުފެދުނު ޖަޒުބާތަކުން ސަނަމްއަށް ތެޅިގަނެވުނެވެ. އެފަދަ ޖަޒުބާތެއް މީގެ ކުރިން އިހުސާސް ކުރެވުނީ އައިދްގެ ސަބަބުންނެވެ. ރޫވިންއާ އިންނަން އުޅޭއިރު ނުވެސް ދަންނަ މީހަކަށްޓަކައި އެފަދަ ޖަޒުބާތެއް ވާކަށް ސަނަމް ނޭދެއެވެ. ފޯނުން އެލްއާ އެކު ކުރެވިފައިވާ ހުރިހާ މެސެޖްތަކެއް ޑިލީޓް ކޮށްލިއެވެ. އެލްގެ އައިޑީވެސް ބްލޮކް ކޮށްލިއެވެ. އެލްއާ ގުޅުން ހުރި އެއްވެސް އެއްޗެއް އެފޯނުގައި ބަހައްޓާކަށް ސަނަމް ނޭދެއެވެ.

****************

ޝަޖާހު އާއި އޭނާގެ އާއިލާއަށް ބަހާރު މޫސުމް އައިސްގެން އުޅޭ ފަދައެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ ހިނިތުންވެފައިވާ މޫނުތަކެވެ. ރޫވިންގެ ކައިވެންޏަށް ރަނަކްއާއި ރުޒައިކް ތިބީ ޗުއްޓީ ނަގައިގެންނެވެ. ތީން ދިއުމުން އެކަމާ ދެރަވި ނަމަވެސް އެކަން މޫނުމަތިން ނުދައްކައިވޭތޯ މަސައްކަތް ކުރަމުން ކައިވެނީގެ ކަންތައްތަކުގައި ރުޒައިކް ބައިވެރިވަމުން ދިޔައީ ހިނިތުންވެ ހުރެއެވެ. މާދަމައަކީ ރަންކިޔާ ދުވަހަށް ވުމާއެކު އެކަމުގެ ތައްޔާރީތައް ކުރުމަށްޓަކައި އެންމެން ބޮޑުކޮޓަރިއަށް ޖަމާވެފައި ތިއްބެވެ. ރަނަކްއާއި ރުޒައިކް ކާޑުތަކުގައި ނަން ޖަހަމުން ދިޔައިރު މާހްރީންގެ އަތުން ސަނަމްއަށް ތައްޔާރު ކުރަމުން ދިޔަ ރަތް ކުލައިގެ ހެދުމުގައި ބީޑްސް ތަކެއް ހަރުކުރަން އޭނާ އިނެވެ. ޝަޖާހު އާއި ރޫވިން ވާހަކަ ދައްކަމުން ދިޔައީ ކައިވެނީގެ ހަފްލާ ބާއްވާނެ ތަނަކާ މެދުގައެވެ. ރޫވިން އޭނާއަށް ބޮޑަށް ރަނގަޅީ އާދައިގެ ރެސްޓޯރެންޓެއްގައި އާއިލާ އާއި ރައްޓެހިންނަށް ދައުވަތު ދީގެން ކުރިއަށް ގެންދިއުމަށް ކަމަށް ބުނާއިރު ޝަޖާހުގެ ހިޔާލު ތަފާތެވެ. ޝަޖާހު ބޭނުންވަނީ ދަރުބާރުގޭގައި ގިނަ މީހުންނަށް ދައުވަތު ދީގެން ބޮޑު ޕާޓިއެއް ބާއްވާށެވެ. ދެބަފައިންނަށް އެއްގަލަށް ނޭރެވުމުން ސަނަމް ގެންނަން ޖެހުނެވެ.

" ދެމީހުންނަށް އެކައްޗެކޭ ނުކިޔުނެއްނު ދޯ.. ތަނެއް ނިންމާނީ ސަނަމް ދެން.. ސަނަމް ބުނާ ތަނެއްގައި ބުނާ ގޮތަކަށް ޕާޓީ ބާއްވާނީ... " މާހްރީން އޭނާ ކައިރީގައި ސަނަމް ބައިންދައިގެން އިނދެ ބުންޏެވެ. ހަޤީޤަތުގައި ސަނަމް ބޭނުންވަނީ ކުޑަ ވަލީމާއެކެވެ. އެހާ ބޮޑު ޕާޓީއެއް ބާއްވަން އޭނާ ބޭނުމެއް ނުވެއެވެ. ނަމަވެސް އާއިލާއެއްގައި އެންމެ ދޮށީ ފިރިހެންދަރީގެ އަލަތު ކައިވެނި ކުރެވޭއިރު އެމީހުންގެވެސް އުއްމީދުތަކެއް ވާނެކަން ސަނަމްއަށް އިހުސާސްވެއެވެ.

