ފޯވީތީ މިހިތް ކަރުނުން ( ސާދަވަނަ ބައި)
▾ މި ވާހަކައިގެ ޢަދަދުތައް
" ޕްރޮމިސް ؟؟ " މިކައިލާ ބުންޏެވެ. އެވަގުތު ފިރިހެންމީހާ ބޯޖަހައިލިއެވެ. މިކައިލާ ހިނިތުންވެލިއެވެ.
" އައި ލަވް ޔޫ ވިނީ..! " ރޫވިންގެ މޭގައި ލައްވެލަމުން މިކައިލާ ބުންޏެވެ.
" އައި ލަވް ޔޫ މޯރ.. " ރޫވިން މިކައިލާ އޭނާގެ އަތުތެރޭގައި ފިއްތައިލިއެވެ.
**************
ރޫވިންގެ އަތު ތެރޭގައި އޮވެފައި މިކައިލާ ދުރުވެލިއެވެ. ބަނޑުމަތީގައި ދެއަތް ބާއްވައިލަމުން ސީލިންގަށް ނަޒަރު ހުއްޓައިލި ހިނދު ކައިރީގައި އޮތް ރޫވިން މިކައިލާ ކައިރިއަށް ޖެހިލަމުން ކުރު އަތް މައްޗަށް އޮށޯވެލިއެވެ.
" ކޮންކަމަކާ ތިވިސްނަނީ..؟ " މިކައިލާގެ މޫނުމަތީގައިވާ ބައެއް އިސްތަށި ވަރަށް ލޯބިން އެއްފަރާތް ކޮށްލަމުން ރޫވިން އެހިއެވެ.
" ލޯބިވާ މީހާ އެހެން މީހަކާ އިންނަން އުޅޭއިރު ނުވިސްނޭނީ ކާކަށް..؟ އޭރުވެސް އަހަރެން ބުނިން ދޯ ބޮޑުބެ ކައިރީގައި އަހަރެމެންގެ ވާހަކަ ބުނާށޭ.. އޭރުން މިއަދު ސަނަމްގެ ޖާގައިގާ ހުންނާނީ އަހަރެން ކަންނޭނގެ.. " މިކައިލާ ޝަކުވާ ކޮށްލިއެވެ.
" އެނގެއެއްނު އެގޮތަށް ކަންތައްކުރަން އުނދަގޫވީ ކީއްވެކަން.. އަހަރެމެން ދެމީހުންގެ އެފަދަ ގުޅުމެއް އޮތްކަން އެނގުނިއްޔާ ބައްޕަ ވަރަށް ރުޅި އަންނާނެ.. އެންމެންގެ ނަޒަރުގަ އަހަރެމެންނަކީ ކޮއްކޮއާއި ބޭބެ.. " ރޫވިން ބުނެލިއެވެ.
" އެކަމަކު އެއީ ހަޤީގަތެއް ނޫންކަން އެންމެންނަށްވެސް އެނގޭ.. ނޫންތަ؟ " މިކައިލާ އޮތްތަނުން ތެދުވެ ކުރުކޮށްލެވިފައިވާ ދެކަކޫ މަތީގައި އަތް ބާއްވައިލިއެވެ. ރޫވިންވެސް ކުޑަކޮށް މައްޗަށް ޖެހިލަމުން އެނދުގެ ހެޑް ބޯޑުގައި ލެގެލިއެވެ.