" ބީޗް ހަވީރު ސައި ޕާޓީއެއް ރަނގަޅުވާނެ.. ބޮޑަށް ރަނގަޅީ އާއިލާއާއި ގާތްތިމާގެ މީހުންނާ ރައްޓެހިންނަށް ދައުވަތު ދިނިއްޔާ.. " ސަނަމް އޭނާގެ ހިޔާލު ފާޅުކުރިއެވެ. އެކަމަށް އެންމެ ތާއީދު ކުރީ ރަނަކްއެވެ. އެންމެން ވާހަކައިގައި ތިއްބާ ކޮޓަރިން ފޮށި ދަމަމުން ނިކުތް މިކައިލާ ފެނިފައި ހައިރާންކަމެއް ލިބުނެވެ.

" ބަލަ މިކީ!! ތީ ކޮންކަމެއް... ކޮންތާކަށް ދާން ތިއުޅެނީ.. ؟ " ޝަޖާހު ސުވާލު ކުރިއެވެ. މިކައިލާ ފޮށި ދަމަމުން އައިސް އެތަނަށް ހުއްޓުނެވެ.

" މުހިންމު ކަމެއްގައި ދާން ޖެހިއްޖެ.. އައި ނޯވް ވެޑިންގް ކަން.. އެކަމަކު ނުގޮސް ވާކަށް ނެތް.. މަންމަމެން އެބައާދޭއެއްނު މިކޮޅަށް.. " މިކައިލާ ބުންޏެވެ.

" ފެމިލީއަށް ވުރެ މުހިންމު ކަމެއް އޮންނާނެތަ؟ ނޯ.. މިކީއަށް ނުދެވޭނެ އެއްވެސް ތާކަށް.. " ރަނަކް ތެދުވެގެން އައިސް މިކައިލާގެ ފޮށީގައި ހިފިއެވެ.

" ރަންކޮ ޕްލީޒް.. އަހަރެން ދިޔުން ވަރަށް މުހިންމޭ.. އެކޮޅުގައި އުޅޭ ވަރަށް ގާތް ފްރެންޑެއްގެ މަންމަ ވަރަށް ހާލު ދެރަވެގެން ހޮސްޕިޓަލުގައި އޮތީ.. ރައިޓް ނައު ޝީ ނީޑްސް މީ.. " މިކައިލާ ދާން އުޅޭ ސަބަބު ބުނެދިނެވެ.

" އިޓްސް އޯކޭ މިކީ.. ރަނަކް! މިކީ ދިޔަދީ.. އެކަމަކު ބަލައްޗެ ކައިވެނި ކުރެވޭ ދުވަހަށް އާދެވޭތޯ.. " މާހްރީން ބުންޏެވެ. މިކައިލާ ބޯޖަހައިލިއެވެ.

" ޒެކް!! ދޭބަލަ މިކީ އެއަރޕޯޓަށް ޑްރޮޕްކޮށްލާފައި އަންނަން.. " ޝަޖާހު ބުންޏެވެ. ރުޒައިކް ބޯޖަހައިލުމަށްފަހު ކާރުގެ ތަޅުދަނޑި ހިފައިގެން މިކައިލާގެ ފޮށި ހިފައިގެން ހިނގައިގަތެވެ. ރަނަކް ގައިގައި ބައްދާލުމަށްފަހު މިކައިލާވެސް ރުޒައިކްގެ ފަހަތުން ހިނގައިގަތެވެ.

***************

ބަދިގޭގައި އުޅެފައި ތަލްޔާ ގޮސް ތީންގެ ކޮޓަރިއަށް ވަނީ ތީން ހޮޑުލާ އަޑު އިވިފައެވެ. އެގެއިން ނިކުމެގެން އައި ފަހުން ތީން މޫނު މަތިން ނުދެއްކިނަމަވެސް އޭނާ ހިތާމަ ކުރާކަން ތަލްޔާއަށް އެނގެއެވެ. ތީން ކެއުމަށް ފަރުވާ ކުޑަކުރުމަކީ އޭގެ އެންމެ ބޮޑު އެއް ހެއްކެވެ. ތީން ހޮޑު އެލަނީ ނުކައި ހުރުމުގެ ސަބަބުން ބަނޑުގައި ވައި އުފެދިގެން ކަމުގައި ތަލްޔާއަށް ނަގައިގަނެވުނެވެ. ތަލްޔާއަށް ކޮޓަރިއަށް ވަދެވުނުއިރު ތީން ތުވާލިން މޫނު ފޮހެމުން ފާހާނައިން ނިކުންނަނީއެވެ.

" ހެޔޮ ނުވާނެ ތީން!! ތި ގޮތް ދޫ ނުކުރުމުގެ ސިފަ ދޫކޮށްލާނީ ކޮންއިރަކުން..؟ އެގޭ ހުރިހާ އެންމެންވެސް ތީން އަށް އެހާ ހެޔޮ އިރުގައި އެހެން މީހަކަށްޓަކައި އޮތް ނަފްރަތެއްގެ ސަބަބުން ގެއިން ނިކުމެގެން އަންނަން ވެދާނެތަ؟ " ތަލްޔާ ބުންޏެވެ.

" އެގޭ މީހުން އަހަރެންނަށް އެހާ ހެޔޮ ނަމަ ސަނަމް އެގޭގެ ދާއިމީ މެމްބަރަކަށް ހަދަން ނޫޅޭނެ.. އަހަރެންގެ ނިންމުންތަކަށް އިޙުތިރާމްވެސް ކުރާނެ.. " ހަރުގައި ތުވާލި އަޅުވައިލަމުން ތީން ބުންޏެވެ.

" ސަނަމް، ސަނަމް، ސަނަމް.. ސަނަމްއަށް އޮތް އެއްވެސް މާނައެއް ނެތް ނަފްރަތެއްގެ ސަބަބުން ދިރުއުޅުން ތި ހަލާކު ތިކޮށްލަނީ އަމިއްލަ އަތުން.. ހެޔޮނުވާނެ ތީން... އަމިއްލަ ދެއަތުން ދިރިއުޅުން ހަލާކެއްގެ ތެރެއަށް ވައްޓާލަން ނޫޅެބަލަ.. އާދޭސް ކޮށްފަ ބުނަން ދަރިފުޅާ.. އެނބުރި ރުޒައިކް ކައިރިއަށް އެގެއަށް ދޭ.. މަންމައަށް އެނގޭ ތީން ނުބުންޏަސް ރުޒައިކްއާ ވަކިވެގެން އަންނަން ޖެހުނީމަ ދަރިފުޅު ހިތާމަ ކުރާކަން.. ނުކައި ނުބޮއެ ހުރެ ބަލިވެގެން ދަރިފުޅުވެސް ނިމިގެން ދާތަން ބަލަން މަންމައަށް ކެތެއް ނުވާނެ.. " ތަލްޔާގެ އަޑު ކުރެހުނެވެ.

" އަހަރެން ބައްޔެއްނުވޭ މަންމާ.. ހޮޑުލާތީ މަންމަ ހީކުރީ ބަލިވީ ކަމަށްތަ؟ އަހަރެން ބަނޑުބޮޑު.. " ތަލްޔާގެ ދެއަތުގައި ހިފަހައްޓާލަމުން ތީން ބުނެލި ޖުމްލައިން ތަލްޔާ ހުއްޓުން އެރިއެވެ. ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް ނޭނގުނެވެ. އެހެން ހުއްޓާ ހިނިތުންވެލަމުން ތީން ތަލްޔާ ގައިގައި ބައްދާލައިފިއެވެ.