" އަހަރެންގެ ކަޒިން އަކަށް ތިބޭނީ ޒެކް އެންޑް ރަންކޮ އެކަނި.. އަހަރެންގެ ބޮޑުބެ އަކީ ވިނީގެ ބައްޕައެއް ނޫން... ސޯ..؟ އަހަރެމެން ގުޅެން މިދެމެދުގައި އޮތް ހުރަހަކީ ވިނީގެ މަންމަ.. އަހަރެންނަކަށް ނޭނގެ ވިނީގެ މަންމަ އަހަރެންދެކެ އެހާ ރުޅި އަންނަނީ ކީއްވެ ކަމެއް.. ގައިމު ސަނަމްއަށްވުރެ އަހަރެން އެންމެ ތަންކޮޅެއްވެސް ހަޑި ނުވާނެ.. "
" މިކް..! މަންމައާ ދޭތެރެ ތި ހީކުރަނީ ރަނގަޅަކަށް ނޫން އަދި.. ފެށުނީއްސުރެންވެސް އަހަރެންނާއި މަންމަ ހާސިލް ކުރަން ބޭނުންވަނީ ކޮންކަމެއްކަން މިކްއަށް ސިއްރުވެފައެއް ނޯންނާނެ.. އަހަރެންނަކީ ބައްޕައެއް ނެތް އާއިލާގަ އިތުރު އެއްވެސް މީހެއް ނެތް މީހެއް.. މަންމަ ބޭނުންވަނީ އަހަރެންނަށް ރަނގަޅު ގޮތެއް ހޯދަ ދޭން.. ޝަޖާހު ބައްޕަގެ ހުރިހާ މުދަލެއް ރަންކޮއާއި ޒެކްއަށް ލިބުން އެއީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫން.. އެއްޗެއް ނުލިބުމުގެ ފުރުސަތު އޮތީ އަހަރެންނަށް.. އެހެންވީމަ ބައްޕަ ބުނި ކޮންމެ ކަމެއް ކުރަން އަހަރެންނަށް މަންމަ މަޖުބޫރު ކުރަނީ މުދަލުގެ ވާރުތަ ވެރިންގެ ލިސްޓުގެ އެންމެ ކުރީގައި އަހަރެން ނަން ބޭއްވޭތޯ.. މިހާރު އެކަންވެސް މިވަނީ ޔަގީނާ ގާތް ވެފައި. ރަންކޮ މަސައްކަތް އެކުރަނީ މުޅިން އެހެން ދާއިރާއެއްގައި.. މާދަންވެސް މިހަކާ އިނދެގެން އޭނަ ގޮސްދާނެ.. ދެން ހުރީ ޒެކް.. މާ ގިނަ ދުވަހެއް ނުވެ ޒެކްވެސް ތީން ކައިރިއަށް އެގެއަށް ހިނގައިދާނެ.. ބައްޕަ އަހަރެންނާ މެދު އެހާ ހިތްހަމަޖެހިފައި ހުންނަނިކޮށް ކުއްލިއަކަށް ކުރެވޭ ކަމަކުން އިތުބާރު ގެއްލިއްޖިއްޔާ މިހުރިހާ ދުވަހު ކުރި މަސައްކަތް ފެނަށް ގޮސްދާނެއްނު.. އަހަރެން ހީކުރީ އެހެން ހުރިހާ އެންމެންނަށް ވުރެ ބޮޑަށް މިކް އަހަރެންގެ ހާލަތު އަންޑަސްޓޭންޑް ވާނެ ކަމަށް.. " ރޫވިން ބުންޏެވެ. މިކައިލާ ރޫވިން އަށް ބަލައިލިއެވެ. އޭނާގެ މޫނުމަތިން ދެރަވެފައި އިން ކަން އެނގުމުން މިކައިލާވެސް ދެރަވެއްޖެއެވެ. އަލުން ރޫވިން ކައިރިއަށް ޖެހިލަމުން ރޫވިންގެ މޭގައި ބޯ އަޅައިލިއެވެ.
" ތިހުރިހާ ކަމެއް އަހަރެންނަށް އެނގެޔޭ ވިނީ.. އެކަމަކު އަހަރެން ކިހިނެއް ވިނީ އެހެން މީހެއްގެ ހައްޤަކަށް ވާތަން ބަލަން ހުންނާނީ... " މިކައިލާ ދެރަވެލާފައި ބުންޏެވެ.
" ސަނަމްއާ އިނަސް އަހަރެންނަކީ ހަމައެކަނި މިކްގެ މީހެއް.. ސަނަމްއާ އިނދެގެން ކިތަންމެ ދުވަހަކު އުޅެން ޖެހުނަސް އަހަރެންގެ ހިތުން މިކް ނޫން މީހަކަށް ޖާގައެއް ނުދެވޭނެ.. ދެން ތައްޔާރު ވެގެން ހިނގާބަލަ ގެއަށް ދާން.. އަހަރެން ވަރަށް ހަނދާންވޭ މިކް މަތިން.." މިކައިލާގެ އަތުގައި ފިރުމަމުން ރޫވިން ވާހަކަ ދެއްކިއެވެ.