***********

ސަނަމްއަށް އެންމެ ބޮޑު އުފާވެރިކަމެއް ލިބުނީ އޭނަގެ ކައިވެންޏަށް ހަބީބާ އާއި އޭނާގެ އާއިލާގެ އިތުރުން މާއިފާ އައުމުންނެވެ. އެހުރިހާ މީހުން ގެނައީ ޝަޖާހުގެ ހަރަދުގައެވެ. ސަނަމްގެ ކައިވެނި ކުރެވެން އުޅޭތީ އެންމެ އުފާވެފައި ހުރި އެކަކީ މާއިފާއެވެ. އެންމެން ނިދުމުން ދެކުދިން ވާހަކަ ދައްކަން ތިބީ ޓެރޭސްގައެވެ. މާއިފާ އެހުމުން ކަންތައްތައް ވެގެން ދިޔަ ގޮތް ސަނަމް ކިޔައިދިނެވެ. އެލްގެ ވާހަކަ މާއިފާއަށް ކިޔައިދޭން ސަނަމް ހިތަށް އެރިއެވެ. ނަމަވެސް ބައެއް ވާހަކަ ތަކަކީ ދެއްކުމަށްވުރެ ނުދެއްކުން ރަނގަޅު ވާހަކަތަކެއް ކަމުގައި ސަނަމް އަށް އިހުސާސްވިއެވެ.

" ވާހަކަ އެއް އަހާލަންތަ؟ ސަމް އެއްވެސް ވަރަކަށް ލައިކްވޭތަ ރޫވިން ދެކެ... " މާއިފާ އެހިއެވެ. ސަނަމް ޖަވާބުގައި ލުއި ހިނިތުންވުމެއް ދިނެވެ. އެސުވާލުގެ ޖަވާބު މާއިފާއަށް ތެދުތެދަށް ދީފިނަމަ މާއިފާ ނަސޭހަތްތެރިވާނީ ސަނަމް ކައިވެންޏަށް ނޫނެކޭ ބުނުމަށެވެ. ނަމަވެސް އެގޮތް ސަނަމް ބޭނުމެއް ނުވެއެވެ. އެހެން ހުރިހާ ކަމަކަށްވުރެ އޭނާއަށް މުހިންމީ ސިލްމާގެ އުފަލެވެ. ސަނަމް ޤަބޫލުކުރާ ގޮތުގައި މިހާރު ރޫވިން ދެކެ ލޯބިނުވެވުނު ނަމަވެސް ކައިވެނީގެ ފަހުން ލޯބިވެވިދާނެއެވެ. އެހެނީ ހަޤީޤީ ލޯބީގެ ފެށުން ވަނީ ކައިވެންޏަށް ފަހުގައެވެ.

" ހިނިތުންވެލިޔަސް ޖަވާބަކަށް ނުފުދޭ.. ބުނެބަލަ.. ސަމްއަށް ރޫވިން ކަމުދޭތަ؟ " ދެވަނަ ފަހަރަށް މާއިފާ އެހިއެވެ.

" ކީއްވެ ކަމުނުދާންވީ.. އެއީ ވަރަށް ރަނގަޅު ކުއްޖެއް.. " ސަނަމް ބުނެލިއެވެ.

"ވަރަށް ހޮޓެ ވެސް ކުއްޖެއް ދޯ.. " ސަމާސާ ރާގެއްގައި އެހެން ބުނަމުން މާއިފާ ސަނަމްގެ ކޮނޑުގައި ޖެހިގަތެވެ. ސަނަމް ހިނިތުންވެލަމުން މާއިފާގެ ކޮނޑުގައި ޖަހައިލިއެވެ.

" ސާބަސް..!! ހެހެ... ކައިވެނީގެ ފަހުން އިސާހިތަކު ލޯބިވެވިދާނެ.. ނުވެވިއްޖިއްޔާ ހަލާލު ފިރިމީހާއަށްޓަކައި ހިތުގައި ލޯބި ލައްވާތޯ ހެއްދެވި ފަރާތަށް ދުއާ ދެންނެވީމަ ރަނގަޅުވާނެ.. " ސަނަމް ބުންޏެވެ. މާއިފާ އިތުރަށް އެވާހަކަ ނުދެއްކިއެވެ. ދެކެވުނު ވާހަކައިން ސަނަމް އައިދް މަތިން ހަނދާންވިއްޔޭ ހިތަށް އެރީއެވެ. އެހެންނަމަވެސް ސަނަމްގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ އެލްގެ ވާހަކަތަކެވެ.