" ނޫން ވިނީ.. ވިނީގެ ކައިވެނީގެ ތައްޔާރީތައް ބަލާ ކައިވެނީގައި ބައިވެރިވާނެ ހިތްވަރެއް އަހަރެންގެ ނެތް.. ކައިވެނި ކުރެވުނީމަ އަހަރެން ދާނަން.. އެކަމަކު އެއީ އެންމެ ގޮތެއްގެ މަތިން.. " މިކައިލާ ބުންޏެވެ.
" މިކް ބުނި ކޮންމެ ކަމެއް ކުރަން އަހަރެން މިހުރީ ތައްޔާރަށް.. "
" އަހަރެން ސަނަމް ދެކުނީ ގާތް އެކުވެރިއެއްގެ ގޮތުގައި.. ހަޤީޤަތުގައި ސަނަމް އެއީ ވަރަށް ރަނގަޅު ކުއްޖެއް.. އަހަރެންގެ އަތުގައި އޮތް ކޮންމެ އެއްޗެއް ސަނަމްއާ ހިއްސާ ކުރަން އަހަރެން ފަހެއް ނުޖެހޭނެ. އެކަމަކު އެއީ ވިނީ ފިޔަވައި.. އަހަރެންނަށް ވިނީ އެހެން މީހަކާ ޝެއަރ ނުކުރެވޭނެ.. ވައުދުވޭ ސަނަމްއާ އިނަސް ދެމަފިރިއެއް ދެމެދު އޮންނަން ޖެހޭ ފަދަ އެއްވެސް ގުޅުމެއް ސަނަމްއާ ނުބައްވާނަން ކަމަށް.. ވައުދުވޭ ސަނަމްއާ އިނަސް ވިނީ އަހަރެންނަށް ވަފާތެރިކަން މަތީ ދެމިހުންނާނަންކަން.. " މިކައިލާ އޭނާގެ އަތްތިލާ ދިއްކޮށްލަމުން ބުންޏެވެ. ރޫވިން ހިނިތުންވެލަމުން ވައުދުވަމޭ ބުނަމުން މިކައިލާގެ އަތްތިލައިގާ ހިފިއެވެ.
" ސަނަމްއަށް އަހަރެން ނަފްރަތު ކުރަން.. މިކްއަށް ސަނަމްގެ ގޮތް ނޭނގޭތީ އޭނަ އެއީ ރަނގަޅު ކުއްޖެކޭ ތިބުނަނީ.. ފެށުނީއްސުރެންވެސް ސަނަމް ބޭނުންވީ ފައިސާ.. ބައްޕަގެ ފުރާނަ ސަލާމަތް ކޮށްދިން ހިސާބުން ފެށިގެން މިހިސާބަށްވެސް އޭނައާއި އޭނަގެ މަންމަގެ އޮތީ އެންމެ އެދުމެއް.. އެއީ ބައްޕަގެ ފައިސާ ގަނޑު ޖަހައިގަތުން.. ރާއްޖެތެރޭ އެކަހަލަ މީހުންގެ ގޮތް އަހަރެން ވަރަށް ރަނގަޅަށް ދަންނަން.. މާ މައުސޫމުކަމަށް ހެދިގެން އޭނަ އެއުޅެނީ އަހަރެމެންގެ ފައިސާގަނޑުގެ ދަހިވެތިކަމުގައި.. " ރޫވިން ބުންޏެވެ.
" ހަމަ އަސްލުތަ؟ ކިހިނެއް ވިނީއަށް އެނގެނީ..؟ " ހައިރާންވެ އޮވެ މިކައިލާ އެހިއެވެ.