****************

ގެސްޓް ހައުސްގެ ފަސްވަނަ ކޮޓަރީގެ ދޮރުގައި ދެފަހަރަކު ޓަކި ޖަހާލުމާއެކު އެތެރެއިން ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރި ފިރިހެންމީހާ ފެނުމާއެކު މިކައިލާގެ ދެބުމަ ގޮށް ޖެހުނެވެ. ދޮރު އެހުރި ގޮތަށް ބެހެއްޓުމަށްފަހު މިކައިލާ ފަސް އެނބުރި ގޮސް އެނދުކައިރީގައި ދެއަތް އުރާލައިގެން ހުއްޓުނެވެ. އެއީ މިކައިލާ ދިން ދައުވަތެއް ކަމަށް ބަލާ އެފިރިހެން މީހާ އެތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ. އެއަށްފަހު މަޑުމަޑުން އައިސް ފަހަތުން މިކައިލާގެ ހަށިގަނޑުގައި ބައްދާލިއެވެ.

" ކިހިނެއް އެނގުނީ އަހަރެން މިތަނުގައި ކަމެއް..؟ " އެހުރި ގޮތަށް ހުރެ މިކައިލާ އެހިއެވެ. އޭނާގެ އަޑުގައިވަނީ ހިތްހަމަނުޖެހުމެވެ.

" ކަމްއޯން މިކް.. އެނގެއެއްނު އަހަރެން ބޭނުންވިއްޔާ ހޯދޭނެ ކިތަންމެ ގޮތެއް އޮންނާނެކަން.. އެހެންނޫނަސް އަހަރެންނަށް އެނގޭ މިކް އެހާ ފަސޭހައިން އަހަރެން ދޫކޮށްފައި ނުދާނެކަން.. އަހަރެންނަށް އެނގޭ އަހަރެން އަންނަންދެން އިންތިޒާރުގައިކަން ތިހުންނަނީވެސް.. " އެފިރިހެން މީހާ ބުންޏެވެ. މިކައިލާ އެފިރިހެންމީހާގެ އަތުތެރެއިން ވީއްލި ގަންނަމުން ފިރިހެންމީހާ އާ ކުރިމަތިލިއެވެ.

" ދާން އުޅޭ މިތަނުން.. އެނގޭ ޔޫގެ މަންމަގެ ބަސް އަހައިގެންކަން އަހަރެން ދޫކޮށްލަން ތިއުޅެނީ.. ދެން ދޭ ގެއަށް ގޮސް މަންމަގެ ބަސްއަހައިގެން އޮވެބަލަ.. " މިކައިލާ ބުނެލިއެވެ.

" ޕްލީޒް މިކް ރުޅި އައިސްގެން އަހަރެންނާ ތިގޮތަށް ވާހަކަ ނުދައްބަލަ.. ވަރަށް ދެރަވޭ.. އެނގެއެއްނު އަހަރެންގެ މަޖުބޫރީ.. އައި ޕްރޮމިސް އަހަރެން ލޯބިވަނީ ހަމައެކަނި މިކް ދެކެ.. އަހަރެންނަށް އިތުބާރުކޮށްފަ އެންމެ ދެމަސްދުވަސް ދީ.. އަހަރެން ހުރިހާ ކަމެއް ރަނގަޅުކުރާނަން.. އަދި މިކް އަހަރެންގެ މީހަކަށް ހަދާނަން.. " މިކައިލާގެ އަތުގައި ހިފަމުން އެފިރިހެންމީހާ ބުންޏެވެ. އެހިސާބުން މިކައިލާގެ ރުޅިގަނޑުވެސް ފިނިވެއްޖެއެވެ.

" ޕްރޮމިސް ؟؟ " މިކައިލާ ބުންޏެވެ. އެވަގުތު ފިރިހެންމީހާ ބޯޖަހައިލިއެވެ. މިކައިލާ ހިނިތުންވެލިއެވެ.

" އައި ލަވް ޔޫ ވިނީ..! " ރޫވިންގެ މޭގައި ލައްވެލަމުން މިކައިލާ ބުންޏެވެ.

" އައި ލަވް ޔޫ މޯރ.. " ރޫވިން މިކައިލާ އޭނާގެ އަތުތެރޭގައި ފިއްތައިލިއެވެ.

 

Ads by HDC
  1. ޭފަަތު

    ޙަދަދެރައެ

  2. ފޭން

    ނޫން ތިހެން ނުހަދާ ، އަނެއްކާ ކިހިނެއްބާ މި ވަނީ . ހާދަ ލަހުން ނޭ ވާހަކަ އަޕް ކުރަނީ

  3. މަލާ

    ތަންކޮޅެއް އަވަހަށް ވާހަކަ އަޕް ކޮށްދީބަލަ..