" އަހަރެންނަށް ހަމަ އެނގެނީ.. އެހެންނޫނީ އެހާ އަވަހަށް ކައިވެންޏަށް އެއްބަސް ވާނީ ކާކު..؟ އަހަރެން ބުނީތީވެސް ޤަބޫލުކުރޭ.. އެމައުސޫމު މޫނުގެ ފަހަތުގައިވަނީ މަކަރުވެރި ހީލަތްތެރި މޫނެއް.. " ރޫވިން ބުންޏެވެ. މިކައިލާ ވަކި އެއްޗެއް ނުބުނެ ވިސްނަން އޮތެވެ.
" ސަނަމްއަށް އަސްލު އޭނަގެ ޖާގަ ނުދައްކައިފިއްޔާ އަހަރެންގެ ނަމަކަށް ރޫވިން ނުކިޔާނެ.. ހީކުރީތަ ރަށްފުށުގެ ކަޑަ މީހަކު އައިސް އެހާ އަވަހަށް އަހަރެން ހައްލާލެވޭނެއޭ.. ބައްޕަގެ ސިކުނޑިއާ ކުޅެލި ގޮތަށް އަހަރެންގެ ސިކުނޑިއާ ކުޅެލެވޭނޭ ހީކުރުމަކީ އޭނާއަށް ކުރެވުނު އެންމެ ބޮޑު ކުށް ކަމުގެ އިހުސާސް ކޮށްދޭނީ އަހަރެންގެ މިދެއަތުން.. ސަނަމްއަށް އުފަލުގައި އުޅޭވޭނީ އަހަރެންނާ ކައިވެނި ކުރެވެންދެން.. އޭގެ ފަހުން އޭނަގެ ކޮންމެ ހަރަކާތެއްގެ ކޮންޓްރޯލް ނަގާނީ އަހަރެން.. އޭނާގެ ތުންފަތް މަތިން ދާއިމަށް ހިނިތުންވުން ނަގާލުމަކީ އަހަރެންގެ އެންމެ ބޮޑު މަޤްސަދު.. މިކީއާ ކައިވެނި ކުރުމަށް އަހަރެން ދުށް ހުވަފެން ފުނޑުފުނޑުކޮށްލީތީ އެކަމުގެ އަދަބު އޭނައަށް ލިބޭނެ.. " އެހެން ބުނިއިރު ރޫވިންގެ ދެލޮލުން އަލިފާން ކަނި ބުރާ ކަހަލައެވެ.
" ކޮންމެ ގޮތެއް ހެދިޔަސް އަހަރެންނަށް ވަރިހަމަ.. އޯލް އައި ވޯންޓް އިޒް ޔޫ.. އަހަރެން ބޭނުމީ ވިނީ.. ނަތިންގް އެލްސް.. " މިކައިލާ ކުރިއަށްވުރެވެސް ބޮޑަށް ރޫވިންގެ މޭގެ ތެރޭގައި ބޮނޑިވެލިއެވެ.
" ހުމް އޯކޭ ދެން ބުނެބަލަ..!! މިކީ އެކޮޅަށް ނުދާކަން ބައްޕައަށް އެނގުނިއްޔާ ސުވާލު ކުރާނެއްނު.. މާދަން މިކްގެ މަންމަ އަންނާނެ.. ދެން ކިހިނެއް ހަދާނީ.." ރޫވިން އެހިއެވެ.
" އަހަރެން މަންމަ ކައިރީގައި ބުނިން މިހިރީ ފްރެންޑާއެކު ހޮސްޕިޓަލްގައޭ.. އެމީހުންގެ ގޭގައޭ މަޑުކުރާނީ.. މަންމަ ހީކުރާނީ އަހަރެން އެކޮޅުގަ ހުރިކަމަށް.. އެހެންވީމަ އެއްވެސް ހާސްކަމެއް ނެތް.. " މިކައިލާ ބުންޏެވެ.
***************
ފޯނުން ނަޒަރުވަކިކޮށްލަން ނޭނގިފައި އޭގެއަށް ބަލަހައްޓައިގެން ރުޒައިކް އިނެވެ. ތީން ފޮނުފައިވާ މެސެޖް ކިޔުނު އަދަދެއްވެސް ނޭނގެއެވެ. ލިބުނު ޙަބަރުން އިންތިހާއަށް އުފާވެއްޖެއެވެ. ނަމަވެސް އެއުފާވެރިކަން ފާޅު ކުރާނެ ހިތްވަރެއް ނެތެވެ. އެފަދަ ޙަބަރެއް ރުޒައިކްއަށް މިލިބުނީ ހީކުރި ގޮތަކަށް ނޫނެވެ. އޭނާ އަބަދުވެސް ބޭނުންވީ ތީންގެ ދުލުން އޭނާގެ ކުރިމަތީގައި ހުރެ އެހަބަރު ދޭށެވެ. އޭރުން އޭނަ އުފަލުން ގޮސް ތީން އުރާލާނެއެވެ. ބައްދާލާފައި އެމޫނުގައި ބޮސްދޭނެއެވެ. އުފާ ފާޅު ކުރާނީ ދެމީހުން އެކީގައެވެ. ނަމަވެސް ތީން މިއަދު އެހުރީ އޭނާއާ ރުޅިވެގެން ގޮސް ދުރުގައެވެ. ލިބިފައިވާ ހާސްކަމުގައި ރުޒައިކް ނިތުގައި އިނގިލިތައް ހިންގާލިއެވެ. އެމަންޒަރު އެހެން ލާފައި ހުރަސް ކުރި މާހްރީންއަށް ފެނުމުން އޭނާ އައިސް ރުޒައިކް ކައިރީގައި އިށީނދެ ބޮލުގައި ފިރުމާލިއެވެ.
" ކިހިނެއްވީ ޒެކް.. ބަލިވީތަ؟ " އޯގާތެރިކަމާއެކު މާހްރީން އެހިއެވެ. ރުޒައިކް އޭނާގެ ފޯނުގައިވާ މެސެޖް މާހްރީންއަށް ދައްކައިލިއެވެ.
" އަލްޙަމްދުލިﷲ... ކިހާ އުފާވެރި ހަބަރެއް... މަންމަ ވަރަށް އުފާވެއްޖެ.. " މާހްރީން ހުރިހާ ދަތްތަކެއް ފެންނަވަރަށް ހިނިތުންވެލިއެވެ. " މިހާ އުފާވެރި ޙަބަރެއް ލިބުނީމަވެސް ކީއްވެ މޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނެތީ؟ ޒެކް ބޭނުމެއްނުވޭތަ ކުއްޖަކު؟"
" މިވަގުތު މި ހަބަރު ލިބުމުން އަހަރެންނަށް ވުރެ އުފާވެފައި ހުރި އެކަކުވެސް ނުހުންނާނެ.. އެކަމަކު ދެރަވެސް ވޭ.. އަހަރެންގެ އަންހެނުންގެ ބޯހަރު ކަމުން.. އޭނަ ބޭނުމެއްނުވޭ ސަނަމް މިގޭގައި އުޅޭހާ ދުވަހަކުވެސް މިގެއަށް އަންނާކަށް.. ތީން ބޭނުންވަނީ އަހަރެންވެސް އޭނަ ކައިރިއަށް އެގެއަށް ދާން.. އެކަމަކު އަހަރެން ކިހިނެއް އެންމެން ދޫކޮށްލާފަ އެގެއަށް ދާނީ.. ކުރިން ހުރީ ތީން ވަރިވާން އެދުނަސް ހެޔޮކަމަށް.. އެކަމަކު މިހާރު........... " ރުޒައިކް ފުންނޭވައެއް ދޫކޮށްލިއެވެ. " ބައްޕައެއްގެ ފުރިހަމަ ލޯތްބާއި ނުލާ އަހަރެންގެ ދަރިފުޅު ބޮޑުވާކަށް ނޭދެން..."
" ޒެކް އަށް ވެސް ހާދަ ނުވިސްނެޔޭ ދޯ... ބައެއް ފަހަރު އަނބިމީހާ ހައްލާލެވޭނީ އޭނަ ބޭނުންވާ ގޮތްވެސް ހެދީމަ.... ޒެކް ތީން ކައިރިއަށް އެގެއަށް ދިއުމަކުން މައްސަލައަކީ ކޮބާ.. ޒެކް ކޮންމެތާކު ހުއްޓަސް މިގޭ އެންމެންވެސް ޒެކް ދެކެ ވަރަށް ލޯބިވާނެ އަދި ގުޅުންވެސް ނުކެނޑޭނެ.. މަންމައަށް ފެންނަނީ އިހަށް ތީން ބުނާ ގޮތް ހަދައިގެން އެގެއަށް ދާން.. ގޮސް މަޑުމަޑުން ލޯބިވެތި ބަސްތަކުން އޭނައަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރަން.. ބަނޑުބޮޑުއިރު އަންހެނުންނަށް ވަރަށް މުހިންމުވާނެ އުފަލުގައި ހުރުން.. އެހެންނޫނީ އޭގެ ނޭދެވޭ އަސަރު ކުއްޖާއަށް ކޮށްފާނެ.. މަންމަ ބުނާ ބަސް އަހަންޏާ ޒެކް ދުވަސް ކޮޅަކަށް ތީން ކައިރިއަށް ދޭ.. ތީންއަށް ވިސްނައިދީ.. ޒެކްގެ ދަރިފުޅަށްޓަކައި ނަމަވެސް އެބަޖެހޭ އެގޮތަށް ކަންތައްކުރަން.. " މާހްރީން ނަސޭހަތްތެރިވިއެވެ.
" އޭރުން ބައްޕަ.........؟ " ރުޒައިކް ބުނަން އުޅުނެވެ.
" ބައްޕަވެސް ބުނާނީ ހަމަމިހެން ކަންނޭނގެ.. ޒެކްއަށް ބުނަން ނުކެރެންޏާ މަންމަ ބައްޕަ ކައިރީގައި އެވާހަކަ ދައްކާނަން.. ދެން ތިހެން މޮޅިވެފަ ނީނދެ ހިނިތުންވެބަލަ.. މީ އުފާކުރަން ޖެހޭ ވަގުތު.. " މާހްރީން ބުންޏެވެ. ރުޒައިކް ހިނިތުންވެލިއެވެ.
" ތޭންކްސް މަންމާ.. " މާހްރީން ގައިގައި ބައްދާލަމުން ރުޒައިކް ބުންޏެވެ. ރުޒައިކްގެ ބުރަކަށީގައި ފިރުމަމުން ދިޔަ މާހްރީންގެ ތުންފަތްމަތީގައިވީ ވިހަ ހިނިތުންވުމެކެވެ.
*****************
ރޫވިންގެ ކޮޓަރި ހުޅުވައިލުމާއެކު އަދިވެސް އޭނާ ގެއަށް ނާންނަކަން މާހްރީން އަށް އެނގުނެވެ. ގަޑިއަށް ބަލައިލިއިރު މެންދަމު އެކެއް ޖަހަނީއެވެ.
' ކޮބައިބާ؟؟ ގައިމު މިހާރު މިކައިލާވެސް މިގެއަކު ނެތް...؟ ދެން ކޮންތާކަށްބާ ދިޔައީ.. " މާހްރީން އެކަނި އޭނާއަށް އިވޭ ވަރަށް ބުނެލިއެވެ. ސިޑިން ފައިބައިގެން މާހްރީން މިސްރާބު ޖެހީ މިކައިލާ އުޅުނު ކޮޓަރިއާ ދިމާލަށެވެ. އެކޮޓަރީގެ ތަޅުގައި ހިފާލަން އުޅުނު ވަގުތު ކާރެއް ޕާކު ކޮށްލި އަޑު އިވިފައި މާހްރީން ގޭގެ މައިދޮރާ ދިމާލަށް ދިޔައެވެ. އެއްއަތުގައި ކޯޓު އަޅުވާލައިގެން ހުރެ ވަދެގެން އަންނަ ރޫވިން ފެނުމުން މާހްރީން ހުރި ފިޔަވަޅު މަތީގައި ހުއްޓުނެވެ.
" މިއޮއް ދަންވަރު ކޮންތާކަށް ގޮސްފައި ތިއައީ..؟ އޮފީހުން ޗުއްޓީ ދީފަ ތިހުރީ އަލަތު ކައިވެނި ކުރެވެން އުޅެވޭތީ.. ދެދުވަސް ފަހުން ކައިވެނި.... އަހަރެން ނުބުނިއްޔާ ޒިންމާދާރުވާކަށްވެސް ނޭނގޭތަ؟ " ވީހާވެސް މަޑުން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުން މާހްރީން ހިތްހަމަނުޖެހިފައި ބުންޏެވެ.
" ކީއްކުރަން ކޮންމެހެން އަހަރެން ދިޔަ ތަނެއް ބަލަނީ؟ މަންމަ ބޭނުންވާ ކަންތައް އެބަވެޔެއްނު.. " ރޫވިން ޖެހިލުމެއްނެތި ބުނެލިއެވެ.
" އަހަރެން ކުރާ ކަމެއް ކުރަނީ ހަމަ ވިނީއަށް ރަނގަޅަކަށް.. އެކަން ރަނގަޅަށް އެނގެޔެއްނު.. ފަހުން އަދި ވިނީއަށް ފައިދާ ވީމަ އަހަރެންނަށް ޝުކުރުއަދާކުރާނެ.. " މާހްރީން ބުންޏެވެ.
" ވަޓް އެވަރ މަންމާ.. އަހަރެން މިއައީ މިކް ކައިރިއަށް ގޮސްފައި.. އެއްވެސް ކަމެއް އަހަރެން މިކްއާ ބައްދަލުކުރުވުމުން ނުހުއްޓުވޭނެ.. ސަނަމްއާ އިން ކަމުގައިވިޔަސް އަހަރެންގެ ފަރާތުން ޒައްރެއްގެ މިންވަރު ލޯބިވެސް އޭނައަކަށް ނުލިބޭނެ.." ރޫވިން ބުނެލިއެވެ.
" ވަޓް..؟ ތިބުނީ މިކައިލާ އެކޮޅަކަށް ނުދެޔޭތަ؟ ހުވާކޮށްފަ ބުނަން ވިނީ.. ވިނީގެ ސަބަބުން މިހުރިހާ ދުވަހު ކުރި މަސައްކަތް ފެނަށ ދިޔައިއްޔާ އަހަރެންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ވިނީއަކަށް ނުލިބޭނެ.. މިހާރުން މިހާރަށް މިކައިލާއާ ބައްދަލުކުރުން ހުއްޓާލާ..! އެހެންނޫނީ.... " މާހްރީން ބުނަން އުޅުނެވެ.
" އެހެންނޫނީ...؟ އެހެންނޫނީ ކީއް ކުރެވޭނީ.. އެއްވެސް ކަމެއް ނުކުރެވޭނެ.. އަހަރެންނަށް ދެރައެއް ދޭން ހިތަށް ވެސް ނާރުވާތި.. އެހެންނޫނީ މަންމަވެސް މިގެއިން ނިކުންނަން ޖެހޭނީ ހުސްއަތާ.. މަންމައަށް މިކްއާ އަހަރެން ދުރު ނުކުރެވޭނެ.. ދުރުކުރުވަން މަސައްކަތްވެސް ނުކުރާތި.. " މިހެން ބުނުމަށްފަހު ރޫވިން މަޑުނުކޮށް ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. ރުޅިއައިސްގެން ދެއަތް މުށްކެވިފައި ރޫވިން ދާ ދިމާލަށް ބަލަހައްޓައިގެން މާހްރީން ހުރީއެވެ.
ނެވަރ ތޯޓް ރޫވިން އެންޑް މާހްރީން ކެންބީ ދެޓް އިވިލް. ވަރަށް ރީތި މި ބައި ވެސް. އެކަމަކު އަބަދު ވެސް މުދަލާ ހެދި އުޅޭތީ ކުޑަކޮށް ފޫހި. ހިންދީ ޑްރާމާ ސްޓައިލްއަށް ދޭ އެހެން ވީމަ. ޑޯންޓް ޓޭކް ދިސް އެޒް އަ ނެގެޓިވް ކޮމެންޓް. ވާހަކަ ރީތި 🙂
ސްޓާ ޕްލަސްގަ ދައްކާ ޑްރާމާއެކޭ އެއްގޮތް